بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ވަޒީރުންގެ މަޖިލިހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދައުލަތުގެ ވެރިން، ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރު ޤައުމުތަކުގެ ސަފީރުން، އަދި މި ތަނަށް ވަޑައިގެން ތިއްބެވި އެކިއެކި ބޭފުޅުން، ކިޔަވާކުދިން، މުދައްރިސުން، އެންމެހައި ޢިއްޒަތްތެރިން، ވަކިން ޚާއްޞަކޮށް، ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡްކަމުގެ ޝަރަފު ދާދި ދެންމެއަކު ހާސިލުކުރެއްވި ޝަރަފުވެރީން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެކިއެކި ބޭފުޅުން، ކިޔަވާ ކުދިން، އަދި ޚާއްޞަކޮށް، ދާދި ދެންމެއަކު އެކި ވަނަތައް ހޯއްދެވި ހުރިހާ ޝަރަފުވެރިން، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދަކީ އަޅުގަނޑުގެ ހިތުގައި، މިއަދާ ބެހޭގޮތުން ވަރަށް ގިނަ ސުވާލުތަކެއް ދައުރުވަމުންދާ ދުވަހެއް. އޭގެތެރެއިން ފުރަތަމަ ސުވާލަކީ، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ކޮން މުނާސަބަތެއްތޯ؟ މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހަ ވެދާނެހެން ހީވެދާނެ. އެކަމަކު އަޅުގަނޑަށް މި ސުވާލުގެ ޖަވާބު އެހާ ފަސޭހައެއް ނޫން. އެހާ ސާދާއެއް ނޫން. އިސްޓޭޖުގެ ފަސްމަންޒަރަށް ބަލާއިރުގައި، މި ދުވަހަކީ ރާއްޖެ އިސްލާމްވުން ފާހަގަކުރުމޭ ބުނެފައި ނިންމައިލެވޭ ވަރަށްވުރެ، އަޅުގަނޑުގެ ފިކުރީ ތަރާދުގައި މި ސުވާލުގެ ބުރަދަން މާ ބަރު. އެހެންވީމާ، މި ނުކުތާއަށް އަދި ފަހުން އަޅުގަނޑު އެނބުރި އަންނާނަން. ހަމައެއާއެކު، މިއަދަކީ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ކަމަށްވާތީ، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ހުރިހައި މުދައްރިސުންނަށާއި، އުނގަންނައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހައި ބޭފުޅުންނަށް އަރިސްކުރަން. އަޅުގަނޑުގެ ޝުކުރާއި ތާރީފު ތިޔަބޭފުޅުންނަށް ރައްދުކުރަން.
އާދެ! އިސްލާމްދީނަކީ ދެ ދުނިޔޭގެ ސަލާމަތުގެ ދީން. ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބަކީ، މި މާތްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަން. ރާއްޖެ އިސްލާމްވި ދުވަސްވަރަށް ބަލައި، ޢިލްމީގޮތުން އެ ހާދިސާ ދިރާސާ ކުރެއްވި ބޭފުޅުންގެ ނިންމެވުމަކީ ވެސް މިއީ. ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައި ވަނީ، މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ، ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން އެނގޭ. ދިވެހީން، އެ ނުރައްކާ އަންނަ ފަރާތުގެ ދީނާއި ސަގާފަތުން މުޅިން ވަކިވެ އަމާންވެގަތީ. ދިވެހީން އެދުވަހު އެ ކުރިކަމަކީ އެ ހުރިހައި ސަލާމަތަކާއި ރައްކާތެރިކަމެއް، މާލިކްވަންތަ ﷲގެ ޙަޟްރަތުން ކަށަވަރުކުރީ. އަޅުގަނޑުމެން ދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ޔަޤީންކުރީ. ހުރިހައި ކަމެއް ޢާލަމްވަންތަ ﷲގެ ޙަޟްރަތުން ވަކީލުކުރީ. މީގެ 898 އަހަރު ކުރިން، ހިޖުރައިން 548 ވަނަ އަހަރު، މީލާދުން 1153 ވަނަ އަހަރު، ދިވެހި ސިންގާ ސަނާއިން ނިންމި ތާރީޚީ ފަޚްރުވެރި ނިންމުމަކީ މިއީ. އެ ދުވަހު ދިވެހީން ދޫކޮށްލީ އަނިޔާ. ދިވެހީން ލިބިގަތީ ނިޔާ. އެ ދުވަހު ދިވެހީން ދޫކޮށްލީ ބާޠިލް. ދިވެހީން ލިބިގަތީ ޙައްޤު. އެ ދުވަހު ދިވެހީން ދޫކޮށްލީ ޚުރާފާތު. ދިވެހީން ލިބިގަތީ ޙަޤީޤަތް. އެ ދުވަހު ދިވެހީން ދޫކޮށްލީ ވަހުމުތައް. ދިވެހީން ލިބިގަތީ ހެކިތައް. އަދި ކީއްތޯ؟ އެ ދުވަހު ދިވެހީން ދޫކޮށްލީ ދުނިޔެއަށް ފުރަގަސްދިނުން. އެއާއެކު، ދިވެހީން ލިބިގަތީ ދުނިޔޭގެ ޙަޔާތާ ކުރިމަތިލުން. ކެތްތެރިކަން، މުރާލިކަން، މަސައްކަތްތެރިކަން، ކުރިއެރުން، ޙަޟާރަތު. ތަހުޒީބާއި ތަމައްދުނާއި، މަތިވެރި އަޚްލާޤު. އެހެންވީމާ، ރާއްޖެ އިސްލާމްވި ދުވަހަކީ، ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް އަޅުގަނޑުމެންގެ ފިޔަވަޅުތައް ސީދާކުރި ދުވަސް. އެއީ، ހިދާޔަތާއި، ނަޞްރާއި ނަސީބުގެ ދުވަސް. އާއިލީ ގުޅުންތައް، ޖަމާޢަތުގެ އެކުވެރިކަން، ޤައުމީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން، މި ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ. އެހެންވީމާ، ރާއްޖެ އިސްލާމްވި ދުވަސް، ދިވެހި ޤައުމަށް ލިބިދިނީ ހިދާޔަތާއި ސަލާމަތު. އިޙްސާނާއި ލޯބި. ކުލުނާއި ހަމްދަރުދީ. ޙުރުމަތާއި އިޙްތިރާމް. ފުރިހަމަ މިނިވަންކަމާއި ސިޔާދަތު.
ލޮބުވެތި ދިވެހި ރައްޔިތުން؛
މާތްވެގެންވާ އިސްލާމްދީން، ﷲ އެކަށައަޅުއްވައިފައި ވަނީ، ވެރީންގެ ކޮނޑުގައި އުފުލަން ޖެހޭ ޒިންމާތަކެއް ހިމެނޭ ގޮތަށް. ވެރީންގެ އަދަދާއި ބާވަތް ކިތަންމެހައި ވެސް ތަފާތު. އެހާމެ ގިނަ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ވެރިޔަކީ އޭނާގެ ދަށުގައި ބެލެހެއްޓުންތެރި ކަމެއް އޮތް ކޮންމެ މަސްއޫލުވެރިއެއް. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާނަމަ، ދައުލަތުގެ އިސްވެރީން. ވުޒާރާތަކުގެ ވެރީން. އޮފީސްތަކާއި ކުންފުނިތަކުގެ ވެރީން. އެކިއެކި ޑިޕާޓުމަންޓުތަކާއި ސެކްޝަންތަކުގެ ވެރީން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކައުންސިލަރުން، މައިންބަފައިން، މުދައްރިސުން، ޕްރިންސިޕަލުން، މިހެން ގޮސް މި ލިސްޓު ކިތަންމެހައި ވެސް ދިގުކުރެވިދާނެ.
އާދެ! މާތްވެގެންވާ އިސްލާމްދީނުގައި ﷲ އެކަށައަޅުއްވާފައިވަނީ ވެރިންގެ ކޮނޑުގައި އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއެކު، ރައްޔިތުން އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ހިމެނޭ ގޮތަށް. ދެން އުފެދޭ ސުވާލަކީ، މި ޒިންމާތަކާއި މަސްއޫލިއްޔަތުތައް، މި ހުރިހައި ފަރާތަކުން އެކުއެކީގައި ގުޅިގެން އުފުލާ އިސްލާމީ މުޖުތަމަޢެއް އޮންނަންވާނީ ކިހިނެއް ބާވައޭ؟ މި ސުވާލުގެ ޖަވާބު ސީދާ ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް ލިބޭ. މުސްލިމު ޖަމާޢަތެއް ނުވަތަ އިސްލާމީ ޤައުމެއް ސޫރަވަމުންދާނެ ގޮތް، މި މާތް އާޔަތުން ވަރަށް ފުރިހަމައަށް އެބަ ތަސްވީރުކޮށްދޭ.
އަލްޙައްޖު ސޫރަތުގެ 41 ވަނަ އާޔަތުގެ މާނަޔާމެދު ވިސްނާލަމާތޯ؟ އެ އާޔަތުގެ މާނައިގައި ވަނީ، "އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތައްތަކަށް أمر ކޮށް، ނުބައިކަންތައްތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށޭ".
ނިކަން ވިސްނާވަޑައިގަންނަވާ! އެހެންވީމާ، މިހާ ހިސާބުން ރާއްޖެ އިސްލާމްވުމޭ މި ބުނެވޭ ބަހުގެ ފުން މާނަ އަޅުގަނޑުމެންނަށް އެބަ ސާފުވޭ. އިސްލާމުން ތިބޭނެ ގޮތް، ﷲ އެ ވަނީ ސިފަކޮށްދެއްވާފައި. އިސްލާމީ ޤައުމެއްގެ ސޫރަ އެ ވަނީ ކުރައްސަވައިދެއްވާފައި.
ދެން މިއަދުގެ މުޖުތަމަޢަށް ބަލައި ވިސްނައިލަމާތޯ؟ މި ދެންނެވުނު އާޔަތުގައި ބަޔާންކުރާ މުސްލިމު ޤައުމެއްގެ ސިފަތަކާ މެދު އަލުން ފިކުރުކޮށްލަމާތޯ؟ އެ ސިފަތަކާއި އަޅުގަނޑުމެންގެ މުޖުތަމަޢުން، އަދުގެ ދިވެހި ޤައުމުން މި ފެންނަ ސިފަތަކާ ހުރި އެއްގޮތްކަމަކީ ކޮބައިތޯ؟ ރާއްޖެ އިސްލާމްވީ ދުވަހު މިއީ އަޅުގަނޑުމެން ކުރަން ކިތަންމެހާވެސް މުނާސަބު އަދި ބޭނުންތެރިކަމެއް. މި ގޮތުން ވިސްނާލާއިރު، ޙަޤީޤީ މުސްލިމުންގެ ސިފަތައް އިއާދަކޮށް، އަލުން ތަރުތީބުވާން ޖެހޭ ޙާލަތަށް މި ދިވެހި ޤައުމު ގޮސްފައި ނުވޭތޯ؟ ވިސްނައިލައްވާ!
އަޅުގަނޑަށް އިޙްސާސްކުރެވޭ ގޮތުގައި، މި ޙާލަތުގައި ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ ސުވާލުތަކެއް އެބަ ކުރިމަތިކުރޭ. އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ އަމިއްލަ ނަފުސާ މި ދުވަސް އެބަ މުޚާޠަބުކުރޭ. މުސްލިމުންގެ ކޮލިޓީތައް ވަރަށް ސާފުކޮށް، އެ އާޔަތުގައި މާތް ﷲ އެ ވަނީ ކަނޑައަޅުއްވާފައި. އެހެންކަމުން، އަޅުގަނޑުމެންގެ މުޖުތަމަޢަކީ މި ސިފަތައް ތަސްވީރުވާ މުޖުތަމަޢެއްތޯ. އަޅުގަނޑުމެން ކޮންމެ މުސްލިމަކީ، އެ ތަސްވީރު ދައްކައިދޭހެން ސިފަލިބިގެންވާ މުސްލިމެއްތޯ، މިހިރީ ހައްތާވެސް މި ދުވަހުގެ މި ވަގުތުގެ ސުވާލުތައް. އަޅުގަނޑުމެން ރެޔާއި ދުވާލު ފަރުވާތެރިކަމާއެކު ފަސް ވަގުތު ނަމާދު ޤާއިމުކުރަމުތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ. އަޅުގަނޑުމެން ބަރާބަރަށް ޒަކާތުގެ ވާޖިބު އަދާކޮށް، އަނެކުންނަށް ހެޔޮފޯރުވަމުންދޭތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ. އަޅުގަނޑުމެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމާއެކު، ހެޔޮކަންކަމަށް އަމުރުކުރަމުތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ. ހަމަ އެހެންމެ، އަޅުގަނޑުމެން މުންކަރާތްތަކާއި، ނުބައި ވިޔާނުދާ ޢަމަލުތަކަށް އަރައިނުގަނެ އަދި އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރަމުތޯ ނުވަތަ ނޫންތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެން ކޮންމެ މީހަކާ އެބަ ސުވާލުކުރޭ. މި ސުވާލުތައް އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ނުކުރެވޭ ނަމަ، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުބެލެވޭ. މި ސުވާލުތަކަށް ޖަވާބު ހޯދައި، އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ދުވަހަކަށް މި ދުވަސް ނެހެދޭނަމަ، މި ފަދަ ޖަލްސާތައް ބާއްވައި، މި ފެންނަ ޒީނަތްތެރިކަން މި މާހައުލަށް ގެނައުމުގެ އެއްވެސް މާނައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ.
އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ އިސްލާމްކަމަށް ނުވަސައްތަ ފުރޭން ދާއިރު، މި ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ފިކުރުކުރަންޖެހޭ. އަޅުގަނޑުމެންގެ ރޫޙާނީ ވެށި އޮތީ ކިހިނެއްތޯ ދެނެގަންނަންޖެހޭ. އަޅުގަނޑުމެންގެ އަޚްލާޤީ ސިފަތައް ހުރީ ކޮން ޙާލެއްގައިތޯ ބަލަން ޖެހޭ. އަޅުގަނޑުމެން މި މާތް ދީނަށް ޝަހާދަތް ކިޔައިގެން މި ތިބި ތިބުން، އޭގެ ޙަޤީޤީ މާނައިގައި ފުރިހަމަކުރެވޭކަން ޔަޤީންކުރަން ޖެހޭ. އަޅުގަނޑުމެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަށަވަރުކުރެވޭނީ އޭރުން. އިސްލާމްކަމަކީ ހަމައެކަނި ދުލުކުރިން ބޭރުކޮށްލާ އަޑެއް ނޫން. އެއާ ޚިލާފަށް، އިސްލާމަކަށް ނުވަތަ ފުރިހަމަ މުއުމިނަކަށް ވެވޭނީ ހިތުގެ އެންމެ ފުނުގައި ދިރުވަމުންދާ ހަރުދަނާ އީމާނާއި، ޞައްޙަ ޢަޤީދާގެ މައްޗަށް، ތިމާ ކުރާހާ ކަމަކާއި، ބުނާހާ ބަހެއް ސީދާކުރެވިގެން.
ލޮބުވެތި ދިވެހި ރައްޔިތުން؛
ޝައްކެއްނެތް! އިސްވެ ބަޔާންކުރެވުނު އާޔަތުގައި އެ ވަނީ މުސްލިމު މުޖުތަމަޢެއްގައި ކަން އޮންނަންވާނެ ގޮތް. ފަސްވަގުތު މިސްކިތުގެ ޖަމާޢަތްތައް ފުރުން. އެ ގޮތުން ﷲއަށާއި އެކަލާނގެ ރަސޫލާއަށާއި، އިސްވެތިބޭ ވެރީންނަށް ކިޔަމަންގަތުމުގެ ސަފުތައް ރުކުރުވާލުން. އަނެކުންނަށް ހެޔޮ ފޯރުވުން. ހެޔޮކަންކަމަށް އަމުރުކުރުން. ނުބައިކަންކަން ނަހީކުރުން. ނިޔަތާއި ޢަމަލުތައް ސީދާކޮށް، ﷲ އަށް ހުރިހައި ކަމެއްގައި ވަކީލުކުރުން. އެކަމަކު ކަން އޮތް ގޮތް ވަރަށް ވެސް ހިތާމަވެރި. އެކަން މުޖުތަމަޢުން ފެނޭ. ނޫސްތަކާއި މީޑިޔާއިން އެނގޭ. މުޖުތަމަޢު ސިފަކުރާ އެކިއެކި ލިޔުންތަކުން އެނގޭ. އަޅުގަނޑުމެންގެ އެތައް ދިވެހީންނެއްގެ ލޮބުވެތި މުދައްރިސް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޞާދިޤު، އަޅުގަނޑުމެންގެ މުޖުމުތަމަޢު އޮތް ޙާލު ސިފަކުރައްވަނީ ކިހިނެއްތޯ؟
އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ
ނެތް ނުކުރާކަ ކަމެއް މަދަރީންނޭ، ދެން ވެސް ކިޔަނީ އިސްލާމުންނޭ
މި އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި އަޅުގަނޑު ދެންނެވިން، ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގެ ޖައުހަރަކީ ކީރިތި ޤުރްއާން. އެއީ، މުސްލިމުންގެ ދުސްތޫރު. އަޅުގަނޑުމެން އެންމެން އެ ފޮތަށް ޢަމަލުކުރަން ޖެހޭ، އެ ފޮތާ އެއްގޮތަށް ދިރިއުޅެންޖެހޭ ﷲގެ ކަލާމްފުޅު. އަޅުގަނޑުމެން ކޮންމެ މީހަކު މަންމަގެ އުނގުން ފެށިގެން އެންމެ ފުރަތަމަ އުނގެނެނީ އެ މާތް ފޮތް. އެ ފޮތް އެންމެންނަށް ދައްކަނީ އެއް މަގު. އެއީ، ޙައްޤުގެ މަގު. އެ ފޮތް އަޅުގަނޑުމެން އެންމެންނަށް ދަސްކޮށް ދެނީ އެގޮތަށް. އެއީ، ކޮންމެ ކަމެއްގައި ވެސް އެންމެ ހެޔޮ ގޮތް.
ދެން ކީއްވެތޯ، މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ؟ ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން، އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ؟ ކީއްވެތޯ ކުޑަކުދީންގެ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތެނީ؟ ކީއްވެތޯ އަމިއްލަ ބުއްދިފިލައިދާ ފަދަ ޢަމަލުވުންތަކާއި، އަމިއްލަ ޤައުމު ހަލާކުވެދާ ފަދަ ބަދުއަޚްލާޤީ ޢަމަލުތައް އާންމުވަމުންދަނީ؟ ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުން ދަނީ؟ ކީއްވެތޯ ފިތުނައިގެ އަލިފާނުން މުޅި ޤައުމީ ފޭރާން އަޅިޔަށް ހަދާލާއިރު، އެއީ، މިނިވަންކަމުގެ ޙައްޤުކަމަށް ހީކުރެވެނީ؟ މި ކަންކަމާ އިސްލާމްދީނާ ކުޑަ ވެސް ގުޅުމެއް ނެތެއް ނޫންތޯ؟ ކަނޑައެޅިގެން ދީނާ ޚިލާފު ނޫންތޯ؟ މި ކަންކަމާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން އޮހޮރެމުންދަނީ ކިތައް އާއިލާގެ ކަރުނަތޯ؟ މިއީ، ކިތައް މުސްލިމު އަޚުން އުޚުތުންނެއްގެ ތަދާއި ލަދާއި ވޭނާއި ކެކުޅުންތޯ؟
މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގުހެދުމާއި، ދޮގު ޚަބަރުފެތުރުމަށް ބަލައިލިޔަސް، އެ ދެއްކެނީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި، އާޑަފުރައްސާރަޔާއި، ނެތިނުބައިކިޔުމުގެ ބާޒާރުގައި، އެތައް ބަޔަކު އަވަދިނެތި އެބައުޅޭ. ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް، ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގޭއިރު، އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ، މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ދީނީ އަޚްލާޤީ އިޖުތިމާޢީ މިންގަނޑުތައް ފުނޑުފުނޑުކޮށް، ފަނާކޮށްލަން ބައިވެރިވުމާއި، އެ ކަންކަމުން ނިކުންނާނެ ނުބައި ނަތީޖާ، އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ؟ ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުންއެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބައޮޑުވުމާއި، ނެތިނުބައިކިޔުމުގެ ސަބަބުން، ރޫޅި ކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟ މިފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާއި ކެކުޅުން، އެތައް ޒަމާނަކަށް، އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން، ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ. އަދި ކީއްތޯ؟ ބައެއްފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން، މުޅި ދިވެހި ދައުލަތަށް، އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި.
ޙަޤީޤަތުގައި އިސްލާމީ އުންމަތަށް ބަލާއިރު، މި ކަމަކީ މަދީނާގެ މުނާފިޤުން ފަށައިގަތް ކަމެއް. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ އިފްކުގެ ވާހަކައަކީ، މީގެ ވަރަށް ހިތްދަތި ޙަޤީޤަތެއް. އޭގެ ސަބަބުން ޚުދު ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށާއި، މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނަށް އުފުއްލަވަން ޖެހިވަޑައިގަތް އެތައް ތަކުލީފެއް އެއީ، ސިޔަރަތުން އަޅުގަނޑުމެން އަހައިފައިވާ ބާބެއް. ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ، މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން. އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔެއަށް ގެނެސްދެއްވި މޫރިތި، ރިވެތި އަޚްލާޤީ ސިފަފުޅުތަކުން. އަޅުގަނޑުމެން ކޮންމެ މީހަކު ވާންވީ، އަނެކާގެ ހިތަށް ފިނިކަމާއި ހަމަޖެހުން ގެނެސްދޭ މިތުރަކަށް، މުސްލިމަކަށް، ފުރިހަމަ މުއުމިނަކަށް.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
އަޅުގަނޑުމެން މުސްލިމުންނަކީ އަޅުގަނޑުމެންގެ ލޮލުން ބަލާބެލުމާއި، އަޅުގަނޑުމެންގެ ކަންފަތުން އަހާއެހުމާއި، އަޅުގަނޑުމެންގެ ދުލުން ބުނާ ބުނުމާއި، މިފަދަ ކޮންމެ ކަމެއްގައި މަސްއޫލުވެރި ބައެއް. މާދަމާ ﷲގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނެ ބައެއް. މިއީ، އަޅުގަނޑުމެން މުސްލިމުންގެ އީމާން. އަޅުގަނޑުމެންގެ އިޢުތިޤާދު. އެހެންވީއިރު، ދޮގާއި ފުރައްސާރަ ފެތުރުމުގެ ބާޒާރަކީ، އިސްލާމީ ސަގާފަތުން ޖާގަ ލިބިދޭނެ ބާޒާރެއް ނޫން. ނަމަވެސް، އިސްލާމްދީން ފެށިގަތް ދުވަސްވަރު ވެސް، މި ހުތުރު އާދަ ބަޔަކު ފަތުރަމުންދިޔަ. ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތް ވަނީ މުސްލިމުންގެ ސަމާލުކަމަށް އެކަން ގެނެސްދީފައި. އެ ގޮތުން، ދޮގާއި، ޣީބަޔާއި، ފުރައްސާރަ އުފުލާ ފާސިޤުން ގެންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން، އޭގެ ދޮގުތެދު ބެލުމަށް ކީރިތި ޤުރްއާން އިރުޝާދު ދެއްވާ. އިވޭ އިވުންތަކާ މެދު މަސްއޫލުވުމަށް، ފަރުވާތެރިވުމަށް އިލާހީ އަމުރުފުޅު އައިސްފައިވޭ. ހަމަ އެހެންމެ، ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭ. އެފަދަ ބަހެއް ނުލިބިއްޖިއްޔާ، ދެން އަންގަވަނީ އެއްޗެއް ނުބުނެ ހަނުހުންނަން. ސަބަބަކީ އިސްލާމްދީނަކީ ސަލާމަތުގެ ދީން ކަމަށްވުން. ފަސާދައިގެ ދީނެއްކަމަށް ނުވުން.
އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އަރިހުން އެދެނީ، ކީރިތި ޤުރްއާނާއި، މޫރިތި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް، މި ދިވެހި މުޖުތަމަޢު ބަދަލުކުރުމުގައި، ތިޔަ އެންމެ ބޭފުޅުންގެ ބައިވެރިވުން ދެއްވުން. އެ ގޮތުން، ތިޔައިން ކޮންމެ ބޭފުޅަކު ވެސް މި ވަގުތު މިތާނގައި އަމިއްލަ ނަފުސުގެ މައްޗަށް ވަޢުދުވެވަޑައިގަތުން. ދޮގުހެދުމާއި، ދޮގު ޚަބަރު ފެތުރުމާއި، އާޑަފުރައްސާރައިގެ ފިތުނަވެރި ޢަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުއްވުން. އަޅުގަނޑުމެންނަށް ﷲ ދެއްވާ ރިޒުޤާއި، މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަނުކުރެއްވުން.
ތިމާ މަތިވެރިވެގަންނާން އަނެކާ ނިކަމެތިކުރާން ހިތުހުރިހައި ކަމެއް ކުރާއިރު، ތިމާއަކީ ﷲގެ ޙަޟްރަތުގައި އަނެކާއަށް ވުރެ މަތިވެރި މީހެއްތޯ؟ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އަޅުގަނޑުމެންނަށް ދޫކުރެއްވި ވަޞިއްޔަތްޕުޅަކީ، މި ކަމުގައި ވެސް އޮތް އެންމެ ރަނގަޅު ގޮތް. އެ ކަލޭގެފާނު އުންމަތަށް ގޮވާލެއްވި. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ އެންމެ މާތް މީހަކީ ތަޤުވާވެރިކަން އެންމެ ބޮޑު މީހެކެވެ".
ވުމާއެކު، ތިމާއަށް އަނެކާގެ މައްޗަށް މަތިވެރިވެގަތުމަށް ހިތުހުރިހައި ކަމެއް ކުރުމުގެ ޖާގަ ލިބިގެނެއް ނުވޭ ނޫންތޯ؟ އަޅުކަމާއި، ރިވެތި އަޚްލާޤާއި، ތަޤުވާވެރިކަމުން މެނުވީ، އެ މަތިވެރިކަން ލިބޭނޭ ހަމަ އެއްވެސް ގޮތެއް ނެތެއް ނޫންތޯ؟
ދިވެހި ލޮބުވެތި ރައްޔިތުން؛
ދިވެހިރާއްޖެ އިސްލާމްކަންމަތީގައި 900 އަހަރު ހަމަކުރަން ދާއިރު، މިއަދަކީ ވީހާ ވެސް ފުންކޮށް މުޖުތަމަޢަށް ބަލައި ކަޅިހިންގާން އެންމެ މުނާސަބު ދުވަސް. އަނެއްކާ ވެސް ޅެންވެރިޔާގެ ސިފަކުރެއްވުމަށް ބަލައިލާނަން.
ބަދު އަޚްލާޤުން ހޯދާ ޝުހުރަތު، ލަދުތަދު ފިސްކޮށް ނައްތާ ޣީރަތު
މަދުއެތިކޮޅަކަށް ވިއްކާ ޢިޞްމަތު، ދެންވެސް ކިޔަނީ އިސްލާމުންނޭ
ދީނުގެ އަސްލެއް ނޭނގި އުސޫލެއް، އީމާންވާނޭ ނޭނގި ރަސޫލެއް
ސީދާ މަގު ނުމެކޮށްމެ ގަބޫލެއް، ދެންވެސް ކިޔަނީ އިސްލާމުންނޭ
އަދި ވެސް އެއްބައިތު ދަންނަވާލަން.
ތަރުހީބުދެނީ އޮތް ލަޢުނަތަކަށް، މަރުދީ ބަލަނީ އޮތް ބިދުޢަތަކަށް
ކަރުމަރު ހިފަނީ ނަމަ ރިޝްވަތަކަށް، ދެން ވެސް ކިޔަނީ އިސްލާމުންނޭ
އެހެންވީމާ، ދީނާ ބީރައްޓެހި ކިތައް މައްސަލައިގެ ތެރޭގައިތޯ އަޅުގަނޑުމެން އުޅެމުން މިދަނީ؟ މާތް ﷲ ނުރުއްސަވާ، އެކަލާނގެ ލަޢުނަތްލެއްވި އެތައް ކަމަކަށް ތަރުޙީބު ދެވޭކަން އެބަ އެނގޭ ނޫންތޯ. ދީނުގެ ނަމުގައި ގޯސް ކަންތައްތައް އެބަ ކުރެވޭ. ހިތްތަކުގައި އޮންނަން ޖެހޭ ނަޒާހަތްތެރިކަން ކޮބައިތޯ؟ ރިޝްވަތެއް ހޯދުމަށްޓަކައި ނަމަ، ފުރާނަދޭން ވެސް ފަސްނުޖެހޭކަމަށް ޅެންވެރިޔާ އެބަ ވިދާޅުވޭ.
ހަމަ އެހެންމެ، މި ހުރިހައި ކަމެއް ހިނގާއިރު، މާތްވެގެންވާ އިސްލާމްދީނުގެ ޙަޤީޤީ ތަރަހަތަކާއި، ފުން މާނަތައް އަދުގެ ޖީލަށް ދޭހަ ނުވާކަން ވެސް އެބަ ފާހަގަކުރައްވާ. ވީމާ، ރާއްޖެ އިސްލާމްވީ ދުވަހަކީ މި ހުރިހައި ކަމަކާ އަޅުގަނޑުމެން ހުރިހައި އެންމެން ވިސްނާންވީ ދުވަސް. މި ކަޅު ޞަފުޙާ އަނެއް ފުށަށް ޖަހައި، އަލި އުޖާލާ މުސްތަޤުބަލެއް ރާއްޖެއަށް ގެނައުމަށް އާ ޢަޒުމެއް ދިރުވަންވީ ދުވަސް.
އިއްތިފާޤުން މިއަދަކީ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ކަމުގައިވާތީ، އަޅުގަނޑު ދިވެހި މުދައްރިސުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެން ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން މި ރާއްޖެ ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުން ބިނާކުރަން ބޭނުންކަން ތަކުރާރުކޮށް އަޅުގަނޑު މިދަނީ ދަންނަވަމުން. އިންސާނިއްޔަތާއި، އަޚްލާޤާއި، މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނަވަން ބޭނުން. މި ކަމުގައި ތިޔަ ހުރިހައި މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުން. ދިވެހި ދަރީން، ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކޮށްދެއްވާ! ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ! މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން އަށަގަންނަވައިދެއްވާ! ހަމަ އެހެންމެ، މި ކަމުގައި ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަމަށްޓަކައި އަޅުގަނޑުމެން އާރާސްތުކުރަން ޖެހޭ އަޚްލާޤީ އެތައް ބިނާއެއް އެބަހުރި. އަޅުގަނޑުމެން ދިއްލަންޖެހޭ އެތައް ވޮށެއް، ރޯކުރަންޖެހޭ އެތައް ދަންމަރެއް އެބަހުރި.
އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި، އެއްރޫޙެއްގައި ގަދައަޅައި އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ފަށަމާތޯ! ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި، ހާލަތު ބަދަލުކުރުމަކީ، އަޅުގަނޑުމެންގެ ކަމެއް. ޙާލަތު ބަދަލުކޮށް، އިޞްލާޙަށް މަސައްކަތް ފެށުމުން، މާތް ﷲ އެ ކަމަށް ހެޔޮ ތައުފީޤު ދެއްވާނެ. އެހެންވީމާ، ޅެންވެރިޔާ ވިދާޅުވަނީ،
ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ޤައުމެއްގެ ޙާލާތެއް
ނުވާ ނަމަ ޤައުމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް
ލޮބުވެތި އެންމެހައި ރައްޔިތުން؛
މިއަދުގެ ޒުވާނުންގެ ޖީލަކީ ޖެންޒީ. ޖެންޒީގެ ވިސްނުންތައް، ތަޖުރިބާތައް އޭގެ ކުރީގެ ޖީލުތަކާ އިންތިހާޔަށް ތަފާތު. ވިސްނާގޮތާއި، ފިކުރުކުރާ ގޮތްތައް ވެސް ތަފާތު. ދުނިޔެއަށް އަލަށް އައި ޓެކްނޯލޮޖީއާއި، އެކި ކަހަލަ ކުރިއެރުންތައް، އިންސާނީ މުޖުތަމަޢުތަކުގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި. އޭގެ ތެރޭގައި، އިސްތިޢުމާރީ ޙަރަކާތްތަކުގެ ދައުރު ކުޑައެއްވެސް ނޫން. އަދި ދުނިޔޭގައި ހިނގާ ސިޔާސީ އިޤްތިޞާދީ އެކިއެކި އޮއިވަރުތަކުގެ ރޯލުވެސް ވަރަށް ފުޅާ. މި ބަދަލުތަކުގެ ތެރެއިން، ޖެންޒީއަކީ ތަޢުލީމު ލިބިފައިވާ ފަލްސަފާގެ ސަބަބުން އަމިއްލަ މިނިވަންކަމަށް އިންތިހާއަށް ބޭނުންވާ ޖީލު. ލުއި އަވަސް ގޮތްތައް ފަހިވި ޖީލު.
އެހެންކަމުން، މިއަދު އަޅުގަނޑުމެން ޒުވާނުން ބާރުވެރިކުރުވަން މަސައްކަތްކުރަމުން ދާއިރު، މިހިރީ ވިސްނާލަން ޖެހޭ ކަންކަން. މިއަދުގެ ޒުވާނުން ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށްޓަކައި، މިޒުވާން ޖީލުގެ ވިސްނުމާ ގުޅުވައިލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެޒުވާނުން ހަދަންޖެހޭ. ދިވެހީންގެ ތާރީޚާއި، ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތް ޙަޤީޤަތްތައް، އެ ޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެންޖެހޭ. އިސްލާމީ ޝަޚްޞިއްޔަތާއި، ދިވެހި ޤައުމިއްޔަތަކީ، އެ ޒުވާނުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭ. ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ތިމަންނާއަކީ ވެސް މި ޤައުމާ އެއްކޮޅަށް ބަސްބުނާން، މި ޤައުމުގެ ތަރައްޤީއަށްޓަކައި ދާ އޮހޮރުވާން ހުރި ޒުވާނެއްކަން ހިތުގެ އަޑިން ޤަބޫލުކޮށް، ކަމަރު ބަންނަ ޒުވާނަކަށް ހެދުމުގެ ޤައުމީ، ދީނީ މަސައްކަތް ކުރަން އެބަ ޖެހޭ. އަދި މި ޖީލުގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ. ޚާއްޞަކޮށް، އަޚްލާޤީ، ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭ.
ޤައުމަކަށް ރޫޙާނީ ހުސްކަމެއް ނުވަތަ އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އޭރުން އެ ބައެއްގެ ޟަމީރުގައި ހެޔޮނުބައި ކަނޑައެޅުމުގެ ބާރެއް ނޯންނާނެ. ދުނިޔޭގެ ވަޔާއި އޮޔާއެކު، އެ ބަޔަކަށް އަމާޒު ދައްކައިދޭ އާރުކާޓީއަކަށް އޭރުން ވާނީ ޝައިޠާނާ. ނުވަތަ އިންސާނާގެ ހަވާ ނަފުސު. މި ޙަޤީޤަތަށް ބަލާއިރު، މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ، މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުން. ދިވެހި ކޮންމެ ދަރިޔެއްގެ ރޫޙާނީ ފުދުންތެރިކަން ކަށަވަރުކުރަން އެބަޖެހޭ. އީމާނާއި ބުއްދިޔާއި ޢަމަލު އެއްފަސްކުރަން އެބަޖެހޭ. މި ކަމަށްޓަކައި މާތްވެގެންވާ އިސްލާމްދީން، އޭގެ ޙަޤީޤީ މާނައިގައި އުނގަންނައިދީ، މި މާތް ދީން ފޮނުއްވުނު މަތިވެރި މަޤްޞަދާ އެއްގޮތަށް، އެ ކަންކަން ދަސްކޮށްދޭން ޖެހޭ. ޢަމަލީ ގޮތުން ހާނަން ޖެހޭ. ދީނަކީ ގަބޫލުކުރުމާއި ޢަމަލުކުރުމެއް. ޙަޔާތުގެ ކޮންމެ ކަމެއް ކުރުމާއި ނުކުރުމުގައި، ގޮތް ނިންމާދޭ ޙުކުމްދާރަކީ މާތްވެގެންވާ އިސްލާމްދީންކަން، އަމިއްލަ ވިސްނުމުން ކޮންމެ ދިވެއްސަކަށްމެ ކަނޑައަޅާލަން އެބަ އެނގެންޖެހޭ. މި ދީނަށް އަޅުގަނޑުމެން އުޅޭކަމަށް ވާނީ، އަދި މި ދީނަށް އުޅޭތީ، މުޖުތަމަޢުން އޭގެ ސޫރައެއް، ސިފައެއް ފެންނާނީ އޭރުން. އަމާންކަމާއި، ރައްކާތެރިކަމާއި، ދެ ދުނިޔޭގެ ސަލާމަތް ކަށަވަރުވާނީ ވެސް އޭރުން.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
ވަރަށް ޚުލާޞާކޮށް ދަންނަވަންޏާ އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން ދުނިޔޭގައި އުޅެން ނިންމި ގޮތަށް ކިޔަނީ އިސްލާމްދީނޭ. އެހެންވީމާ، އެ ދީނަށް އުޅުމުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަންވާނެޔޭ. އެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ، އެ ދީނަށް އުޅެވޭ ނިސްބަތެއްގެ މައްޗަށޭ. އެ ދީނަށް ތަބާވެވޭ މިންވަރެއްގެ މައްޗަށޭ. އެ ދީން ދޭހަވާ، ފަހުމުވާ ފުންތިލަ މިނެއްގެ މައްޗަށޭ. ކަސްރަތުކުރާ މީހާގެ ހަށިގަނޑަށް ބަދަލު އަންނަނީވެސް، އޭގެ ފިޔަވަޅުތައް އޭނާ ތަންފީޒުކުރި މިންވަރެއްގެ މައްޗަށޭ. އެކަން ބިނާވެފައި އޮންނަނީ، އޭނާގެ ވިސްނުމާއި ފިކުރާއި، ދިރިއުޅުމުގެ އާދަތައް އެކަމަށްޓަކައި ބަދަލުކޮށް، ވަކި ނަތީޖާއެއް ހޯދުމަށް ވާ ޤުރުބާނީތަކެއްގެ މައްޗަށޭ. ފަހަރެއްގައި ވެސް ދުލުކުރިން ކިޔާލާ އިރުޝާދުތަކެއްގެ މައްޗަކަށް ނޫނޭ.
މިގޮތުން ބަލާއިރު، އަޅުގަނޑުމެން މި މާތް ދީނަށް އުޅުމުގައި، އަޅުގަނޑުމެން ދުލުން ވާ އިޤުރާރާ އެއް ގޮތަށް، ހިތުގެ ނިޔަތާއި ޢަމަލުތައް ބައްޓަންކުރަން ޖެހޭ. މަގުމަތީގެ މައްސަލަތައްވެސް ހައްލުވާނީ އޭރުން. ބަދުއަޚްލާޤީ މައްސަލަތައް ހައްލުވާނީ އެ ގޮތުން. މަސްތުވާތަކެއްޗާއި، މާރާމާރީއާއި، އިންސާނުންގެ ފުރާނައަށް ގެއްލުންދެވޭ ފަދަ ޢަމަލުތައް މަދުކުރެވޭނީވެސް މި އުސޫލުން. ޤައުމަށް ޚިޔާނާތްތެރިވުމާއި، ރައްޔިތުންގެ މުދާ ނުޙައްޤު ގޮތުގައި ބޭނުންކުރުން ހުއްޓިގެންދާނީ ވެސް ހަމަ އޭރުން.
ވިސްނައިލައްވާ! އަޅުގަނޑުމެން ރެޔާއިދުވާލު ހަމައެކަނި ފަރުޟު ފަސް ނަމާދުކުރިޔަސް، އެ ކުރެވެނީ 17 ރަކްޢަތް. މިއިން ކޮންމެ ރަކްޢަތެއްގައި އަޅުގަނޑުމެން ސޫރަތުލްފާތިޙާ އެބަ ކިޔަވަމު. އަލްޙަމްދު ސޫރަތް އެބަ ކިޔަވަމު. ހަމައެކަނި އެ ސޫރަތުން އަޅުގަނޑުމެން ވާ އިޤުރާރަކީ، އަދި ﷲގެ ޙަޟްރަތުގައި އަޅުގަނޑުމެން އެދި ދަންނަވާ ދެންނެވުންތަކަކީ ކޮބައިތޯ؟ ޢާލަމްތައް އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ކަމަށާއި، ހުރިހައި ޙަމްދެއް މިލްކުވެވޮޑިގެންވާ ކަމަށް އިޢުތިރާފުވަމު. އެކަލާނގެ ރަޙްމާންވަންތަކަމާއި ރަޙީމުވަންތަކަމަށް އިޢުތިރާފުވަމު. "مَالِكِ يَوْمِ الدِّينِ" މިއާޔަތުން ޤިޔާމަތް ދުވަހުގެ ވެރިރަސްކަލާނގެ ކަމަށް އިޢުތިރާފުވަމު. މުރާދަކީ ނަރަކައާއި ސުވަރުގެ އެއީ ޙަޤީޤަތް ކަމަށް، ނަރަކައަށް ބިރުވެތިވާ ކަމަށް، ސުވަރުގެއަށް ދަހިވެތިވާ ކަމަށް އެބަ ދެންނެވޭ. "إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ" މި އާޔަތުން އަޅަމެން އަޅުކަންކުރަނީ އިބަ ރަސްކަލާނގެއަށް ކަމަށާއި، ވާގިއެދެނީ އެކަލާނގެ ޙަޟްރަތުން ކަމުގައި އެބަ ދަންނަވަމު. އެހެންވީމާ، ނުބައި ނުފޫޒުތަކަށް ބޯލަނބައި، ނުޙައްޤު ޢަމަލުތައް ކުރަންޖެހޭ ސަބަބެއް ނެތެއް ނޫންތޯ؟ ހަމަ އެހެންމެ، ދެން ބައްލަވާ! "اهْدِنَا الصِّرَاطَ الْمُسْتَقِيمَ" މި އާޔަތުން އަޅުގަނޑުމެން މި އެދި ދަންނަވަނީ، ﷲގެ ޙަޟްރަތުގައި އިޢުތިރާފުވަނީ އެކަލާނގެ ދެއްކެވި މަގަކީ ސީދާވެގެންވާ ތެދުމަގުކަން. އެ މަގުގައި ދެމިހުންނަން ބޭނުންވާކަން. މިއާ ވިދިގެން އަނެއްކާ އިތުރަށް ބާރުލައި އެބަ ދަންނަވަމު. "صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ." (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.
އެހެންވީމާ، ނިކަން ވިސްނައި ފިކުރުކޮށްލައްވާ! މުސްލިމުންކަމަށް ބުނަމުން އަޅުގަނޑުމެންނަށް މި އުޅެވޭ ގޮތް. ރެޔާއި ދުވާލު މަދުވެގެން 17 ފަހަރު އަޅުގަނޑުމެން މި ކަންކަމަށް ޢާލަމްތަކުގެވެރި ރަސްކަލާނގެ ޙަޟްރަތުގައި އެބަ އިޢުތިރާފުވަމު. ހެޔޮ މަގަށް މަގުދެއްކެވުމަށް އެބަ ދަންނަވަމު. އެކަމަކު ދުލުން މި ބަސްތައް ކިޔުން ފިޔަވައި، ދެން ފެންނަނީ ކޮން ކަހަލަ ޢަމަލުތަކެއްތޯ؟ މުސްލިމު އަޚާގެ، އުޚްތާގެ އަބުރާއި ޢިއްޒަތަށް ރައްކާތެރިވަމުތޯ؟ އެކުއުޅޭ އެކުވެރީންނާއި، ގާތްތިމާގެ މީހުންގެ ޢައިބުތައް ވަންހަނާކޮށްދެމުތޯ؟ ކާބޯތަކެތި ހޯދޭ ގޮތާއި، ބޭނުންކުރެވޭ ގޮތުގެ ޙަލާލް ޙަރާމް ވަކިކުރަމުތޯ؟ އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ ނަމޫނާއެއް ކަމުގައި އަމިއްލަ ނަފުސު ޒީނަތްތެރިކުރަމުތޯ؟ ހިތް ނިޔަތް ރަނގަޅުކޮށް، އެހީތެރިކަން އިތުރުކޮށް، އިސްލާމްކަމުގެ މާނަ އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކުން އެބަ ތަސްވީރުކޮށްދެމުތޯ؟
ދިވެހި ލޮބުވެތި ރައްޔިތުން؛
ދިވެހިރާއްޖެ އިސްލާމްވީ ދުވަހު އަޅުގަނޑު މި ދަންނަވާލީ މައިގަނޑު ތިން ވާހަކައެއް. އެއީ، މާތްވެގެންވާ އިސްލާމްދީން ދުނިޔެއަށް ފޮނުއްވި މާތް ﷲ، އެކަލާނގެ ފޮތުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތުގެ ވާހަކަ. ދެވަނަ ވާހަކައަކީ، އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު ޢަމަލުތަކުގެ ވާހަކަ. ތިންވަނަ ވާހަކައަކީ، މި ކަންކަން އިޞްލާޙުކުރުމުގައި އަޅުގަނޑުމެން ޢަމަލު ކުރަންވީ ގޮތުގެ ވާހަކަ. މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ އަޅުގަނޑުމެންގެ އިހުގެ ދިވެހީންނާ މެދު ވިދާޅުވަނީ ކީކޭތޯ. "މިރަށުގެ އަހުލުވެރީންނީ ސުލްހަވެރިކަމާއި، ދީންވެރިކަމާއި، އީމާންކަމުގެ ސައްހަކަމާއި، ނިޔަތް ތެދުކަމާއި، މިއެންމެހައި ކަންތައް ހުރި ބައެކެވެ. އެމީހުންގެ ކެއުމީ ހަލާލު ކެއުމެވެ. އެމީހުންގެ ދުޢާ އިޖާބައެވެ.
އެހެންވީމާ، އަޅުގަނޑުމެން އިއާދަކުރަން މި ޖެހެނީ އެ ސިފަތައް. އަޅުގަނޑުމެން ލިބިގަންނަން މި ޖެހެނީ އެ މަތިވެރި އަޚްލާޤު. އެއީ، ފުރިހަމަ މުސްލިމުންނަށް ވުމަށްޓަކައި. ޙައްޖު ސޫރަތުގެ 41 ވަނަ އާޔަތުގައި މާތް ﷲ ސިފަކުރައްވައިފައި އެ ވާފަދަ މުސްލިމު ޤައުމަކަށް ވުމަށްޓަކައި.
މިއަދު އަޅުގަނޑު ދިވެހި އުންމަތަށް އިލްތިމާސްކުރަނީ، ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވުމަށް. ފުރިހަމަ މާނައިގައި ﷲއަށް ކިޔަމަންވެ ބިރުވެތިވުމަށް. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްފުޅުގައިވާ ފަދައިން، ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އެހެނިހެން މުސްލިމުން ސަލާމަތްކުރާ މީހަކަށް ތިމާ ވުމަށް. މުސްލިމެއްގެ ސިފައާއި ސޫރައަކީ އަދި ކޮލިޓީއަކީ އެއީ.
މި ގޮތުގައި އޯގާވަންތަ ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! މި ލޮބުވެތި ވަޠަން އިސްލާމްދީނުގެ ހިޔަލުގައި، މިނިވަންކަމުގެ އުފަލުގައި އަބަދުމެ ލަހައްޓަވާށި! ޚުލްޤުހެޔޮ، ތަހުޒީބު ދިވެހި ޖީލުތަކެއްގެ މާދަމާއަކަށް ދިވެހި އުދަރެސް އަލިކުރައްވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.