بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް، ޑަބްލިޔު.އެޗް.އޯ.އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދު، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން،

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ތެލެސީމިއާގެ މައުޟޫޢުގައި ރާއްޖޭގެ މާޒީއަށް އަޅުގަނޑުމެން ވިސްނާއިރު، އެންމެ ދުރު ހަނދާނަކަށް އަންނަނީ، އިހުގެ ޢާއިލާތަކުން ވާނުވާއެއް ނޭނގި ތުއްތުކުދިން މަރުވާ މައްސަލަ. ވާގޮތެއް، މަރުވާ ސަބަބެއް އެ ދުވަސްވަރަކު ނޭނގެ. ނަމަވެސް، ސައިންސްގެ އަލީގައި، ޅަޢުމުރުގައި ކުދިން މަރުވާން ދިމާވާ ސަބަބުތައް ދެނެގަނެވުނު. އިދިފުށަށް ދަމާ ބައްޔާއި، ހޯއްގޮވާ ކެއްސުން ފަދަ އެތައް ބައްޔެއްގެ ސަބަބުން، ޅަފަތުގައި ކުދިން މަރުވަމުންދިޔަކަން އެނގިގެންދިޔަ. އޭގެތެރެއިން، ތެލެސީމިއާ ބައްޔަކީވެސް އެއްބައެއްކަން ފާހަގަކުރެވުނު.

ހަމައެހެންމެ، ތެލެސީމިއާ ކުދިން އުފަންވުމުގެ ފުރުޞަތު އޮންނަނީވެސް ތެލެސީމިއާ ވާރުތަކުރާ ދެ ކެރިއަރުންގެ ފުށުންކަން އެނގިގެންދިޔަ. އެހެންކަމުން، ކައިވެނި ކުރުމުގެ ކުރިން، ތެލެސީމިއާ ޓެސްޓް ކުރުމަކީ މުހިންމު ކަމެއްކަމާއި، އެފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ރާއްޖޭގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ. އަދި މިކަމުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު ސަމާލުކަމާއި، ދެއްވި އަހަންމިއްޔަތުކަމަށްޓަކައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

ޝައްކެއްވެސްނެތް، ތެލެސީމިއާ ކުދިންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެއްބައި. އެހެން ކުދިންނެކޭ އެއްފަދައިން، މުޖުތަމަޢުގެ ފުރުޞަތު ހަމަހަމަގޮތުގައި ލިބިދޭންޖެހޭ ކުދިން. މިކަމުގައި ކަމާބެހޭ މުއައްސަސާތަކާއި، ދިވެހި އެންމެހައި ރައްޔިތުން ގުޅިގެން ފުރިހަމަ އެއްބާރުލުން އެ ކުދިންނަށް ދޭންޖެހޭނެ.

މިފަދަ ކުދިންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާއަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ، މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އެގޮތުން އެ ކުދިންނަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވިދާނެ މުހިންމު ކަމެއް އެބައޮތް. އެއީ، ލޭ ހަދިޔާ ކުރުން. ލޭ ހަދިޔާކުރުން އެއީ، ކޮންމެ މީހެއްގެވެސް އުފަލަކަށް ހަދަންޖެހޭނެ. އަޅުގަނޑުމެން ހަދިޔާކުރާ ލެޔަކީ، އެ ކުދިންގެ ދިރިހުރުމަށް ދެވޭ އުންމީދެއްވެސްމެ.

ހަމައެހެންމެ، ޞިއްޙީގޮތުން ކުރިއަރާފައިވާ މިޒަމާނުގެ ބޯންމެރޯ ޓްރާންސްޕްލާންޓަކީވެސް ތެލެސީމިއާ ކުދިންނަށް ދެވޭ މުހިންމު ފަރުވާއެއް. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ މެނިފެސްޓޯގައި، އެ މަނިކުފާނު ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައި ވިދާޅުވި، އެ މަނިކުފާނުގެ ވެރިކަމުގައި ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅު ކުރައްވާނެ ކަމަށް. އިރާދަކުރެއްވީތީވެ، އެކަން އެމަނިކުފާނު އެ އޮތީ ފަށްޓަވާފައި. އަދި އިރާދަކުރެއްވިއްޔާ، ސަރުކާރުގެ އަމާޒަކަށް ވެގެންދާނީ، ކުރިޔަށް އޮތް ތަނުގައި އިތުރު ފުރުޞަތުތަކެއް، އިތުރު ކުދިންނަށް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ، އެކަންވެސް ކާމިޔާބު ކުރެވިގެންދާނެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންޒިޔުމަބަލްސް، ރާއްޖޭގެ ރަށްރަށުން މިއަދު ލިބެން އެބަހުރި. ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި ރިޔާސީ ވަޢުދުތަކާއި، އަދި އޭގެ ކުރިންވެސް ޒިންމާދާރު އޮޕޮޒިޝަން ޕާޓީގެ ގޮތުގައި ތިބެގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވުނު މަސައްކަތުގައިވެސް އަޅުގަނޑުމެން ދައްކަމުން އައި އެންމެ މުހިންމު އެއް ވާހަކައަކީ ސަރުކާރުން، އޭރުގެ ސަރުކާރުން ޞިއްޙީ ނިޒާމަށް ވަމުންދިޔަ އިހުމާލުގެ ވާހަކަ. އެހެންނަމަވެސް، މިއަދާ ހަމައަށް، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި، މި ނިޒާމުގެ ތެރޭގައި ހުރި ދަތިތަކާ އެކީގައިވެސް، ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ޞިއްޙީ ނިޒާމަށް ދެއްވައިގެން، ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވުމަށް މަސައްކަތްޕުޅު އެއޮތީ ފަށްޓަވާފައި.

އަޅުގަނޑު ކުރު މިސާލެއް ދަންނަވާނަން. ޙަޤީޤަތަކީ މިއަދާ ހަމައަށް އައިއިރު، އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއްކަމަކީ، އަޅުގަނޑުމެންގެ ރަށްތައް ބެހިފައި މިއޮތް ގޮތުން، ވަރަށް ދަތި އުނދަގުލުގައި، އަޅުގަނޑުމެންގެ ދަތުރުފަތުރުތައް ހަމަޖެހިފައި އޮންނަ ގޮތަށް ބަލައިލާ ކަމުގައިވިނަމަވެސް، ބަލިތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ދަތުރުކޮށްފައި ދާން މިޖެހެނީ ދުރު ރަށްތަކަށްކަން. އެހެންކަމުން، ކަމެއް ދިމާވިޔަސް، މާލީ ހާލަތު ތަންދޭގޮތުން ކަމުގައިވިޔަސް، ވަރަށް ދަތި އުނދަގުލުގައި ދިވެހިން އެކަން ތަޙަންމަލް ކުރަން ޖެހިފައި އޮތީ ރަށްތަކުގައި. އެކަމަށް ނިމުމެއް ގެނައުމަށްޓަކައި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި. އިރާދަކުރެއްވީތީވެ، ތަހުލީލު ކުރުމުގައި، އަމިއްލަ ރަށުގައި، ފަސްގަނޑުގައި ތިބެގެން، އެ ލުއިފަސޭހަތައް މިއަދު ލިބޭނެ އިންތިޒާމުތައް އެ ދަނީ ހަމަޖެހެމުން. އެކަން އަޅުގަނޑުމެން މި ސަރުކާރުން ކަށަވަރު ކުރާނަން.

އާދެ، ދެންމެ ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވީ، ފަހުމުނާމާއެއްގައި ސޮއިކުރެވިގެން ދިޔަތަން. މިއީ އެ މަނިކުފާނު ވަރަށް އިސްކަން ދެއްވައިގެން، ވަރަށް ގާތުން ތެލެސީމިއާ ކުދިންނަށް އަޅައިލުމުގެ ގޮތުން ވެވަޑައިގެން ވަޢުދެއް. އިޙްސާންތެރިކަމާއި، އޯގާތެރިކަމަށްޓަކައި އެ މަނިކުފާނު މި ފެށްޓެވި މަޝްރޫޢަކީ، ދިވެހި ޢާއިލާތަކުން އުފުލަމުން އައި ތަކުލީފުތަކަށް ލުއެއް ހޯއްދަވައި ދެއްވުމަށްޓަކައި އެ މަނިކުފާނު ނިންމެވި ބޮޑު ނިންމެވުމެއް. އިރާދަކުރެއްވިއްޔާ، މިތަނުން ލިބިދޭންޖެހޭ ޚިދުމަތް ދިވެހި ސަރުކާރުން ކަށަވަރު ކުރަމުން ގެންދާނެ. ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން، އެފަދަ ޢާއިލާތަކަށާއި، އެކުދިންނަށާއި، ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދެން.

އާދެ، ކުރިން އަޅުގަނޑު ފާހަގަކުރި ފަދައިން، ރައީސްގެ ވަޢުދުފުޅުތަކާ އެއްގޮތަށް ޞިއްޙީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ޓާޝަރީ ހޮސްޕިޓަލްތަކާއި، އަދި ޒަމާނުގެ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ހުއްޓުމެއްނެތި ވުޒާރާއިން ކުރަމުންދާ މަސައްކަތަށް އަޅުގަނޑު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ މި ސަރުކާރު ފެށުނުއިރު ހުންނެވި ޞިއްޙަތާ ބެހޭ ވަޒީރު، މިހާރުގެ ފޮރިން މިނިސްޓަރ ޑޮކްޓަރ ޚަލީލަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވަން، މިހާތަނަށް ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި، ރައީސްގެ މެނިފެސްޓޯ ތަންފީޒުކޮށްދެއްވުމަށް. އަދި މިހާރުގެ ވަޒީރު ހަވާލުވެވަޑައިގެން، އިތުރު ގިޔަރަކަށް ޖައްސަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އަޅުގަނޑުމެން ފަޚުރުވެރިވާ ވާހަކަ ދަންނަވަން. އަދި ޚާއްޞަގޮތެއްގައި މިކަމުގައި އެންމެ ބުރަ މަސައްކަތެއް ކުރައްވަމުން ގެންދަވާ ސިވިލް ސަރވިސް މުވައްޒަފުންނަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު މި ފުރުޞަތުގައި ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މާ ދިގުނުކޮށް ކުރުކޮށްލާނަން. ތެލެސީމިއާ ކުދިން އެ ދައްކާ ކެތްތެރިކަމާއި، އެ ކުދިން ކުރާ ހިތްވަރަށް ސާބަހާއި ހިތްވަރުދެމުން. އެކުދިންގެ ޢާއިލާތަކުން އުފުލާ ތަކުލީފުތަކަށް ތަސައްލީއެއް ލިބުމަށް އެދި ދުޢާކުރަމުން. އަޅުގަނޑުގެ އުންމީދަކީ، ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތު، މި ވަގުތު ލިބިފައި ނެތް ހުރިހާ ކުދިންނަށް ދާދި އަވަހަކަށް އެ ފުރުޞަތުވެސް ލިބިގެން ދިއުން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ހެޔޮ ބަރަކާތް ލައްވައި ހެޔޮ ތައުފީގު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.