28 އޭޕްރިލް 2010ވި ބުދަ ދުވަހު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، މި އިދާރާތަކާއި ކައުންސިލްތަކާއި މަޤާމުތަކުގެ ސިފަތަކާއި، އިޚްތިޞާޞް ކަނޑައަޅައި މިކަމާބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކުރުމެވެ. އަދި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުމެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާގޮތާއި، އަތޮޅުތަކުގެ އިދާރީ ދާއިރާތަކުގެ މަރުކަޒީ ރަށް ކަނޑައަޅާނެ ގޮތާއި، އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކާއި އަދި އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުޠުތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.