އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ނިއުދިއްލީގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެއެވެ.