بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އަޅުގަނޑު ނިލަންދެއަތޮޅު އުތުރުބުރިއަށް ކުރާ ދަތުރުގައި، އެ އަތޮޅުގެ ވެރިކަންކުރާ ރަށް މަގޫދުއަށް އާދެ، ތިޔަބޭފުޅުންގެ ރަށަށް ޒިޔާރަތް ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު މިއަތޮޅަށް މިކުރާ ދަތުރަކީ، މީގެ ކުރިން ރާއްޖޭގެ އެހެން އަތޮޅުތަކަށް ކުރިފަދައިން، އަދި މީގެކުރިން މި އަތޮޅަށްވެސް ކުރިފަދައިން، ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލުއަޙުވާލު ބަލައިލުމަށްޓަކައި ކުރާ ދަތުރެއް. ރާއްޖެތެރޭގައި ދިރިއުޅޭ ދިވެހި ރައްޔިތުން ދިރިއުޅެމުން ގެންދަނީ ކިހިނެއްތޯ، މިހާރު އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ކޮބައިތޯ، އެމީހުންގެ ޚިދުމަތުގައި ސަރުކާރުން މިހާރު ހިންގަމުންގެންދާ ކަންތައްތަކަކީ ކޮބައިތޯ، އަދި އެކަންތައްތަކަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައިލުމަށް ކުރާ ދަތުރުތަކެއް އަޅުގަނޑު މިކުރަނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރެއަށް ވަރަށްގިނަފަހަރު އަޅުގަނޑު ދަތުރުކޮށްފިން. ރާއްޖެތެރޭގައި މީހުން އުޅޭ ކޮންމެ ރަށަކަށް މަދުވެގެން އެއްފަހަރު އަޅުގަނޑު ހިނގައްޖައީމު. ވަރަށް ގިނަ ރަށްރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު މިހާރު އަޅުގަނޑަށް ޒިޔާރަތް ކުރެވިއްޖެ.

އާދެ، މަގޫދުއަށް މީގެކުރިން އަޅުގަނޑު ޒިޔާރަތް ކުރިކަން މިތާނގައި މި ތިއްބެވި ވަރަށް ގިނަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ. މިދޭތެރެއިން މަގޫދުއަށް ޒިޔާރަތް ނުކުރެވި ދުވަސްތަކެއް ހިނގައްޖެ. އާދެ، ގާތްގަނޑަކަށް 9 އަހަރު ހިނގައްޖެ. އެއީ، އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުން. އަޅުގަނޑު ރާއްޖެތެރެއަށް ކިތަންމެ ގިނަގިނައެއްކޮށް ދަތުރުކުރަން ބޭނުންވިޔަސް، އަޅުގަނޑަށް ފުރުޞަތު ނުލިބޭތީ ދަތުރުނުކުރެވެނީ. އަޅުގަނޑު ބޭނުންވާހާ ގިނައިން ރާއްޖެތެރެއަށް ދަތުރުނުކުރެވުނު ކަމަކު، ރާއްޖެތެރޭގެ މަޢުލޫމާތުތައް އަޅުގަނޑު ދަނީ އަބަދުވެސް ހޯދަމުން. ކަމާބެހޭ މިނިސްޓްރީން އަޅުގަނޑަށް ހުރިހާ މަޢުލޫމާތުތަކެއް ދެއްވާ. އަދި މިހާރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް ޢަބްދުﷲ ޖަމީލް މިކަން ވަރަށް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ކޮށްދެއްވާ. އަދި އޭގެކުރިން މިނިސްޓަރު ކަމުގެ މަޤާމުގައި ވަރަށް ގިނަ ދުވަސް ވަންދެން ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުވެސް ވަރަށް ގިނަގިނައިން ރާއްޖެތެރެއަށް ޒިޔާރަތް ކުރައްވައި، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތް ގޮތް ބައްލަވައި، ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލު އަޙުވާލު އަޅުގަނޑަށް ގެނެސްދެއްވާ.

އާދެ، ރާއްޖެ މިދަނީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް. ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއްވެސް އެބައާދޭ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ވިސްނައިލިޔަސް، އެބަދަލުތައް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އެންމެ ކުރީ ޒަމާނުގައި އަޅުގަނޑުމެންނަކީ ހަމައެކަނި މަސްވެރިކަން ކޮށްގެން ދިރިއުޅުނު ބައެއް. މަސްވެރިކަމާއި ދަނޑުވެރިކަން އެއީ، ރާއްޖޭގައި ޢާންމުކޮށް ކޮށްއުޅުނު މަސައްކަތްތަކަކީ. އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ޓޫރިޒަމް ތަޢާރުފްވެއްޖެ. އެ މަސައްކަތަކީވެސް ވަރަށް މުހިންމު އިޤްތިޞާދީ މަސައްކަތަކަށް މިހާރު އެއޮތީ ވެފައި. ޓޫރިޒަމްގެ މަސައްކަތުން ރާއްޖޭގެ ވަރަށް ބޮޑު ބަޔަކަށް ތަނަވަސްކަން ލިބެމުން މިހާރު އެބަދޭ. އޭގެ އިތުރުން، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށުގައި މީހުންކުރާ މަސައްކަތްތަކަށްވެސް ބަދަލުތަކެއް މިހާރު މިދަނީ އަންނަމުން. ފ. އަތޮޅުގެ ގިނަ ރަށްރަށުގެ މީހުންނަކީ، ފިރިހެނުންނަކީ ވެލިގާ ނެގުމުގެ މަސައްކަތުގައި އުޅޭ ބައެއް. އޭގެ އިތުރުން، މަސްވެރިކަމުގެ ބައެއް އާ ކަންތައްތައްވެސް މިހާރު ކުރަމުން އެބަ ގެންދޭ. ހުއިފިލަނޑާގެ މަސައްކަތް، ގާހަކައިގެ މަސައްކަތް، މި ހުންނަނީ ހައްތާވެސް އާމްދަނީ އިތުރުކުރުމަށްޓަކައި ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތައް. އަދި ދުނިޔެ ބަދަލުވަމުންދިޔަދިޔަހެން ރައްޔިތުންގެ މަސައްކަތަށް އަންނަ ބަދަލުތަކެއް.

އާދެ، ރައްޔިތުން ދިރިއުޅުމަށްޓަކައި ކޮންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް، އެ މަސައްކަތެއް ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުމަކީ ވަރަށް ބޭނުން ކަމެއް. ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ އާމްދަނީ އިތުރުކުރަން ބޭނުންވާނެ. އެއީ، ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިގެންދާ ގޮތުން، ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރެވޭތޯ ބަލާނެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކުދިންނަށް ކިޔަވައިދެވޭތޯ ބަލާނެ. އަދި އެމީހަކު ނުވަތަ އެމީހެއްގެ ޢާއިލާ މީހުން ބަލިވެއްޖިއްޔާ ބޭސްކޮށްދެވޭތޯ ބަލާނެ. ތަންކޮޅެއް ރަނގަޅު ފެންވަރަކަށް ގެދޮރު ހެދޭތޯ ބަލާނެ. އަދި މިނޫންވެސް ދިރިއުޅުމުގެ ތަފާތު ބޭނުންތައް ފުއްދޭތޯ ބަލާނެ. މި ހުރިހާ ކަމަކަށް ޚަރަދުކުރަން މިޖެހެނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން.

އެހެންވީމާ، ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅުމަށް އެކުރަނީ ކޮންމެ މަސައްކަތެއް ކަމުގައިވިޔަސް، އެ މަސައްކަތެއް ވީހާ ފަރުވާތެރިކަމާއެކުގައި، ވީހާ ރަނގަޅަކަށް ކުރެވޭތޯ ބަލަންވާނެ. އެ މަސައްކަތަކުން އެމީހުންނަށް ލިބޭ އާމްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރެވޭތޯ ބަލަންވާނެ. އާދެ، އެއީ އަޅުގަނޑުމެން މިއަދު އެންމެންވެސް ޤަބޫލުކުރަންވީ ޙަޤީޤަތަކީ. އަދި ޚާއްޞަކޮށް، ތިޔަބޭފުޅުން މިހާރު އައްސަވާނެ ޤަލްފުގެ ވާހަކަ. ޤަލްފުގައި މައްސަލަގަނޑެއް އުޅޭ ވާހަކަ. އަދި އެކަންތައްތައް ދާގޮތުން ފަހަރެއްގައި ހަނގުރާމަޔަކާ ހިސާބަށް ކަންތައްތައް ހިނގައިދާނެ ވާހަކަވެސް ތިޔަބޭފުޅުން ވާނީ ރޭޑިޔޯއިން އައްސަވާފައި.

އާދެ، ހަނގުރާމައެއް ފެށޭކަން ނުވަތަ ނޫންކަން އެއީ، އެކަކަށްވެސް ބުނަން އެނގޭ އެއްޗެއް ނޫން. އަޅުގަނޑުމެން ތައްޔާރުވާންޖެހޭނީ އެންމެ ނުބައިގޮތަށް ވިސްނާފައި. އެއީ، ހަނގުރާމައެއް ފެށިދާނެ ކަމަށް އަޅުގަނޑުމެން ބަލަންޖެހޭނީ. ފެށިއްޖިއްޔާ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. އަދި އެ އަސަރުތައް ފިލުވައިލުމަށް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ދަތިތައް ފިލުވައިލުމަށް ކުރެވޭނީ ކޮންކޮން މަސައްކަތްތަކެއްތޯވެސް އަޅުގަނޑުމެން ބަލައި، އެ މަސައްކަތްތައް ޖެހޭނެ ކުރަން. ހަމަ މިހާރުން ފެށިގެން.

އާދެ، އޭގެތެރެއިން އެންމެ ބޮޑުކަމަކީ ތެލަށް ކުރިމަތިވެދާނެ ދަތިކަން. މިހާރު އެ މައްސަލަ ދިމާވެގެން އުޅޭ ސަރަޙައްދަކީ، ޤަލްފުގެ ސަރަޙައްދަކީ ދުނިޔޭގައި ތެޔޮ އުފައްދާ ތަންތަނުގެ ތެރެއިން ވަރަށް ގިނަ ޢަދަދަކަށް ތެޔޮ އުފައްދާ މަރުކަޒެއް. އެތާނގައި ހަނގުރާމައެއް ހިނގައިފިނަމަ، އެތަނުން މުޅި ދުނިޔެއަށް އެ ފޮނުވާ ތެޔޮ ފޮނުވުން ވަގުތީގޮތުން ނަމަވެސް ހުއްޓޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ ތެޔޮ އަދި އަޅުގަނޑުމެން މިގެންނަނީ ސީދާ އެހިސާބުން ނޫންކަމުގައިވިޔަސް، އަޅުގަނޑުމެން ތެޔޮ ގަންނަ ފަރާތްތަކަށްވެސް ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން، މުސްތަޤްބަލްގައި ހަނގުރާމަ ހިނގަމުންދާ ދުވަސްވަރު އަޅުގަނޑުމެންނަށް ތެޔޮ ލިބުން ދަތިވުމަކީ އަދި ތެލުގެ އަގު މައްޗަށް ދިޔުމަކީވެސް ހަމަ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އެހެންކަމުން، އެކަމާ ދޭތެރޭގައި މިހާރުއްސުރެ އަޅުގަނޑުމެން ފިޔަވަޅު އަޅަންވެއްޖެ. އަޅުގަނޑުމެން ތެލުގެ ބޭނުންކޮށްގެން ވަރަށް ގިނަ ކަންތައްތަކެއް އެބަ ކުރަމުން ގެންދަމު. ކަރަންޓް އުފައްދަނީވެސް ތެލުން. އަޅުގަނޑުމެންގެ މަސްދޯނިފަހަރުގައި އަޅާފައި ހުންނަ އިންޖީނު، އެ ހިންގަނީވެސް ތެލުން. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ޓޫރިޒަމްގެ މަސައްކަތް ހިނގާއިރު، ވަރަށް ބޮޑު ބައެއް ތެލުގެ މައްޗަށް ބިނާވެފައި އޮވޭ. މިހެންގޮސް އަޅުގަނޑުމެންގެ އާދައިގެ ދިރިއުޅުމުގައިވެސް ވަރަށް ގިނަ ކަންތައްތައް ތެލުގެ މައްޗަށް ބިނާވެފައި އެބައޮތް. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އިންޖީނުލީ އެއްޗެތި ދުއްވާ. އެއްގަމުގައި ދުއްވާ އެއްޗެއްސާއި، ކަނޑުގައި ދުއްވާ އެއްޗެތި، މި ހުރިހާ އެއްޗެހިވެސް މި ދުއްވަނީ ތެލުގެ ބާރުން.

އެހެންވީމާ، ތެލަށް ދަތިކަމެއް އަތުވެއްޖިއްޔާ، އަޅުގަނޑުމެންގެ ކަންތަކަށް ކޮންމެވެސްވަރެއްގެ ހުއްޓުމެއް އަންނާނެ. މިހާރުއްސުރެ އަޅުގަނޑުމެން ވެއްޖެ ޚަރަދު ކުޑަކުރަން. އަޅުގަނޑުމެން ބޭނުންކުރާ ތެލުގެ ޢަދަދުވެސް ވެއްޖެ މަދުކުރަން. އަދި މުސްތަޤްބަލްގައި އަޅުގަނޑުމެން ކުރާ ޚަރަދުތައް ކުޑަކޮށްގެން ނޫނީ ހަނގުރާމައެއްގެ ސަބަބުން ދިމާވާ އިޤްތިޞާދީ އަސަރުތަކުން އަޅުގަނޑުމެންނަކަށް ސަލާމަތެއް ނުވެވޭނެ.

އާދެ، މި ނުކުތާގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެބައޮތް. އެއީ، ދިވެހީންގެ ބައެއް މީހުންނަށް މިހާރު ހީވަނީ ޤަލްފުގައި ހަނގުރާމައެއް ފެށިއްޖެނަމަ، ކާޑަށްވެސް ދަތިވެދާނެހެން. އެހެންނަމަވެސް، އެއީ ޙަޤީޤަތެއް ނޫން. އިރާދަކުރެއްވިއްޔާ، ކާޑަކަށް ނުޖެހޭނެ. ކާޑަކަށް ދައްޗެއްނުވާނެ. ހަނޑޫ، ހަކުރު، ފުށް އަބަދުވެސް ރާއްޖޭގައި އެ ހުންނަ ފެންވަރަކަށް އެ ހުންނަވަރަކަށް މިހާރުވެސް އެބަހުރި. އަދި ހަނޑުލަށް ކުރިއަށް އޮތް ހަމަސްދުވަހަށް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި. އާދެ، އެހެންވީމާ، ކޮންމެހެން މިހާރު މާގިނަ ޢަދަދުތަކަކަށް ކާޑުގެ ބާވަތްތައް ގަނެ، އެ ރައްކާކުރުމުގެ މާބޮޑު ބޭނުމެއް ނެތް. އެހެން ހެދީމާ އެއިން ނުކުންނާނީ އަޅުގަނޑު ހިތުން ރަނގަޅު ނަތީޖާއެއް ނޫން. އޭރުން އެ ކާޑުގެ ބޭނުންވެގެން ދެން އުޅޭ މީހުންނަށް އެ ނުލިބޭ ގޮތް ދިމާވެދާނެ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ޢަމަލުނުކޮށް، ސަރުކާރުން އެ އަންގަވާ ގޮތަކަށް ކަންތައް ކުރުމަކީ، މިކަހަލަ ދަނޑިވަޅެއްގައި ވަރަށް މުހިންމު ކަމެއް.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް މި އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވަމުން. އެކި ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ފިކުރުކޮށް، އަލަށް މި ކުރިމަތިލާ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކެއްވެސް އަޅުގަނޑުމެން އެބަޖެހޭ ހޯދަން. އޭގެތެރެއިން އެއްކަމަކީ ތިމާވެށްޓަށް މި އަންނަ ބަދަލުތައް ނުވަތަ އަންނާނެ ކަމަށް ޤަބޫލުކުރެވޭ ބަދަލުތައް. އޭގެތެރެއިން އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ ސީދާގޮތެއްގައި އޭގެ އަސަރު ފޯރާނެ ބަދަލަކީ، ޖައްވު ހޫނުވަމުންދިޔަ ދިޔުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވާ އުސްވުން. ނުވަތަ އުސްވާނެކަމަށް ސައިންޓިސްޓުން ބުނާބުނުން. ސައިންޓިސްޓުން އެހެން އެ ބުނަނީ ވަރަށް ގިނަ ހޯދުންތަކެއް ހޯދާފައި.

އެހެންވީމާ، އަޅުގަނޑުމެން މުސްތަޤްބަލްގައި އެބަ ވިސްނަންޖެހޭ. މި ދެންނެވީ މިހާރަކުނޫން. ކުރިއަށް އޮތް އަދި ފަސްއަހަރު ނުވަތަ ދިހައަހަރު ދުވަހުގެ ތެރޭގައި މިއިން ކަމެއް ފެންނާނެ ކަމެއް ނޭނގެ. އެހެންނަމަވެސް، 20 އަހަރު ފަހުން، ނުވަތަ 30 އަހަރު ފަހުން ނުވަތަ 50 އަހަރު ފަހުން ނަމަވެސް، ސައިންޓިސްޓުން މިހާރު އެ ބުނާ ހިސާބަށް ކަނޑުގެ ލޮނުގަނޑު އުސްވެއްޖެނަމަ، އަޅުގަނޑުމެންގެ މި ޖަޒީރާ ރަށް، ޤައުމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ. އަޅުގަނޑުމެންގެ ރަށްތަކުގެ ފަސްގަނޑު ވަރަށް ތިރި. ދެތިން ހަތަރު ފޫޓު މި ހުންނަނީ. ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި މާ އުސް ބިންތައް ހުރޭ. އެހެންވީމާ، އެ ތަންތާނގެ މީހުންނަށް އަދި ކަނޑުގެ ލޮނުގަނޑު އުސްވިޔަސް މާބޮޑު އަސަރެއް ނުކުރާނެ. އެ މީހުންނަށް ގޮނޑުދޮށް ދޫކޮށްލާފައި ތަންކޮޅެއް އުސް ތަންތާނގައި ދިރިއުޅެން ދެވިދާނެ. ކަންދިމާވި ގޮތުން ނުވަތަ އަޅުގަނޑުމެންގެ ނަޞީބު ދެރަކަމުން ރާއްޖޭގައި އެކަހަލަ އުސް ތަންތަނެއް ނެތް.

އެހެންވީމާ، އަޅުގަނޑުމެން މިހާރުއްސުރެ ހަދަންވީ ގޮތަކީ، އަޅުގަނޑުމެންގެ މި ފަސްގަނޑުތިރި ޖަޒީރާތައް ރައްކާތެރިކުރުމަށް އަޅަންޖެހެނީ ކޮންކޮން ފިޔަވަޅެއްތޯ ބަލާފައި، އެ ފިޔަވަޅުތައް އަޅަންފެށުން. އެއީ، އަޅުގަނޑުމެން މިހާރު ކުރަންވީ ކަމަކީ. އާދެ، އޭގެތެރެއިން ވަރަށް ގިނަ ކަންތައްތަކުގެ ވާހަކަ މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރޭޑިޔޯ ޕްރޮގްރާމްތަކުގައިވެސް އެ ވާހަކަތައް އެބަ ކިޔާ. އަދި އެކިއެކި ބޭފުޅުން، އެކިއެކި ޖަލްސާތަކުގައި ދެއްވާ ތަޤުރީރުތަކުގައިވެސް އެވާހަކަ ވިދާޅުވޭ. އަދި އަޅުގަނޑަށްވެސް މީގެ ކުރިން ވަރަށްގިނަފަހަރު މި ވާހަކަވަނީ ދެކެވިފައި. އެ ވާހަކަތައްވެސް ތިޔަބޭފުޅުން އައްސަވާނެ. އަޅުގަނޑުމެންގެ ޖަޒީރާތައް ސަލާމަތްކުރުމަށްޓައި ރަށުގެ ވަށައިގެން ހޭޅި ހެއްދުން އެއީ، ވަރަށް މުހިންމު ކަމެއް. ގިނަ ޢަދަދަކަށް ރަށުގައި ގަސްއިންދުން، ރަށުގައި ރުއްގަސް ގިނަކުރުމަކީ ފަސްގަނޑު ހިފަހައްޓާނެ ކަމެއް. މުސްތަޤްބަލްގައި ފަސްގަނޑު ނުގިރި އޭރުން ހިފެހެއްޓިދާނެ. އެހެންވީމާ، ގިނައިން ގަސް އިންދުން އެއީ، ވަރަށް މުހިންމު ކަމެއް.

ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ރަށާ ގުޅިފައިވާ ފަޅުން ނުވަތަ ކައިރީގައި ހުންނަ ފަރުފަރުން ގާ ނުނެގުން އެއީވެސް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދުރަތީ ގޮތުން ހެދިފައިވާ ފަރުފަރު އެއީ، ރާއްޖެ ޙިމާޔަތްކުރުމަށް އޮތް ވަރަށްބޮޑު ބާރެއް. އެ ޙިމާޔަތް އަޅުގަނޑުމެންނަށް ލިބޭނީ އެ ފަރުފަރު ސަލާމަތުން އޮވެގެން. އެހެންވީމާ، އެ ފަރުފަރު އަދި އެކިއެކި ފަޅުތައް ސަލާމަތުން ބެހެއްޓުމަށްޓަކައި އެ ތަންތަނުން ގިނަ ޢަދަދަކުން ގާ ނެގުމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއްނޫން. ރަށާ ގުޅިފައި ހުންނަ ތަންތަނުން ނުވަތަ ރަށާ ކައިރި ހިސާބުތަކުން. ދުރު ތަންތަނުން ނެގިޔަކަސް މައްސަލައެއް ނެތް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޭނުންތަކަށް ގާ ބޭނުންވޭ. ވެލި ބޭނުންވޭ. އެހެންވީމާ، އެތަކެތި އަޅުގަނޑުމެންނަށް ނެގިދާނެ. ރަށަށް ގެއްލުންނުވާ ހިސާބުން ތަންކޮޅެއް ދުރުން. މިކަންކަން މިއީ މިހާރުވެސް އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. އަދި ގަސް ނުވަތަ ރުއް ކަނޑާ ކަމަށްވަންޏާ، އޭގެ ބަދަލުގައި ގަސްއިންދައި، ރުއް ހައްދައި، މިހެން ހަދަންޖެހޭނެ. އެ ކެނޑޭ ގަހެއްގެ ބަދަލުގައި، ދެގަސް ނުވަތަ ތިންގަސް މިހާރު އިންދަންޖެހޭނެ. ހަމައެފަދައިން، ކެނޑޭ ރުކެއްގެ ބަދަލުގައިވެސް ދެ ރުއް ނުވަތަ ތިން ރުއް ނުވަތަ އެއަށްވުރެ ގިނަ ޢަދަދަކަށް އިންދައިގެން ނޫނީ، މުސްތަޤްބަލްގައި އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތްކުރެވޭނެ ކަމަކަށް ނުފެނޭ.

އާދެ، އަދިވެސް އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވަމުން އަންނަ މައްސަލައެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ، އަޅުގަނޑުމެންގެ ތެރޭގައި މީހުން ގިނަވަމުން ދިޔުމުގެ ނިސްބަތް މިހާރުވަނީ ވަރަށް މައްޗަށް ގޮސްފައި. 1985 ވަނަ އަހަރުގެ ބޯހިމެނި ހިސާބު ދައްކާގޮތުން، ރާއްޖޭގެ އާބާދީއަކީ އެއްލައްކަ އަށްޑިހަހާސް. މިހާރު 1990 ވަނަ އަހަރު އާދެ، މިދިޔަ އަހަރު ރާއްޖޭގައި ބޯހިމެނި ހިސާބު ދައްކާގޮތުން، މިހާރު ރާއްޖޭގައި ދެ ލައްކަ ތޭރަހާސް މީހުން އެބަ ދިރިއުޅޭ. އެންމެ ފަސް އަހަރު ދުވަހުގެތެރޭގައި، ތެއްތިރީސްހާސް މީހުން އިތުރުވެއްޖެ. އެއީ، ވަރަށް ގިނަ ޢަދަދެއް. އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް. އެހެންވީމާ، އެއީ އަޅުގަނޑުމެން އެ ޢަދަދާ ދޭތެރޭގައި ވިސްނާފައި ފިޔަވަޅުތަކެއް އަޅަންވެއްޖެ ކަމެއް. އެ ޢަދަދު ކުޑަކުރުމަށް. އެއީ، އިތުރުވަމުންދާ މީހުންނަށް، އިތުރު ކަންތައްތައް އަޅުގަނޑުމެން ކޮށްދޭންޖެހޭ. އެމީހުން އުޅޭނެ ގެދޮރު ހުންނަންޖެހޭ. އިތުރުވަމުންދާ ކުދިންނަށް ތަޢުލީމު ޙާޞިލްކުރެވޭނެ މަދަރުސާތައް ހުންނަންޖެހޭ. އެކުދިން ބަލިވެއްޖިއްޔާ ބޭސްކުރެވޭނެ ޞިއްޙީ މަރުކަޒުތައް ނުވަތަ ހަސްފަތާލުތައް އަޅަންޖެހޭ. އަދި ކާބޯތަކެތިވެސް އިތުރަށް އެތެރެކުރަންޖެހޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ، އަޅުގަނޑުމެން މި ބޭނުންކުރާ ކާބޯތަކެތި، ހަނޑޫ، ހަކުރު، ފުށް އުފައްދާ ތަނެއް ނޫން. އެ ތަކެތި އަޅުގަނޑުމެން މި ގެންނަނީ ބޭރުން. ބޭރުފައިސާ ދީފައި އެ ގަންނަނީ. އަޅުގަނޑުމެން އެއަށް އަގު މި ދައްކަނީ އަޅުގަނޑުމެންނަށް ބޭރުފައިސާ ލިބޭ ވަސީލަތްތައް، އޭގެ ފެންވަރު ކުރިއަށްވުރެ މައްޗަށް ގެންގޮސްގެން، ލިބޭ އާމްދަނީ އިތުރުކޮށްގެން. އެކަމަކު އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވާވަރަށްވުރެ ބޮޑު ނިސްބަތަކުން އަޅުގަނޑުމެންގެ ތެރެއަށް މީހުން އިތުރުވަމުންދާ ކަމަށްވަންޏާ ޝައްކެއްނެތް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ދާނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް. މިއީ ހަމަ ވަރަށް ސާފުކޮށް އެންމެންނަށްވެސް އެނގޭ ޙަޤީޤަތެއް. އެހެންވީމާ، އެކަން އެއީ، އަޅުގަނޑުމެން މިއަދު ވަރަށް މުހިންމު ސިފައެއްގައި ވިސްނަންވެއްޖެ ކަމެއް. އެހާ ގިނަ ޢަދަދަކަށް ކުދިން އިތުރުވިޔަނުދިނުން.

އާދެ، އެހެންވީމާ، ސަރުކާރުން ފަށްޓައިގެން އެބަ ހިންގާ ދޭތެރެދުރުކުރުމުގެ ޕްރޮގްރާމެއް. ވިހެއުމުގެ ދޭތެރެ ދުރުކުރުން، ފެމިލީ ޕްލޭނިންގ ނުވަތަ ވިހެއުމުގެ ކަންތައް އިންތިޒާމު ކުރުމުގެ ޕްރޮގްރާމެއް. އެކަހަލަ ޕްރޮގްރާމެއް މިހާރު ނުހިންގައި އެއްގޮތަކަށްވެސް ފަރުޖެއްސޭކަށެއް ނެތް. އާދެ، ބައެއް މީހުން ހިތަށްއަރާފާނެ، އެކަމަކު ކިހިނެއްބާއޭ ވާނީ، އެކަން އެއީ، އިސްލާމްދީން ހުއްދަކުރާ ކަމަކަށްވާނެބާއޭ. އެ ސުވާލު އުފެދޭނެ. އަޅުގަނޑަށް ދަންނަވަންޖެހެނީ، ދޭތެރެދުރުކުރުމަކީ ނުވަތަ ދަރިން ލިބުން ވަކިގޮތަކަށް ރާވައި އިންތިޒާމު ކުރުމަކީ، އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފުވާ ކަމެއްނޫނޭ. އާދެ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް އަންގަވާފައި ވަނީ، އަޅުގަނޑުމެންނަކީ ބާރުހުރި ބަޔަކަށްވުމަށް. ޞިއްޙަތު ސަލާމަތުން ތިބި، ހަށިގަނޑުގައިވެސް ބާރުހުރި އަދި ދުނިޔޭގެ މީހުންގެ ކުރިމަތީގައި އަބުރުވެރި ބަޔަކަށް އިސްލާމީ އުންމަތްވުމަށް. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ މީހުން ވަކި ގިނަވެގެން އެއީކީ އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ފަޚްރެއް ލިބެންވީ ކަމެއްނޫން. ވަރަށް ގިނަ ޢަދަދަކަށް މީހުންނަށް ތިބެވިދާނެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ވަރަށް ގިނަ ޢަދަދަކަށް މީހުން ދިރިއުޅޭ. ބައެއް ތަންތާނގައި އަށްސަތޭކަ މިލިއަން މީހުން، ފަސްސަތޭކަ ނުވަތަ ދުއިސައްތަ މިލިއަން މީހުން އެބަ ދިރިއުޅޭ. އެހެންނަމަވެސް، މުހިންމު އެއްޗަކީ ޢަދަދެއް ނޫން. މުހިންމު އެއްޗަކީ އެ ތަނެއްގައި އެ އުޅޭ ބަޔަކު އެއީ ތަނަވަސްކަންހުރި، ފޯރުންތެރިކަން ހުރި، ހަރުދަނާ، ވަރުގަދަ ނުވަތަ ބާރުހުރި ބަޔަކަށްވުން.

އެހެންވީމާ، އަޅުގަނޑުމެންނަށް މި ދެންނެވި އުޞޫލުން ބާރުހުރި ބަޔަކަށް ވެވޭނީ، އަޅުގަނޑުމެން މި ދެންނެވި ކަންތައްތަކަށް ވިސްނައިގެން، އަޅުގަނޑުމެންނަށް ލިބޭ ކުދިންނަށް އެކަށީގެންވާ ކާނާ ދީގެން، އެ ކުދިން ދިރިއުޅޭ ތަންތަން، ޞިއްޙީގޮތުން ދިރިއުޅެން ހަމަޖެހޭ ތަންތަން ހޯދައިދީގެން. އެ ކުދިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިގެން. އަދި އެ ކުދިންނަށް އެކަށީގެންވާ ތަޢުލީމެއްދީ، އެ ކުދިން ރަނގަޅު އުޞޫލެއްގެ މަތިން ތަރުބިއްޔަތު ކުރެވޭނޭ ގޮތްތައް ހޯދައިދީގެން. މި ހުރިހާ ކަންކަން ކުރެވޭނީ ވަރަށް ގިނަ ޚަރަދުތަކެއް ކޮށްގެން. އެ ޚަރަދުތައް ހޯދަން މި ޖެހެނީ އަޅުގަނޑުމެން ކުރާ މަސައްކަތުން. އެ ލިބޭ އާމްދަނީއަށްވުރެ، އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅޭ މީހުންގެ ޢަދަދު އިތުރުވެގެން، އެ ކަންތައްތައް ނުކުރެވިއްޖެނަމަ، ޝައްކެއްނެތް، އަޅުގަނޑުމެންނަކީ ކުރިން މި ދެންނެވި ކަހަލަ، މީހުންގެ ކުރިމަތީގައި އަބުރުވެރި، ޤަދަރުވެރި، ބާރުހުރި ބަޔަކަށް ނުވާނެ. ކީރިތި ރަސޫލާ ކުރައްވާފައިވާ ޙަދީޘެއް އަޅުގަނޑުގެ ހިތަށް އާދޭ. ދަންނަވާލަފާނަން. "الْمُؤْمِن الْقَوِيُّ خير واحب عِندِ اللَّهِ مِن الْمُؤْمِن الضّعيف." ކީރިތި ރަސޫލާ އެ ހަދީޘް ކުރައްވަނީ، "ބަލިކަށި މުއުމިނަކަށްވުރެ ހެޔޮކަންބޮޑީ އަދި ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑީ ބާރުހުރި، ބާރުގަދަ މުއުމިނޭ." އެހެންވީމާ، މުއުމިނުންގެ ތެރެއިން އެކަކީ ބާރުގަދަ މީހަކަށްވެފައި، އަނެކަކީ ބަލިކަށި ނިކަމެތި މީހަކަށް ވެއްޖެނަމަ، އެ ދެ މީހުންކުރެ ހެޔޮކަންބޮޑީ އަދި ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑީ، އެ ބާރުހުރި ޢިއްޒަތްތެރި މީހާ. ބަލިކަށި ނިކަމެތި މީހާއެއް ނޫން. މާނައަކީ، އަޅުގަނޑުމެން ވާންޖެހޭނެ، ކޮންމެ އިންސާނަކީވެސް އެމީހެއްގެ ފެންވަރުގައި ފޯރުންތެރިކަންހުރި މީހަކަށް، ތަނަވަސްކަންހުރި މީހަކަށް، ދިރިއުޅުމެއް ހުރި މީހަކަށް. އަޅުގަނޑުމެން އެގޮތަށް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ފޯރުންތެރި ތަނަވަސްކަން ހުރި މީހަކަށް ވެވޭނީ، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ މީހުންގެ ޢަދަދުވެސް ވަކި ހިސާބަކަށް ހިފެހެއްޓިގެން. ކުރިން ދެންނެވި ސަބަބުތަކަށްޓަކައި، އެއްގޮތަކަށްވެސް ބަލައިނުލާ ކުދިން ހޯދަމުން ގެންދިޔުން އެއީ، ދީނީ އުޞޫލެއްވެސް ނޫން. އެއީ، އިޖްތިމާޢީ އުޞޫލެއްވެސް ނޫން. އެއީ، އެންމެ ބުއްދިވެރިގޮތެއްވެސް ނޫން. އެހެންވީމާ، މިއީ އަޅުގަނޑުމެން މިހާރުއްސުރެ މިކަމާ ދޭތެރޭގައި ފިކުރުކޮށް ވިސްނައި، ޢަމަލީ ފިޔަވަޅުތަކެއް އަޅަންވެފައިވާ ކަމެއް.

އާދެ، މިއީ ކުޑަކުދިންގެ އަހަރު. ކުޑަކުދިންގެ އަހަރު އަޅުގަނޑުމެން މި ފާހަގަކުރަނީ ވަރަށް މުހިންމު ބޭނުމެއްގައި. އެ ބޭނުމަކީ ކުޑަކުދިންނަކީ މުސްތަޤްބަލުގައި ރާއްޖެއަށް ޚިދުމަތްކުރަން ތިބި ހަރުދަނާ މީހުން ކަމުގައި ހެދޭތޯ ބެލުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށްވާތީ، މިއަދުގެ ކުޑަކުދިންނަކީ މުސްތަޤްބަލުގައި ޤައުމަށް ފައިދާކުރާނެ ހަރުދަނާ ބަޔަކަށް ހެދޭތޯ ބެލުމަށް މަސައްކަތް ކުރުން. އެ ކުދިންނަށް ރަނގަޅު ތަޢުލީމެއް ދިނުން. މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ އުޞޫލުގެމަތިން އެ ކުދިން ތަރުބިއްޔަތު ކުރުން. އެ ކުދިންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓޭތޯ މަސައްކަތް ކުރުން. ބަލިބަލިން ކުޑަކުދިން ދިފާޢުކުރުން. އަދި ބަލިވެއްޖިއްޔާ ފަރުވާކުރުން. އެ ކުދިންނަށް ބޭނުންވާ ކާނާ ހޯދައިދިނުން. އެ ކުދިންނަށް ބޭނުންވާ އެހެން ކަންތައްތައްވެސް ހަމަޖައްސައިދިނުން. މިސާލަކަށް، ކުޅިވަރު ކުޅުން އެއީވެސް ކުޑަކުދިންނަށް ބޭނުންވާ ކަމެއް. ވަރަށް މުހިންމު ކަމެއް. އެއްގޮތަކަށްވެސް ހީނުކުރައްވާތި، ކުޑަކުދިން ކުޅިވަރު ކުޅުމަކީ އެއީ، ބޭކާރު ވަގުތުތަކެއް ނަގާލުމެކޭ. އެހެނެއްނޫން. އެއީ، ކުޑަކުދިންގެ ހަށިތަކަށް ބޭނުންވާ ކަމެއް. އަދި އެ ކުދިންގެ ވިސްނުން ތަރައްޤީވުމުގައިވެސް ކުޅިވަރަކީ ވަރަށް ބޭނުން އެއްޗެއް. ކުޅިވަރު ކުޅޭނެ ވަގުތު އެ ކުދިންނަށް ހަމަޖެހިފައި އޮންނަންވާނެ. ކުޅިވަރު ކުޅެވޭނެ ތަންތަން ހެދިފައި ހުންނަންވާނެ. އެއީ ރަނގަޅު، ހަމަޖެހޭ، ހަރުދަނާ ބަޔަކަށް ކުޑަކުދިން ވާނީ ކިޔަވައިދިނުމުގެ އިތުރަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި އޮވެގެން. މި ކަންތައްތައް މިއީ ކުޑަކުދިންގެ ޙައްޤުތައް. ކުޑަކުދިން ޙިމާޔަތްކުރުމާއި، އެ ކުދިން ދިރިދެމި ތިބުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކުދިންގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތައް ކުރުން. މި ކަންތައްތައް ކުރުމުގެ މުހިންމުކަން ބޮޑުކަމުން މުޅި ދުނިޔޭގައިވެސް މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުން އެބަދޭ.

ތިޔަބޭފުޅުން އައްސަވާނެ، މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ނިއުޔޯރކްގައި ބޭއްވުނު ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ ޖަލްސާއެއްގެ ވާހަކަ. އެ ޖަލްސާއަށް ވަރަށް ގިނަ ޤައުމުތަކުގެ އެންމެ އިސްވެރިން ވަޑައިގެންނެވި. އަޅުގަނޑަށްވެސް އެ ޖަލްސާއަށް ދިޔުމުގެ އުފާވަނީ ލިބިފައި. އެ ޖަލްސާގައި ވާހަކަ ދެކެވުނީ، ދުނިޔޭގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް އެ ކުދިންގެ ޙާލަތު ރަނގަޅުކޮށް، މިހާރު އެ ކުދިން އެ އުޅޭ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި ކުޑަކުދިންނަށް އުޅެވޭނެ ގޮތެއް ހަދާނީ ކިހިނެއްތޯ. ކޮންމެ ޤައުމަކުންވެސް އެ މަސައްކަތް މިހާރު އެ ގެންދަނީ ކުރަމުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު ފަށައިގެން މި ކުރިއަށް ގެންދަނީ. ގެ ވާގިފުޅާއެކު، އެ މަސައްކަތަކީ ކާމިޔާބު މަސައްކަތެއް ކަމުގައިވާނެ. އެހެންނަމަވެސް، އެއީ ކާމިޔާބު މަސައްކަތެއް ކަމުގައިވާނީ ހުރިހާ އެންމެންގެ އެއްބާރުލުން ލިބިގެން. އެންމެ ފުރަތަމަ މައިންބަފައިން. މައިންބަފައިންނާއި، ކުޑަކުދިންގެ ބެލެނިވެރިންނާއި އަދި ޢާންމުކޮށް، މުޖުތަމަޢުގައި ދިރިއުޅޭ ބޮޑެތި ހުރިހާ މީހުންގެ އެކުވެރިކަމާއި، އެހީތެރިކަމާއި، އެއްބާރުލުން ލިބިގެން ކުޑަކުދިންގެ ކަންތައްތައް ތަރައްޤީކުރެވޭނީ.

އާދެ، ރާއްޖެތެރެއަށް ސަރުކާރުން ދޭ އަހަންމިއްޔަތު އެއީވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަހަންމިއްޔަތެއް. ރާއްޖެތެރޭގައި ސަރުކާރުން ވަރަށް ގިނަ ޚިދުމަތްތަކެއް މިހާރު ދެމުން އެބަގެންދޭ. ކުރިން ނެތް ތަންތަން، މި އަތޮޅުގެ ނުވަތަ މި ރަށުގެ އަޅުގަނޑުމެން މި ޖަލްސާކުރާ މި މަދަރުސާ މިއީވެސް ސަރުކާރުން ތަނުގެ ފެންވަރު މަތިކޮށްދީފައިވާ ތަނެއް. ހަމައެފަދައިން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެބަހުރި އަތޮޅު ތަޢުލީމީ މަރުކަޒެއް. އަދި ބައެއް ތަންތާނގައި ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކޮށް، ސަރުކާރުގެ ޚަރަދުގައި ހިންގާ އެއް މަދަރުސާއަށްވުރެ ގިނަ ތަންތަން އެބަހުރި. މި އަތޮޅުގައިވެސް އެބަހުރި ތަޢުލީމީ މަރުކަޒެއް.

އެހެންވީމާ، މި ކަންތައްތައް ސަރުކާރުން މި ކުރަނީ ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދެވޭތޯ ބެލުމަށްޓަކައި. ހަމައެފަދައިން، ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ސަރުކާރުން މިގެންދަނީ ކޮށްދެމުން. ވަރަށް ގިނަ ރަށްރަށުގައި އިތުރު ޢިމާރާތްތައް އެބަ ކުރެވޭ. މިސާލަކަށް، އަލަށް މިސްކިތް ޢިމާރާތްކޮށްދިނުން. ރަށުއޮފީސް ޢިމާރާތްކޮށްދިނުން. ނުވަތަ ކުރިންވެސް ދެންނެވިހެން، މަދަރުސާތައް ހަދައިދިނުން. އަދި މީގެ އިތުރުންވެސް، ރަށްރަށަށް ދިމާވާ އެކިއެކި ބޮޑެތި މައްސަލަތައް ސަރުކާރުން ގެންދަނީ ޙައްލުކޮށްދެމުން. ސަރުކާރަށް ވީވަރަކުން. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ނިކަމެތި ފަޤީރު ތަނެއް. ދުނިޔޭގެ އެހެން ތަންތަނާ އަޅައިބަލާއިރު، އަޅުގަނޑުމެން ކިތަންމެ އަވަހަކަށް މަސައްކަތްކުރަން ބޭނުންވިޔަސް، އަޅުގަނޑުމެންނަށް ކުރެވޭގޮތް ހަމަޖެހިފައެއް ނޯވޭ. އެންމެ ފުރަތަމަ، އަޅުގަނޑުމެން އެ ކަންތައްތައް ކުރުމަށް ބޭނުންވާ ޚަރަދު، ބޭނުންވާ ފައިސާ އެއްފަހަރަކާ އަޅުގަނޑުމެންނަށް ލިބިފައެއް ނުހުރޭ. މިގޮތުން، ރަށްރަށުގެ ފަޅު ފުންކޮށްދިނުން އެއީވެސް ސަރުކާރުން ކުރަމުންގެންދާ މަސައްކަތެއް. އެއީ، އަޅުގަނޑު ދަންނަވާނީ ހަމަ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދިމާވެފައިވާ މައްސަލައެކޭ ފަޅުގެ ދަތިކަން އެއީ. އެހެންވީމާ، ފަޅުފުންކުރުމާއި، ނެރުގޮއްވުމާއި، މި ކަންތައް މިއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ވަރަށް ގިނަ ރަށްރަށަށް ބޭނުންވެފައިވާ ކަމެއް. އެކަންކަން ސަރުކާރުން ކޮށްދެވެން ހުރި ވަރަކަށް ކޮށްދެމުން އެބަގެންދޭ.

މީގެ އިތުރުންވެސް، ޢާންމު ރައްޔިތުންނަށް ދިމާވާ އެކިއެކި ދަތިތައް ޙައްލުކޮށްދެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން ގެންދޭ. މިކަންކަމުގައި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން. ކޮންމެ ރަށެއްގައިވެސް ވެރިންނާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތި، އެ ރަށެއްގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުންދާނެ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވާ ދުވަސްތަކަކީ ކޮންކަހަލަ ދުވަސްތަކެއް ކަމެއް ނޭނގެ. ހަނގުރާމައެއް ފެށިއްޖިއްޔާ ދަތިތަކެއް ކުރިމަތިވާނެ. ޚަރަދު ކުޑަކުރުމުގެ ވާހަކަ އަޅުގަނޑު ދަންނަވައިފިން. ޚަރަދު ކުޑަކުރުމާ އެކުގައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކޮށްގެން ނަމަވެސް އާމްދަނީ އިތުރުކުރެވޭތޯ ބެލުމަކީ ވަރަށް ބޭނުންތެރިކަމެއް. މިގޮތުން، ރަށްރަށުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފެށުމަކީ މިހާރު ހަމަ ކޮންމެހެން ބޭނުންވެފައިވާ ކަމެއް.

އަޅުގަނޑު އިއްޔެ ދިޔައިން މި އަތޮޅު ނިލަންދުއަށް. ނިލަންދުއަށް ދިޔައިމާ އަޅުގަނޑުމެންނަށް ފެނުނީ، އެ ރަށުގެ މީހުން މިހާރު ދަނޑު ހެއްދުމަށް ކުރަމުން ގެންދާ މަސައްކަތް. އަޅުގަނޑު އެ މަންޒަރު ދެކެފައި ވަރަށް އުފާވި. ވަރަށް ގިނަ ޢަދަދަކަށް ދަނޑުކޮށައި، ދަނޑުގެ އެއްޗެތި ހައްދަމުން އެބަގެންދޭ ނިލަންދޫގެ ރައްޔިތުން. ވަކި މީހަކު ބުނެގެނެއްނޫން. އެމީހަކު އަމިއްލައަށް. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި، ވަރަށް ފައިދާހުރި، ބޭނުންތެރި މަސައްކަތެއް. މިރަށުގެ ރައްޔިތުންވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުގެ އެދުމަކީ، އެކަހަލަ ހުރިހާ މަސައްކަތެއް ވެވުނު އެންމެ ރަނގަޅަކަށް ކުރައްވަމުން ގެންދެވުން. އޭގެ ފައިދާ ލިބޭނީ ހަމަ ރައްޔިތުންނަށް. ސަރުކާރަކަށް ނޫން. އެ މަސައްކަތް ކުރާ މީހަކަށް، އެމީހަކު އެ ކުރާ މަސައްކަތެއްގެ ފައިދާ ލިބޭނީ. އެމީހެއްގެ އާމްދަނީ އިތުރުވާނީ، އެމީހެއްގެ އަތްމަތި ކުރިއަށްވުރެ ތަނަވަސްވާނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން މިއަދު ކޮންމެހެންވެސް ކުރަންވެއްޖެ ކަމެއް.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. އަދިވެސް އެއްފަހަރު، މި ރަށަށް އާދެވުނުކަމަށްޓަކައި އުފާފާޅުކުރަން. އަދި މަގޫދޫގެ ވެރިންނާއި، ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި އިޚްލާޞްތެރިކަމާއެކު މަގޫދޫގެ ވެރިންނަށާއި، ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް، އަތޮޅުއޮފީސް ހިންގެވުމާ ޙަވާލުވެ ތިއްބެވި އިސްވެރިންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުން. އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ނުރައްކަލެއް މެދުވެރިވާނެގޮތް މިންވަރު ނުކުރެއްވުން. ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ފައިދާ އެކަލާނގެ ދެއްކެވުން. އަދި އަޅުގަނޑުމެންގެ މެދުގައި އަމަންއަމާންކަމާއި، ޞުލްޙަވެރިކަން ޤާއިމުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވައި، ރައްޔިތުންނާއި ސަރުކާރާ އެއްބާރުލައިގެން، އަދި ރައްޔިތުންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ރޫޙު އޮވެގެން، އަޅުގަނޑުމެން ދިވެހި ޤައުމަށްޓަކައި ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.