بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، އަދި ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ބޭރު ދައުލަތްތަކުގެ، އެކިއެކި ޤައުމުތަކުގެ ސަފީރުންނާއި، އެކިއެކި ޢިއްޒަތްތެރިންނާއި، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނާއި، ލޮބުވެތި ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދަކީ ނަޞްރުގެ ދުވަސް. ނަޞްރުގެ ދުވަސް މި ނިސްބަތްވެގެންދަނީ، މި ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް، ޝަހީދުވެގެންދިޔަ އަބްޠާލުންނާއި އަދި އެ ދުވަހު ހިތްވަރާއެކުގައި ހަނގުރާމަ ކުރެއްވި، މިއަދުވެސް ދުނިޔޭގައި ތިއްބެވި ފަޚުރުވެރި އަބްޠާލުންނަށް.

އާދެ، ވަރަށްވެސް ޚާއްޞަ މެހެފިލެއްގައި އަޅުގަނޑުމެންނަށް މި ތިބެވެނީ. ވަރަށްވެސް ޚާއްޞަ މެހެފިލެކޭ މި ދަންނަވަނީ، އެ ދުވަހުގެ ޤާޢިދު ނުވަތަ ލީޑަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އޭރުގެ ސިފައިންގެ އެންމެމަތީ ވެރިޔާ، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މި ޖަލްސާއަށް ވަޑައިގެން އަދި ދިވެހި ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވި ކަމަށްޓަކައި. އެކަމަށްޓަކައި ރައީސް މައުމޫނަށް ޝުކުރު ދަންނަވަން.

ހަމަ އެއާއެކުގައި، ނިޝާން ޢަސްކަރީގެ ވެރިކަން، މި ޢިއްޒަތުގެ ލަޤަބް، އެކަމަށް ވެލް ޑިޒަރވްޑް ބޭފުޅަކަށް، މޫސާ ޢަލީ ޖަލީލަށް އެރުވުމުގެ އުފާ އަޅުގަނޑަށް ލިބުނީތީ، އަދި އެކަމަށްޓަކައި އެ މަނިކުފާނުވެސް މިތަނުގައި ވަޑައިގެން އިންނެވިކަން އެއީވެސް މި މެހެފިލަށް ލިބިގެންދާ ޚާއްޞަ ކަމެއް. އެ ޝަރަފް ލިބިވަޑައިގެންނެވި ކަމަށްޓަކައި މޫސާ ޢަލީ ޖަލީލަށް މަރުޙަބާ ދަންނަވަން.

އާދެ، ހަމައެއާއެކުގައި، އެ ބިރުވެރި ދުވަހު، އެ ދުވަހުގެ ޤާޢިދު، ވަރަށް ޙިކްމަތްތެރިކަމާ އެކުގައި، ޤައުމީ ލޯތްބާ އެކުގައި، ވަރަށް އަމާނާތްތެރިކަމާ އެކުގައި، ވަރަށް ހުޝިޔާރުކަމާ އެކުގައި، މި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތް، އެންމެ ގާތުން ދުށް، އޭރު އެންމެ 8 އަހަރުގެ ތުއްޕުޅު ދަރިކަލުންނަކީ، މިއަދުގެ ދިފާޢީ ވަޒީރު ކަމަށްވާތީ، އެކަމަކީވެސް މިއަދަށް، މި ޙަފްލާއަށް ލިބިގެންދާ ޚާއްޞަ ކަމެއް. އެ ދުވަހުގެ ބަޠަލުން މިތާ ވަރަށް ގިނައިން އެބަ ތިއްބެވި. ބަޠަލުންގެ ޢާއިލާތައް މިތަނުގައި އެބަ ތިއްބެވި.

އާދެ، އަޅުގަނޑުމެން މިކަހަލަ ބައްދަލުވުންތައް، މިކަހަލަ މުހިންމު ދުވަސްތައް މި ފާހަގަކުރަނީ ކީއްކުރަންތޯ؟ ކުރިން ދުވަހެއްގައިވެސް، ޤައުމީ ދުވަހުވެސް އަޅުގަނޑު މި ވާހަކަ ދެންނެވިން. އަޅުގަނޑުމެންނަށް ކިތަންމެ ގިނަ ބައްދަލުވުންވެސް ބޭއްވިދާނެ. ކިތަންމެ ދުވަސްތަކެއް ފާހަގަކުރެވިދާނެ. އެހެން ނަމަވެސް، އެއިން އަސަރެއް ކުރަންޖެހޭނެ. ޤައުމަށް އެއިން ފައިދާއެއްވާންޖެހޭނެ. ކޮން ފައިދާއެއްތޯ؟ އަޅުގަނޑުމެންގެ ޤައުމުގެ އަބްޠާލުން އެ ކުރެއްވި ޖިހާދުގެ، އެ ޖިހާދުން ކުރިއަށް އޮތް މުސްތަޤްބަލަށް ފައިދާއެއް ކުރަންޖެހޭނެ. އެހެންވެގެން މި ބައްދަލުވުންތައް މި ބާއްވަނީ.

ނޮވެންބަރު 3، 1988 ގައި އަޅުގަނޑުމެންނަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއާއި، އެ ޙަމަލާއިން ސަލާމަތްވުމަށް ހަނގުރާމަ ކުރެވުނު ގޮތާއި، މި ހުރިހާ ކަމަކުން ފިލާވަޅު ލިބިގަނެ، އަދުގެ ޖީލު މާދަމާއަށްޓަކައި މި ޤައުމަށް ފޯރުކޮށްދިނުމުގައި ފިލާވަޅުތަކެއް ނެގުން، މި ބައްދަލުވުމުގެ މުހިންމު ކަމަކީ. ބޭނުމަކީ ޙަޤީޤަތުގައި. އެއީ، ޙަޤީޤަތުގައި އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް.

އަޅުގަނޑު މީގެ އަހަރެއްހާ ދުވަސް ކުރިން، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާއާ ހަވާލުވި ދުވަހު ދެންނެވިން، ޤައުމުގެ މިނިވަންކަން ޙިމާޔަތް ކުރުމަކީ އަޅުގަނޑަށް ލިބޭނޭ އެންމެބޮޑު ފަޚުރޭ. އަދި ޒިންމާއޭ. އިރާދަކުރެއްވީތީ މިއަދާ ހަމަޔަށް އައިއިރުގައި، އަޅުގަނޑު އެ ދުވަހު
އެ ދެންނެވި ގޮތަށް، ކޮންމެ ދުވަހެއްވެސް ހޭދަ މިކުރަނީ، ޤައުމުގެ މިނިވަންކަން ޙިމާޔަތް ކުރުމަށްޓަކައި. ޤައުމުގެ ޢަސްކަރީ ބާރު ވަރުގަދަކޮށް، ކުރިއަށް އޮތް ދުވަސްތަކަށް ފޯރުކޮށްދިނުމަށްޓަކައި. ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި.

އާދެ، މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ސިފައިންގެ ވަރުގަދަކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އޭގެ ކުރީގެ އަހަރުތަކުގައިވެސް ވަރަށްގިނަ މަސައްކަތް ކުރެވިފައި ހުރީ. އެހެން ނަމަވެސް، މި ޒަމާނަށް ފެތޭގޮތަށް އަދި ކުރިއަށް އޮތް ދުވަސްތަކަށް މުހިންމު ފެންވަރަކަށް ވަރުގަދަކުރަން ޖެހިފައި އޮތީ. އެހެންވީމާ، އެގޮތުން އެއާކޯ ޤާއިމުކުރެވުނު. މިޒަމާނުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫ.އޭ.ވީ.ތައް ގެނެވި، އަޅުގަނޑުމެންގެ ބޮޑު އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެ ފަދަ ޤާބިލިއްޔަތު، އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ސިފައިން ކިބައިގައި ޤާއިމުކުރެވިގެންދިޔަ. އަދި އެ މަޝްރޫޢު އިތުރަށް ފުޅާކުރެވިގެން އެދަނީ.

ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަދައިން، ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި ސްޕެޝަލް ބޯޓް ކޯޑްރަންއެއް، ސްކޮޑްރަން އެވަނީ މިއަދު ފެށިފައި. ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ދެގުނަޔަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި. ކަނޑުއޮތްގިރި އެވަނީ މިހާރު ސިފައިންނާ، ކޯސްޓްގާޑާ ހަވާލުކުރެވިފައި. އެ ތަނަކީ ކޯސްޓްގާޑުގެ، މި ދެންނެވިހެން ފްލީޓް ބޮޑުކޮށް، ދެމެހެއްޓުމުގެ މަސައްކަތް ކުރާނެ މައި ތަނަށް ވާނެ.

ހަމައެއާއެކީގައި، ވަރަށް ގިނަގުނަ އެހެން ކަންތައްތައްވެސް ވަނީ ފެށިފައި. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް ހުރީ، ފަހަކަށްއައިސް ނުބެލެހެއްޓުމުގެ ސަބަބުން، މި ވޭތުވެދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި، ޢަމުދުން ނުބެލެހެއްޓުމުގެ ސަބަބުން، ވަރަށް ބޮޑަށް ވީރާނާވާން ފަށާފައި. އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް މިހާރުވާނީ އެދިފައި. އެކަންކަން މި އަންނަ އަހަރުގެ ތެރޭގައި، މި ދެންނެވި ހުރިހާ މަރުކަޒުތައް، އެފަދަ ފަރާތްތަކުގެ އެހީތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ހެދިގެންދާނެ. އަދިވެސް ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރުމަށް ވަނީ ފަށާފައި.

އާދެ، އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، މި ދެންނެވި ފަދައިން، މި މުހިންމު ދުވަހު އަޅުގަނޑުމެންގެ ޤައުމު، ސަލާމަތާ އެކީގައި، މިނިވަންކަމާ އެކީގައި، ކުރިއަށް އޮތް ތަނަށް ފޯރުކޮށްދޭ ކަމުގައިވާނަމަ، ކުރަންޖެހޭ އަދިވެސް ވަރަށްގިނަ ކަންތައްތައް އެބަހުއްޓޭ.

އެގޮތުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިވަގުތު އެމް.އެން.ޑީ.އެފް.ގެ މަސައްކަތަށް ބޭނުންވާ ޢަދަދަށް މީހުން ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް އަދި ނުކުރެވެއޭ. އަޅުގަނޑުމެންގެ ޤައުމުގައި، ކޮންމެ އަހަރަކު ވަރަށްގިނަ ޒުވާނުން ކިޔަވައި އެބަ ނިމޭ. އޯ ލެވެލް ނިމި، އޭ ލެވެލްއަށް ނުދެވި ތިބޭކަން، ކޮންމެ އަހަރަކުވެސް ހިސާބުތަކުން އެބަ ދައްކާ. ދެހާހާ، ތިންހާހާ ދޭތެރޭގެ ޢަދަދެއްގެ ކުދިން އެބައުޅޭ. އޯ ލެވެލްއިން އެކަށީގެންވާ ވަރަކަށް ފާސްނުވެ، އޭ ލެވެލްއަށް ނުދެވޭ. މީގެ ގިނަ ކުދިންނަށް ވަޒީފާވެސް ނުލިބޭ. އަދި ހަމައެއާއެކީގައި، ކޮންމެ އަހަރަކުވެސް އޭ ލެވެލް ނިންމާފައި، ޑިގްރީއަށް ނުފެށޭ ގާތްގަނޑަކަށް ފައްސަތޭކައެއްހާ ކުދިން، ފައްސަތޭކައާއި އެއްހާހާ ދޭތެރޭގައި، މަދުވެގެން ފައްސަތޭކަ ކުދިން އެބަތިބި ކަމަށް، މި ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ހިސާބުތަކުން ދައްކާ. ޤާނޫނު އޮތްގޮތުން، ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން އަދި ސިފައިންގެ ޚިދުމަތަކަށް 16 އަހަރު ވެގެންނެއް ނުއެއްނެގޭނެ. 18 އަހަރު ހަމަވާންޖެހޭ. ހަމައެފަދައިން، ފުލުހުންގެ ޚިދުމަތަށްވެސް. އަޅުގަނޑުމެންގެ ޤައުމުގައި މި ދެންނެވިހެން، އެކަށީގެންވާ ތަޢުލީމެއް ނެތުމުގެ ސަބަބުން، ވަޒީފާގެ ފުރުޞަތުވެސް ނެތިފައި، ޑްރަގާއި، އެކިކަހަލަ ނުބައި ޢަމަލުތަކުގެ ތެރެއަށް ވިއްސިވިހާލިވަމުންދާ އެތައް ސަތޭކަ، އެތައްހާސް ޒުވާނުންނެއް މިދަނީ އިތުރުވަމުން. އޭގެ ސަބަބުން ސަރުކާރުން އުފުލަންޖެހޭ ބުރަވެސް، މުޖުތަމަޢުން އުފުލަންޖެހޭ ބުރަވެސް، އެ ކުދިންގެ ޢާއިލާތަކުންވެސް، އެ ކުދިންވެސް އުފުލަންޖެހޭ ބުރަ ވަރަށްބޮޑު. އޭގެ ސަބަބުން އިޤްތިޞާދަށްވެސް ނުރަނގަޅު އަސަރު ކުރަމުންދަނީ. އެހެންނަމަވެސް، އެ ކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއްދެވި، މިލިޓްރީ ތަމްރީނުދެވި، ރަނގަޅު ބަޔަކަށްހެދި، ވަޒީފާ ލިބިފައި ތިބޭ ބަޔަކަށް ހެދިއްޖިއްޔާ، އެއީ، އެ ކުދިންނަށްވެސް، ޢާއިލާތަކަށްވެސް، ޤައުމަށްވެސް، ސިފައިންނަށްވެސް ކޮށްދެވޭނެ ވަރަށްބޮޑު ކަމަކަށްވާނެ. އަދި ސިފައިންގެ ޚިދުމަތަށްވެސް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށް ވާނެ.

އާދެ، ސިފައިންގެ ޚިދުމަތަށް އަޅުގަނޑުމެން މި ބޭނުންވާ ސްކޭލްގައި، ކުރިއަށް އޮތް ހަތަރު އަހަރަށް ބޮޑުކުރަން ބޭނުންވާނަމަ، ކޮންމެ އަހަރަކު އިތުރު އެއްހާސް ކުދިން ރެކްރޫޓް ކުރުމަކީ ކުރަންޖެހޭ ކަމެއް. އަޅުގަނޑު މި ބޭނުންވާ ހިސާބަށް ސިފައިން ފުޅާކުރަން ބޭނުންވާނަމަ. ހަމައެފަދައިން، ފުލުހުންގެ ޚިދުމަތްވެސް ފުޅާކުރަންޏާ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އެއްހާސް ފުލުހުން އިތުރުކުރަންޖެހޭނެ. އެހެންވީމާ، ޖުމްލަ ފަސްހާހެއްހާ ޒުވާނުން، މި ދެންނެވި ގޮތަށް ވަޒީފާއެއް ހޯދުމުގެ ފުރުޞަތު ނެތިފައި، އެކަށީގެންވާވަރަކަށް ތަޢުލީމު ނުލިބި، މަގުމައްޗަށް ގިނަވާ ކުދިންނަށް މި ފުރުޞަތު ހޯދައިދެވި، ރަނގަޅު ބަޔަކަށް ހެދިއްޖިއްޔާ، ވަޒީފާގެ ފުރުޞަތުވެސް ދެވިގެން އެދަނީ. މި ދެންނެވި ފަދައިން، ސިފައިންގެ މަސައްކަތަށްވެސް ގިނަ ބަޔަކު ލިބިގެން އެބަދޭ.

އާދެ، އެހެންކަމުން، ރާއްޖޭގައި ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި، ނޭޝަނަލް ސަރވިސްގެ ގޮތުގައި، މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ޤައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ޕްރޮގްރާމް ވެގެންދާނީ، މި ނޭޝަނަލް ސަރވިސްއަކީ، ޤާނޫނެއް ހެދިގެން، އެ ޤާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރު ވުމަށްފަހު، އޯ ލެވެލް ނިންމާފައި، ނޫނީވިއްޔާ ތަޢުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުޞަތު ނުލިބޭ ކުދިންނަށް. އަދި ވަޒީފާއެއްވެސް ނުލިބޭ ކުއްޖަކުވިއްޔާ، މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭ ޕްރޮގްރާމަކަށް. ބައިވެރިވެގެން މިލިޓްރީ ތަމްރީނު ހޯދަންޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމައި، ފުލް އޮފިސަރަކަށް، ސިފައިންގޭގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ޚިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ.

އެހެންވީމާ، މި ޕްރޮގްރާމް އިރާދަކުރެއްވިއްޔާ ލޯންޗްކުރަން އަޅުގަނޑު ގަސްދުކުރާ ވާހަކަ އިޢުލާނު ކުރަން. މީގެ ނަތީޖާއަކަށްވާނީ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެއަށް ހަތަރުހާސް ކުދިން، އަދި ފުލުހުންނަށް އެއްހާސް ކުދިން އިތުރުވެގެންދިޔުން. 2025 އަށް ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް، އެން.ޕީ.އައި.ގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ މިކަމަށް ޚާއްޞަ ކުރެވިގެންދާނެ. އަދި ކޮންމެ އަހަރަކު، އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވިގެންދާނެ. މި އަހަރު ހުށަހަޅާފައި އޮތް ބަޖެޓުގެ ތެރޭގައި، އެން.ޕީ.އައި.ގެ ތެރޭގައި، 3.8 ބިލިއަން ރުފިޔާ ހިމެނޭނެ. މި 3.8 ބިލިއަންގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ ކަނޑައަޅާނީ، މި ދެންނެވި ނޭޝަނަލް ސަރވިސް ޕްރޮގްރާމް ހިންގަން. އަދި ކޮންމެ އަހަރަކު އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވޭނެ. މިއީ، ހިސާބުޖަހައި، ކަމާބެހޭ ވުޒާރާތަކުގެ ހިސާބުތައް އަޅުގަނޑު ހޯދައި، ހުރިހާ ކަމެއް ކަލްކިއުލޭޓްކޮށް، ފައިނަލް ކުރެވިފައި ހުރި ޢަދަދުތަކެއް. މި ޢަދަދުން ހަތަރުސަތޭކަ މިލިއަން ރުފިޔާއިން އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ސިފައިންގެއަށް އެއްހާސް ކުދިން، ފުލުހުންނަށް ދުއިސައްތަ ފަންސާސް ކުދިން ވެއްދޭނެ. ޖުމްލަ ފަސްހާސް ކުދިން. ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، މަގުމަތީގައި ބާކީވެފައި ތިބުމުގެ ބަދަލުގައި، ފުލުހުންގެ ތަމްރީނު، ސިފައިންގެ ތަމްރީނު ލިބިފައި ތިބި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި، މުޖުތަމަޢަށް ފައިދާހުރި ބައެއް ގޮތުގައި އިރާދަކުރެއްވިއްޔާ ވެގެންދާނެ.

އާދެ، މީގެއިތުރަށް، ކަންތައްތަކެއް ކުރަން ގަސްދުކުރާ ވާހަކަ ދަންނަވަން. މި ޕްރޮގްރާމް ހިންގަންޏާ ފެސިލިޓީޒް ބޭނުންވާނެ. ގިރިފުށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އަދި ޖާގަ ވަރަށްކުޑަ. އަޅުގަނޑު ދިޔައިން ބަލައިލަން. އަދި އަޅުގަނޑު ދަންނަވައިގެން މިހާރު ޑީޓެއިލް ޑިޒައިނެއް، ޕްލޭނެއްވެސް ހަދާފައި އޮންނާނީ. ގިރިފުށީގެ ފަޅުގެތެރެ ހިއްކެން އެބައޮތް. ގާތްގަނޑަކަށް 13 ހެކްޓަރު ހިއްކެން އެބައޮތް. 13 ހެކްޓަރު ހިއްކާލީމާ، ވަރަށްބޮޑު ޖާގަ އެބަ އިތުރުވޭ. މި 13 ހެކްޓަރު ހިއްކައި، ޝޯ ޕްރޮޓެކްޝަން ވަށައި ޖަހާފައި، އަދި ބޭނުންވާ ބަނދަރު ހެދުމަކީ، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް. މި ދެންނެވި، މި އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ތެރެއިން، ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ތެރެއިން އެ ކަންތައް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. ހަމައެއާއެކީގައި، ބޭނުންވާ ފެސިލިޓީޒްތައް ޤާއިމުކުރުމުގެ މަގުވެސް ފަހިވެގެންދާނެ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން، ސިފައިންގޭގެ އެއްގަމުގެ ބާރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން ކޮށްދޭން ނިންމައި ފަށާފައި ވާނީ. ހަތިޔާރު ހޯދައި، އެކިއެކި އާލާތްތައް ހޯދަންޖެހޭ. މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީގައި ވަނީ މަސައްކަތްތަކެއް ފެށިފައި. އެގޮތުން ލިބޭ ހިލޭއެހީ ލިބިގެންދާނެ. އޭގެއިތުރަށްވެސް، ހަތިޔާރާއި އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް ބަޖެޓުގެ ތެރެއިން ވާނީ ވަކި ޢަދަދެއް ކަނޑައަޅާފައި. އަޅުގަނޑު ދޭ އުފާވެރި ޚަބަރަކީ، މި އަންނަ އަހަރުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު ޢަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، މިރެޔަކީ އުފަލާއި ހިތާމަވެސް އަޅުގަނޑުމެންނަށް އިޙްސާސްވާ ރެއެއް، ދުވަހެއް. 8 ސިފައިންގެ ބޭކަލުން ޝަހީދުވެގެންދިޔަ. 11 ޢާންމު ރައްޔިތުން ޝަހީދުވެގެންދިޔަ. ޖުމްލަ 19 ދިވެހިން އެ ދުވަހު ވަނީ ޝަހީދުވެގެން ގޮސްފައި. އަޅުގަނޑު ސިފައިންގެއިން މިއަދު ހިސާބު ހޯދިން. 1979ން ފެށިގެން ހޯދިއިރުގައި، އެކިފަހަރު މަތިން ޝަހީދުވެފައިވާ މީހުންގެ ޢަދަދުވެސް އަޅުގަނޑު ހޯދާލާފައި ވާނެ. އާދެ، މިގޮތުން ބަލާއިރުގައި، 29 ސިފައިން، މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި، އެކި ހާދިސާތަކުގައި، އަދި ފުލުހުންގެ ދެ މީހުންނާއި، މި ދެންނެވި 11 ޢާންމުންނާ އެކީގައި އެބަތިބި. އެހެން ނަމަވެސް، އެއްވެސް ކަމެއް ނުކޮށްދެވޭ. ޢަމުދުން ފަހަކަށްއައިސް، މި ފަރާތްތަކުގެ އަގުވަޒަންކުރާކަށް ސަރުކާރުން އެއްވެސް ކަމެއް ނެތް ކޮށްދީފައެއް ނެތް. ކުރީގައި ޝަހީދުވާ ޢާއިލާތަކަށް ކޮންމެވެސްވަރެއްގެ ފައިސާގެ އެހީއެއް ދޭ. އެހެން ނަމަވެސް، ފަހަކަށްއައިސް އެކަންވެސް ވަނީ ހުއްޓިފައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށްބޮޑު ބޭއިންޞާފެއް އެއީ.

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި، ޝަހީދުވި ޢާއިލާތަކަށާއި އަދި ހަމައެއާއެކީގައި، 3 ނޮވެންބަރުގެ މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތާއި، މެޑެލް ފޮރ ބްރޭވަރީ ލިބުނު ދިހަ ފަރާތް ހިމެނޭހެން، މި ހުރިހާ ފަރާތްތަކަށް، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި، މި އަންނަ އަހަރުން ފެށިގެން ޚާއްޞަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި ހަމައެއާއެކީގައި، ޝަހީދުވި ޢާއިލާތަކަށް ޚާއްޞަކޮށް، ޝަހީދުވި ފަރާތްތަކަށް ޚާއްޞަ ކުރެވިގެން ހައުސިންގ ޕްރޮގްރާމެއް، "ޝަހީދުންގެ ހިޔާ"ގެ ނަމުގައި 50 ހައުސިންގ ޔުނިޓް ހިމެނޭ ހައުސިންގ އިމާރާތެއް، ކުރިއަށް އޮތް އަހަރުތަކުގައި، މި ދައުރުގެ ތެރޭގައި އަޅައި ނިންމައި، މި ޢާއިލާތަކާ ހަވާލުކުރާނަން.

އާދެ، ދައުލަތަކުން މިފަދަ ކޮންމެ ކަމެއް ކޮށްދިނަސް، އެ ޢާއިލާތަކުން އެ ކަޑައްތުކުރާ ހިތާމައެއް އަނބުރާ ހޯދައެއްނުދެވޭނެ. އަދި އެ އަބްޠާލުންގެ އެ މަތިވެރި ޖިހާދުގެ އަގެއް ނުދެއްކޭނެ. އެހެންނަމަވެސް، މިވަރު އެންމެ ކުޑަމިނުން ކޮށްދޭންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެން މިފަދަ ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ވާހަކަ. ސިފައިންގެއަކީ އަދި ސިފައިންގެ ޚިދުމަތަށް ވަންނަ ފަރާތްތަކަކީ، ކުރިއަށް އޮތް ތަނުގައި، މިހާރަށްވުރެވެސް ބޮޑަށް، އަޅުގަނޑުމެންގެ ޤައުމަށް މި ދިމާވާ ކަންކަމުގައި ނިކަން ހުޝިޔާރު، ޤައުމަށް ބޭނުންވާ ހުރިހާ ކަމެއްގައި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދިގެންދާނެ. ސިފައިންގެ ޚިދުމަތަށް ވަނުމަކީ ކެރިއަރ ޕާރތެއްގެ ގޮތުގައި، އުފަލާއެކީގައި ވަންނަހިތްވާ ތަނަކަށް ހެދުމަކީ، އަޅުގަނޑުމެންގެ ޢަޒުމް. އެކިކަހަލަ ދާއިރާތަކުން އެކިކަހަލަ ތަމްރީނުތައް، ސިފައިންގެއަށް ވަދެގެންވެސް ހޯދުމަކީ އޮތް ގޮތެއް. ކުރެވޭނެ ކަމެއް. އަޅުގަނޑު ބޭނުން އެކަންކަން ކޮށްދޭން. ފުލުހުންގެ ޚިދުމަތަށްވެސް. ބައެއްފަހަރު މިވާގޮތަކީ، އެކިއެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިން، މިއިން އެއްވެސް ޚިދުމަތަކަށް ވަންނާކަށް ބޭނުމެއްނުވޭ. އެކަން ބަދަލުކުރަން ބޭނުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، މަތީ ތަޢުލީމާ ބެހޭ ވުޒާރާ މެދުވެރިކޮށް، ސިފައިންނަށާއި ފުލުހުންނަށް އެކިކަހަލަ ކެރިއަރ ޕާރތްތައް، މިހާރު ޚިދުމަތުގައި ތިބި ފަރާތްތަކަށާއި، ދެން އަލަށް ޖޮއިންކުރާ ކުދިންނަށްވެސް ލިބޭނެގޮތަށް ސްޓްރަކްޗަރ ކުރުމަކީ، އަޅުގަނޑު ނިންމާފައިވާ ކަމެއްކަން ދަންނަވާލަން ބޭނުން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކުރިއަށް އޮތް ދުވަސްތަކުގައި، ކެޕޭސިޓީ ބިލްޑް ކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ. މިހާރު ދެކުނުގައި، އައްޑޫސިޓީ ގަމުގައި އެއަރބޭސްއެއް ޤާއިމުކުރުމުގެ މަސައްކަތް އެދަނީ ބާރު ސްޕީޑްގައި. އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ. އުތުރުގައި އަދި އެފަދަ އެއްތަން ހެދިގެންދާނެ.

އެހެންވީމާ، މިފަދަ ގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި ބާރު ސްޕީޑްގައި ހިނގަމުންދާނެކަން އެއީ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ވާހަކަ.

އާދެ، ނިންމާލަމުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޤައުމަކަށް އެންމެ މުހިންމީ، އެ ޤައުމެއްގެ ރައްޔިތުން، ޤައުމުގެ މިނިވަންކަމަށްޓަކައި ޤުރްބާންވާން ކެރޭ ބައެއް. އޭރުގައި އައިހެން ކަނޑިއާއި ބަޑި ހިފައިގެންނެއް މިހާރަކު ކޮންމެހެން ނާންނާނެ. ދިފާޢީ ބާރުވެސް، ހުރިހާ ޙާލަތަކަށް ތައްޔާރުކުރުން އެއީ، ކުރަންޖެހޭ ކަމެއް. އެ ވާހަކަ އަޅުގަނޑު މި ދެންނެވީ.

ހަމައެއާއެކީގައި، ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން އެބަޖެހޭ. މިހާރު ޤައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭ. ލިޔެލާ ލިޔުމަކުން، ނޫނީވިއްޔާ އިންޓަރނެޓުން ހިންގާ އެކިކަހަލަ ކެމްޕެއިންތަކުން، ނޫނީވިއްޔާ އެފަދަ ކޮންމެވެސް ޒަމާނީ ވަސީލަތަކުން މިހާރު އެކި ޤައުމުތަކުގައި އެކި ކަންތައްތައް އެ ހިންގަނީ. އަޅުގަނޑުމެން އަބަދުވެސް ވާން އެބަޖެހޭ، ނޮވެންބަރު 3 ގައި އަޅުގަނޑުމެން ދެއްކި އެކުވެރިކަން ދައްކާ ބަޔަކަށް. މިހާރުގެ މި ޙަޤީޤަތް ގަބޫލުކޮށްގެން، މިހާރު އަޅުގަނޑުމެންނަށް މި ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކުގައި، އެ ދުވަހު ދެއްކި އެކުވެރިކަން، އަޅުގަނޑުމެންނަކީ އެއްބައެއްކަން، އަޅުގަނޑުމެން ޤައުމުދެކެ ލޯބިވާކަން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށްވުރެ މުހިންމު އެއްޗެއް ނެތްކަން، އަޅުގަނޑުމެންގެ ކުރިމަތީގައި ދުޝްމަނުންނަށް އެއްބާރުލުން ދޭނެ އެއްވެސް މީހަކު ނުހުންނާނެކަން، ދުޝްމަނުންނަކީ މިހާރު ކޮންމެހެން ކުރިމަތިން ފެންނަ މީހެއް ނޫންކަން. އެކިކަހަލަ އޮއިވަރުތައް ހިނގަމުން މިދަނީ. އެތެރެއިންނާއި ބޭރުން. އެތެރޭގައިވެސް ތިބޭ. އެކިކަހަލަ ނުބައި އޮއިވަރުތައް ހިންގަމުން މިދަނީ. އަޅުގަނޑުމެންގެ މުޖުތަމަޢު ވީރާނާކޮށް، އަޅުގަނޑުމެންގެ އެތެރެ ބައިބައިކުރުމަށް ހިންގާ ކަންތައްތައް. ޤައުމެއްގެ ސިފަ ގެއްލުވައިލުމަށްޓަކައި ހިންގާ ކަންތައް.

އެހެންވީމާ، މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އާލާކޮށް، ޤައުމީ ވިސްނުން އިސްކޮށް، ޙަޤީޤީ މާނައިގައިވެސް، އެންމެ ފުރަތަމަ ޤައުމު އެއީ، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ބިންވަޅު ނެގޭ ކަމަކަށް ހެދުމަކީ، މިފަދަ މުހިންމު މުނާސަބަތެއްގައި އަޅުގަނޑުމެންގެ ޢަޒުމަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ކުރިމަތީގައި އެންމެ މުހިންމުވާންޖެހޭނީ، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން. ތިމަންނައަށް ޤައުމަށް ކޮށްދެވޭނީ، ކޮން ކަމެއްކަން އަބަދުވެސް ފިކުރު ކުރުންކަން.

އެހެންވީމާ، މި ޢަޒުމުގައި ކުރިއަށްދިޔުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑުމެން ވާންޖެހޭނީ، އަޅުގަނޑުމެންގެ ޤައުމަށްޓަކައި ޤުރްބާންވުމުގައި ކޮންމެ ފަދަ ވަގުތެއްގައިވެސް ތައްޔާރަށް ތިބި ބައެއްކަން. އެއީ، އަޅުގަނޑު ދަންނަވަން ބޭނުންވާ، އިލްތިމާސް ކުރަން ބޭނުންވާ ކަމަކީ.

އާދެ، އަޅުގަނޑު އަދިވެސް އެއްފަހަރު، ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން، މިރޭ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް ލިބިވަޑައިގެންނެވި ފަރާތަށް، މޫސާ ޢަލީ ޖަލީލަށް، ދެންވެސް ތިއްބެވި ހުރިހާ އަބްޠާލުންނަށް އަދި އެފަރާތްތަކުގެ ޢާއިލާތަކަށާއި، ޖުމްލަކޮށް، ހުރިހާ ސިފައިންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަދި އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤުގައި ކެރިގެން ޖިހާދުކުރުމުގެ ހިތްވަރު އަޅުގަނޑުމެންގެ ތެރޭގައި އާލާކުރުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައެޅުމަށް ގޮވާލަން.

އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޤައުމަށްޓަކައި ކެރިގެން ޖިހާދުކުރުމުގެ ހިތްވަރު ލިބިގެންވާ ބައެއް ކަމުގައި ލައްވާށި! އަޅުގަނޑުމެންގެ ޤައުމުގައި މިނިވަންކަން ތާއަބަދަށް ލަހައްޓަވާށި!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.