بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކުރަން މި ޤަޞްދުކުރީ ވަރަށް މުހިންމު މައްސަލައަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް.

ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި އަހަރަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ސިޔާސީގޮތުން ފުރިހަމަ މިނިވަންކަން ލިބުނުތާ 25 އަހަރު ފުރޭ އަހަރު. އެހެންކަމާއެކު، ވަކީން ޚާއްޞަ ގޮތެއްގައި މި އަހަރު ފާހަގަކުރެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން އަބަދަށްޓަކައި މިނިވަންކަންމަތީ ދެމެހެއްޓޭތޯ، މިނިވަންކަމުގެ ޝުޢޫރުތައް ދިރުވޭތޯ މިގެންދަނީ މަސައްކަތް ކުރަމުން. މި އަހަރުގެ ކޮންމެ މަހަކަށް ވަކި ޝިޢާރެއް ކަނޑައަޅައި، ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރެވޭތޯ ބާރުއަޅަމުން.

މިކަންކަމުގެ އިތުރަށް، ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި އަޅަންހުރި އިޞްލާޙީ ފިޔަވަޅުތަކެއްވެސް، ޚާއްޞަކޮށް، މި އަހަރާ ގުޅުވައިގެން މިގެންދަނީ އަޅަމުން. އޭގެތެރެއިން އެންމެ މުހިންމު އެއްފިޔަވަޅަކީ، ރާއްޖޭގެ ޤާނޫނު ތަންދޭ އެންމެފުޅާ ދާއިރާއެއްގައި، އެ މީހެއްގެ ބުއްދިއަށް ފެންނަ އެއްޗެއް، އެ މީހެއްގެ ދުލުންނާއި، ޤަލަމުން ބަޔާންކުރުމުގެ މިނިވަންކަން ލިބިދިނުން. އަޅުގަނޑުގެ މަޤްޞަދަކީ، ޤައުމުގެ ކަންތައްތައް އިޞްލާޙު ކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުން.

މިނިވަންކަމަށް މި ހުޅުވާލެވުނު ދޮރުގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ރަނގަޅު އަދި ހަރުދަނާ ޚިޔާލުތަކެއްވެސް ދަނީ ގިނަބަޔެއްގެ ފަރާތުން ލިބެމުން. ބިނާކުރަނިވި ފާޑުކިޔުންތަކެއްވެސް ލިބެމުން. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް، އެފަރާތްތަކަށް މަރުޙަބާ ކިޔަން.

އެކަމަކު ހިތާމައާއެކު ދަންނަވަންޖެހެނީ، މިކަމުގެ ތެރޭގައި އަޅުގަނޑުވެސް އަދި ރައްޔިތުންވެސް ބޭނުންނުވާނެ އެހެން ކޮޅުތަކެއް ފެންނަން ފަށައިފިއޭ. ތިޔަ އެންމެ ބޭފުޅުންވެސް ޤަބޫލުކުރައްވާނެ ފަދައިން، ޚިޔާލުފާޅުކުރުމުގައިވެސް އެއްވެސްކަހަލަ އަޚްލާޤީ ނުވަތަ ޤާނޫނީ ހަމައަކަށް ޙުރްމަތްތެރިކޮށްނުހިތޭނަމަ، ނުރަނގަޅު ނަތީޖާތަކެއްވެސް ފެންނަމުންދާނެ. މިގޮތުން، ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ، ސަރުކާރު ދެމިއޮތްހާ ހިނދަކު ނުހަނު އިޚްލާޞްތެރިކަމާއެކު ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރި ހުރިހާ މަސައްކަތްތަކުގެ ތެރޭގައި، އެއްވެސް ރަނގަޅު ކަމެއް ނެތް ކަމަށް ޢާންމުންނަށް ވިސްނައިދެވޭތޯ. ސަރުކާރުގެ މުހިންމު އެތައް ދާއިރާތަކަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަކީ ދޯދިޔާ ޚިދުމަތްތަކެއް ކަމުގައި ދެއްކޭތޯ.

މިހެންވީމާ، ދެން ވާނީ ކިހިނެއްތޯ؟ ސަރުކާރުގެ މަސައްކަތުގައި، ތަޢުލީމާއި، ޞިއްޙަތާއި، އަދި އެނޫންވެސް ރައްޔިތުންގެ އަސާސީ ޚިދުމަތްތަކެއް އަދާކުރުމުގައި ރެޔާއި ދުވާލު ނުހަނު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ ސަރުކާރުގެ އެތައް ބައެއްގެ ހިތްމަރުވާގޮތް ދިމާވާނީ. މަސައްކަތަށް ހުންނަ ޝައުޤުވެރިކަން އެމީހުންގެ ކުޑަވާގޮތް މެދުވެރިވާނީ. އޭގެ ނަތީޖާއަކަށް ވާނީ، ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްވެސް ދަތިވާގޮތް ވާން ފެށުން.

ދާދިފަހުން އަޅުގަނޑުމެންނާ ދިމާވި ނުރައްކާތެރި ޢުދުވާނީ ޙަމަލާ، އާދެ، ނޮވެމްބަރު 3ގެ ޙާދިޘާގެ ހަނދާންތައްވެސް ރައްޔިތުންގެ ހިތްތަކުން ފޮހެލެވޭތޯވެސް އެ މީހުން އެބަ މަސައްކަތްކުރޭ. އެ ދުވަހު ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، ހިތްވަރުގަދަ ޖިހާދެއް ކުރި، އެ މީހުންގެ އަމިއްލަ ލެއިން ޤުރްބާން ވެގެންދިޔަ ރާއްޖޭގެ ލޮބުވެތި ސިފައިންނަށް ކުޑައިމީސް ބަސްތަކެއްވެސް އެ މީހުން ބުނަމުން އެބަގެންދޭ.

ރާއްޖެއާ ދިމާވާ ކޮންމެ ކަމެއްގައި، އެކަމަކީ ބޭރުން ދިމާވާ ކަމެއް ނަމަވެސް، ނުވަތަ އެތެރެއިން ދިމާވާ ކަމެއް ނަމަވެސް، އެންމެ ފުރަތަމަ އެކަމަކާ ކުރިމަތިލާން ތިބީ ސިފައިން ނޫންތޯ! އެމީހުންނަކީ އިއްޔެވެސް އެގޮތުގައި ތިބި މީހުން. މިއަދުވެސް އެމީހުން އެތިބީ އެގޮތުގައި. މިހެން ދެންނެވިޔަސް، ސިފައިންގެ ތެރޭގައިވެސް ކުށްކުރާ މީހުން ތިބުމަކީ އެކަށީގެންވާ ކަމެއް. އެފަދަ ކަމެއް ސަރުކާރަށް އެނގިއްޖެނަމަ، މިހާރުވެސް މިގެންދަނީ ފިޔަވަޅު އަޅަމުން. މުސްތަޤްބަލްގައިވެސް އިރާދަކުރެއްވިއްޔާ އެކަން އޮންނާނީ އެހެން.

ކުރިން ދެންނެވިހެން، ލިބުނު މިނިވަންކަމުގައި މަދުބަޔަކު ފަތުރަމުންދިޔަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ޤަބޫލުކުރެވެން ފެށުމުން، ވަމުންދިޔަ ގޮތަކީ، ޢާންމުންގެ ތެރޭގައި ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތުން ކުޑަވާން ފެށުން. މިނިވަންކަމުގެ ނަމުގައި، އެ މީހަކު އުޅޭނެގޮތަކަށް އުޅެން ފެށުން. ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ ފަދައިން، ޤާނޫނާއި ޤަވާއިދު ހެދިފައި ހުންނަނީ އެންމެންގެ ސަލާމަތަށް. އެންމެންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި. އެހެންވީމާ، ޤާނޫނާއި ޤަވާއިދު ހިފެހެއްޓުމަކީ ކޮންމެ ތަނެއްގައިވެސް ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކޭ.

އެންމެފަހުން މި ދެންނެވި މަދު ބަޔަކު ލިޔެ ޝާއިޢުކުރަން ތައްޔާރުކޮށްފައިވާ މަޒުމޫނުތަކުގައި މަސައްކަތް ކޮށްފައިވަނީ، ރައްޔިތުން ނުކުމެ ޣައިރު ޤާނޫނީ އެއްވުންތަކެއް އެއްވެ، ސަރުކާރާއި، ރައްޔިތުންގެ މުދަލާއި ތަންތަނަށް ގެއްލުން ދިނުމުގެ ރޫޙު އުފެއްދުމަށް. މިއީ މިނިވަން ޚިޔާލު ފާޅުކުރުމެއް ނޫން. ޤައުމުގައި ސިޔާސީ ހަމަނުޖެހުންތަކެއް އުފެއްދުމަށް ގޮވާލުން. މިހިސާބަށް ކަންތައްތައް ދިޔުމުން، ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ފިޔަވަޅުއަޅަން ޖެހޭނެކަން، ހެޔޮ ވިސްނޭ، ޤައުމަށް އިޚްލާޞްތެރި ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރާނެ.

އެމީހުން އެ ހިތްވަރުދޭ ގޮތަށް ކަންތައްތައް ވަމުންދާނަމަ، ޤައުމުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ. ރާއްޖޭގައި އޮތް އަމާންކަމާއި، ހަމަހިމޭންކަން ނެތިގެން ހިނގައިދާނެ. ރާއްޖޭގެ އިޤްތިޞާދިއްޔަތަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ. ރާއްޖެއާ ގުޅިގެން ބޮޑެތި އިޤްތިޞާދީ މަސައްކަތްތައް ކުރާ ބޭރުގެ މީހުންގެ ހިތަށް ރާއްޖޭގެ ހަމަޖެހުމާމެދު ޝައްކު އުފެދޭގޮތް ވެދާނެ.

ރާއްޖޭގެ ލޮބުވެތި މުވާޠިނުންނޭވެ!

މިނިވަންކަމުގެ 25 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ދެވުނު ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަމާ ގުޅިގެން، ބައެއް ފަރާތްތަކުން އަޅުގަނޑާ ބައްދަލުކުރައްވައި، ނޫސްތަކަށް މިނިވަންކަން ދިނުމުގައި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރެއްވި. މި ސުވާލުގެ ޖަވާބު އަޅުގަނޑު ވަރަށް ޞަރީޙަކޮށް އެ ބޭފުޅުންނަށް އެރުވިން. އަޅުގަނޑު ދެންނެވީ، ޤައުމުގެ މަންފާއަށްޓަކައި ކަންތައްތައް އިޞްލާޙު ކުރުމުގެ މަޤްޞަދުގައި އެބަޔަކަށް ފެންނަ ޚިޔާލެއް ފާޅުކުރުމަކީ، ނުވަތަ ފާޑުކިޔުމަކީ ސަރުކާރުން މަނާކުރާނެ ކަމެއްނޫނޭ. އަދި ކީއްތޯއޭ، އެފަދަ ބިނާކުރަނިވި ޚިޔާލުތައް ފާޅުކުރުމަކީ ސަރުކާރުން ތަރުޙީބުވެސް ދޭނެ ކަމެކޭ. ހަމައެޔާއެކު، އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން. ރާއްޖެއަކީ އިސްލާމް ޤައުމެކޭ. ރާއްޖެއަކީ މަދު މީސްކޮޅެއް ދިރިއުޅޭ ކުޑަކުޑަ ޤައުމެކޭ. އަދި ޢާންމުންގެ ތަޢުލީމީ ފެންވަރު ހުންނަ މިންވަރާއި، އިޖްތިމާޢީ ކަންތައްތައް ހުންނަ ގޮތްތަކަށް ވިސްނަވަންވާނެއޭ. މިކަންކަމަށް ރިޢާޔަތް ކުރެއްވުމާއެކު، މުޖުތަމަޢަށް ގެއްލުމެއް ނުލިބޭނޭގޮތުގެ މަތީން، އަދި ތަނުގައި ހަމަނުޖެހުމެއް ނުއުފެދޭނެ ގޮތުގެމަތީން ޚިޔާލު ފާޅުކުރައްވާށޭ. ފާޑުވިދާޅުވާށޭ. ހަމަމިއާއެކު، އަޅުގަނޑު ދެންނެވިން. އެ ފާޅުކުރެވޭ ޚިޔާލުތަކުގައި، މުޖްތަމަޢުގައި ބައިބައިވުން އުފެދި، ރާއްޖޭގެ އަމަނަށް ގެއްލުން ލިބޭ ފަދަ ކަންތައްތައް ޝާމިލްވާނަމަ، އަދި އެހިސާބަށް ކަންތައްތައްދާ ކަމަށް ފެނިއްޖެނަމަ، ސަރުކާރުން އެކަމާމެދު ފިޔަވަޅު އަޅަންޖެހޭނެއޭ. އެއީ، ޤައުމުގެ ސަލާމަތަށްޓަކައި ސަރުކާރުން ކުރަންޖެހޭނެ ކަމެކޭ.

ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވަން. އެމީހަކަށް ފެންނަ ޚިޔާލެއް އިޚްލާޞްތެރިކަމާއެކު ފާޅުކުރުމުގެ މިނިވަންކަން އަދިވެސް އެބައޮތް. އަދި ޤައުމުގެ އިޞްލާޙަށްޓަކައި ތެދު ނިޔަތުގައި އެފަދަ ޚިޔާލުތައް ފާޅުކޮށް އުޅުމަކީ ސަރުކާރުން ތަރުޙީބުދޭ ކަމެއް. ނަމަވެސް، އެހެން ކަންތައްތަކެކޭ އެއްފަދައިން، މިކަންވެސް ހިނގަންޖެހޭނީ އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނުތައް ހުއްދަކުރާ ގޮތެއްގެ މަތިން.

މާތްވެގެންވާ އިސްލާމްދީނުގައި އޮތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެއްވާފައި. ދީނުގެ ޙުދޫދުގެ ތެރޭގައި ދީނުގެ އަޞްލަކާ ޚިލާފުވާ ވާހަކައެއް ނުދެއްކޭނެ. ކަނޑައެޅިގެން ދޮގު ވާހަކައެއް ނުދެއްކޭނެ. ޤައުމުގައި، ފިތުނަ ފަސާދަ އުފެދޭކަހަލަ ވާހަކައެއް ނުދެއްކޭނެ. އިސްލާމްދީނުގައި މިނިވަންކަން އޮތީ މިގޮތަށް. މި އުޞޫލުތަކަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަންޖެހޭނެ.

މި ފުރުޞަތުގައި އަޅުގަނޑު މި އިލްތިމާސް ކުރަނީ، އަޅުގަނޑުމެން އެންމެންވެސް މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފަމުން ގެންދިޔުމަށް. އިސްލާމްދީނުގެ އުޞޫލުތަކާއި، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި މިނިވަންކަމާއެކު ޚިޔާލުފާޅުކުރަމުން ގެންދިޔުމަށް. ފާޑުކިޔަމުން ގެންދިޔުމަށް.

މި ދެންނެވި ފަދަ ހަރުދަނާ އޮށްޓަރު ހުރި ޚިޔާލުތަކުންނާއި، ފާޑުކިޔުންތަކުން، ސަރުކާރާއި ޤައުމުގެ ކަންތައްތަކަށް ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޙަރަކާތްތެރިވަމުން ދާނަން. މިހާރުވެސް، ސަރުކާރުގެ ބައެއް އޮފީސްއޮފީހުގައި އުޅޭ ޚިޔާނާތުގެ މައްސަލަތަކެއް ސަރުކާރުން މިގެންދަނީ ވަރަށް ރަނގަޅަށް ބަލަމުން. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި އެފަދަ ކަންކަމަށް ޤާބިލް، ތެދުވެރި، ޤައުމަށް އިޚްލާޞްތެރި ބޭފުޅުންކޮޅަކާ ޙަވާލުކޮށްގެން ތަޙުޤީޤު ހިންގަމުން. މިބާވަތުގެ ކުށްތަކާއި، މިނޫނަސް ސަރުކާރުގެ ދާއިރާގައި ހިނގާ ނޭދެވޭ ކަންތައްތައް ބެލުމަށް އެއްވެސް ހުއްޓުމެއް ނާރާނެކަމުގެ ޔަޤީންކަން އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން. އަބަދުވެސް އެފަދަ މައްސަލަތައް ބަލައި، ކުށް ސާބިތުވާ ބަޔަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެކަމުގެ ޔަޤީންކަންވެސް އަރުވަން.

އަޅުގަނޑުމެންގެ ކަންތައްތައް އިޞްލާޙު ކުރުމަށް އަޅުގަނޑު ފަށާފައިވާ މަސައްކަތްތައް މާތްގެ ތައުފީޤާއެކު ހުއްޓުމެއްނެތި ކުރިއަށް ގެންދަން ޤަޞްދުކުރާ ވާހަކަވެސް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަކީ މިނިވަންކަމުގެ މަސްއޫލިއްޔަތު ވަޒަންކުރާ ބަޔަކު ކަމުގައި ލެއްވުން. ވޭތުވެދިޔަ 25 އަހަރެކޭ އެއްފަދައިން، މިނިވަން ހިޔާވަހިކަމެއްގައި އަމާންކަންމަތީ ދެމިތިބޭ ރައްޔިތެއް ކަމުގައި ލެއްވުން. އާމީން.