بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރަނީ، އަޅުގަނޑުމެންގެ ރާއްޖެ މިހާރު އެކަމަށްޓަކައި ތައްޔާރުވަމުންމިދާ ސާރކް ޤައުމުތަކުގެ އިސްވެރިންގެ ޖަލްސާއާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށް. އާދެ، އެ ޖަލްސާއަށް ތައްޔާރުވަމުންދިޔުމުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުންދާ މަތިވެރި ތަރުޙީބާއި އެއްބާރުލެއްވުމަށްޓަކައި، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތައް ތިޔަބޭފުޅުންނަށް ދަންނަވާލުމަށް.

ޝައްކެއްވެސްނެތް. ރާއްޖޭގައި ސާރކް ސަމިޓްގެ 5 ވަނަ ޖަލްސާ ބޭއްވުމަށް ސާރކްގެ ހުރިހާ ޤައުމުތަކުން ކަނޑައެޅި ދުވަހުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އާދެ، ރައްޔިތުންގެ ހުރިހާ ދާއިރާއަކުން އެކަމަށް ދެއްވަމުން ގެންދަވާފައި ވަނީ، އުފާކުރުން ހައްޤުވާފަދަ ތާއީދަކާއި ތަރުޙީބެއް. މިކަމުގެ އެންމެ އަލިގަދަ ދަލީލަކީ، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މިހާ ފުރިހަމައަށް މިކަމަށް ރާއްޖެއަށް ތައްޔާރުވެވުނުކަން.

ސާރކް ސަމިޓް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހި، އެކަން އިޢުލާނު ކުރެވުނީ، މީގެ އެންމެ ހަތަރު މަހެއްހާ ދުވަސް ކުރިން. އަޅުގަނޑުމެންގެ ރާއްޖޭގައި މިފަދަ ޖަލްސާއެއް ބާއްވަން އެކަށީގެންވާވަރުގެ ޖަލްސާކުރާ ހޯލެއްވެސް ނެތުމާއެކު، އެކަމަށްޓަކައި ދަރުބާރުގެއެއް ހެދުމުގެ މަސައްކަތް ފެށުނީ، މީގެ އެންމެ ދެމަސްދުވަސް ކުރިން. އޭގެ އިތުރަށް، ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި، އެހެނިހެން މެހްމާނުން ތިއްބަވާނޭ ތަންތަނުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް ލިބުނީވެސް ދާދި ކުރު މުއްދަތެއް. ހަމައެހެންމެ، މިފަދަ ބޮޑު ޖަލްސާއަކަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި، އިދާރީ ކަންތައްތައް ރާވައި ހަމަޖެއްސުމަށްވެސް ލިބުނީ ވަރަށްކުޑަ ފުރުޞަތެއް.

އެހެންކަމާއެކުވެސް، ދީލަތިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ހެޔޮ ތައުފީޤާއެކު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އިޚްލާޞްތެރި އެއްބާރުލެއްވުމާއި، ހީވާގި މަސައްކަތުން، މިއަދު އަޅުގަނޑުމެން މިތިބީ، މި މުހިންމު ޖަލްސާއަށްޓަކައި ތައްޔާރުވެގެން. އެކަމަށްޓަކައި މިއަދު ދިވެހި ކޮންމެ ފަރުދަކުވެސް އުފާކުރުން ޙައްޤު.

އެހެންކަމުން، މިރޭ އަޅުގަނޑު ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރާއި މަރުޙަބާ މި ދަންނަވަނީ، ނުހަނު އުފަލާއެކު ހިތުގެ އެންމެ ފުންމިނުން. މި ބުރަ މަސައްކަތުގައި އުޅުއްވި ހުރިހާ ފަރާތްތަކެއް ވަކިވަކީން ފާހަގަކޮށް ޝާމިލް ކުރަމުން. އާދެ، ރަސްމީގޮތުން މި މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންނެވި އެކިއެކި ވަޒީރުންނާއި، ސަރުކާރުގެ ތަފާތު ދާއިރާތަކުގެ މުވައްޒަފުންނާއި، މިކަމާބެހޭ ހުރިހާ އިންތިޒާމުތަކެއް ރާއްވަވައި ޙަރަކާތްތެރިވެވަޑައިގަންނަވާ ފަރާތްތަކާއި، މިކަމުގައި ޢަމަލީގޮތުން އުޅުއްވަން ޖެހިވަޑައިގެންނެވި ރިޒޯޓްތަކުގެ ވެރިންނާއި، މުވައްޒަފުންނާއި، ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވުމަށް ނުކުމެވަޑައިގަތް ސަރުކާރުގެ އޮފީސް އޮފީހުގެ މުވައްޒަފުންވެސް ހިމެނޭގޮތުން. އަދި ހަމަ އެގޮތަށް، އެ މަސައްކަތްތަކުގައި ބައިވެރިވެދެއްވި، މާލޭގެ ހަތަރު އަވަށުގެ ރައްޔިތުންނާއި، ރާއްޖޭގެ އެކިއެކި އަތޮޅުއަތޮޅާއި، ވަކިވަކި ރަށްރަށުގެ ރައްޔިތުންވެސް ހިމެނޭގޮތުން. މިކަމުގައި ހަރަކާތްތެރިވި ސްކޫލްތަކާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކާއި ކްލަބުތައްވެސް ހިމެނޭގޮތުން.

މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރާ އަނެއް ބަޔަކީ، ދަރުބާރުގެ ހެދުމާއި، އެނޫންވެސް ބައެއް އެހެން މަސައްކަތްތަކުގައި އުޅުއްވި އެކިއެކި މަސައްކަތްކުރާ ޖަމާޢަތްތައް. އެ ފަރާތްތަކުން އެ މަސައްކަތް ކުރައްވަމުން ގެންދަވާފައި ވަނީ، އެހެން ހުރިހާ ކަމެއް ދޫކޮށްލައްވާފައި، ރެޔާއިދުވާލު މި މަސައްކަތަށް ޚާއްޞަކަން ދެއްވައިގެންކަން އަޅުގަނޑު ގަބޫލުކުރަން. އެހެންކަމުން، ފަށްފަށުން އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާނީ ޝުކުރިއްޔާ.

ސާރކް ސަމިޓް ރާއްޖޭގައި މި ބޭއްވެނީ، ސާރކްގެ ޤައުމުތަކުންނާއި، ރާއްޖެއާ އެކުވެރި އެހެނިހެން ބައެއް ޤައުމުތަކުންވެސް ވަރަށްބޮޑު އެހީއާއި އެއްބާރުލުން ލިބިގެން. ޝައްކެއްނެތް. އެ އެހީތައް އަޅުގަނޑުމެންނަށް އެ ޤައުމުތަކުން ވެދިނީ، ރާއްޖެއާއި އެ ޤައުމުތަކާ ދޭތެރޭގައި އޮންނަ އެކުވެރި އަދި ރަޙްމަތްތެރިކަމުގެ ގާތް ގުޅުމުގެ ސަބަބުން. އެ ޤައުމުތަކުން އެހީގެ ގޮތުގައި ރާއްޖެއަށް ދިން އެއްޗެތީގެ ތެރެއިން ގިނަ އެއްޗެއްސަކީ ސަމިޓް ނިމުމަށްފަހުވެސް، ރާއްޖޭގައި ބޭނުންކުރުމަށް ހުންނާނޭ ތަކެތި. އެހެންކަމުން، މި ސަމިޓް ބޭއްވުމާ ގުޅޭގޮތުން ރާއްޖޭގެ އެކުވެރި ޤައުމުތަކުން ރާއްޖެއަށް ވެދިން މަތިވެރި އެހީތަކަށްޓަކައި، އެ ޤައުމުތަކުގެ ވެރިންނަށާއި، ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ސާރކް ސަމިޓަށްޓަކައި ތައްޔާރުކުރެވުނު ދަރުބާރުގެ ތައްޔާރުކޮށް ނިމުނުއިރު، އެތަން ވެފައިވަނީ ވަރަށް ރަނގަޅަށް ތައްޔާރުކުރެވުނު ތަނެއް ކަމުގައި. އެތަން ހިމެނިފައި ވަނީ، ޤައުމަށް ރީތި ނަމާއި ފަޚުރު ހޯދައިދިނުމަށް މަސައްކަތްކުރި ތަފާތު ފެންވަރުތަކުގެ އެތައް ބަޔެއްގެ ހިއްމަތާއި ހިތްވަރާއި އެއްބާރުލުމުގެ ނިޝާނެއް ކަމުގައި. އެހެންކަމުން، ސަރުކާރުން ޤަޞްދުކުރަނީ، ސާރކް ސަމިޓްގެ ޖަލްސާތައް ނިމުމަށްފަހު، މި ދަރުބާރުގެ އަވަހަށް ހަލާކުނުވެ ހުންނާނެގޮތް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަން ފަށަން. މިއަށްވުރެ ފުރިހަމަ އަދި ދާއިމީ ތަނެއް ހެދެންދެން މި ދަރުބާރުގޭގެ ބޭނުން ހިފަމުން ގެންދަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ސާރކް ސަމިޓަކީ، ވަރަށްވެސް މުހިންމު ޖަލްސާއެއް. ސާރކަކީ އަޅުގަނޑުމެން އެ ސަރަޙައްދެއްގައި ހިމެނޭ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުމާއި އެކުވެރިކަން އުފެއްދުމަށްޓަކައި އެ ސަރަޙައްދުގެ ޤައުމުތައް ބައިވެރިވެގެން އުފައްދާފައިވާ ޖަމްޢިއްޔާއެއް. އެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވެވަޑައިގަތުމެއްގައި ނިންމަވާ ކަންތައްތައް ވާނީ، އެ ސަރަޙައްދެއްގެ އެންމެހާ ރައްޔިތުންނަށް އޭގެ އަސަރު ފޯރާނޭ ކަންތައްތަކަކަށް. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ސާރކް ސަމިޓްގެ ޖަލްސާއަކުން ނިންމާ ކަންތައްތަކަކީ، މުޅި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބަޔަށް އޭގެ އަސަރު ފޯރާނޭ ކަންތައްތަކެއް ކަމުގައިވާނެ. އެކަމަށްޓަކައި، މި ސަމިޓާމެދު ދުނިޔޭގެ ވަރަށްގިނަ ބަޔެއްގެ ނަޒަރު މިހާރު ވާނީ މި ރާއްޖެއާ ދިމާއަށް ހުއްޓާލެވިފައިކަން އަޅުގަނޑުމެން ވިސްނަންޖެހޭނެ.

ކަންމިހެން ހުރުމާއެކު، ރާއްޖޭގައި ބާއްވާ ސާރކް ސަމިޓްގެ ޖަލްސާ ކާމިޔާބު ޖަލްސާއަކަށް ވުމަކީ، އޭގެ ސަބަބަން ރާއްޖެއަށް ރީތިނަމާއި ޝަރަފް ލިބިގެންދާނެ ކަމެއް. އޭގެ ސަބަބުން، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ޤަދަރު އުފުލިގެންދާނޭ ކަމެއް.

އާދެ، ރާއްޖޭގައި މި ބޭއްވޭ ސާރކް ސަމިޓް ކާމިޔާބީއަކަށް ވުމަކީ، މުޅި ދިވެހި ޤައުމަށް ލިބޭ ފަޚުރެއް. މުޅި ޤައުމަށް ލިބޭ ނަޞްރަކާއި ޝަރަފެއް. އޭގެ އިތުރުން، އެއީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބޭނޭ ކާމިޔާބީއެއް. ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބޭނޭ ރީތި ނަމަކާއި ޤަދަރެއް. ރާއްޖޭގެ ތާރީޚުގެ މިހާރަށާއި، އަންނަން އޮތް ޒަމާނަށްވެސް އޭގެ ސަބަބުން އިތުރު އަހަންމިއްޔަތެއް ގެނެސްދޭނޭ ކަމަކަށްވެސް ވާނެ.

އެހެންވީމާ، އަޅުގަނޑުގެ މިރޭގެ ވާހަކަކޮޅު ނިންމާލާނީ، ރާއްޖޭގައި މި ބާއްވާ ސާރކް ސަމިޓްގެ ޖަލްސާ ކުލަގަދަ ކާމިޔާބީއަކަށް ހެދޭތޯ، ރާއްޖޭގެ ރައްޔިތުންކުރެ ކޮންމެ ފަރުދަކުވެސް، އެމީހަކަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް ގޮވާލަމުން. ޖަލްސާއަށް ތައްޔާރުކުރުމުގައި ރައްޔިތުން ބެހެއްޓެވި ޝައުޤުވެރިކަމާއި އެއްބާރުލެއްވުން، ޖަލްސާ ހިނގަމުންދާއިރުވެސް ބަހައްޓަވަމުން ގެންދެވުމަށް އިލްތިމާސް ކުރަމުން. ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެގެން، އެކުވެރިކަމާއެކު އެއްބާރުލުމުގައި، އަބަދުވެސް ދެމިތިއްބެވުމަށް ބާރުއަޅަމުން.

މާތްﷲ، އަޅުގަނޑުމެން، ދިވެހި ޤައުމަށްޓަކައި ކުރަމުންދާ އިޚްލާޞްތެރި މަސައްކަތުގައި ބަރަކާތާއި ރަޙްމަތް އިތުރުކުރައްވާށި! އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށި!

والسّــلام عليــكم ورحـمــة اللّـه.