"ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، "ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް" މިނަމުގަޔާއި "ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ދެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

މިދެކުންފުނި އުފެއްދެވުމުގެ ބޭނުންފުޅަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ތަރައްޤީ ކުރައްވައި، ރައްޔިތުންނަށްދޭ ޚިދްމަތްތައް އިތުރަށް ފުޅާކުރެއްވުމެވެ.