بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިރޭގެ މި ޖަލްސާއަކީ، ނުވަތަ ޙަފްލާއަކީ، ވަރަށްވެސް ޚާއްޞަ ޖަލްސާއެކޭ ނުވަތަ ޙަފްލާއެކޭ ދަންނަވަންޖެހޭ. އާދެ، މީގެ ކުރިން ތަފާތު އެކިއެކި ޖަލްސާތަކަށް ދިޔުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެހެންނަމަވެސް، މީގެ ކުރިން މިކަހަލަ ޖަލްސާއެއް، އާދެ، މަދަރުސާއެއްގެ ނަން ބަދަލުކުރުމާ ބެހޭގޮތުން ބާއްވާ ޖަލްސާއަކަށް ނުވަތަ ޙަފްލާއަކަށް ދިޔަ ހަނދާނެއް ނުވޭ. ކޮންމެއަކަސް، މިރޭގެ މި ޙަފްލާއަކީވެސް ވަރަށް މުހިންމު ޙަފްލާއެއް. "ހެންވޭރު ސްކޫލް"ގެ ނަމުގައި ހިނގަމުން އައި މި މަދަރުސާ މިރޭ މި ބަދަލުވީ، "މަދްރަސަތުލް އަމީރު އަޙްމަދު" މި ނަމަށް.

ޝައްކެއްނެތް، ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގެ ފަރާތުން އަދި ހެންވޭރު ރައްޔިތުންގެ ފަރާތުން މި ނަން މިގޮތަށް ބަދަލުކުރައްވަން ގަސްދުކުރެއްވީ، ވަރަށް މުހިންމު ސަބަބުތަކެއް ހުރެގެން. އެހެންވީމާ، އެ މުހިންމު ސަބަބުތައް އެގޮތަށް ހުރުމާއެކު، މި ސްކޫލްގެ ނަން ބަދަލުކުރެއްވި ކުރެއްވުން އަޅުގަނޑު ދެކެނީ، ސްކޫލް ކުރިއަށް ގެންދިޔުމުގައި، އިތުރު ހިތްވަރެއް އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމެއް ކަމުގައި.

އާދެ، މިހާރު މި ހިނގާ އަވަށު މަދަރުސާތަކަކީ ވަރަށް ފަހުން އުފެދިގެން ހިނގަމުންދާ ތަންތަން. މި ދައުރަށްވީ ފަހުން، އަޅުގަނޑު ހަނދާންވާ ގޮތުގައި، 1980ގެ ކުރީގެ އަހަރުތަކުގައި، މައްޗަންގޮޅީ މަދަރުސާ ނުވަތަ މަދްރަސަތުލް އަޙްމަދިއްޔާ އެންމެ ފުރަތަމަ ހުޅުވުނީ. އޭގެފަހުން، އެހެން އަވަށްތަކުގައި މަދަރުސާތައް ހުޅުވެމުން ގޮސް، މިހާރު މާލޭގެ ހަތަރު އަވަށުގައި، ހަތަރު އަވަށު މަދަރުސާ އެބަހުރި.

އަވަށު މަދަރުސާތަކުން އެ ކޮށްދޭ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތެއް. ކިޔަވާ ޢުމުރުގެ ވަރަށް ގިނަ ކުދިންތަކެއް މާލޭގައި ދިރިއުޅެމުން ގެންދޭ. މާލޭގެ ކުދިންނާއި، ރާއްޖެތެރޭގެ ކުދިން. އެ ހުރިހާ ކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއް. އެ މަޤްޞަދު ޙާޞިލްކުރެވޭތޯ، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވީއްސުރެ މި އަންނަނީ މަސައްކަތް ކުރަމުން. އާދެ، ރާއްޖޭގެ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމު ލިބުމުގެ ފުރުޞަތު ހޯދައިދިނުމަކީ، މި ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމެއް. އެކަމުގެ ހެކިތައް އަޅުގަނޑު ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވަން ހުންނާނެ. މާލޭގައިވެސް، ރާއްޖެތެރޭގައިވެސް، ސަރުކާރުގެ ތަޢުލީމީ މަރުކަޒުތަކާއި، ސަރުކާރުގެ ޚަރަދުގައި ބިނާކޮށް ހިންގާ ސްކޫލްތަކާއި، މަދަރުސާތައް ވަރަށް ގިނަ ޢަދަދަކަށް އެބަހުރި. އޭގެ އިތުރުން، އަމިއްލަ މަދަރުސާތަކަށްވެސް ސަރުކާރުން ވަރަށް ގިނަ އެހީތައް މިގެންދަނީ ވަމުން.މި ހުރިހާ ކަމެއްގެ ބޭނުމަކީ، ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންނަށް ނުވަތަ ތަޢުލީމު ޙާޞިލްކުރުމުގެ ޢުމުރުގައި އުޅޭ ކުދިންނަށް އެ ފުރުޞަތު ހޯދައިދިނުން.

އާދެ، މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް. ރާއްޖެތެރެއަށްވުރެ ފުރިހަމަގޮތެއްގައި ތަޢުލީމީ ކަންތައްތައް މާލޭގައި ހަމަޖެހިފައި އެބަހުރި. ވަރަށް ގިނަ މަދަރުސާތައް އެބަހުރި. ސަރުކާރުގެ މަދަރުސާތަކާއި، އަމިއްލަ މަދަރުސާތައް. ސަރުކާރުގެ މަދަރުސާތައް އެކަނި ހިންގުމަކުން، މާލޭގައި ދިރިއުޅޭ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ޙާޞިލްކުރެވޭނެ ފުރުޞަތެއް ހޯދައިދެވޭ ކަމަކަށް ނުވޭ.

އެހެންވީމާ، ސަރުކާރުން ޤަޞްދުކުރީ އަވަށްއަވަށުގައި މަދަރުސާތަކެއް ހިންގުމަށް،އެ އަވަށް އަވަށުގެ ރައްޔިތުން ބޭނުންފުޅުވާތީ، އެގޮތަށް އެކަމަށް ބޭނުންވާ ބިން ސަރުކާރުން ދޫކުރަން. ސަރުކާރުން ފުރަތަމަ އަވަށް އަވަށަށް ބިން ދޫކުރީ. އެ ބިންތަކުގައި މަދަރުސާ ހެއްދެވުމުގެ މަސައްކަތް ކުރެއްވީ އަވަށުގެ ރައްޔިތުން. ރައްޔިތުންގެ ފައިސާއިންނާއި، ރައްޔިތުންގެ މަސައްކަތުން ޢިމާރާތް ކުރައްވައި، މަދަރުސާތައް ހިންގަވަން ފެށްޓެވި. އެހެންނަމަވެސް، އެހިސާބުން ސަރުކާރުގެ އެހީ ހުއްޓުމަކަށް އައީކީ ނޫން. ވަރަށް ގިނަ ގޮތްގޮތުން މި މަދަރުސާތަކަށް ސަރުކާރުން މިގެންދަނީ އެހީވެދެމުން. މިއިން ކޮންމެ މަދަރުސާއެއްގައި، ސަރުކާރުން ދޫކޮށްފައިވާ ޓީޗަރުން ވަރަށް ގިނަ ޢަދަދަކަށް އެބަތިބި. ހަމައެފަދައިން، ގޮނޑި، މޭޒުފަދަ ތަކެތި ހޯދައިދިނުމުގައިވެސް، ސަރުކާރުން އެހީވެދޭ. އަދި މަދަރުސާއަށް ތަންތަން އިތުރުކުރަން ބޭނުންވެގެން، އަވަށް އަވަށުގެ ފަރާތުން ހުށަހެޅުއްވުމުން، ސަރުކާރުން ލޯނުވެސް އެބަ ދޫކުރޭ. މިގޮތްގޮތުން އަވަށު މަދަރުސާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަންތައްތައް، ވެވުނުވަރަކުން ސަރުކާރުން މި ގެންގޮސްދެނީ ކުރަމުން.

އާދެ، ދެންމެ މަދަރުސާގެ ޕްރިންސިޕަލް ވިދާޅުވެއްޖެ، މި ސްކޫލަށްވެސް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތި. ޢިމާރާތުގެ ދަތިކަމާއި، މި ސްކޫލްގެ ގޯތީގެ ކުޑަކަން. އަޅުގަނޑުވެސް
އެ ދަތިތައް އެގޮތަށް ހުރިކަމަށް ޤަބޫލުކުރަން. އެހެންނަމަވެސް، މާލޭގެ ބިމުގެ ކުޑަކަން، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާލޭގެ އަސާސީ ބޭނުންތަކަށްވެސް ފުދޭވަރަށް މާލޭގެ ބިމުގައި ޖާގައެއް ނެތް. އަދި ސަރުކާރުން ހުރިހާ އަވަށްތަކާ ދޭތެރޭގައިވެސް ކަންތައް ކުރަމުން މިގެންދަނީ ހަމަހަމަ އުޞޫލަކުން ކަމަށްވާތީ، އެއް އަވަށެއްގެ އަވަށު މަދަރުސާއަށް އިތުރު ބިންކޮޅެއް ދޫކޮށްފިނަމަ، އެހެން އަވަށްތަކަށްވެސް ދޫކުރަންޖެހޭނެ. އެގޮތްގޮތުން ވިސްނާއިރު، އަދި އިތުރަށް ބިން ދޫކުރުމަކީ، މިވަގުތު އަދި ކަންތައް ހުރިގޮތުން މާފަސޭހަ ކަމެއް ކަމަކަށް ނުފެނޭ. އެހެންނަމަވެސް، އޭގެ އިތުރުން، ދެން ކޮށްދެވެން ހުރި ހުރިހާ ކަންތައްތަކެއް ސަރުކާރުން މިގެންދަނީ ކޮށްދެމުން. އެއީ، މިހާރު ކޮށްދެމުން ގެންދާ ކަންތައްތައްވެސް އަދި މުސްތަޤްބަލްގައި، އަވަށް އަވަށުގެ މަދަރުސާތަކުން ހުށަހަޅުއްވާ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ، އެކަމެއް ސަރުކާރަށް ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް ކޮށްދޭނެ.

އާދެ، މިހާރު މާލޭގެ އަވަށު މަދަރުސާތަކުގައި މި އަހަރުގެ ތަޢުލީމީ އަހަރު ފެށޭއިރު، 5300 އަށްވުރެ ގިނަ ކުދިން ތަޢުލީމު ޙާޞިލްކުރަމުން ގެންދާނެ. އޭގެ ތެރެއިން ވަރަށް ގިނަ ކުދިންނަކީ، ދެންމެ މަދްރަސަތުލް އަމީރު އަޙްމަދުގެ ފުރަތަމަ ޕްރިންސިޕަލް އަލްފާޟިލާ ނަސީމާ މުޙައްމަދު އެ ވިދާޅުވި ގޮތުގެމަތިން، ނާރސަރީއާއި، ޕްރީސްކޫލް ކްލާސްތަކުގައި ކިޔަވާ ކުދިން. އޭގެ އިތުރުން، ގްރޭޑް ކްލާސްތަކުގައިވެސް، މި ހުރިހާ މަދަރުސާތަކެއްގައިވެސް ކުދިން ކިޔަވަމުން އެބަ ގެންދޭ. އަޅުގަނޑު ހިތުން، މަދްރަސަތުލް އަޙްމަދިއްޔާގައި މިހާރު ގްރޭޑް 10 އާ ހަމައަށްވެސް ކިޔަވައިދެމުން އެބަ ގެންދޭ. މަދްރަސަތުލް އަމީރު އަޙްމަދުގައި މި އަހަރުން ފެށިގެން ގްރޭޑް 9 ގައި ކިޔަވައިދޭނެ ކަމަށް އެ ވިދާޅުވީ. އަދި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ގްރޭޑް 10 ގައިވެސް ކިޔަވައި ދެއްވާނެ ކަމަށް އެ ވިދާޅުވީ. އެހެން މަދަރުސާތަކުގައިވެސް ކަންތައް ހުރީ ދާދި އެކަހަލަ ގޮތަކަށް.

އެހެންވީމާ، އަޅުގަނޑުމެންގެ ރަސްމީ ތަޢުލީމުވެސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވައިފައިވާ މުޤައްރަރާ އެއްގޮތަށް، މި ހުރިހާ މަދަރުސާތަކެއްގައި މިހާރު މިގެންދެވެނީ ކިޔަވައިދެވެމުން. އޭގެ އިތުރުން، އަވަށު މަދަރުސާތަކުން ކޮށްދެއްވާ ވަރަށް ބޮޑު ޚިދުމަތެއް އެބައޮތް. އެއީ، ތަޢުލީމުގެ ފުރުޞަތު ނުލިބިވާ އެތައް ހާސް ކުދިބަޔަކަށް އެ ފުރުޞަތު ހޯއްދަވައިދެއްވުން. ޚާއްޞަ ކްލާސްތަކެއް މި ހުރިހާ މަދަރުސާތަކުގައިވެސް ހިންގަވާ. ސަނަދު ނަގައިދޭ ކްލާސްތަކާއި އަދި އެނޫންވެސް އެކިއެކި ކަންކަމަށް ބޭނުންވާ ޚާއްޞަ ކްލާސްތައް. ހެންވޭރު ސްކޫލްގައި ނުވަތަ މިރެއިން ފެށިގެން މަދްރަސަތުލް އަމީރު އަޙްމަދުގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކޮމްޕިއުޓަރ ކްލާހެއްވެސް ހިންގަވަމުން އެބަ ގެންދަވާ. އެހެންވީމާ، މިކަންތައް މިއީ، އަވަށު މަދަރުސާތަކުގެ ފަރާތުން މާލެއަށް އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ކޮށްދެއްވާ ވަރަށް ބޮޑު ޚިދުމަތްތެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުގެ މައިގަނޑު އުޞޫލެއް ކަމުގައި ތަޢުލީމީ ގޮތުން ކަނޑައަޅައިފައި ވަނީ، ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމު ލިބުމުގެ ފުރުޞަތު ހޯދައިދިނުން. އެ ފުރުޞަތު ސަރުކާރުން ހޯދައިދެނީ އެތައް ގޮތަކުން. އެއްގޮތަކީ، ރާއްޖެތެރެއާއި މާލޭގައި ހިންގާ ސަރުކާރުގެ މަދަރުސާތައް އިތުރުކުރުން. އަނެއްގޮތަކީ، މާލެއާއި ރާއްޖެތެރޭގައި ހިނގަމުންދާ އަމިއްލަ މަދަރުސާތަކަށް ސަރުކާރުން އެހީވެދިނުން. ޢިމާރާތުގެ އެހީ ނުވަތަ އެނޫންވެސް އެހީ. މުދައްރިސުން ހޯދައިދިނުމުގެ އެހީ. ފައިސާގެ އެހީ. އެކަހަލަ ވަރަށް ގިނަ އެހީތައް މިހާރުވެސް ދަނީ ވަމުން. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، މުސްތަޤްބަލްގައި އަޅުގަނޑުމެންގެ ރާއްޖޭގެ ތަޢުލީމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ.

އާދެ، އަޅުގަނޑަށް ދަންނަވަން ޖެހެނީ، މިހާރު ދިވެހިރާއްޖޭގެ ރައްޔިތުން ތަޢުލީމަށް އެ ދެއްވާ އަހަންމިއްޔަތަކީ، މީގެކުރިން ދުވަހެއްގައިވެސް ރާއްޖޭގެ ރައްޔިތުން އަދި ތަޢުލީމަށް ދެއްވާފައިވާ އަހަންމިއްޔަތަށްވުރެ، މާބޮޑު އަހަންމިއްޔަތެކޭ. ބަލައިލި ކޮންމެ ދިމާއަކުންވެސް އެކަން އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ޢާންމު ރައްޔިތުންވެސް އެންމެ އިސްކަންދޭ ކަމަކީ، މިހާރު އެބައިމީހުންގެ ދަރިންނަށް ތަޢުލީމު ހޯދައިދިނުން. ރާއްޖެތެރޭގައިވެސް، މާލޭގައިވެސް. ރާއްޖެއިން ލިބެން ހުރި ތަޢުލީމެއް ލިބުމަށްފަހުގައި، ރާއްޖެއިން ބޭރަށް ފޮނުވައިގެންވެސް، މަތީ ތަޢުލީމު ޙާޞިލްކޮށްދިނުމަކީ މިހާރު ކޮންމެ މަންމައެއްގެވެސް އަދި ކޮންމެ ބައްޕައެއްގެވެސް ވަރަށް ބޮޑު އެދުމެއް ކަމުގައި ވަނީ ވެފައި.

އެހެންވީމާ، މިއީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ވިސްނުމަށް އައި ވަރަށް ބޮޑު ހެޔޮ ބަދަލެއް. ތަޢުލީމަކީ ހުރިހާ ކުރިއެރުމެއްގެވެސް ބިންގާ. ތަޢުލީމެއް ނެތި އެއްވެސް ގޮތަކުން، އެއްވެސް ތަނެއް ކުރިއަކަށް ނުދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ކުރިއެރުމުގެ ބިންގާ ކަމުގައިވާ ތަޢުލީމަށް ދިވެހިރައްޔިތުން ދެއްވާ އަހަންމިއްޔަތަކީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ހުރިހާ އެންމެންވެސް އުފާކުރުން ޙައްޤު، އުފާކުރުން އެކަށީގެންވާ އަހަންމިއްޔަތެއް.

އާދެ، މި މަދަރުސާގެ ނަން މިހާރު ނިސްބަތް މިވަނީ، ރާއްޖޭގެ ވަރަށް މަޝްހޫރު ޒަޢީމަކަށް. އެއީ، އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު. އޭނާއަކީ ދިވެހިރާއްޖެއަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ޚާއްޞަކޮށް، ދީނީ ގޮތުންނާއި، ތަޢުލީމީ ގޮތުން އެމަނިކުފާނު ކޮށްދެއްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށްލެވޭ. އެމަނިކުފާނަކީ ވަރަށް ހަރުދަނާ އަޚްލާޤެއްގެ ވެރި، ދީނީ ކަންތައްތަކަށް ލޯބިކުރައްވާ، ތަޢުލީމަށް ލޯބިކުރެއްވި ބޭފުޅެއް ކަމުގައި، އަޅުގަނޑުމެންގެ ތާރީޚު އަޅުގަނޑުމެންނަށް ބުނެދޭ. އެހެންކަމާއެކު، އެމަނިކުފާނަކީ ހެންވޭރުގެ ރައްޔިތަކަށްވާތީ، މީގެ ކުރިން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި، އާދެ، އެއީ އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން. މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި، މާލޭގެ އަވަށް އަވަށުގައި މަދަރުސާތަކެއް ހުޅުވިގެންދިޔަ ދުވަސްވަރު، ހެންވޭރުގައި ހުޅުވުނު ސްކޫލަށް ކީ ނަމަކީ، މަދްރަސަތުލް އަމީރު އަޙްމަދު. ވަރަށް އެކަށީގެންވާ، ވަރަށް މުނާސިބު ނަމެއް. އެ ނަމަށް މިރޭ ހެންވޭރު ސްކޫލް ބަދަލުވެގެން މިދަނީ.

އަޅުގަނޑު ޔަޤީންކުރަނީ މިއައި ބަދަލަކީ، ހަމައެކަނި ނަމަށް އައި ބަދަލަކަށް ނުވާނެ ކަމުގައި. މިއައި ބަދަލަކީ، މި މަދަރުސާގެ ޚިދުމަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ބަދަލެއް ކަމުގައި. އާދެ، ހެންވޭރު ސްކޫލްގެ ނަން މަދްރަސަތުލް އަމީރު އަޙްމަދުގެ ނަމަށް ބަދަލުވުމާ ގުޅިގެން، މަދަރުސާގެ މަސްއޫލު ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގެ ރައީސް އަލްއުސްތާޛު ޢަބްދު ޙަމީދަށާއި އަދި މި މަދަރުސާގެ މަސްއޫލުވެރިޔާ އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލާ ނަސީމާ މުޙައްމަދަށާއި، އަދިވެސް މި މަދަރުސާގެ ހިންގުންތެރިންނަށާއި، މުދައްރިސުންނަށާއި އަދި ލޮބުވެތި ޠާލިބުންނާއި ޠާލިބާއިންނަށް އިޚްލާޞްތެރިކަމާއެކު، މިރޭގެ މުނާސަބަތުގައި ތަހުނިޔާ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ ހެންވޭރު ސްކޫލަށް އިތުރު ތަރައްޤީ މިންވަރު ކޮށްދެއްވުން. ހެންވޭރު ސްކޫލަށް ބާއްޖަވެރި ކަމާއި، ފާގަތިކަމާއި، ކުރިއެރުން މިންވަރުކުރައްވައި، މަދްރަސަތުލް އަމީރު އަޙްމަދުގެ ޠާލިބުންނާއި ޠާލިބާއިންނަށް، އެ ކުދިން އެދޭ އުންމީދުތަކާ ހަމައަށް މުސްތަޤްބަލްގައި ވާޞިލްވެވޭނެފަދަ ތަޢުލީމެއް ލިބުމުގެ ފުރުޞަތު މިންވަރުކޮށް ދެއްވުން. އަދި ރާއްޖޭގެ ތަޢުލީމަށް، ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖޭގެ ސަރުކާރު ކުރަމުން ގެންދާ ޚިދުމަތްތަކުގެ ހެޔޮ ނަތީޖާ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް ދެއްކެވުން. އާދެ، މަދްރަސަތުލް އަމީރު އަޙްމަދަށް އަދަށްވުރެ ފެހި މާދަމާއަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه.