ސަޢޫދީ ޢަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން، ޢާއިޝަތު އަފްރީން މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި، ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަން، ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ނިމިދިޔަ ޙައްޖު މޫސުމުގައިވެސް ދިވެހި ޙައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ. އަދި ސަޢޫދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށްވެސް ނައިބު ރައީސް ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަޠްރިކް ޢަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ މުއްސަނދި ތާރީޚާއި ތަރިކަ، އަދި އެ ޤައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް ބައްލަވާލެއްވުމުގެ ފުރުޞަތުވެސް ރަސްމިއްޔާތުގެ ބައިވެރިންނަށް ލިބިވަޑައިގެންފައިވެއެވެ.