بســم اللّـه الرّحمـن الرّحيــم

اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަހަރުގެ ގޮތުގައި އަޅުގަނޑުމެން މި ފާހަގަކުރާ 1991 ވަނަ އަހަރުގެ ކުޑަކުދިންނާ ބެހޭ ޕްރޮގްރާމްތައް އިފްތިތާޙު ކުރެވޭ ދުވަސް. އެ ޕްރޮގްރާމްތައް އިފްތިތާޙު ކުރުމަށްޓަކައި މިއަދުގެ މި އުފާވެރި ޙަފްލާ މިތާނގައި މި ބޭއްވެނީ.

އާދެ، މިއަދުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، އަޅުގަނޑުގެ މި ވާހަކަކޮޅު އަޑުއަހަން މިތަނަށް އެއްވެ މިތިބަ ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް، ހަމައެފަދައިން، މާލެއާއި ރާއްޖެތެރޭގައި ދިރިއުޅޭ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އިޚްލާޞްތެރި ލޯތްބާއި ހެޔޮއެދުންތައް ރައްދުކުރުން.

ޝައްކެއްނެތް، ކުޑަކުދިންނަކީ އަޅުގަނޑުމެންގެ އުންމީދު. ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ އުންމީދު. ކުޑަކުދިން ބޮޑެތި މީހުންނަށްވެގެން ދިވެހިރާއްޖެއަށް ކޮށްދޭ ޚިދުމަތްތަކަކަށް އަޅުގަނޑުމެން އެންމެން މިތިބީ އިންތިޒާރުކޮށްކޮށް. ކުޑަކުދިންގެ އަހަރެއް ރާއްޖޭގައި ފާހަގަކުރުމުގެ ބޭނުމަކީ، ދެންމެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އެ ވިދާޅުވިފަދައިން، މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ބޭއްވުނު ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ ސަމިޓްގެ ފާސްކުރުންތަކާ އެއްގޮތްވާގޮތުގެ މަތިން، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުޑަކުދިންނަށް ޚާއްޞަ އަހަންމިއްޔަތެއް ދިނުން. އެގޮތަށް އެކަން ފާސްވެފައިވާތީ، ދިވެހިރާއްޖޭގައި މި އަހަރު އާދެ، 1991 ވަނަ އަހަރު އެއީ، ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ޤަސްދުކުރީ.

އާދެ، މި އަހަރަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރެއް ނޫން. އެކަން ކޮންމެ ޤައުމަކަށްވެސް ދޫކޮށްލެވިފައި އޮތީ، އެ ޤައުމަކަށް ބޭނުންވާގޮތަކަށް އެކަންތައް ކުރުމުގެ މައްޗަށް. އާދެ، ކޮންމެހެން ކުޑަކުދިންގެ އަހަރެއް ފާހަގަނުކުރި ކަމުގައިވިޔަސް، ކުޑަކުދިންގެ ތަރައްޤީއާއި، ކުޑަކުދިންގެ ދިރިތިބުމާއި، ކުޑަކުދިންގެ ޙިމާޔަތަށް ބޭނުންވާ ޕްރޮގްރާމްތައް ރާވައި ހިންގުމަކީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ކުރަން ހަމަޖެހިފައިވާ ކަމެއް. އާދެ، އެގޮތުން ދިވެހި ސަރުކާރުން ޤަޞްދުކުރީ، 1991 ވަނަ އަހަރު އެއީ، ރާއްޖޭގެ ކުޑަކުދިންގެ އަހަރުގެ ގޮތުގައި އިޢުލާނުކޮށް، އެ އަހަރުގެ ތެރޭގައި ކުޑަކުދިންނާބެހޭ ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަށް.

އާދެ، މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙިމާޔަތަށާއި، އެކުދިންގެ ދިރިތިބުމަށާއި، އެކުދިންގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ރާވައި ހިންގުން. ދެންމެ މިނިސްޓަރ އޮފް ހެލްތު އެ ވިދާޅުވިފަދައިން، މި މަޤްޞަދުތަކަކީ ހަމައެކަނި މި އަހަރުގެ ތެރޭގައި ޙާޞިލްކުރުމަށް ޤަސްދުކުރެވިފައިވާ ނުވަތަ ރޭވިފައިވާ މަޤްޞަދުތަކެއް ނޫން. ކުޑަކުދިންގެ ކަންތައްތައް ތަރައްޤީކޮށް، ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދީ، އެކުދިންގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ކުރުމަކީ، ހަމައެކަނި ވަކި އަހަރަކު ކުރަންޖެހޭ ކަމެއްނޫން. އެއީ، ހުރިހާ އަހަރެއްގައިވެސް، އަބަދުވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އާދެ، މިއީ ހަމައެކަނި ފެށުމެއް. އިރާދަކުރެއްވިއްޔާ، މީގެފަހުން ރާއްޖޭގެ ކުޑަކުދިންގެ ކަންތައްތައް ތަރައްޤީކޮށް، އެކުދިންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދީ، އެކުދިންގެ ކުރިއެރުމަށް ހިންގަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ގެންދާނީ ހިންގަމުން.

އާދެ، ކުޑަކުދިންނަކީ ޤައުމުގެ އެންމެ މުހިންމު ބައި. އަޅުގަނޑުމެން އެންމެންވެސް އެންމެ ލޯބިވާ އަފްރާދުން. ކުޑަކުދިންނަށް އަޅުގަނޑުމެން ބޮޑެތި މީހުންގެ ހިތްތަކުގައި އުފެދިފައި ވަނީ ވަރަށް ޚާއްޞަ ލޯތްބެއް. އެކުދިން ރަނގަޅު މުވާޠިނުންގެ ގޮތުގައި ބޮޑުވެ، އެކުދިންގެ ފަރާތުން އެކަށީގެންވާ ޚިދުމަތްތަކެއް ޤައުމަށް ލިބުމަކީ، އަޅުގަނޑުމެން އެންމެންވެސް އުންމީދުކުރާ ކަމެއް. ކުޑަކުދިންގެ ގޮތުގައި ތިޔަކުދިން ތިބެނީ މަދު ދުވަސްކޮޅަކު. ވަރަށް އަވަހަށް ތިޔަކުދިން ބޮޑެތިވެގެން އާދޭ. އެހެންވީމާ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ވާޖިބަކަށް ވާންވާނީ، ތިޔަކުދިންގެ ޅަޢުމުރުގެ ދުވަސްކޮޅު އެއީ، އުފާވެރި ދުވަސްކޮޅެއް ކަމުގައި ހެދޭތޯ މަސައްކަތް ކުރުން. ތިޔަކުދިންގެ ޅަޢުމުރުގެ ހަނދާންތަކަކީ އަބަދުވެސް ތިޔަކުދިންގެ ހިތުގައި ދެމިއޮންނާނެ އުފާވެރި ހަނދާންތަކަކަށް ހެދޭތޯ މަސައްކަތް ކުރުން.

އާދެ، ޝައްކެއްނެތް، ކުޑަކުދިންނަށް ބޭނުންވާ ކަންތައްތައް ވަރަށް ގިނަ. އެންމެ ފުރަތަމަ އެކުދިންގެ ޙިމާޔަތް. އާދެ، އެކުދިންނަކީ ރަނގަޅު ކާނާ ލިބޭ އަދި ފުރިހަމަ ޞިއްޙަތުގެ ނިޢުމަތް ލިބިފައިވާ ކުދިބަޔަކު ކަމުގައި ހެދުން. ހަމައެއާއެކު، ކުޑަކުދިންނަށް ބޭނުންވާ ތަޢުލީމު އެކުދިންނަށް ހޯދައިދިނުން. އެކުދިންގެ ޖިސްމާނީ ބާރުތަކާއި، ވިސްނުމުގެ ބާރުތައް ރަނގަޅުގޮތެއްގައި ތަރައްޤީކުރުން. އަދި އެކުދިންގެ ޙައްޤުތައް އެކުދިންނަށް ހޯދައިދިނުން. ހުރިހާ ގޮތަކުންވެސް ޤައުމަށް ފައިދާކުރާނެ މުވާޠިނުންތަކެއް ކަމުގައި ކުޑަކުދިން ހެދުން. މިއީ، ކުޑަކުދިންނާ ބެހޭގޮތުން އަޅުގަނޑުމެން ވިސްނަންވީ ނުކުތާތަކަކީ. އަދި އެކުދިންނަށް ހޯދައިދޭންވީ އެކުދިންގެ ޙައްޤުތަކަކީ.

ޝައްކެއްނެތް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތްތަކެއް. މި މަސައްކަތުގެ ނަތީޖާ اللَّـهُ سُبْحَانَهُ وَتَعَالَىٰ ދައްކަވާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. އާދެ، މި މުނާސަބަތުގައި އަޅުގަނޑުވެސް މާދިގުކޮށް ވާހަކަ ދައްކާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް ދެތިން އެއްޗެއް ދަންނަވާލަން އެބަޖެހޭ.

އާދެ، އޭގެ ތެރެއިން އެއް ވާހަކައަކީ، ކުޑަކުދިންނަކީ ކޮބައިތޯ؟ އެއީ ކިހާ ޢުމުރެއްގެ ބައެއްތޯ؟ މިއީ އަޅުގަނޑުމެން ކަނޑައަޅަންޖެހޭ ކަމެއް. ބައިނަލްއަޤްވާމީ ގޮތުން، ބައިނަލްއަޤްވާމީ ބައެއް މުޢާޙަދާތަކުގައި، ކުޑަކުދިންގެ ޢުމުރު ކަމުގައި ބަލާފައި ވަނީ، 18 އަހަރުން ދަށުގެ މީހުން. މީލާދީގޮތުން 18 އަހަރު ނުފުރޭ އެންމެންނަކީ، މި ދެންނެވި މުޢާހަދާތައް ބުނާގޮތުން ކުޑަކުދިން. އަޅުގަނޑުމެންގެ ރާއްޖޭގައި، ކުޑަކުދިންނަކީ ކޮންބައެއްތޯ އަޅުގަނޑުމެން ވިސްނާލާއިރު، އަޅުގަނޑުމެން ރިޢާޔަތް ކުރަންޖެހޭ އުޞޫލުތަކެއްވެސް އެބަހުރި. އަޅުގަނޑުމެންގެ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ތަންދެނީ ކިހިނެއްތޯވެސް ބަލައިލަންޖެހޭ. މިގޮތުގެމަތިން، ވަރަށް ފުންކޮށް ނަޒަރު ހިންގުމަށްފަހު، ވަޒީރުންގެ މަޖިލީހުން އިހަކަށްދުވަހު ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ކުޑަކުދިން ކަމުގައި ބަލާނީ، މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިން ކަމުގައި. އާދެ، ދުނިޔޭގެ އެހެން ބައެއް ތަންތާނގައި، ކުޑަކުދިންގެ ގޮތުގައި ބަލާ މީހުންނާއި، ރާއްޖޭގައި ކުޑަކުދިންގެ ގޮތުގައި ބަލާ މީހުންގެ ޢުމުރު ތަފާތުވެގެން އެބަދޭ. އެހެންނަމަވެސް، އެ ތަފާތު އެއައީ ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކެއް އޮތުމުގެ ސަބަބުން.

އާދެ، މިހެން ދެންނެވި ކަމުގައިވިޔަސް، މި ދެންނެވީ، ދިވެހިރާއްޖޭގައި ކުޑަކުދިންނަކީ މީލާދީ ގޮތުން 16 އަހަރު ހަމަނުވާ ނުވަތަ 16 އަހަރު ނުފުރޭ އެންމެން ކަމުގައި ބެލިކަމުގައިވިޔަސް، އޭގެ މާނައަކީ ޝަރުޢީގޮތުން ހިޖުރީ ސަނަތުން 15 އަހަރު ފުރުމުން، ކޮންމެ މީހަކީވެސް މުކައްލަފަކު ކަމުގައިވާވުން އެއީ، މިއިން އިސްތިސްނާވާ ކަމެއް ނޫނޭ އިނގޭތޯ. މި ދެންނެވި ބަހުގެ މާނައަކީ، ޝަރުޢީގޮތުން، ހިޖްރީ ސަނަތުން 15 އަހަރުވާ މީހަކީ، މުކައްލަފަކު ކަމުގައި އެ ބަލާ ބެލުން، ހަމަ އެގޮތުގައި އޮންނާނެ. ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއް. އެހެންވީމާ، އެއަކަށް އެއްވެސް ބަދަލެއް ނާންނާނެ. ޝަރުޢީގޮތުން އަދި ދީނީގޮތުން 15 އަހަރުވުމުން، އެމީހަކު އެކުރަންޖެހޭ ކަންތައްތަކެއް އަދިވެސް ކުރަންޖެހޭނެ. އަދި އެމީހާ އެކަމުގައި ކުރާ ޢަމަލުތަކުގެ މަސްއޫލިއްޔަތު، ކުރިއެކޭވެސް އެއްގޮތަށް އުފުލަންޖެހޭނެ. އެހެންނަމަވެސް، ކުޑަކުދިންގެ ގޮތުގައި ތިބި، މީލާދީގޮތުން 16 އަހަރު ނުފުރޭ މީހުންނަށް ސަރުކާރުން ޢިނާޔަތްތަކެއް ދޭން ހަމަޖެއްސި ސަބަބަކީ، އެ ދޭ ޢިނާޔަތްތައް ޙައްޤުވާ ފަރާތްތަކަކީ ވީހާގިނަ ބަޔަކު ކަމުގައި ހެދުމަކީ ބޭނުންތެރި ކަމެއް ކަމުގައި ފެންނާތީ.

އެހެންވީމާ، މިހާރު މި ހަމަޖެހުނު ގޮތުން، ރާއްޖޭގެ ކުޑަކުދިންގެ ޢަދަދަކީ، ރާއްޖޭގެ ރައްޔިތުންގެ ސަތޭކައަކުން 49. ޝައްކެއްނެތް، ވަރަށްބޮޑު އަދަދެއް. މި އަހަރުގެ ބޯހިމެނި ހިސާބުން ދައްކާގޮތުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ދިރިއުޅެނީ ދެލައްކަ ތޭރަހާސް މީހުން. އޭގެ ތެރެއިން ސަތޭކައަކުން 49 އެއީ، މީލާދީގޮތުން 16 އަހަރު ނުފުރޭ މީހުން.
އެ ހުރިހާ އެންމެންނަކީ ރާއްޖޭގައި ކުޑަކުދިން ކަމުގައި ބަލާގޮތަށް މިހާރުވަނީ ހަމަޖެހިފައި.

އާދެ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކުޑަކުދިންނަށް ލިބިދޭންޖެހޭ ވަސީލަތްތައް ލިބިދީ، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ޤައުމުގެ ބާއްޖަވެރިކަން ބިނާވެފައި އޮންނާނީ އެކަމުގެ މައްޗަށް. އެހެންވީމާ، ގެ އިރާދަފުޅާއެކު، ސަރުކާރުން މި ފަށާ މަސައްކަތުގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ދިވެހިރާއްޖޭގެ ކުޑަކުދިންނަކީ، އެކުދިންގެ ޙައްޤުތައް އެކުދިންނަށް ލިބިގެންވާ އަދި ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ލިބިގެންވާ އުފާވެރި ޙަޔާތެއް ވޭތުކުރާ ބަޔަކަށް ހެދުން. އެކުދިންނަށް ދިމާވާ މައްސަލަތައް ސަރުކާރުގެ ފަރާތުންނާއި، މައިންބަފައިން އެކަށީގެންވާ ގޮތެއްގައި ޙައްލުކޮށްދީ، އެކުދިންނަށް އުފާވެރި ދުވަސްތަކެއް ލިބުމުގެ ނަޞީބު މެދުވެރިކޮށްދެއްވުން.

އާދެ، މިއަހަރުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އެކަންކަމުގެ ވާހަކަ ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އެހެންވީމާ، އެކަމާ ބެހޭގޮތުން އިތުރު ވާހަކައެއް އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ކުޑަކުދިންގެ އަހަރުގެ ކަންތައްތައް ރާއްވަވައި ހިންގެވުމާ ޙަވާލުވެ ތިއްބެވި އިސް ތިން ވެރިންނަށް، އާދެ، މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، މި ތިން ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން. ހަމައެއާއެކު، އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ކުޑަކުދިންގެ އަހަރާބެހޭ ކަންތައްތައް ރާއްވަވައި، އިންތިޒާމު ކުރައްވާ ކޯޑިނޭޓިންގ ކޮމިޓީގެ ހުރިހާ ބޭފުޅުންނަށްވެސް މި ފުރުޞަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް. މިއަދުގެ މި އުފާވެރި ޙަފްލާގައި ބައިވެރިވުމަށްޓަކައި ރާއްޖެތެރެއިން އައިސްތިބި ކުޑަކުދިންނަށް ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު މިއަދު މަރުޙަބާ ކިޔަން. ޝައްކެއްނެތް، މާލޭގެ ކުޑަކުދިންނަށްވުރެ، ރާއްޖެތެރޭގެ ކުޑަކުދިންނަށް ދިމާވެފައިވާ މައްސަލަތައް ގިނަވާނެ. އެކުދިންނަށް ސަރުކާރުން ދޭންޖެހޭ ޢިނާޔަތްތައްވެސް ގިނަވާނެ. އެހެންވީމާ، ރާއްޖެތެރެއާއި މާލެއާ ހިމެނޭގޮތުން ސަރުކާރުން މި ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން، ރާއްޖޭގެ ކުޑަކުދިންނަށް މިއަދަށްވުރެ އުފާވެރި ތަނަވަސް މާދަމައެއް ދެއްކެވުމަކީ އަޅުގަނޑުމެންގެ ދުޢާ.

އާދެ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށްޓަކައި އަޅުގަނޑުމެންގެ ކުޑަކުދިން ރައްކާތެރިކޮށްދެއްވާށި! އެކުދިންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވާށި! އަދި އެކުދިންނަކީ އެކަށީގެންވާ ތަޢުލީމެއް ލިބުމުގެ ފުރުޞަތު ލިބިގެންވާ އަދި އެކުދިންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިއްޔަތު ކުރެވޭ އަދި އެކުދިންގެ ފަރާތުން ރާއްޖެއަށް މަތިވެރި ޚިދުމަތްތަކެއް ލިބޭ ބަޔަކު ކަމުގައި އެކަލާނގެ މިންވަރު ކުރައްވާށި!

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް އިޚްލާޞްތެރި ލޯތްބާއި ހެޔޮއެދުންތައް ފޮނުވަން. މިކަމުގައި އަޅުގަނޑުގެ އަންހެނުންވެސް ބައިވެރިވާ ވާހަކަ އަޅުގަނޑު ދަންނަވާލަން. އާދެ، ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އަދަށްވުރެ އުފާވެރި، ތަނަވަސް، ތަރައްޤީވެފައިވާ މާދަމާއަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

والسّلام عليكم ورحمـة اللّـه.