بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، والصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
ނިލަންދުއަށް އައިސް ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މީގެކުރިން ދެފަހަރެއްގެ މަތިން ނިލަންދުއަށް އަޅުގަނޑު ވަނީ އައިސްފައި. އެންމެ ފުރަތަމަ، މީގެ ސަތާރަވަރަކަށް އަހަރު ކުރިން، 1974 ވަނަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އަޅުގަނޑު ކުރި ދަތުރެއްގައި. އޭރު އަޅުގަނޑު ހުރީ ޕްރައިމް މިނިސްޓަރ އޮފީހުގެ ޚާއްޞަ ވަކީލެއްގެ މަޤާމުގައި. އޭގެފަހުން، 1981 ވަނަ އަހަރު އަޅުގަނޑު ނިލަންދުއަށް ޒިޔާރަތްކުރިން. އެއީ، އަޅުގަނޑު މި މަޤާމުގައި ހުރެގެން މުޅި އަތޮޅަށް ކުރި ފުރަތަމަ ދަތުރު. އެ ދަތުރުގައި ނިލަންދުއަށް އައިސް، ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އުފާ އަޅުގަނޑަށް ލިބުނު.
އާދެ، އޭގެފަހުން މިހާރު މި ވޭތުވެދިޔައީ ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު. މި ދިހަ އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑަށް މި ރަށަށް އައުމުގެ އުފާ ލިބިފައެއްނުވޭ. އެހެންނަމަވެސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ވަނީ މީގެކުރިން ޒިޔާރަތްކޮށްފައި. ބައެއް ރަށްރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑަށް މިހާރު ދެވިއްޖެ. އާދެ، ބޭނުމަކީ ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލު އަޙްވާލު ބަލައިލުން. ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅެނީ ކިހިނެއްތޯ. އެމީހުން ދިރިއުޅުމަށް ކުރަނީ ކޮންކޮން މަސައްކަތެއްތޯ. އެމީހުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ. މިކަންކަން ބަލައި، އެމީހުންގެ ޙާލު އަޙުވާލު އޮޅުންފިލުވުން. އަދި ބައެއް ކަންތައްތަކުގައި ސަރުކާރުން އެހީވެދީ ހެދުން. އެހެން މިދެންނެވީ، ހުރިހާ ކަމެއްގައި ސަރުކާރުން އެހީވެވޭކަށެއް ނޯވޭ. އަޅުގަނޑުމެންގެ ޤައުމުގެ ފަޤީރުކަމުންނޭ ދަންނަވަންޖެހެނީ. ވަރަށް ކުޑަކުޑަ ޤައުމެއް ދިވެހިރާއްޖެއަކީ. ދުނިޔޭގެ އެހެން ތަންތަނާ އަޅައިބަލާއިރު، މާ ތަނަވަސް، މާ މުއްސަނދި ޤައުމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންތައްތަކެއް ހުރި ކަމުގައިވިޔަސް، އޭގެތެރެއިން ކުރެވެނީ އެވަގުތަކަށް ކުރެވެން ހުރި ކަމެއް.
އާދެ، އެގޮތުން ރާއްޖެތެރެއަށް ސަރުކާރުން މިދޭ އަހަންމިއްޔަތުގެ އެންމެބޮޑު ބައެއް ފެނިގެން މިދަނީ ތަޢުލީމުގެ ދާއިރާއިން. މިހާރު އަޅުގަނޑުމެން މި ޖަލްސާކުރާ ޢިމާރާތަކީ، އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކެއް ކަމުގައި ފުދޭނެ. ފ. އަތޮޅުގެ ތަޢުލީމީ މަރުކަޒު ހިނގަމުން މިދަނީ ނިލަންދޫގައި. މިއީ ސަރުކާރުގެ ވަރަށް މުހިންމު މަސައްކަތެއް. ރާއްޖެތެރޭގެ ކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިދިނުން. ޝައްކެއްނެތް، ތަޢުލީމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑަށް ބޭނުންވެފައިވާ އެއްޗެއް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޅަދަރިންނަށް ތަޢުލީމު ޙާޞިލްކޮށްދިނުމަކީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި، ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެ ކުދިންނަށް ތަޢުލީމު ޙާޞިލްކޮށްދީ، އެ ކުދިން ރަނގަޅު އުޞޫލުތަކެއްގެ މަތިން ތަރުބިއްޔަތު ކުރުމަކީ، މުޅި ރާއްޖޭގެ ޙިމާޔަތަށާއި، ރައްކާތެރިކަމަށާއި، ބާއްޖަވެރިކަމަށާއި، ކުރިއެރުމަށް ބޭނުންވާ ކަމެއް. އެކަން އެހެން އޮތުމާއެކު، ސަރުކާރުން ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް އެ ދެނީ. ރައްޔިތުންގެ ފަރާތުންވެސް ސަރުކާރުން މި ކުރާ މަސައްކަތަށް ލިބޭ ތަރުޙީބަކީ، ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާ ތަރުޙީބެއް.
އާދެ، މިވަގުތު އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތައް. ކަނޑުގެ ލޮނުގަނޑު ބޮޑުވަމުންދާ ވާހަކަ، ތިޔަބޭފުޅުން އައްސަވާނެ. އެއީ، އަޅުގަނޑުމެން އެދުނު ކަމުގައިވިޔަސް، ނޭދޭ ކަމުގައިވިޔަސް، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް. އާދެ، ކަނޑުގެ ލޮނުގަނޑު ކުއްލިއަކަށް އުސްވަމުންދަނީއަކީއެއް ނޫން. މަޑުމަޑުން. އެއީ، ސަބަބުތަކެއް ނެތިއެއްނޫން. ސަބަބުތަކެއް ހުރެގެން އެހެންވާން ދިމާވަނީ. އެ ސަބަބުތަކާ ދޭތެރޭގައި، ކޮންމެހެން މާދިގު ވާހަކައެއް ނުދެއްކިޔަސް، މިކަން މިހެން ވަމުންދާތީ، އަޅުގަނޑުމެން ކަހަލަ ފަސްގަނޑު ތިރި ޤައުމުތަކުން ކުރަންޖެހޭނެ ކަންތައްތަކާ ދޭތެރޭގައި ފިކުރުކޮށް، ޢަމަލީގޮތުން އެޅޭނީ ކޮންކޮން ފިޔަވަޅެއްތޯ ބަލައި، އެ ފިޔަވަޅުތައް އެޅުމަކީ، އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރި ކަމެއް. އެކަން އެ ކުރަންޖެހެނީ، މުޅި ރާއްޖޭގެ ސަލާމަތަށްޓަކައި. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި.
އާދެ، ކަނޑުގެ ލޮނުގަނޑު އުސްވުމުން، ވަރަށްގިނަ ނުރައްކާތަކެއް ރާއްޖެއަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ. އެހެންވީމާ، އެ ނުރައްކާތަކުން ދިފާޢުވުމަށްޓަކައި މިހާރުއްސުރެ އެޅެންހުރި ފިޔަވަޅުތަކެއް ވާނީ އަޅަން. ގިނައިން ގަސް އިންދުން. ރަށްރަށުގެ ވަށައިގެން ހޭޅި ހެއްދުން. އަދި ރަށްރަށުގެ ފަޅުފަޅުންނާއި، ކައިރީގައި ހުންނަ ފަރުފަރުން ގާ ނުނެގުން. ޤުދުރަތީގޮތުން ފަރުފަރު އެގޮތަށް ހަމަޖެހިފައި އެ ހުންނަނީ ރަށްތަކުގެ ޙިމާޔަތެއްގެ ގޮތުގައި. އެހެންވީމާ، އެ ފަރުފަރު ސަލާމަތުން ބެހެއްޓޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. ޚާއްޞަކޮށް، ރަށްރަށާ ގުޅިފައިވާ ނުވަތަ ރަށްރަށުގެ ކައިރީގައި ހުންނަ، ދުރު ތަންތަނުން ގާ ނެގިޔަކަސް މައްސަލައެއް ނޯންނާނެ. ސަރުކާރުންވެސް މިހާރު ހަމަޖައްސާފައިވާ އުޞޫލަކީ އެއީ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޭނުންތަކަށް ގާ ނަގަންވެސް ބޭނުންވޭ. ވެލި ނަގަންވެސް ބޭނުންވޭ. އެކަންތައް އެކަމަކު ކުރަންޖެހޭނީ، އަޅުގަނޑުމެންގެ ރަށްރަށަށް، އޭގެ ސަބަބުން ނުރައްކަލެއް ދިމާނުވާކަހަލަ ގޮތަކަށް. އެހެންވީމާ، އެއީ މުޅިން މަނާކަމަކަށްވީކީ ނޫން. އެކަން ކުރަންވީ، އެކަން ކުރަން އޮންނަ އެންމެ ހަމަޖެހޭ ރަނގަޅު އުޞޫލެއްގެ މަތިން.
އާދެ، ދެން ގަސް އިންދުން އެއީވެސް ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އަދި ޚާއްޞަކޮށް، މި ދަނޑިވަޅުގައި އަޅުގަނޑުމެން މި ކުރިމަތިލަނީ ތަންކޮޅެއް ދަތި ދުވަސްވަރަކާ ކަމަށްވެސް ވެދާނެ. އެހެން މި ދެންނެވީ، މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ޤަލްފުގައި ހަނގުރާމައެއް ފެށުމުގެ ބައެއް ކަންތައްތައް ފެންނަމުން އެބަދޭ. އަދި ހަނގުރާމައެއް ފެށުނީކީ ނޫން. އަދި ހަނގުރާމައެއް ފެށޭނެކަމުގެ ޔަޤީންކަން އޮތީކީވެސް ނޫން. އެހެންނަމަވެސް، މިހާރު ކަންތައްތައް އެ ދާގޮތަށް ދާކަމަށްވަންޏާ، ޤަލްފުގައި ހަނގުރާމައެއް ފެށުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދުނިޔޭގެ ގިނަ މީހުން ޤަބޫލުކުރޭ.
އާދެ، ޤަލްފުގައި ހަނގުރާމައެއް ފެށިއްޖިއްޔާ އަޅުގަނޑުމެންނަށް ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތިވާނެ. އޭގެތެރެއިން އެންމެބޮޑު ދައްޗަކަށްވާނީ، ތެލުގެ ދަތިކަން. ތެލަކީ އަޅުގަނޑުމެން އިމްޕޯޓްކޮށްގެން، ރާއްޖެއަށް އެތެރެކޮށްގެން ބޭނުންކުރާ އެއްޗެއް. ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑުމެން ތެލުގެ ބޭނުންކުރަންޖެހޭ. އަޅުގަނޑުމެންގެ މަސްދޯނިފަހަރު މި ދުއްވަނީ ތެލުން. އެއްގަމުގަޔާއި ކަނޑުގައި ދުއްވާ އިންޖީނުލީ ހުރިހާ އެއްޗެއް މި ދުއްވަނީ ތެޔޮ ބޭނުންކޮށްގެން. ކަރަންޓް މި އުފައްދަނީ ތެޔޮ ބޭނުންކޮށްގެން. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރު ތަރައްޤީވެފައިވާ މިންވަރުން، ތެލަކީ އެއާ ނުލައި އަޅުގަނޑުމެންނަށް މިހާރު އުޅެވޭނެ އެއްޗެއް ނޫން. އެހެންވީމާ، ހަދަންޖެހޭނެ ގޮތަކީ ތެލުގެ ޚަރަދު ކުޑަކުރުން. އަޅުގަނޑުމެން ތެޔޮ ބޭނުންކުރާވަރު ވެވުނުވަރަކުން މަދުކުރުން. އެއީ މުސްތަޤްބަލްގައި ތެޔޮ ލިބުން ދަތިވެދާނެތީ. ނުވަތަ ތެލުގެ އަގު ބޮޑުވެގެން ހިނގައިދާނެތީ.
އާދެ، އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވޭ. ބައެއް މީހުންނަށް ހީވަނީ ކާޑުގެ ތަކެތިވެސް ދަތިވެދާނެހެން. އެކަމަކު އެއީކީ ޙަޤީޤަތެއް ނޫން. ޤަލްފުގައި އަދި ހަނގުރާމައެއް ފެށުނަސް، އަޅުގަނޑުމެންނަށް ކާޑުގެ ދަތިކަމަކާ އިރާދަކުރެއްވިއްޔާ ކުރިމަތިލާކަށް ނުޖެހޭނެ. މިހާރުވެސް ރާއްޖޭގައި ފުދޭވަރަކަށް ކާޑުގެ އެއްޗެތި އެބަހުރި. ހަނޑޫ، ހަކުރު، ފުށް އެބަހުރި. އަދި ކުރިއަށް އޮތް ތަނުގައި، ވަރަށް ދިގު މުއްދަތަކަށް ހަނޑޫ ގެނައުމަށް ސަރުކާރުން ވަނީ އެގްރީމެންޓް ކޮށްފައި. އެހެންވީމާ، އެއެއްނޫން އަޅުގަނޑުމެން ވިސްނަންވީ ނުކުތާއަކީ. ބޮޑަށް ވިސްނަންވީ، އަޅުގަނޑުމެން ތެލުގެ ޚަރަދު ކުޑަކުރުމާއި އަދި ޢާންމުކޮށް ޚަރަދު ކުޑަކުރުމުގެ މައްޗަށް. އެއީ، މިކަހަލަ ދުވަސްވަރެއްގައި ޢާންމުކޮށް ޚަރަދު ކުޑަކޮށްގެން، އަޅުގަނޑުމެންގެ އަތްމަތީގައި ފައިސާ ބަހައްޓައިގެން ނޫނީ އަޅުގަނޑުމެންނާ މި ކުރިމަތިވަމުން އަންނަ ކަމަށް ފެންނަ ދަތިތަކަކުން ސަލާމަތެއްނުވެވޭނެ. އާދެ، ކުރިމަތިވަމުން އަންނަ ކަމަށް ފެންނައޭ މި ދެންނެވީ، ކުރިންވެސް ދެންނެވިފަދައިން، އަދި ހަނގުރާމައެއް ފެށުނީކީ ނޫން. އަދި ފެށޭނެކަމުގެ ޔަޤީންކަން އޮތީކީވެސްނޫން. އެހެންނަމަވެސް، އެކަހަލަ ވާހަކައެއް ދުނިޔޭގައި އުޅޭތީ، އެކަމަށް އަޅުގަނޑުމެންވެސް އެހެން ޤައުމުތައް ތައްޔާރުވާފަދައިން ތައްޔާރުވާންޖެހޭތީ، މި ވާހަކަ އަޅުގަނޑު މި ދަންނަވާލީ.
އާދެ، މިވާހަކަ ދަންނަވާއިރު، އަޅުގަނޑު ވަރަށްބޮޑަށް އުފާވި ވާހަކައެއްވެސް ދަންނަވާލަން އެބަޖެހޭ. އެއީ، އަޅުގަނޑު މި ރަށަށް އައިފަހުން އަޅުގަނޑަށް ލިބުނު މަޢުލޫމާތަކީ، މި ރަށުގެ ރައްޔިތުން މިހާރު ދަނޑު ހެއްދެވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައޭ. އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ޝައްކެއްނެތް، އެއީ މިހާރަށްވެސް އަދި މުސްތަޤްބަލަށްވެސް އަދި ޤަލްފުގެ މައްސަލަ ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް، ހަނގުރާމައެއް އަޔަސް، ނަޔަސް، އޭގެ ޒާތުގައި އަޅުގަނޑުމެން އެއްޗެތި ހައްދައި، ދަނޑު ހައްދައި، އެއިން ލިބޭ އެއްޗެއްގެ ބޭނުންކޮށް ހެދުމަކީ، ވަރަށް ރަނގަޅު، ވަރަށް މުހިންމު، ވަރަށް ފައިދާހުރި ކަމެއް.
އާދެ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ވަރަށްގިނަ ދަނޑުތައް މި ރަށުގައި މިހާރު އެބަ ހެދެމުންދޭ. ތަފާތު ވައްތަރުވައްތަރުގެ އެއްޗެތި މި ރަށުގައި ރައްޔިތުން ހައްދަވަނީ. އެއީ، ޝައްކެއްނެތް، މި ރަށުގެ ރައްޔިތުން ކުރައްވާ ވަރަށް މުހިންމު، ވަރަށް ރަނގަޅު މަސައްކަތެއް. އެކަމަށްޓަކައި އެ މަސައްކަތުގައި އުޅުއްވާ ހުރިހާ ފަރާތްތަކަކަށް ހިފެހެއްޓުމެއްނެތި އަޅުގަނޑު ތަހުނިޔާ އަދާކުރަން. ޝުކުރު އަދާކުރަން. އެބާވަތުގެ ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ ވަރަށް ބޭނުންތެރި ކަމެއް. ހަމައެކަނި މި ދަނޑިވަޅަކު ނޫން. މިހާރުވެސް އަދި މީގެ ފަހުންވެސް.
އާދެ، ދެން އަޅުގަނޑު އެއްޗެއް ދަންނަވާލާނީ، ރައްޔިތުންގެ އެއްބާރުލުމާ ބެހޭގޮތުން. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ މުޖްތަމަޢެއްގައި ދިރިއުޅޭ ބައެއް. އަޅުގަނޑުމެންނަކީ، އެއް ދީނެއްގެ އަހުލުވެރިން. އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ ވަރަށް ވަރުގަދަ އުޚުއްވަތްތެރިކަމުގެ ގުޅުމެއް. އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް. މުއުމިނުންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ﷲ ވަނީ ކަނޑައަޅުއްވާފައި. ''إِنَّمَا الْمُؤْمِنُونَ إِخْوَةٌ'' ކީރިތި ޤުރްއާނުގައި ޞަރީޙަބަހުން އަންގަވާފައި އޮންނަނީ، ''ހަމަ ކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ.'' އެއްބަނޑުއެއްބަފާ ބައެކޭ. އެ މަތިވެރި އުޞޫލު އަޅުގަނޑުމެން ޖެހޭނެ ޤަބޫލުކުރަން. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަން. ރަޙްމަތްތެރިކަން. ހިތްހެޔޮކަން. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް އޮވެގެނެއް ނުވާނެ. އެއްވެސްކަހަލަ ފިތުނައެއް އޮވެގެނެއްނުވާނެ. އެއީ އަޅުގަނޑުމެންނަކީ އެކުވެރި ބަޔަކު ކަމުގައި ވެއްޖެނަމަ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާ ބަޔަކު ކަމުގައި ވެއްޖެނަމަ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގެވެސް ފައިދާ އަޅުގަނޑުމެންނަށް ފެނިގެންދާނެ. އެއާ ޚިލާފަށް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދިފައިވާ، ފިތުނަ އުފެދިފައިވާ، އެކަކު އަނެކަކަށް ހެޔޮނޭދޭ ބަޔަކު ކަމުގައި ވެއްޖެނަމަ، އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް، އެ މަސައްކަތެއްގެ ނަތީޖާ ދުވަހަކުވެސް އަޅުގަނޑުމެންނަކަށް ނުފެންނާނެ. މިއީ، އަޅުގަނޑުމެން ވަރަށްބޮޑަށް ހަނދާންކުރަންޖެހޭނެ ނުކުތާއެއް.
އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ނިލަންދޫގެ ރައްޔިތުން އެކުވެރި އުޚުއްވަތްތެރި ބަޔަކަށްވުން. މިހާރުވެސް އަޅުގަނޑަށް އެނގޭ، ނިލަންދޫގެ ރައްޔިތުންނަކީ، މި ދެންނެވި ފަދަ އުޚުއްވަތްތެރި ބައެއްކަން. އެހެންނަމަވެސް، ބައެއްކަހަލަ ކުދިކުދި މައްސަލަތައް ހުރުން އެއީ އެކަށީގެންވާ ކަމެއް.
އެހެންވީމާ، އެކަހަލަ މައްސަލައެއް އުފެދުނަނުދީ، އެންމެން މަސައްކަތްކޮށްގެން، އެކުވެރި ބައެއްގެ ގޮތުގައި ދިރިއުޅެމުން ގެންދިޔުން އެއީ، އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންވެއްޖެ ކަމެއް. އެއީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވީތީ. އެއްބަނޑުއެއްބަފާ ބައެއް ކަމުގައިވީތީ. އެއް ޤައުމެއްގެ އަހުލުވެރިން ކަމުގައިވީތީ. އެއްބަހަކުން ވާހަކަ ދައްކާ ބަޔަކު ކަމުގައިވީތީ. އެއް ޘަޤާފަތެއްގެ އަހުލުވެރިބަޔަކު ކަމުގައިވީތީ. މި ހުރިހާ ސަބަބުތަކެއް މިހެން ހުރީމާ އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ދެކޮޅުވެރިކަމަކަށް، ޢަދާވާތްތެރި ކަމަކަށް ތަނެއް ނޯންނާނެ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މާ ދިގުކުރާކަށް ނެތިން. ވަގުތުގެ ގޮތުން. އެހެންވީމާ، އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީ، ނިލަންދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން، އަޅުގަނޑަށް ލިބުނު ހޫނު މަރުޙަބާއަށްޓަކައި ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. ޝައްކެއްނެތް، ނިލަންދޫގެ ރައްޔިތުން މިއަދު އެ ހާމަކޮށްދެއްވީ ވަރަށް މުހިންމު އަދި ވަރަށް ބޭނުންތެރި ފިލާވަޅެއް. އެއީ، ރައްޔިތުންނާއި، ސަރުކާރާ ގުޅިފައިވާ މިންވަރު. ސަރުކާރު ހިންގަން ހުންނަ މީހަކު ނިލަންދުއަށް އައުމުގެ މުނާސަބަތު މިހާ ކުލަގަދަގޮތެއްގައި ރައްޔިތުން ފާހަގަކުރެއްވީތީ. އާދެ، އަޅުގަނޑު ނޭދެން އެއްގޮތަކަށްވެސް، އަޅުގަނޑު ރާއްޖެތެރެއަށް ދާ ދިޔުން ފާހަގަކުރެއްވުމުގެ ގޮތުން، ނުވަތަ އެކަމުގެ މުނާސަބަތުގައި، ރާއްޖެތެރޭގެ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކުރައްވާކަށެއް. އެހެންނަމަވެސް، ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެ، އެ ގުޅުމަކީ، އޭގެ ސަބަބުން ޤައުމަށް ފައިދާހުރި ގުޅުމަކަށްވުން އެއީ، އަޅުގަނޑު ހިތުން ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް. އެގޮތުން، މިއަދު އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް، ނިލަންދޫގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު މި ދަންނަވަނީ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތުން އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލެއްވުން އެދި ދުޢާކުރަމުން. އަޅުގަނޑުމެންގެ ހިތްތަކުގައިވާ އީމާންކަމުގެ އަލި ގަދަކުރައްވައި، މާތްވެގެންވާ އިސްލާމްދީނުގެ ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވައި، އަދި އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ކުރަމުންގެންދާ އިޚްލާޞްތެރި މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން އެދި ދުޢާކުރަމުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.