މުސްލިމުންނަކީ ނާތަހުޒީބީ އަދި ފަޤީރު ބައެއްގެ ގޮތުގައި ބައެއް މީހުން ދުށްނަމަވެސް، ޙަޤީގަތުގައި އިސްލާމީ ޤައުމުތައްދަނީ ތަރައްޤީއާއި ތަމައްދުނުގައި ކުރި ހޯދަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި މިހާރު ހިނގަމުންދާ 6 ވަނަ ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަމުގެ ހެކިތައް ދުނިޔޭގެ އެކިކަންކޮޅުތަކުން ފެންނާން އެބަހުރިކަމަށާއި، ޔޫރަޕާއި އުތުރު އެމެރިކާގައިވާ ހުޅުވާލެވިފައިވާ އިޤްތިޞާދުގެ ފައިދާ އެޤައުމުތަކަށް ހިޖުރަކޮށްފައިވާ މުސްލިމުން ވަރަށް ރަނގަޅަށް ހޯދަމުންދާ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އެކްސްޕޯޓް އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ކަނޑުމަހާއި ފަތުރުވެރިކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކަނޑުމަހާއި ފަތުރުވެރިކަމުގެ އިތުރުންވެސް، އިޤްތިޞާދީ ބޮޑެތި ފުރުސަތުތަކެއް ހުރި ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

މުދަލާއި ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ފޯރުވައިދެވޭނެ ވަސީލަތަކީ ހުޅުވާލެވިފައިވާ އިޤްތިޞާދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެގޮތުން ސަރުކާރުން މިހާރުވަނީ އަމިއްލަ ވިޔަފާރިއަށާއި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ ވިޔަފާރިއަށް ރާއްޖޭގެ އިޤްތިޞާދު ހުޅުއްވާލައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފަދައިން ދިވެހިންނަކީ އަބަދުވެސް ވަރަށް މަސައްކަތްތެރި ބައެއް ކަމަށާއި، މުސްލިމުންގެ މި ހިތްވަރާއި ފަންނުވެރިކަމަށް އިތުރަށް ބާރުއަޅައި އެކަން އިތުރަށް ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމަކީ ދުނިޔޭގައިވާ ކުރިއަރަމުން އަންނަ މުސްލިމް ޤައުމުތަކުގެ މެދުގައި އިޤްތިޞާދާއި ވިޔަފާރިއާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ދުނިޔޭގެ ޤައުމުތަކުގެ ބައެއް އިސްވެރިންނާއި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ގާތްގަނޑަކަށް ދެހާހެއްހާ ބޭފުޅުން މި ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.