މި ސަރުކާރުން ބޭނުންފުޅުވަނީ، ގެންދެވެން އޮތް އެންމެ މަތީ ފެންވަރަކަށް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ގެންދަވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި، އ.ދ. އާ ގުޅިގެން ހޮލިޑޭއިން ހޮޓަލުގައި މިއަދު މެންދުރުފަހު ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެރިކަމެއް ބަދަލުވެގެން އަންނަ ފުރަތަމަ ހަތަރުވަރަކަށް މަހުގެ ތެރޭގައި ގިނަ ފަހަރަށް ވާގޮތަކީ، އާ ސަރުކާރުގެ ބާރު ފޯރުވުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅެނީ ކަމަށް ވިދާޅުވެ، އެހެންނަމަވެސް މި ސަރުކާރުން އެފަދަ ޢަމަލެއް ނުހިންގާ ފުރަތަމަ ހަތަރުވަރަކަށް މަސް ވޭތުކޮށްފައިވާކަމީ އެމަނިކުފާނު ވަރަށް އުފާފުޅުކުރައްވާ ކަމެއްކަން ހާމަކުރެއްވިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުން އެއްވެސް ނޫސްވެރިޔަކު އަދި ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، މިފަދަކަމެއް ކުރެއްވުމަށް މުސްތަޤްބަލުގައިވެސް ގަސްދު ނުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ، އޭރު ނުކުންނަމުންދިޔަ މި ސަރުކާރާ އެއްކޮޅު ނޫސް ކަމުގައިވާ "މިނިވަން ޑެއިލީ" ހުއްޓާލުން ކަމަށާއި، މިކަން މިހެން ކުރެއްވުމުން، ސަރުކާރުގެ ޚިޔާލާއި ފިކުރު ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ޚަބަރުފަތުރާ ވަސީލަތެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެމަނިކުފާނު ވިދާޅުވީ، މިކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ޑިމޮކްރަސީއަށްޓަކައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ކަމުގައެވެ.
މި ރަސްމިއްޔާތުގައި "އަހަރުގެ ދިވެހި ނޫސްވެރިޔާ" ގެ އިނާމުވެސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވިއެވެ. މި އިނާމުގެ ތަޢާރަފް ދެއްވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ވިދާޅުވީ، މި އިނާމު ތަޚްޞީޞް ކުރެވެނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށާއި، އަދި މި އިނާމަކީ، އަމިއްލަ ނޫސްވެރިންގެ ތެރެއިން ފަނޑިޔާރުން އިންޞާފު ކުރައްވައިގެން ހޮއްވަވާ ނޫސްވެރިއަކަށް 2011 ވަނަ އަހަރުން ފެށިގެން ދެއްވާ އިނާމެއް ކަމުގައެވެ.