ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސެރީ ނަޖީބު ޓުން ޢަބްދުއްރައްޒާޤާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މަޝްވަރާތައް ބޮޑަށް ބިނާކުރެއްވީ، ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި މިގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާއަށް ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި، މިއީ ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ލިބިވަޑައިގެންނެވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. މެލޭޝިޔާއަކީ ދިވެހި ވަރަށް ގިނަ ކިޔަވާކުދިން ދިރިއުޅެމުންދާ ޤައުމެއް ކަމާއި ވަރަށް ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށްވެސް ދާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި، މެލޭޝިޔާގައި މިހާރު ހިނގަމުންދާ ވަރލްޑް އިސްލާމިކް ފޯރަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ބޮޑުވަޒީރު މަޢުލޫމާތު ދެއްވިއެވެ.