ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ޚާރިޖީ ވަޒީރު އަދި މިނިސްޓަރ އޮފް ރޭސިންގ ވިންސްޓަން ޕީޓަރސްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދެވީ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގައެވެ. އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުން ފަދަ، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާ ތަކާމެދު މަޝްވަރާކުރައްވާފައެވެ. އަދި ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން އަންނަ އޮކްޓޯބަރު މަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަޤުވާމި ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް ދަޢުވަތުދެއްވާފައެވެ. މީގެއިތުރުން ތަޢުލީމީ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާދެއްވިއެވެ.

އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.