ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި، މުޅި ދިވެހިރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ދަށުން ފުރަތަމަ އިފްތިތާޙުކުރި އޭ.ޓީ.އެމް. އަކީ އދ. އޮމަދޫގައި ޤާއިމުކުރެވުނު އޭ.ޓީ.އެމް އެވެ. މިވަގުތު ދިވެހިރާއްޖޭގައި ބީ.އެމް.އެލް ގެ 150 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖޭގައި 250 އަށްވުރެ ގިނަ އޭ.ޓީ.އެމް ޤާއިމުކުރުމަކީ މިއަދު ފެށި މަޝްރޫޢުގެ އަމާޒެކެވެ. މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.
މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަލްފާޟިލް މުޙައްމަދު ޝަރީފު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.