‎‎ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ. ގޫގުލް އޮފީހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތް އެވެ.

‎ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.