ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2024 އޮކްޓޯބަރ 31 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ ދަށުން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ޢަދަދާއި، އެތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި ޢާންމުކުރަންވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި މި ބިލުގެ ދަށުން، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ގްރީން ޓެކްސްގެ ގޮތުގައި، ދައުލަތަށް ޓެކްސް ނެގޭނެ މިންވަރު އެކަށައަޅައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ބިލު މިއަދު ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ވަނީ ޢަމަލުކުރަން ފަށާފައެވެ.