ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން، ޤަދަރުވެރި، ޚިދުމަތްތެރި، ޝަޚްޞިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަން ފާހަގަކުރައްވާފައި ވެއެވެ.

މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެއްކަމާއި ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އެ މަރުޙޫމް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.