ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދުގެ ބޭފުޅުން ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ރައީސް ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން، އިންޑިއާއިން ގެންގުޅޭ "ނޭބަހުޑް ފަރސްޓް" ސިޔާސަތުގައްޔާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން" ނުވަތަ "ސާގަރް"ގެ ތަޞައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެގޮތުން ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު ޢުމްރާނީ މަޝްރޫޢުކަން ފާހަގަކުރައްވައި، އިންޑިއާއިން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށް ރައީސް މުރުމޫ ވިދާޅުވިއެވެ. މިއަދު އިޢުލާންކުރި "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް" ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް މުރުމޫ ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އެގޮތުން ތަޢުލީމާއި، ބިނާރާއި، ފަތުރުވެރިކަން އަދި ސިއްޙީ ދާއިރާ ހިމެނޭނޭ ފަދައިން ގިނަ ދާއިރާތަކުން ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން އަދާކުރާ ހައްސާސް ދައުރުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ކުރިއަށް އޮތް ތަނުގައި، ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް، މި ފުރަމާނަ ދަތުރުފުޅުގައި ފެށި މުޢާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ދުރުޕަދީ މުރުމޫ، މި ބައްދަލުކުރެއްވުމުގައި އެއްބަސްވެވަޑައިގެންނެވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާޝްތްރަޕަތީ ބަވަންއަށް ޒިޔާރަތްކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.