ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާންވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުންނާނެ ގޮތުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަނިކުފާނުގެ ސަރުކާރުގައި އެންމެ އިސްކަމެއް ދެއްވާނީ ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ޤައުމުގެ އަމިއްލަވަންތަކަން ޔަގީންކުރުމަށް، އަޅުގަނޑުމެންގެ ޤައުމު އިސްކޮށްގެން ދިވެހީންނަށް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމުގެ ޚާރިޖީ ސިޔާސަތެއްގެ މައްޗަށް ބިނާކޮށް، އެ މަގުގައި ކުރިއަށް ދިއުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރުން ޤައުމުތަކާއެކު ރަހުމަތްތެރިކަން ބާއްވާނެކަމަށާއި ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނެ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަވަށްޓެރިންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް ދިވެހި ދައުލަތުން އިހުތިރާމު ކުރާ ފަދައިން އެ ޤައުމުތަކުންވެސް ހަމައެގޮތަށް ދިވެހި ދައުލަތަށްވެސް އެ ހައްޤު އޮންނަންވާނެ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އެ މަނިކުފާނުގެ ނެތް ކަމަށާއި އެ ގޮތުން މި ވޭތުވެދިޔަ ފަންސާސް އެއް ހަފުތާއާ ދެ ދުވަހު އެކަން ދިވެހިރައްޔިތުންނަށް ފަހުރުވެރިކަމާއެކު ކަށަވަރުކޮށްދެއްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ހިނގާ އަހަރުގެ ދިހައެއް މޭގައި މިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ހިމޭން ރީތި މިންގަނޑުތަކުން މަޝްވަރާކޮށްގެން، ޑިޕްލޮމަސީގެ ރިވެތި އުސޫލުން ކުރެވުނު މަޝްވަރާއިން، މި ޤައުމުގައި ތިބި ބޭރުގެ ހުރިހާ ސިފައިން މި ޤައުމުން ބޭލިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ. ގައި ބަހައްޓައިގެން އަދި ޤާނޫނީ ވަކީލުންގެ ޓީމަކުންވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޮސް ޙަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، ޗާގޮސްއަކީ އަޅުގަނޑުމެންނާ ތާރީޚީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އެންމެ ބޮޑު އެއް ޤައުމުކަމަށާއި މި ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ވައިގެ ބާރެއް ސިފައިންގޭގައި އުފައްދައި، އެކަމަށް ބޭނުންވާ ޔޫ.އޭ.ވީ. ގެންނަވައިގެން ރެޔާއި ދުވާލު ކަނޑުގެ މި ބިޔަ ބޮޑު ސަރަޙައްދު ބަލަހައްޓަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެހެން ފަރާތްތަކަށް އެގްރީމަންޓްތައް ދީގެން ކަންކުރި ޒަމާން ނިމުމަކަށް އައިސްފައިވާ ކަމަށާއި ޤައުމުތަކާއެކުގައި ބާއްވާ ގާތް ގުޅުންތަކުގެ ތެރެއިން ކެޕޭސިޓީ ބިލްޑުކުރުމަށާއި އިކުއިޕްމަންޓްސް ހޯދުމުގެ އިތުރުން ޓްރެއިނިންގ ފުރުސަތުތައް ހޯދައި، ދިވެހިން ތަމްރީނުކޮށްގެން ކަނޑުގެ އަޑިވެސް ކުރަހާނީ، އަދި ސަރވޭވެސް ކުރާނީ ދިވެހިން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ. މީގެ އިތުރުން މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 53 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފައެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އެ މަނިކުފާނު މިރޭ 40 ބޭފުޅަކަށް އަރުވާފައިވެއެވެ.