ކޮސޯވޯގެ މިނިވަންކަން ޤަބޫލުކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވުމާއެކު، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ކޮސޯވޯގެ ރައީސް ޑޮކްޓަރ ފާތިމީރު ސީޑިއޯ ޝުކުރުއަދާކުރައްވައިފިއެވެ.

މެލޭޝިޔާގެ ކުއާލަމްޕޫރުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކޮސޯވޯގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މި ނިންމުމަކީ، އެވަގުތު ކޮސޯވޯއަށް ވަރަށް މުހިންމު ނިންމުމެއް ކަމަށާއި، އެހެން ޤައުމުތަކުންވެސް ކޮސޯވޯއަކީ ވަކި މިނިވަން ޤައުމެއްގެ ގޮތުގައި ގަބޫލުކުރުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި ކޮސޯވޯއާ ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.