ދިވެހި މުޖުތަމަޢަކީ ޤުރްއާނާ ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް ބަދަލުކުރުމުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން، އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވެތިބުމަށް ވެސް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބެއްކަމަށް ފެންނަން އޮތީ އިސްލާމްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ، ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައިވާ ދުވަސްވަރަކީވެސް މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮގު ހެދުމާއި ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުމަށާއި ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ދަޢުލަތާއި ސަރުކާރުގެ އިސްވެރިންވެސް މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ވެސް އޮތެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.