އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، މިނިސްޓަރ އޮފް ކެމިކަލްސް އެންޑް ފަރޓިލައިޒަރސް އަދި ބަރަތިޔާ ޖަނަތަ ޕާޓީ (ބީ.ޖޭ.ޕީ)ގެ ޤައުމީ ރައީސް، ޖޭ. ޕީ ނައްޑާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، މި ފުރަމާނަ ދަތުރުފުޅުގައި ކުރިއަށްދާ ބިނާކުރަނިވި މަޝްވަރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރ ނައްޑާ ވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުން ފެނިވަޑައިގަތުމުން އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް އެ ޚިދުމަތުގައި ކުރުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމާއި، ޑިޖިޓަލައިޒްކުރުން ހިމެނެއެވެ.

ބީ.ޖޭ.ޕީގެ ޤައުމީ ރައީސްގެ ހައިސިއްޔަތުން ސިއްޙީ ވަޒީރު ނައްޑާ ވަނީ، މަތީ ފަންތީގައި ފަންނީ މަޢުލޫމާތު ބަދަލުކުރުމަށް، ދިވެހިރާއްޖޭގެ ސަރުކާރު ހިންގާ ޕާޓީއަށް ދަޢުވަތު އަރުވާފައެވެ.