بســم اللّـه الرّحمـن الرّحيــم
اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރުމަށްފަހު، އަޅުގަނޑުގެ ލޯތްބާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ފޮނުވަން.
މިއަދު ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންގެ ފަރާތުން ތިޔަކުދިން ތިޔަ ގެނެސްދިން މެސެޖް އިރާދަކުރެއްވިއްޔާ، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންނާ ބެހޭ ބައިނަލްއަޤްވާމީ ޖަލްސާއަށް އަހަރެން ގެންގޮސްދޭނަން.
ކަނޑުގެ ލޮނުގަނޑު އުސްވުމާ ބެހޭގޮތުން ތިޔަކުދިންނަށް ލިބިފައިވާ މަޢުލޫމާތަކީ، ހިތާމައާއެކު ބުނަންޖެހެނީ ހަމަ ތެދު މަޢުލޫމާތޭ. އެ މައްސަލައަކީ، ދިވެހިރާއްޖެއަށް މުސްތަޤްބަލްގައި ކުރިމަތިވެގެން އަތުވެދާނެ މައްސަލައެކޭ. އެހެންކަމުން، ތިޔަކުދިންގެ ސަލާމަތަށްޓަކައި އަދި ތިޔަކުދިންގެ ފަހުން މި ދިވެހިރާއްޖޭގައި ދިރިއުޅެން ތިބި އަންނަނިވި ޖީލުތަކުގެ ސަލާމަތަށްޓަކައި މިހާރުވެސް ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިގެންދަނީ ކުރަމުން. އަދި މުސްތަޤްބަލްގައިވެސް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނެ. ހަމައެއާއެކު، މި ބޮޑު މައްސަލައަކީ ހަމައެކަނި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޙައްލުކުރެވޭވަރަށްވުރެ މާދަތި، މާބޮޑު މައްސަލައަކަށްވާތީ، މިކަމުގައި އެކުވެރި ރަޙްމަތްތެރި ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީ ލިބޭތޯ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރަމުން ގެންދާނެ.
އެހެންވީމާ، ތިޔަކުދިން މިއަދު ތިޔަ ހުށަހެޅި ހުށަހެޅުމަކީ، ވަރަށް ޚާއްޞަ ސަމާލުކަމަކާއެކު އެއަށް ދިވެހި ސަރުކާރުން ޢަމަލުކުރާނެ މައްސަލައެއް. ހުށަހެޅުމެއް. އިރާދަކުރެއްވިއްޔާ، ބައިނަލްއަޤްވާމީ ކުޑަކުދިންނާބެހޭ ޖަލްސާއަށް ތިޔަ ހުށަހެޅުން ގެންގޮސް، އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ތިޔަ ހުށަހެޅުމަށް ލިބޭތޯ ބަލައިދޭނަން.
ކުޑަކުދިންގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅު ކުރުމަށް، ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ތިޔަކުދިން ކިޔަވަންދާނެ މަދަރުސާތައް ސަރުކާރުން އެބަ އަޅައިދޭ. ތިޔަކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން އެބަ ހޯދައިދޭ. ތިޔަކުދިން ކިޔަވަން ބޭނުންކުރާނެ ފޮތްތައް ސަރުކާރުން ތައްޔާރުކޮށް، ތިޔަ ކުދިންނަށް އެބަ ގެނެސްދޭ. އަދި ތިޔަކުދިންގެ ޞިއްޙަތު، އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުކޮށް، އުފާވެރި ބާއްޖަވެރި ޙަޔާތެއް ދިރިއުޅެވޭފަދަ ކުދިންތަކަކަށް، ތިޔަކުދިން ހެދޭތޯ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މުސްތަޤްބަލްގައި މި މަސައްކަތް ހަމަ އެގޮތުގެމަތިން، ނުވަތަ މިހާރު އެކުރަމުން ގެންދެވޭވަރަށްވުރެ ފެންވަރު ރަނގަޅުގޮތެއްގައި ކުރެވޭތޯ ސަރުކާރުން ވަރަށްބޮޑަށް ބަލާނެ.
މިއަދު ދިވެހިރާއްޖޭގެ ކުޑަކުދިން ތިޔަ އަތުގުޅާލި ފަދައިން، ބައިނަލްއަޤްވާމީ ޖަމާޢަތުގައި ހިމެނޭ ޤައުމުތައްވެސް ދިވެހިރާއްޖެއާ އަތުގުޅާލައިގެން، ދިވެހިރާއްޖެއަށް ކުރިމަތިވަމުން އަންނަ ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުސްވުމުން ރާއްޖެ ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް، އެފަރާތްތަކުގެ ތާއީދާއި އެހީ ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި އެ އެހީ ލިބިގަތުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރާނެ.
މިއަދުގެ މި މުހިންމު ޕްރޮގްރާމް ރާއްވަވައި އިންތިޒާމު ކުރެއްވި ވެށްޓަށްވެސް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުކުރާއި ތަޢުރީފް މި ފުރުޞަތުގައި ރައްދުކުރަން. ދިވެހިރާއްޖޭގައި އުފެދިފައިވާ އަމިއްލަ ޖަމާޢަތްތަކުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށާއި، ރާއްޖެއަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި މަގު ހޯދައިދިނުމުގެ ގޮތުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔަން.
އާދެ، އެއްވެސް ޤައުމަކަށް ކުރިމަތިވާ މައްސަލަތަކަކީ ހަމައެކަނި އެ ޤައުމެއްގެ ސަރުކާރަކަށް ޙައްލުކުރެވޭނެ ކަންތައްތަކެއް ނޫން. ސަރުކާރާއި ރައްޔިތުންނާއި އަދި ރައްޔިތުންގެ ތެރޭގައި އުފެދޭ އެކިއެކި ޖަމާޢަތްތަކުގެ އިޚްލާޞްތެރި މަސައްކަތް ލިބިގެން ނޫނީ އެފަދަ މައްސަލަތަކެއް ޙައްލެއް ނުކުރެވޭނެ.
އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި މިފަދަ މުހިންމު ކަންތައްތަކާ ދޭތެރޭގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވާ އަމިއްލަ ހުރިހާ ޖަމާޢަތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިއަދުގެ މި ކުޑަކުދިންގެ ޕްރޮގްރާމް އިންތިޒާމު ކުރެއްވި ވެށީގެ އިސް މެންބަރުންނަށާއި، އެ ޖަމާޢަތުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ދިވެހި ޤައުމު ރައްކާތެރި ކުރެއްވުން. ޤައުމަށް ތަނަވަސް މުސްތަޤްބަލެއް ދެއްކެވުން. އަދި ޚާއްޞަކޮށް، މިއަދަކީ ތިޔަ ކުޑަކުދިންގެ ފަރާތުން ސަރުކާރަށް ވަރަށް މުހިންމު ލިޔުމެއް ލިބުނު ދުވަހެއް ކަމަށްވާތީ، ރާއްޖޭގެ ކުޑަކުދިންނަށް އުފާވެރި މުސްތަޤްބަލެއް އެކަލާނގެ ދެއްކެވުން. ތިޔަކުދިންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން. އަދި ތިޔަކުދިން ބޮޑުވެގެން ރާއްޖެއަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރާނެ މުވާޠިނުންތަކެއް ކަމުގައި ލެއްވުން.