ޤައުމާއި މުޖުތަމަޢުގައި ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެ ޒުވާނުން ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންގެ ތާރީޚާއި، މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމި އޮތް ޙަޤީޤަތްތައް ޒުވާނުންނަށް ވިސްނޭގޮތަށް އަންގައިދޭންޖެހޭކަމަށާއި، އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭކަމުގައެވެ.

އަދި ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ކޮންމެ ޒުވާނަކީ ޤައުމާ އެއްކޮޅަށް ބަސްބުނެ ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ޒުވާނަކަށް ހެދުމުގެ މަސައްކަތްކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ޒުވާން ޖީލުގެ އަޚްލާޤީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރަން ޖެހޭކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ތިން ވާހަކަފުޅެއް ހިއްސާކުރައްވާފައިވެއެވެ. އެއީ އިސްލާމްދީނުގައި އަދި ކީރިތި ޤުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތާއި، އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު ކަންކަމާއި އަދި އެ ކަންކަން އިޞްލާޙުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ވާހަކަފުޅެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.