بســم اللّـه الرّحمـن الرّحيــم
اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، މިރޭގެ މި އުފާވެރި ބައްދަލުކޮށްލުން އާދެ، "ސާރކް ހަވީރު" އިންތިޒާމު ކުރެވިފައި މިވަނީ ދިވެހިރާއްޖޭގައި ފަސްވަނަ ސާރކް ސަމިޓް ބޭއްވުމުގައި އެކަމަށް ތައްޔާރުވުމުގެ ގޮތުންނާއި، އެ ސަމިޓް ހިންގުމުގެ ގޮތުންނާއި، ސަމިޓުގެ ހުރިހާ ކަމެއް ރާވައި އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަށްޓަކައި އިންތިޒާމު ކުރެވުނު ބައްދަލުކޮށްލުމެއް.
އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މިހާރު އެނގިވަޑައިގަންނަވާނެ، ފަސްވަނަ ސާރކް ސަމިޓް ހިމެނިގެން މިދިޔައީ، މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ބޭއްވުނު އެންމެ މަތީ ފެންވަރުގެ ޖަލްސާ ކަމުގައި. ރާއްޖޭގައި ބޭއްވުނު އެންމެ ފުރިހަމަ ޖަލްސާ ކަމުގައި. މުޅި ރާއްޖެއަށް ބޭރު ދުނިޔޭގެ ލޯތައް ހުއްޓުވާލި ޖަލްސާއެއް ކަމުގައި. ޝައްކެއްނެތް، ފަސްވަނަ ސާރކް ސަމިޓް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން އަދި އެ ސަމިޓަކީ ހުރިހާގޮތަކުން ބަލާއިރުވެސް ވަރަށް ކާމިޔާބު ސަމިޓަކަށް ވެގެންދިޔަކަން އެއީ، ރާއްޖެއަށް ވަރަށް މަތިވެރި ތާރީފަކާއި، ރީތިނަމެއް މުޅި ދުނިޔޭގެ ކުރިމަތީގައި ލިބިގެންދިޔަ ކަމެއް.
ފަސްވަނަ ސާރކް ސަމިޓް ރާއްޖޭގައި މިހާ ކުލަގަދަ، އުފާވެރިގޮތެއްގައި ބޭއްވިގެން މިދިޔައީ، ޝައްކެއްނެތް، ވަރަށް ގިނަ ފަރާތްތަކެއްގެ ހިންމަތާއި މިންނަތުން. ވަރަށް ގިނަ ފަރާތްތަކެއްގެ މަސައްކަތާއި، އިޚްލާޞްތެރިކަމުން ފުރިގެންވާ ކަންތައްތަކަކުން. އާދެ، މިކަންތަކުގައި އުޅުއްވީ ތިޔަބޭފުޅުން. ތިޔަބޭފުޅުންގެ އިތުރުން، މިރޭ މިތަނަށް ވަޑައިނުގެންނެވުނު ކިތަންމެ ބޭފުޅުންނެއްވެސް މި މަސައްކަތުގައި އުޅުއްވައިދެއްވި. ސާރކް ސަމިޓަށް ތައްޔާރުކުރުމާއި، އެ ޖަލްސާގެ ކަންތައްތައް އިންތިޒާމުކުރުމާއި، ހިންގުމުގައި އަޅުގަނޑަށް ދަންނަވަންޖެހެނީ، ރާއްޖޭގެ ކަމަށް އެކަށީގެންވާ ހަމަ ހުރިހާ އެންމެންވެސް ބައިވެރިވިއޭ. ސަރުކާރުގެ އޮފީސްތައް، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން، އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ ފަރާތްތައް، ޓޫރިސްޓް ރިޒޯޓުތައް، އަމިއްލަ މަދަރުސާތައް، މާލޭގެ އަވަށްތައް، ރާއްޖެތެރޭގެ ރައްޔިތުން އެކިއެކި އަތޮޅުތަކުގެ ނަމުގައި އައިސް މަސައްކަތް ކުރި. އެހެންގޮސް އަޅުގަނޑަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ފަރާތްތަކުން މި މަސައްކަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކުގައި ބައިވެރިވެވަޑައިގެންދެއްވި. ތިޔަ ހުރިހާ ބޭފުޅުންގެ މިންނެތް މަސައްކަތުން، ތިޔަ ހުރިހާ ބޭފުޅުންގެ އިޚްލާޞްތެރި މަސައްކަތުން، ތިޔަ ހުރިހާ ބޭފުޅުންގެ ހިތްޕުޅުގައި އުފެދިފައިވާ ޤައުމީ ލޯތްބެއްގެ ބޮޑުކަމުން، ތިޔަ ހުރިހާ ބޭފުޅުން ދިވެހި ޤައުމަށް ރީތިނަމަކާއި، މަތިވެރި ޝަރަފެއް ހޯއްދަވައި ދެއްވަން ކުރެއްވި ބުރަ މަސައްކަތުން ސާރކް ސަމިޓް މިހާ ރީތި ގޮތެއްގައި، މިހާ އޮމާންގޮތެއްގައި ބޭއްވިގެން އެދިޔައީ. އަދި އެ ސަމިޓުގެ ސަބަބުން، ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ ޤަދަރު ބައިނަލްއަޤްވާމީ ޖަމާޢަތުގައި އުފުލިގެން ދިޔައީ.
އެހެންވީމާ، އެކަމަކީ އަޅުގަނޑެކޭ އެއްފަދައިން، މިއަދު އިޚްލާޞްތެރި ކޮންމެ ދިވެހިރައްޔިތަކުވެސް އުފާކުރާނެ ކަމެއް. އެ އުފާ ތިޔަބޭފުޅުންނަށް ކޮންމެވެސް ސިފައެއްގައި ބަޔާންކޮށްދިނުމަށްޓަކައި، އަދި އެ އުފާ އަޅުގަނޑުމެންނަށް މި ލިބުނީ، ތިޔަ ހުރިހާ ބޭފުޅުންގެ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަށްޓަކައި މިރޭގެ މި ބައްދަލުކޮށްލުން މި ބޭއްވުނީ. އެހެންވީމާ، އަޅުގަނޑު މިހުރި މަޤާމުގެ ގޮތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ޝުކުރާއި މުބާރަކްބާދީ ދަންނަވަން.
ކުރިންވެސް ދެންނެވިފަދައިން، ސާރކް ސަމިޓުގެ ކަންތަކުގައި ވަރަށްގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެންދެއްވި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކެއްގެ ނަންތައް ދެންނެވުމަކީ، އަޅުގަނޑަށް ވެވޭވަރުގެ ކަމަކަށް ނުވާނެ. އެހެންވީމާ، އެކަން އަޅުގަނޑު ކުރާކަށް ނެތިން. އެހެންނަމަވެސް، ސާރކްގެ ކަންތައްތައް އިންތިޒާމު ކުރެއްވި ބައެއް ފަރާތްތަކުގެ ވާހަކަ، ކިތަންމެ ކުރުކޮށްނަމަވެސް ދަންނަވާލުމަކީ އަޅުގަނޑު ހިތުން ބޭނުންކަމެއް. އެންމެ ފުރަތަމަ، ސާރކްގެ ހުރިހާ ކަމެއް ރާވައި ހިންގުމުގައި އުޅުއްވި މިނިސްޓީރިއަލް ކޮމިޓީ. އެ ކޮމިޓީގެ މެންބަރުން އަޅުގަނޑު ފާހަގަކޮށްލަން. އެ ބޭފުޅުންނަކީ ހުރިހާ ކަމެއް ފެށުނީއްސުރެ ނިމެންދެން އިންތިޒާމު ކުރެއްވި ބޭފުޅުން. އެ ބޭފުޅުން އެ ކުރެއްވި އިންތިޒާމުތަކުގެ އަލީގައި ކަންތައްތައް ހިންގެވީ، ކޯޑިނޭޓަރުންގެ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން ތިއްބަވައިގެން. އެ ބޭފުޅުން އެކަން ކޮށްދެއްވީ. ކޯޑިނޭޓަރުންގެ އިތުރަށް، ސަރުކާރުގެ ވަރަށްގިނަ އިސް އޮފީސްތަކެއް މިކަމުގައި ބައިވެރިވި. އާދެ، އަޅުގަނޑުގެ ހިތަށް އެންމެ ފުރަތަމަވެސް އަންނަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް. ޝައްކެއްނެތް، ސާރކަކީ ބޭރުދުނިޔެއާއި ދިވެހިރާއްޖެއާ އޮތް ގުޅުން ރަމްޒުކޮށްދޭ ވަރަށް ބޮޑު ޖަމާޢަތެއް. ވަރަށް މުހިންމު ޖަމާޢަތެއް. ސަރުކާރުގެ ކަމާބެހޭ އެންމެ އިސްފަރާތަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް. އެހެންކަމުން، އެ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރާއި އަދި އޭނާގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަން ތިއްބެވި ހުރިހާ ވެރިންނާއި، ހުރިހާ މުވައްޒަފުން އަޅުގަނޑުގެ ޝުކުރުގައި ޝާމިލްކުރަން.
އާދެ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން، ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކަކުން މިކަމުގައި ބައިވެރިވެވަޑައިގެންދެއްވި. އެ ހުރިހާ އޮފީސްތަކެއްގެ ނަންތައް ދަންނަވައިނުލެވުނު ކަމުގައިވިޔަސް، ބައެއް އޮފީސްތަކުގެ ނަންތައް ދަންނަވައިލުމަކީ، އެހެން އޮފީސްތަކަށާއި، މިނިސްޓްރީތަކަށް ކުރެވޭ ބޭއިންޞާފެއް ކަމުގައި ނުހިއްތެވުން އެދެން. އާދެ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. ޝައްކެއްނެތް، އަޅުގަނޑުމެންގެ ސާރކް ސަމިޓް ރާއްޖޭގައި މިހާ ކާމިޔާބު އަދި އޮމާން ރީތި ގޮތެއްގައި ބޭއްވިގެން މިދިޔައީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސް ވެރިންނާއި އަދި އެން.އެސް.އެސް.ގެ އޮފިސަރުންނާއި، އެން.އެސް.އެސް.ގެ ހުރިހާ ބޭކަލުންގެ ވަރަށް ބޮޑު މަސައްކަތެއް މިކަމުގައި އެކުލެވިގެން. ރާއްޖޭގައި މިފަދަ މުހިންމު ބައްދަލުވުމެއް ބޭއްވުމުގައި ޚާއްޞަކޮށް، މިއަދުގެ ދުނިޔޭގައި ކަންތައްތައް ހުރިގޮތުން، ސަލާމަތާބެހޭ ކަންތައްތައް ވަރަށް ފުރިހަމަކޮށް އިންތިޒާމުކުރެވިފައި ހުންނަންވާނެކަން ތިޔަބޭފުޅުން ޤަބޫލުކުރަންވާނެ. އެހެންވީމާ، އެ ކަންތައްތައް ވަރަށް ފުރިހަމަގޮތެއްގައި ކޮށްދެއްވީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިސްވެރިންނާއި، އެ މިނިސްޓްރީގެ ހުރިހާ ބޭފުޅުންނާއި، އަދި އެން.އެސް.އެސްގެ އޮފިސަރުންނާއި، އެން.އެސް.އެސްގެ ބޭކަލުން ކަމަށްވާތީ، އެ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، މީގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީ، އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިން، މާލޭ މުނިސިޕަލްޓީ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު، ޓެލެވިޜަން މޯލްޑިވްސް، ދިވެހިރާއްޖޭގެ އަޑު، ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ، އަދި އެމް.ޓީ.ސީ.ސީ، އިސްލާމީ މަރްކަޒު، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް، ނޮވެލްޓީ ޕްރެސް، މި ތަންތަނުގެ ނަންވެސް އަޅުގަނޑު ފާހަގަކޮށްލަނީ، އެ ފަރާތްތަކުން ކޮށްދެއްވި މަސައްކަތަށް ވަރަށް އުފަލާއެކު، ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވަމުން. އަޅުގަނޑު މި ދެންނެވި ސަރުކާރުގެ އޮފީސްތަކުގެ އިތުރަށް، ސަރުކާރުގެ އެހެން އޮފީސްތަކުންވެސް މިކަމުގައި ވަރަށްބޮޑު ބައެއް ކުޅުއްވި. އެހެންނަމަވެސް، އެ ހުރިހާ ފަރާތްތަކެއްގެ ނަން ކޮންމެހެން ދަންނަވައިނުލިޔަސް، ތިޔަބޭފުޅުން އަޅުގަނޑަށް މަޢާފް ކުރައްވާނެ ކަމަށް ހީކުރަން.
މިދެންނެވި ފަރާތްތަކުގެ އިތުރަށް، މާލެތެރެ ސާފުކޮށް ޒީނަތްތެރިކުރުމާއި، ދަރުބާރުގޭގެ ހިސާބުގެ ކަންތައްތައް ރީތިކޮށް ބެލެހެއްޓުމާއި، މި ކަންތައްތަކުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީ ލިބުނު. ޚާއްޞަކޮށް، މާލޭގެ އަވަށްތައް. މާލޭގެ ހުރިހާ އަވަށަކުންވެސް އަވަށްއަވަށުގެ ރައްޔިތުން ނުކުމެވަޑައިގެން، އެ ކުރެއްވި އިޚްލާޞްތެރި ބުރަ މަސައްކަތްތަކަކީ އަޅުގަނޑުމެން ދެކެފައިވާ މަސައްކަތްތަކެއް. އެހެންވީމާ، މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ޝުކުރު އަދާކުރަން. ހަމައެއާއެކުގައި، ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ވަރަށްގިނަ އަތޮޅުތަކުގެ ރައްޔިތުން ނުކުމެވަޑައިގެން، މާލެ ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅުއްވި. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށާއި އަދި މާލެއާއި ރާއްޖެތެރޭގެ އަމިއްލަ ޖަމާޢަތްތަކަށާއި، ޖަމްޢިއްޔާތަކަށްވެސް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.
ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ ބައެއް އަމިއްލަ ސްކޫލްތައްވެސް މިކަމުގައި ބައިވެރިވި. ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑަށް ފާހަގަކޮށްލެވޭ، މަދްރަސަތުލް ޢާލިޔާއާއި، އިންގްލިޝް ޕްރިޕަރޭޓަރީ އެންޑް ސެކަންޑްރީ ސްކޫލް. މި ދެ ސްކޫލްގެ ފަރާތުންވެސް މިކަމުގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ބައިވެރިވެދެއްވި. އެހެންވީމާ، އެ ދެ ސްކޫލަށާއި އަދި އެނޫންވެސް މިކަމުގައި ބައިވެރިވެދެއްވި އެހެން ސްކޫލްތަކަށް ޝުކުރާއި ތަހުނިޔާ އަޅުގަނޑު ދަންނަވަން. އާދެ، ދެން މިކަމުގައި މަސައްކަތްތެރިކަމުގެ ގޮތުން އުޅުއްވި ފަރާތްތައް. ވަރަށްގިނަ ފަރާތްތަކެއް އެބައޮތް. އަޅުގަނޑުގެ ލިސްޓްގައި 22 ފަރާތެއް އެބަ ހިމެނޭ. އެހެންވީމާ، އެ ހުރިހާ ފަރާތެއްގެ ނަން ދެންނެވުމުގެ ބަދަލުގައި ޖުމްލަގޮތެއްގައި އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ ޚާއްޞަކޮށް، ދަރުބާރުގޭގެ މަސައްކަތް ކުރެއްވުމުގައި ވަރަށް ގިނަ އަމިއްލަ ޖަމާޢަތްތަކުން މަސައްކަތްކޮށްދެއްވި. އާދެ، އަޅުގަނޑުވެސް އެއްބަސް، އެފަރާތްތަކަށް އެކޮށްދެއްވި މަސައްކަތުގެ އަގެއް، ކޮންމެވެސްވަރެއްގެ އަގެއް ސަރުކާރުން ދިން. އެހެންނަމަވެސް، އެ ފަރާތްތަކުން އެ މަސައްކަތް ކޮށްދެއްވީ، އެއްގޮތަކަށްވެސް އަގަކަށޭ ދެންނެވޭކަށް ނެތް. އެހެން މި ދެންނެވީ އެއަށްވުރެ މާފުރިހަމަގޮތެއްގައި، މާ ބުރަކޮށް، މާ އިޚްލާޞްތެރިކަމަކާ އެކީގައި އެ ހުރިހާ އަމިއްލަ ފަރާތްތަކަކުން ދަރުބާރުގޭގެ މަސައްކަތްތައް ކޮށްދެއްވީ. އަދި އެނޫންވެސް މިކަމާ ގުޅިގެން މަސައްކަތް ކުރަންޖެހުނު ހުރިހާ ކަމެއްގައި މަސައްކަތްކޮށްދެއްވީ މިއީ ޤައުމީ ކަމެއްގެ ގޮތުގައި އެ ހުރިހާ ބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވައިގެން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
އާދެ، މީގެ އިތުރުން، ޓޫރިޒަމްގެ ދާއިރާގައި ހިމެނޭ ވަރަށްގިނަ ފަރާތްތަކުންވެސް، މިނިސްޓްރީ އޮފް ޓޫރިޒަމްވެސް އަދި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި، ވެރިން އަދި އޭގެ އިތުރުން، ޓޫރިޒަމް އިންޑަސްޓްރީޒްގައި މަސައްކަތް ކުރައްވާ ވަރަށްގިނަ ފަރާތްތަކުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބަހައްޓަވައިދެއްވި. ޚާއްޞަކޮށް، ކުރުނބާ ވިލެޖް، ގިރާވަރު އަދި ބަނޑޮސް. މި ތިން ތަން އަޅުގަނޑު ފާހަގަކޮށްލަން. މި ތިން ތަނަކީ ސާރކް ސަމިޓްގެ އެކިއެކި ކަންތައްތައް ހިނގަމުންދިޔަ ތަންތަން. ސާރކް ސަމިޓަށް ވަޑައިގެންނެވި ހުރިހާ ޢިއްޒަތްތެރި ބޭފުޅުން، ޤައުމުތަކުގެ އިސްވެރިންނާއި، ވަފުދުތަކުގެ ބޭފުޅުން ތިއްބެވީ ކުރުނބާ ވިލެޖްގައި. ސާރކް ސަމިޓްގައި ހިމެނޭ ރީޓްރިޓް ބޭއްވުނީ ގިރާވަރުގައި. މި ސަމިޓަށްޓަކައި ރާއްޖެއަށް ޒިޔާރަތްކުރި ބޭރުގެ ވަރަށްގިނަ މީހުން ބަނޑޮހުގައިވެސް ތިބި. އެހެންވީމާ، މި ތަންތަނުން އެ ކޮށްދެއްވި ޚިދުމަތްވެސް މިރޭ އަޅުގަނޑު ފާހަގަކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން. އެކަން ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ފަސްވަނަ ސާރކް ސަމިޓަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ މުހިންމު، އެންމެ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ޖަލްސާ. އަދި ރާއްޖޭގައި އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރެވުނު ކަންތައް. މި ޖަލްސާ ރާއްޖޭގައި މި ބޭއްވުނީ އަޅުގަނޑުމެން މިނިވަން 25 ފާހަގަކުރަމުން ދަނިކޮށް. އަޅުގަނޑުމެންގެ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 25 އަހަރު ފުރުމުގެ މުނާސަބަތު ވަރަށް އެކަށީގެންވާ ކުލަގަދަގޮތެއްގައި މުޅި ރާއްޖޭގައި ފާހަގަކުރަމުންދިޔަ ވަގުތެއްގައި.
އާދެ، މި ސަމިޓް މި ބޭއްވުނީ ކުރިންވެސް ދެންނެވިފަދައިން، ތިޔަ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެހީތެރިކަން ސަރުކާރަށް ލިބިގެން. އަދި ތިޔަބޭފުޅުންގެ އިތުރުން، މިރޭ މިތަނަށް ވަޑައިނުގެންނެވުނު އެތައް ބޭފުޅުންނެއްވެސް އެބަ ތިއްބެވި. އޭގެ ތެރެއިން ވަރަށް ޚާއްޞަ ދެ ބޭފުޅެއް އަޅުގަނޑު ފާހަގަކޮށްލާހިތްވެސްވޭ. އެއީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕާމަނަންޓް ސެކްރެޓެރީ އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއާއި، ޑިރެކްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރު. އެ ދެބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހިވަޑައިގެންފައި އޮތުމާއެކުގައި، މި ބައްދަލުވުމަށް ވަޑައިނުގެންނެވުނީ. މި ބައްދަލުވުން ހަޤީޤަތުގައި ތަންކޮޅެއް ލަސްކޮށްލެވިފައި މިއޮތީވެސް ވީހާ ގިނަ އަދަދަކަށް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވޭނޭ ފުރުޞަތެއް ހޯދުމުގެ ގޮތުން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުގެ ކަންތައްތައް ހަމަޖެހިފައި އޮންނަގޮތުންނާއި، އެކިއެކި ބޭފުޅުންގެ މަސައްކަތްޕުޅުތައް ހުންނަގޮތުން، ހުރިހާ ބޭފުޅުން ހަމައަށް ރާއްޖޭގައި ތިއްބެވި ރެޔެއް އަދި އޭގެފަހަކުން ނާދޭ. އަދި ކުރިއަށް އޮތްތާނގައިވެސް އެކަހަލަގޮތަކަށްކަންނޭނގެ އޮންނާނީ. އެހެންވީމާ، ދެން ކޮންމެޔަކަސް، މިކަންވެސް މިއީ ކުރަން ޖެހިފައި އޮތް ވަރަށް މުހިންމު ކަމަކަށްވާތީ، ތަންކޮޅެއް ކުރިއްސުރެ ރޭވިގެން، މިރޭ ބާއްވާގޮތަށް ހަމަޖެހިގެން މިދިޔައީ.
އާދެ، މި ސަމިޓަކީ ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ މުހިންމު އަދި އެންމެ ކުލަގަދަ އަދި އެންމެ ޚާއްޞަ ގޮތެއްގައި ބޭރު ދުނިޔެ ފާހަގަކުރި ޖަލްސާ. މި ޖަލްސާ ބޭއްވުމުގައި ސަރުކާރުން ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ބައެއް ދަތިތައް ގިރާކުރަންޖެހުނު. އެ ވާހަކަ މިކަހަލަ އުފާވެރި ޖަލްސާއެއްގައި ދަންނަވާލުމަކީވެސް އަޅުގަނޑުވެސް މާކުރާހިތްވާ ކަމެއްނޫން. އެހެންނަމަވެސް، ތިޔަބޭފުޅުންނަކީ ދިވެހިރައްޔިތުން. ރާއްޖޭގައި ހިނގާ ކަންތައްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަތުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އެހެންކަމުން، ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެމުންވެސް، ވަރަށް ކުޑަކުޑަ ގޮތަކަށް ނަމަވެސް، އޭގެ ތެރެއިން ބައެއް ކަންތައް ދަންނަވާލަން އަޅުގަނޑު ގަސްދުކުރަނީ.
އާދެ، ސާރކް ސަމިޓް ރާއްޖޭގައި ބޭއްވުމުން ރާއްޖެއަށް ލިބޭ ރީތިނަން ލިބުން ނޭދޭ ކިތަންމެ މަދު ނަމަވެސް ބަޔަކު ރާއްޖޭގައި ތިބި. އެމީހުން ކުރި މަސައްކަތްތައް މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ބޭރުގެ ނޫސްވެރިންނާ ގުޅައިގެން، ރާއްޖެއާބެހޭ ދޮގު ޚަބަރު، ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދީގެން، ބައެއް ތަންތަނުން ދޮގު ޚަބަރު ކިޔައި، ރާއްޖޭގެ ނަން ހުތުރުވާގޮތަށް ކަންތައް ކޮށްފައިވޭ. މިއީވެސް ވަރަށް ދެރަކޮށް ހިނގި ކަމެއް. އަދި އޭގެ އިތުރުން، އެއަށްވުރެ މާ ނުރައްކާތެރި ކަމެއްވެސް ހިންގަން އުޅުނު. އެކަމުގެ ވާހަކަ އަޅުގަނޑު މިރޭ މި ދަންނަވާލަނީ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ދިވެހި ރައްޔިތުންނަށް ކަންތައްތަކުގެ ޙަޤީޤަތް އެނގިވަޑައިގަންނަވަން ޖެހޭނެތީ.
އާދެ، ރާއްޖޭގެ ސަރުކާރުން ވަރަށް މަތީ ޚަރަދެއްކޮށްގެން އަދި ރާއްޖޭގެ ރައްޔިތުންގެ އެތައް ސަތޭކަ ބައެއްގެ ދާ އޮހޮރުވައިގެން، ރާއްޖޭގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި، ކުޅަދާނަކަމާއި، ހުނަރުވެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި މިހާރު އަޅުގަނޑުމެންނަށް ފެންނަން އެހެރަ ފުރިހަމަ ދަރުބާރުގެ، އެ ދަރުބާރުގެ ގޮއްވާލައި އެ ތަން އަންދާލަން، ބަޔަކު ރޭވުންތަކެއް ރާވާފައި އޮތް. އަޅުގަނޑު ހިތުން ތިޔަބޭފުޅުން ވަރަށް ބޮޑަށް ޙައިރާންވެވަޑައިގަންނަވާނެ، މި ވާހަކަ އައްސަވަން. އެހެންނަމަވެސް، ޙަޤީޤަތެއްވީމާ ދަންނަވާލަން ޖެހެނީ. އެ ބައެއްގެ ބޭނުމަކީ، ރާއްޖޭގައި މި ސަމިޓް ބޭއްވުނަނުދިނުން. އެހެންވީމާ، ދަރުބާރުގޭ ތެރޭގައި ވަކި ގަޑިޔެއް ޖެހުނީމާ ގޮވާގޮތަށް ތައްޔާރުކުރި އެއްޗެއް، ބަޔަކު މީހުން ތައްޔާރުކުރި. އެހެންނަމަވެސް، އެތާނގައި ނުބެހެއްޓުނީ، ތިޔަބޭފުޅުންނާއި އަދި އެން.އެސް.އެސްގެ ބޭކަލުންގެ ބެލެހެއްޓުމުގެ ރަނގަޅުކަމުންނޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އެތަން ބެލެހެއްޓިފައި އޮތްލެއް ރަނގަޅުކަމުން، އެއްވެސް ފުރުޞަތެއް ނުލިބުނު އެބަޔަކަށް އެތާނގައި އެ އެއްޗެއް ބަހައްޓާކަށެއް. ދެން އެމީހުން ޤަޞްދުކުރީ، ސާރކްގެ ލީޑަރުންގެ ޝަރަފުގައި ސަރުކާރުން ބޭއްވި ފަރިއްކޮޅު ހިނގަމުންދިޔަ ވަގުތު، އެތާ ކައިރި ތަނެއްގައި މި ދެންނެވި ފަދަ އެއްޗެއް ބަހައްޓައިގެން ގޮއްވާލެވޭތޯ. އޭރުންވެސް ވަރަށް ބޮޑު ސިހުމެއް އެންމެންނަށްވެސް ލިބޭނެ. ރާއްޖޭގެ އަމަންއަމާންކަން ނެތްކަން އެންމެންނަށް ފާހަގަވެގެންދާނެ. އެހެންނަމަވެސް، އެކަންވެސް އެމީހުންނަށް ވާގޮތެއްނުވި. އެއީ، އެތަން ބެލެހެއްޓިފައި އޮތްލެއް ރަނގަޅުކަމުންނޭ، އަނެއްކާވެސް އަޅުގަނޑަށް ދަންނަވަންޖެހެނީ. އަޅުގަނޑުމެންގެ އެން.އެސް.އެސް.ގެ ފަރާތުން އެ ހިސާބުގަނޑު ވަރަށް ރަނގަޅަށް ކޯޑްން ކުރެވިފައި އޮތީ. ވަރަށް ރަނގަޅަށް ބެލެހެއްޓިފައި އޮތީ. އެހެންވީމާ، އެ ފުރުޞަތު އެމީހުންނަކަށް ނުލިބުނު. އެންމެފަހުން އެމީހުން އެ ބެހެއްޓި އެއްޗަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ފަހުން އެ އެއްޗެއް އެތާނގައި ގޮވައިގެން ރޯވެގެން އެދިޔަ އުޅަނދު. އާދެ، "ކޮއިމަލާ" ލޯންޗު. މިހާރު މި ކަންތައްތައް މިގޮތަށް ހިންގި މީހުންނާއި، އެ ގޮވާ އެއްޗެހި ތައްޔާރުކުރި މީހުންނާއި، އެ ތަންތާނގައި އެ އެއްޗެތި ބެހެއްޓި މީހުންނާއި، އެކަމުގައި އެހީތެރިވި މިހުންނާއި، މި ހުރިހާ އެންމެން ވަނީ މިކަންކަން ރަނގަޅަށް ކިޔައިދީ، އިޢްތިރާފުވެ އެއްބަސްވެފައި. އެހެންވީމާ، މިއީކީ ފަހަރެއްގައިވެސް ޙަޤީޤަތެއް ނޫނެކޭ ދަންނަވާނެ ތަނެއް ނެތް. އެއީ، ހަމަ ޙަޤީޤަތެއް މި ދެންނެވީ. ކިތަންމެ ހިތާމަހުރި ޙަޤީޤަތެއް ކަމުގައިވިޔަސް، މި ޙަޤީޤަތަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ޙަޤީޤަތަކަށްވާތީ، އަޅުގަނޑު މިރޭ މި ދަންނަވާލީ.
އާދެ، އެކަންތައް ކުރި މީހުން އެތިބީ މިހާރު ސަރުކާރުގެ ބެލުމުގެ ދަށުގައި. ކަމާބެހޭ ތަޙުޤީޤުތައް ހިނގައި ނިމުމަކާ ހަމައަށްދަނީ. އެމީހުންގެ މައްސަލަ ވަރަށް އަވަހަށް ޝަރީޢަތަށް ފޮނުވޭނެ. އަޅުގަނޑު މިހެން ދަންނަވާލާއިރު، ހިތަށް އެބައަރާ، ފަހަރެއްގައި އަދިވެސް އެމީހުންނާ ގުޅުން ހުރި ބަޔަކު ސަރުކާރުގެ ބެލުމުގެ ދަށަށް ނައިސް ތިބެދާނެއޭ. އެއީ، އެންމެންގެ ކަންތައް އެއްފަހަރަކާ ނޭނގޭނެ. އެކަހަލަ ބަޔަކު ތިބެދާނެތީ، އަޅުގަނޑުމެން އަބަދުވެސް ވަރަށްބޮޑަށް ސަމާލުވެ ތިބެންޖެހޭނެ. އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތަށްޓަކައި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. އާދެ، އެ ބަޔަކު އެ ރޭވިގޮތަށް އެކަން ހިނގައިދިޔަނަމަ ކިހިނެއްތޯވީހީ؟ ރާއްޖޭގައި ސާރކް ސަމިޓެއް ނުބޭއްވުނީސް. އަދި ރާއްޖެއަށް ބޭރު ދުނިޔޭގެ ކުރިމަތީގައި ވަރަށްބޮޑު ބަދުނާމެއް ނުލިބި ނުދިޔައީސް. އަޅުގަނޑަށް ދަންނަވަންޖެހެނީ، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ބިނާކުރުމަށް ދިވެހި ރައްޔިތުން ކުރި ބުރަ އިޚްލާޞްތެރި މަސައްކަތްތައް ދިޔައީހީ ވެއްޔާ މޮޑެވިގެންނޭ. އެހެންނަމަވެސް، اللهُ سُبْحَانَهُ وَتَعَالَىގެ ކުޅަދުންވަންތަކަން، އެބައިމީހުންގެ އެ ނުބައި ރޭވުންތަކަށްވުރެ މާމޮޅު. ﷲގެ ތައުފީޤާއި އެކަލާނގެ ވާގިވެރިކަން، އިޚްލާޞްތެރި ދިވެހި ރައްޔިތުންނަށް އޮތީ މިންވަރުކުރައްވާފައި. އެކަން އެހެން އޮތުމުގެ ސަބަބުން، އެބައިމީހުން އެ ރޭވި ރޭވުން ކާމިޔާބުނުވެދިޔައީ. އެކަމަށްޓަކައި އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ފަށްފަށުން ޙަމްދާއި ޝުކުރު ކުރާނެ. އަދި މިފަދަ އެއްވެސް ކަމެއް ރާއްޖޭގެ މުސްތަޤްބަލްގައިވެސް ނުހިނގާތޯ، ތިޔަ ހުރިހާ ބޭފުޅުން ދުޢާވެސް ކުރައްވާނެ. ވަރަށް މަސައްކަތްޕުޅުވެސް ކުރައްވާނެ.
އާދެ، މި ހިތާމަވެރި ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލުމަށްފަހުގައި، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން ޤަޞްދުކުރަނީ. އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިކަހަލަ ވާހަކައަކީ އުފާވެރި ބައްދަލުވުމެއްގައި ދައްކަން އެކަށީގެންވާ ވާހަކައެއްވެސް ނޫންކަންނޭނގެ. އެހެންނަމަވެސް، ކަމުގެ މުހިންމުކަމާއި، އެކަމުގެ ޙަޤީޤަތް އޮތްގޮތުން ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާހިތްވީ. އަދި ދަންނަވާލުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައިވެސް ފެނިގެން، އެ ވާހަކަ މި ދަންނަވާލީ.
ކޮންމެއަކަސް، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى ދިވެހިރާއްޖޭގެ މިނިވަންކަން އަބަދަށްޓަކައި ދެމެހެއްޓެވުން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތްކަން. ރާއްޖޭގައި ދެމިއޮތް އަމަންއަމާންކަން އަބަދަށްޓަކައި އެގޮތުގެ މަތީގައި ލެހެއްޓެވުން. ރާއްޖެއަށް އިތުރު ތަނަވަސްކަމާއި، ފާގަތިކަން މިންވަރު ކުރެއްވުން. ދިވެހި ސަރުކާރާއި، ރައްޔިތުން ގުޅިގެން، ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރަމުންގެންދާ އިޚްލާޞްތެރި ބުރަ މަސައްކަތްތަކުގައި އެކަލާނގެ ހެޔޮ ތައުފީޤު ލެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.