މުޖުތަމަޢުގެ އެންމެ މުހިންމު އެއް ބަޔަކީ ޒުވާނުން ކަމަށާއި، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި އާދީއްތަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އެ މަނިކުފާނުގެ ސަރުކާރުން ފައްޓަވާފައިވާ ގިނަގުނަ މަޝްރޫޢުތަކުގެ ތެރެއިން ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، ޤައުމުގެ ކަންކަމުގައި ވީހައިވެސް ބޮޑަކަށް ޒުވާނުންގެ މަޝްވަރާއާއި ބައިވެރިވުން ހޯއްދެވުމަށްޓަކައި، "ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ" މިއަހަރު ތެރޭގައި އުފައްދަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ސަރުކާރުން ފައްޓަވައި، އެފަދަ 71 ޕްރޮގްރާމެއްގައި 3470 ޒުވާނުން ބައިވެރިވެފައިވާކަންވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ މުހިންމު އެއް ދާއިރާއަކީ ކުޅިވަރުގެ ދާއިރާ ކަމަށާއި، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، އެކި ދާއިރާތަކުން ދިވެހި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. ވޭތުވެ މިދިޔަ އަހަރުތަކުގައި ކުޅިވަރަށް ދެވުނު ސަމާލުކަން ކުޑަވެފައި ވާތީ، ކުޅިވަރުގެ ރޫޙު އަލުން އާލާކުރުމަށް މިއަހަރު ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން، ކުޅިވަރު އެސޯސިއޭޝަންތައް ޙަރަކާތްތެރިކުރުވުމަށް ސަރުކާރުން ބޮޑެތި އެހީތަކެއްވެދެއްވިކަމަށާއި، މާލެއާއި އަތޮޅުތަކުގައި ކުޅިވަރު ކުޅޭ ތަންތަން ތަރައްޤީކުރުމުގެ މަޝްރޫޢުތައްވެސް ސަރުކާރުން މިހާރު ހިންގަވަމުން ގެންދަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މިފަދަ ކަންކަމުގެ ނަތީޖާވެސް މިހާރު ފެންނަމުންދާކަން ފާހަގަކުރައްވައި، މިއަހަރުގެ މިހާތަނަށް، ކުޅިވަރުގެ ރޮނގުން ބައިނަލްއަޤުވާމީ 75 ޙަރަކާތެއްގައި ދިވެހި އެތުލީޓުން ޤައުމު ތަމްސީލުކޮށްފައިވާކަމުގައި ވިދާޅުވެފައެވެ. އަދި މި ޙަރަކާތްތަކުން 12 މެޑަލް، ދިވެހި އެތުލީޓުން ހޯދައިދީފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.