ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައްވާފައިމިވާ ގަވާއިދާ ބެހޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމުގެ ކުރިން ބައްލަވާލައްވަންޖެހޭ ބައެއް ކަންކަން އެބަހުރިކަމާއި، ތަފާތު ކުދި އިސްލާހުތަކެއް ގެންނަވަން އެބަހުރިކަން ފާހަގަކުރެއްވިއެވެ.

މިގަވާއިދާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، މިފާހަގަކުރެއްވި އިސްލާހުތައް އެޓަރނީ ޖެނެރަލް މިގަވާއިދަށް ގެންނެވުމަށާއި، އެ އިސްލާހުތައް ގެންނެވުމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިގަވާއިދު އަލުން ބެއްލެވުމަށްފަހު، ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ނިންމެވިއެވެ.