ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، 6 ވަނަ ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރޫނާއީގެ ރަސްގެފާނު ޙަސަނުލް ބުލްކިއާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބްރޫނާއީއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑެތި އެހީތަކެއްދޭ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ދެމުން ގެންދާ މިފަދަ އެހީތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރޫނާއީގެ ރަސްގެފާނަށާއި، ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އަދި، ރާއްޖެއާއި ބުރޫނާއީއާ ދެޤައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި ކުރިއަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީގެ ރަސްގެފާނާ މަޝްވަރާ ކުރެއްވިއެވެ.

ބުރޫނާއީގެ ރަސްގެފާނު ޙަސަނުލް ބުލްކިއާ ދެއްކެވި ވާހަކަފުޅުގައި، ބުރޫނާއީއިން ރާއްޖެއާ މެދު އަބަދުވެސް ދެކެނީ ވަރަށް ގާތް ގޮތަކަށް ކަމަށާއި، ރާއްޖެއަށް ވެދެއްވެން އޮތް އެހީއެއް ވެދެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ.