بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، والصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
މިއަދު އަޅުގަނޑު ބިލެތްދުއަށް މިއައީ، ފ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރާ ދަތުރެއްގައި. މި ދަތުރު އަޅުގަނޑު ފެށީ އިއްޔެ. މީގެ ކުރިންވެސް އަޅުގަނޑު ވަރަށް ގިނަ ފަހަރު ވަނީ ރާއްޖެތެރެއަށް ދަތުރުކޮށްފައި. ރާއްޖޭގެ ހުރިހާ އަތޮޅަކަށް މީގެ ކުރިން އަޅުގަނޑު ވަނީ ޒިޔާރަތްކޮށްފައި. ބިލެއްދުއަށްވެސް މީގެކުރިން އަޅުގަނޑު ދެފަހަރެއްމަތިން އައިން. ފުރަތަމަ ފަހަރު އައީ، ތަންކޮޅެއް ކުރިން. އާދެ، 1974 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު. އޭގެ ފަހުން މިހާރު ގާތްގަނޑަކަށް ސަތާރަވަރަކަށް އަހަރު މި ހިނގަނީ. އޭރު އަޅުގަނޑު އައީ މި މަގާމުގައި ހުރެގެންނެއް ނޫން. އޭރުގެ ޕްރައިމް މިނިސްޓަރ އޮފީހުގެ ޚާއްޞަ ވަކީލެއްގެ މަގާމުގައި ހުރެގެން. ސަރުކާރުގެ މުހިންމު ބޭނުންފުޅަކު އަޅުގަނޑު ފޮނުއްވީ. އޭގެފަހުން، އަޅުގަނޑު ރައީސްކަމާ ހަވާލުވި ފަހުން، މިއަތޮޅަށް ކުރި ރަސްމީ ދަތުރުގައި އަޅުގަނޑު ވަނީ ބިލެތްދުއަށް އައިސް، ބިލެތްދޫގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަވެސް ދައްކާފައި.
އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކަކީ ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅެމުން ގެންދާ ގޮތް ބަލައިލުމަށްޓަކައި ކުރާ ދަތުރުތަކެއް. މި ދަތުރުތަކުން ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް އަޅުގަނޑަށް ލިބޭ. ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތާއި، ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގައި މިހާރު ހިންގާ ކަންތައްތަކާއި، އެ ކަންތައްތަކަށް ދަތިވާ ކަންތައްތަކާއި، ރައްޔިތުންނަށް ސަރުކާރުން ދޭން ބޭނުންވާ ޚިދުމަތްތައް އޮމާންކޮށް، ހަލުވިކޮށް، ކޮށްދެވޭނީ ކިހިނެއްތޯ ބެލުމާއި، މިގޮތްގޮތުން އަޅުގަނޑަށް ލިބެން ބޭނުންވާ، ވަރަށް ގިނަ މަޢުލޫމާތު މި ދަތުރުތަކުން ލިބޭ. އަދި އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުން، މާގިނަގިނައިން ދަތުރުނުކުރެވުނު ކަމުގައިވިޔަސް، ރާއްޖެތެރެއާ ބެހޭ މަޢުލޫމާތު އަޅުގަނޑަށް ދަނީ ލިބެމުން. ކަމާބެހޭ މިނިސްޓްރީން އަޅުގަނޑަށް މަޢުލޫމާތު ދެއްވާ. އަދި އަޅުގަނޑު އަމިއްލައަށްވެސް ކަންތައްތައް ވަމުންދާގޮތް ބަލަމުން ގެންދަން. އެހެންވީމާ، ރާއްޖެތެރޭގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން، ތަރައްޤީވަމުންދާކަން ތިޔަބޭފުޅުންނަށްވެސް އިޙްސާސް ކުރެއްވޭނެ.
އާދެ، ރާއްޖެ މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން. ކުރީގައި ނެތް ކިތަންމެ ކަމެއް މިދަނީ ފެށިގެން. އަދި ކުރިން ފެށިފައިވާ ކަންތައްތައްވެސް މިހާރުދަނީ ތަރައްޤީވަމުން. ރާއްޖެތެރޭގެ ދަރީންނަށް ތަޢުލީމު ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން ގެންދާ ކަމެއް. ރާއްޖެތެރޭގައި ސަރުކާރުގެ ޚަރަދުގައި ޢިމާރާތް ކުރާ މަދަރުސާތައް ރާއްޖޭގެ އެކި ކަންކޮޅުގައި ވަރަށް ގިނައިން މިހާރު އެބަހުރި. ސަރުކާރުގެ ޚަރަދުގައި އެތަންތަން ހިނގަމުންވެސް ދޭ. ބިލެތްދޫގެ މި ސްކޫލަކީވެސް ސަރުކާރުގެ އެހީގައި ޢިމާރާތް ކުރެވިފައި ހުރި ތަނެއް. އަދި މިތާނގައި ތިއްބަވާ ޓީޗަރުން އެއީ، ސަރުކާރުން ދޫކޮށްފައި ތިބޭ ބައެއް. ޝައްކެއްނެތް، ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ކިޔަވާ ޢުމުރުގެ ކުދިންނަށް ކިޔަވައިދެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންވާނެ. ރާއްޖެތެރޭގެ ރައްޔިތުންވެސް ތަޢުލީމަށް މިހާރު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ. ތަޢުލީމުގެ ބޭނުންތެރިކަން ހުރިހާ އެންމެންނަށްވެސް އިޙްސާސް ކުރެވޭ. އެކަން އެގޮތަށް ކުރިއަށް ގެންދެވުމަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް. ތަޢުލީމު ފިޔަވައި ސަރުކާރުން ދޭ އެހެނިހެން ޚިދުމަތްތައްވެސް މިގެންދަނީ ދެމުން.
އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އަނެއްކަމަކީ، ޞިއްޙީ ޚިދުމަތްތައް. އެގޮތުން، ރާއްޖޭގެ ހަތަރު ތަނެއްގައި، މިހާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ ސަރަޙައްދީ ހަސްފަތާލު ހިނގަމުންދޭ. އަދި ވަރަށް ގިނަ ތަންތާނގައި، ފެންވަރު މަތިކުރެވިފައިވާ ޞިއްޙީ މަރުކަޒުތައްވެސް ހިނގަމުން އެބަދޭ. އަނެއްބައި ތަންތާނގައި އެފަދަ މަރުކަޒުތައް ޢިމާރާތް ކުރުމުގެ މަސައްކަތްވެސް ކުރެވެމުން އެބަދޭ. އަދި ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނާއި، ޢާއިލާގެ ޞިއްޙީ އެހީތެރިން ސަރުކާރުން ތަމްރީނުކޮށްދީ، އެ މީސްމީހުން، އެ މީސްމީހުންގެ ރަށްރަށަށް ފޮނުވައި އެބަހަދާ. މިކަންކަމުގެ ބޭނުމަކީ، ޞިއްޙީގޮތުން ރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް، ރާއްޖެތެރޭގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުން. ހަމައެފަދައިން، ފޫޅުމައިން ތަމްރީނުކުރުމާއި، މިނޫންވެސް ޞިއްޙީ ރޮނގުން ރާއްޖެތެރޭގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ.
އާދެ، ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި ކުރާ މަސައްކަތްތަކުގެ މަގުވެސް ސަރުކާރުން ފަހިކޮށްދެމުން ގެންދޭ. އެކަން ވެވެން އޮންނަ މިންވަރަކުން. އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ މީހުންނަކީ މަސްވެރިން. އެހެންކަމާއެކު، މަސްދޯނިފަހަރުގައި އެކިއެކި މަޝްރޫޢުގެ ދަށުން އިންޖީނު ބަހައްޓައިދިނުމާއި، އަދި މިނޫންވެސް މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދޭ.
އަޅުގަނޑަށްވެސް އެނގޭ، މިހާރު ފ. އަތޮޅުގެ ގިނަ މީހުންނަކީ މަސްވެރިކަން ކުރާ ބައެއް ނޫންކަން. މިހާރު ޒަމާނަށް އަންނަ ބަދަލާ ގުޅިގެން، މި އަތޮޅުގެ މީހުންގެ މަސައްކަތަށްވެސް މިއޮތީ ބަދަލުތަކެއް އައިސްފައި. މި އަތޮޅުގެ ގިނަ މީހުންނަކީ ވެލިގާ ނެގުމުގެ މަސައްކަތުގައި އުޅޭ ބައެއް. ދިރިއުޅުމަށް ކޮންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް، އެ މަސައްކަތެއް ވީހާވެސް ރަނގަޅަކަށް ކުރެވޭތޯ ބެލުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އެއީ، މަސައްކަތްކޮށްގެން އަޅުގަނޑުމެން ކުރިއަށްދާނީ. މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވާނީ. އާމްދަނީ އިތުރުކޮށްގެން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު އަޅުގަނޑުމެން ބޭނުންވާގޮތަށް ކުރިއަށް ގެންދެވޭނީ. އާދެ، ދިރިއުޅުމަށް މި އަންނަ ބަދަލުތަކާއި، މަސައްކަތްތަކަށް މި އަންނަ ބަދަލުތަކާއި، ރާއްޖެއަށް މި އަންނަ ބަދަލުތަކާއި، މި ހުރިހާ ކަމަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، ކޮންމެ ކަމަކާ ބެހޭގޮތުންވެސް އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދަންވާނެ.
މިގޮތުން ދަންނަވާލަންޖެހޭ އެއް ވާހަކައަކީ، ތިޔަބޭފުޅުންވެސް އައްސަވައިފައި ވާނޭ ފަދައިން، ތިމާވެށްޓަށް ބަދަލުތަކެއް އަންނަމުން އެބަދޭ. އެއީ، މުއްސަނދި ޤައުމުތަކުން ކުރާ މަސައްކަތްތަކެއްގެ ސަބަބުން، ޖައްވުގައި ބައެއްކަހަލަ ގޭސްތައް ގިނަވުމުގެ ސަބަބުން ޖައްވު ހޫނުވަމުންދަނީ. އޭގެ ސަބަބުންވެސް ކަނޑުގެ ލޮނުގަނޑު އުސްވަމުންދަނީ. ކަނޑުގެ ލޮނުގަނޑު އުސްވުމަކީ، ކުއްލިއަކަށް ވާނެ ކަމެއް ނޫން. މަޑުމަޑުން އެކަން ވަމުންދާކަމަށް ސައިންޓިސްޓުން ބުނަނީ. އެހެންގޮސް، މީގެ ވިއްސަކަށް އަހަރު ފަހުން ނުވަތަ ތިރީސް، ސާޅީސް އަހަރު ފަހުން ނަމަވެސް، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހިސާބަކަށް ކަނޑުގެ ލޮނުގަނޑު އުސްވެގެން ހިނގައްޖެނަމަ، ރާއްޖެއަށް އެކަމުން ކުރިމަތިވާނެ ނުރައްކާތަކާ ދޭތެރޭގައި މިހާރުވެސް އަޅުގަނޑުމެން ފިކުރުކުރަންޖެހޭނެ. މިހާރުވެސް އެކަމާ ދޭތެރޭގައި ފިޔަވަޅު އަޅަންވާނެ. ފަހުން އެކަންވާއިރަކުން ފިޔަވަޅު އަޅަން ތިބެއްޖެނަމަ، އޮންނާނީ މާލަސްވެފައި. އޭރުން ކުރެވޭނެ އިތުރު ކަމެއް ނޯވެ ހިނގައިދާނެ.
އާދެ، އެހެންވީމާ ތިޔަބޭފުޅުން އައްސަވާނެ، ސަރުކާރުގެ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި ނަޞޭޙަތްތައް. ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ގަސްގަހާގެހި ގިނައިން އިންދުމާއި، ގޮނޑުދޮށްތައް ރައްކާތެރިކުރުމާއި، ރަށްރަށާ ގުޅިފައިވާ ފަޅުފަޅުންނާއި، އަދި ރަށްރަށުގެ ކައިރީގައި ހުންނަ ފަރުފަރުން ގާނުނެގުމާ، މިކަހަލަ ކިތަންމެ ކަންތައްތަކެއް ކުރަން އެބަޖެހޭ. އެކަންތައްތައް ކުރަން އެޖެހެނީ އަޅުގަނޑުމެންގެ އަމިއްލަ ރައްކަލަކަށް. އަޅުގަނޑުމެންގެ ޤައުމުގެ ރައްކަލަކަށް. ރައްޔިތުންގެ ރައްކަލަކަށް.
އާދެ، މިހެން ދަންނަވާއިރު، އަޅުގަނޑަށްވެސް އެނގޭ، ކުރިންވެސް ދެންނެވި ފަދައިން، މި އަތޮޅުގެ ގިނަ ރައްޔިތުންނަކީ، މިހާރު ވެލިގާ ނެގުމުގެ މަސައްކަތުގައި އުޅޭ މީހުންކަން. އާދެ، އެކަން މަނާވީކީ ނޫން. އެކަން ކުރުން އެންމެ ރަނގަޅު. އެހެންނަމަވެސް، އެކަން ކުރަން މިޖެހެނީ އަޅުގަނޑުމެންގެ ތިމާވެށްޓަށް ގެއްލުން ނުލިބޭފަދަ ގޮތެއް ބަލައިގެން އެގޮތަކަށް. އެއީ، ރަށްރަށުގެ ދުރުގައިވާ ތަންތަނުން، ފަރުފަރުން ނުވަތަ އެހެން ފަޅުފަޅުން ގާނެގުން، ވެލިނެގުން. އެގޮތަށް ކަންތައް ކުރާ ކަމަށްވަންޏާ، ތިމާވެށްޓަށް ގެއްލުމެއް ނުލިބޭނެ.
އާދެ، އަޅުގަނޑުމެން އަދިވެސް ވިސްނާލަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ދިޔުން، އެއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. އެއީ، އަޅުގަނޑުމެންގެ ރައްޔިތުންގެ އަދަދު އިތުރުވެގެން މިދަނީ ވަރަށް ބާރަށް. ރައްޔިތުންގެ އަދަދު އިތުރުވެގެންދާވަރަށް އަޅުގަނޑުމެންނަކަށް އާމްދަނީއެއް އިތުރެއްނުކުރެވޭނެ. އެހެންވީމާ، އެވަނީ ވަރަށް ބޮޑު މައްސަލައަކަށް. މުސްތަޤްބަލުގައިވެސް އެ އަދި މިހާރަށްވުރެ ބޮޑު މައްސަލައަކަށް ވާނެ. އެހެންވީމާ، ސަރުކާރުން ރާވައި ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވެގެން މިސާލަކަށް، ވިހެއުމުގެ ދޭތެރެ ދުރުކުރުމާއި، މައިންގެ ޞިއްޙަތަށްޓަކައި ރޭވޭ ކަންތައްތަކާއި، މި ކަންތައްތަކުގައި ބައިވެރިވެގެން، ސަރުކާރުން އެ ދޭ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަކީ، އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތަށް ކޮންމެހެން ބޭނުން ކަމެއް. އާދެ، ބައެއް މީހުންގެ ހިތަށްއެރުން އެކަށީގެންވޭ، މިކަހަލަ ކަންތައް ކުރުން އެއީ، ދީނީ އުޞޫލުން ބަލާއިރު، ކޮންކަހަލަ ކަމަކަށް ވާނެބާއޭ؟ އަޅުގަނޑަށް ދަންނަވަން ޖެހެނީ، މުހިންމު ޤައުމީ ބޭނުމަށްޓަކައި ވިހެއުމުގެ ދޭތެރެ ދުރުކުރުމަށް މަސައްކަތް ކުރުމަކީ، ދީން ހުރަސްއަޅާ ކަމެއް ނޫނޭ. ދީނުގައި އަންގަވާފައި އޮންނަނީ، ކޮންމެ ކަމަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނުމަށް. ތަދައްބުރު ކުރުމަށް. ފިކުރު ހިންގުމަށް. ޢިބްރަތް ޙާޞިލް ކުރުމަށް. އެހެންވީމާ، އަޅުގަނޑުމެން ކުރާ ކަމަކުން ނަތީޖާ ނުބައިވަމުން އަންނަ ކަމަށްވަންޏާ، އެކަމެއް ހުއްޓާލަން ދީނުގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ޖެހޭ. އަދި އެކަހަލަ ހަރުދަނާ ވިސްނުމަކުން ވިސްނައިގެން، މިކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުމަކީ ހަމަ ކޮންމެހެން ބޭނުން ކަމެއް.
އާދެ، ކުޑަކުދިންނާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި، ކުޑަކުދިންގެ ސަލާމަތަށާއި، އެކުދިންގެ ދިރިތިބުމަށާއި، އެކުދިންގެ ތަރައްޤީއަށް ކުރަންޖެހޭ ކަންތައްތައް މިހާރުވަނީ ކުރަން ޖެހިފައި. ކުޑަކުދިންނަކީ ވަރަށް މުހިންމު ބައެއް. މުސްތަޤްބަލުގައި ޤައުމުގެ އެންމެ މަތީ މަޤާމުތަކުގައި ތިބޭނީވެސް މިއަދުގެ ކުޑަކުދިން. ޤައުމުގެ ބޮޑެތި ހުރިހާ ކަންތައްތަކެއް ހިންގާނީ އަދި ޤައުމަށް ޚިދުމަތް ކުރާނީ އެކުދިން. އެހެންވީމާ، އެކުދިން މީހުންނަށް ހެދުމަކީ، ހަރުދަނާ މުވާޠިނުންނަށް ހެދުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އެކުދިން މުސްތަޤްބަލުގައި މީހުންނަށް ހެދޭނީ އަދި ހަރުދަނާ މުވާޠިނުން ކަމުގައި ހެދޭނީ، މިހާރު އެކުދިންނަށް ރަނގަޅު ތަޢުލީމެއް ދީ، އެކުދިންގެ ޞިއްޙަތު ސަލާމަތުން ހުންނަ ކަހަލަ ގޮތަކަށް އަޅުގަނޑުމެން ކަންތައްތައް ހަމަޖައްސައި ހަދައިގެން. ހަމަ އެއާއެކުގައި، އެކުދިންނަށް އެކަށީގެންވާ ރަނގަޅު ތަރުބިއްޔަތެއް ދީގެން. މާތްވެގެންވާ އިސްލާމްދީނުގައިވާ ތަރުބިއްޔަތު ކަހަލަ ތަރުބިއްޔަތެއް، އެހެން އެއްވެސް ދީނެއްގައި ނެތް. އެހެން އެއްވެސް ނިޡާމެއްގައި ނެތް.
އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެމަތިން އަޅުގަނޑުމެން އެކުދިންނަށް ދީނީ ކަންތައްތައް އުނގަންނައިދީ އަދި ދީނީ ރޫޙު އެކުދިންގައި އަށަގަންނުވައި، ދީނީ އުޞޫލުތަކާ އެއްގޮތަށް އެކުދިން ޢަމަލުކުރުމަށް ބާރުއަޅައި، މިދެންނެވި އުޞޫލުން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ޤައުމަށް ވަރަށް ބޭނުންވެފައިވާ ކަމެއް. ކުދިންނަށް ހަމައެކަނި ތަޢުލީމު ދީގެން ދެކޮޅެއްނުޖެއްސޭނެ. ހަމައެކަނި މަޢުލޫމާތުތަކެއް، ކުދިންގެ ހިތްތަކަށް ވައްދައިގެން ނުވަތަ ކުދިންގެ ސިކުނޑިތަކަށް ވައްދައިގެން، އެއިން އަދި ތަޢުލީމު ދިނުމުގެ ފުރިހަމަ ބޭނުމެއް ނުހިފޭނެ. ކުދިންނަށް މަޢުލޫމާތުތަކެއް އަންގައިދެއްވުމުގެ އިތުރަށް، އެކުދިންގައި ރަނގަޅު ސިފަތަކެއްވެސް އަށަގަންނަވަންޖެހޭނެ. ރަނގަޅު އަޚްލާޤުތަކެއް އެކުދިންނަށް ދަސްކޮށްދޭން ޖެހޭނެ. ހަރުދަނާ ރީތި ގޮތްތަކެއް އެކުދިންގެ އުޅުމުގައި އަށަގަންނުވަން ޖެހޭނެ. އެހެންވީމާ، މި ކަންތައްތައް މިގޮތަށް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.
އާދެ، މިހާރު ކުރިމަތިވަމުން އަންނަ ނުރައްކަލެއްގެ ވާހަކަވެސް ދަންނަވާލަން އެބަޖެހޭ. އެއީ، އަތުވެދާނެ ކަމަށް ހީކުރެވޭ ނުރައްކަލެއް. ފަހަރެއްގައިވެސް އަތުވެދާނެކަން ޔަޤީންވާ ކަމެއް ނޫން. މިދެންނެވީ ޤަލްފުގެ މައްސަލައިގެ ވާހަކަ. ޤަލްފުގައި ހަނގުރާމައެއް ފެށުމަކީ، އެކަށީގެންވާ ކަމެއް ކަމުގައި ތިޔަބޭފުޅުން ރޭޑިޔޯތަކުން އައްސަވާނެ. އެއީ، ކަންތައްތައް ދާގޮތުން އެއީވެސް ވެދާނެ ކަމެއް ކަމަށްވާތީ. ފަހަރެއްގައިވެސް އެއީ، ކަނޑައެޅިގެން ވާނޭ ކަމެކޭ އެއްވެސް މީހަކު ނުބުނޭ. އެހެންނަމަވެސް، ފަހަރެއްގައި ނަމަވެސް، އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ކުރާނެ އަސަރަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަކުން އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތްކުރަން އެބަޖެހޭ. އެންމެ ބޮޑު ދައްޗެއް ކަމަށް މިހާތަނަށް ލަފާކުރެވިފައި ވަނީ، ތެލުގެ ދަތިކަން. ޤަލްފުގައި ހަނގުރާމައެއް ފެށިއްޖެނަމަ، ތެޔޮ ލިބުން ދަތިވުން އެކަށީގެންވޭ. ތެލުގެ އަގުބޮޑުވުން އެކަށީގެންވޭ. މި ކަންތައްތައް މިހެން ހުރުމާއެކު، އަޅުގަނޑުމެންޖެހޭ މިހާރުއްސުރެ ވިސްނަން، ތެލުގެ ޚަރަދު ކުޑަކުރާނެ ގޮތަކާ ދޭތެރޭގައި. އެއީ، މުސްތަޤްބަލުގައި މިހާރު މިލިބޭ ފަދައިން ނުލިބިދާނެތީ. ޚަރަދު ކުޑަކުރުން އެއީ، އަޅުގަނޑުމެންނަށް އެޅެންއޮތް އެންމެ ބޮޑު ފިޔަވަޅަކީ. އެންމެ ހަރުދަނާ، އެންމެ މުހިންމު ފިޔަވަޅަކީ. ތެލުގެވެސް ޚަރަދު ކުޑަކުރަންވީ. އަދި އަޅުގަނޑުމެން ކުރާ އެހެނިހެން ޚަރަދުތައްވެސް ކުޑަކުރަންވީ. އެއީ، އެކަހަލަ ކަމެއް އަންނަ ކަމަށްވަންޏާ، ހަނގުރާމައެއް ފެށޭ ކަމަށްވަންޏާ، އެ ހަނގުރާމައެއް ނިމިގެން ދަންދެން، އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމަކާ ކުރިމަތިނުލައި ތިބެވޭނީ، މިހާރުއްސުރެ ފެށިގެން ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެން ކުރާ ޚަރަދުތައް ކުޑަކޮށްގެން. އަޅުގަނޑުމެންގެ އަތުގައި ހުންނަ ފައިސާ ބޭކާރު ކަންކަމަށް ޚަރަދުނުކޮށް، މުސްތަޤްބަލަށްޓަކައި ރައްކާކޮށްގެން.
އާދެ، މިހެން ދަންނަވާއިރު ދަންނަވާލަންޖެހޭ، އިރާދަކުރެއްވިއްޔާ، ކާޑުގެ އެއްވެސް އެއްޗަކަށް ދައްޗެއްނުވާނެއޭ. ޤަލްފުގައި ހަނގުރާމައެއް ފެށުނަސް އަދި ހަނގުރާމަ ކޮންމެވެސް މުއްދަތަކަށް ކުރިއަށްދިޔަ ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ބޭނުންވާ ކާޑު ލިބުމަކަށް ދައްޗެއްނާރާނެ. އެހެންވީމާ، އެއްވެސް މީހަކު ކާޑުގެ މާގިނަ ބާވަތްތައް މިހާރު ގަނެފައި، ގޭގައި ރައްކާކޮށްފައި ބެހެއްޓުމުން ފަހަރެއްގައި ނުބައި ނަތީޖާއެއްވެސް ނުކުމެދާނެ.
އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިކަމާ ކަންބޮޑުވެވަޑައިނުގަތުން. އިރާދަކުރެއްވިއްޔާ، ކާޑު، ކާޑުގެ ބާވަތްތައް، ހަނޑޫ، ހަކުރު، ފުށް، މި އެއްޗެތި ލިބެން ހުންނާނެ. ހަމައެކަނި ތެލުގެ މައްސަލައިގައި އަޅުގަނޑުމެން ކަންބޮޑުވާންޖެހެނީ. އާދެ، އެވާހަކަވެސް މި ދަންނަވާލީ. ކުރިންވެސް ދެންނެވިހެން، ބައެއް މީހުންގެ ހިތުގައި އެހެންކަހަލަ ޝައްކުތަކެއް އުފެދެމުންދާކަން އަޅުގަނޑަށްވެސް އެނގޭތީ.
އާދެ، މި ވަގުތަކީ މާހިތްފަސޭހަ ވަގުތެއް ނޫން. ވަރަށް އަވިބާރު ހޫނުގަދަ ވަގުތެއް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވާލަން ޖެހެނީ، މި ހޫނުގަދަ ވަގުތުވެސް މި ރަށުގެ ރައްޔިތުންގެ އުފާވެރި، އިޚްލާޞްތެރި މޫނުތައް ފެނުމުން، އަޅުގަނޑުގެ ހިތަށް ލިބިގެންދަނީ ވަރަށް ޚާއްޞަ ފިނިކަމެކޭ. ކޮންމެއަކަސް، މި ރަށަށް އައި އައުން މިއީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ޙާޞިލްކޮށްދިން ކަމެއް. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ބިލެތްދޫގެ ވެރިންނާއި، ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު މަރްޙަބާއަށްޓަކައި، އިޚްލާޞްތެރިކަމާއެކު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުން. އެކަލާނގެ ރުހިވޮޑިގެންވާ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. ދިވެހިރާއްޖެއަށް ތަނަވަސްކަމާއި، ބާއްޖަވެރިކަމާއި، ކުރިއެރުން މިންވަރު ކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.