މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހޯމަ ދުވަހު، ޓެންޒެނިޔާގެ ދާރުއްސަލާމަށް ވަޑައިގެންފިއެވެ. ޖޫލިޔަސް ނަޔަރިއަރ ބައިނަލްއަޤުވާމީ ވައިގެބަނދަރުން އެކަމަނާއަށް މަރުޙަބާވިދާޅުވީ، ޓެންޒޭނިޔާގެ މިނިސްޓަރ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޖެންޑަރ، ވިމެން އެންޑް ސްޕެޝަލް ގްރޫޕްސް، އޮނަރަބަލް ރިޒީކީ ޖޫމާއެވެ.

މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން، ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި އެކަމަނާ ކީނޯޓް ތަޤުރީރެއް ދެއްވުމަށާއި، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ވާހަކުފުޅުދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ އަކީ، ސިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ މީހުންނާއި، ދާރިސުން އެއްތަނަކުން ބައްދަލުވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުން ފަދަ މައުޟޫޢުތަކަށް މަޝްވަރާކުރާ އަހަރީ ކޮންފަރެންސެކެވެ.