ފަލަސްޠީނުގެ ކަންކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަންދެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި އެންމެހާ ދިވެހި ރައްޔިތުން ފަލަސްޠީނު ރައްޔިތުންނާއި ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައެވެ. އެގޮތުން މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިޔަށްއޮތްތަނުގައިވެސް ފަލަސްޠީނު ރައްޔިތުންގެ މައްސަލައިގައި ދިވެހިރާއްޖެއިން ތާއީދު އޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރެއެވެ. ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެމެހެއްޓެނިވި އަސާސަކަށްވެފައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާފާއި އިންސާނީ ޙައްޤުތަކަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. މިއަހަރު ކުރީކޮޅު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރަކުން، ފަލަސްޠީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. މި ގަރާރު ވަނީ އދ.ގެ އާންމު މަޖިލީހުން ބަލައިގަތުމަށް ނިންމާފައެވެ.
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްޠީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫ.އެން.އާރ.ޑަބްލިއު.އޭ. އާއި ޙަވާލުކޮށްފައެވެ.