ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ދަށުން ހިނގަމުންދާ ނޭޝަނަލް އާޓް ގެލެރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. އަދި ނޭޝަނަލް އާޓް ގެލެރީއަކީ، މިއަދުން ފެށިގެން ވަކި އޮފީހެއްގެ ހައިސިއްޔަތު ލިބިފައިނުވާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ބަލަހައްޓަވަމުން ގެންދަވާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރައްވަމުން ގެންދަވާ ގޮތަށް މި ހަމަޖެއްސެވީ، މި ދެ ތަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި އެއްބާވަތުގެ މަސައްކަތްތަކެއް ހިމެނިފައިވުމާއެކު، މި މަސައްކަތްތައް އެއްތަނަކުން ކުރައްވާގޮތަށް ހަމަޖެއްސެވުމުން، މިކަމަށް ހިނގާ ޚަރަދުތައް ކުޑަކުރެވި، މުވައްޒަފުންނާއި، އެހެނިހެން ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނޭކަމަށް ފެނިވަޑައިގަންނަވާތީއެވެ.