بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلـى آلـه وصحـبه أجمـعـين
މިއަދު އަޅުގަނޑު ތިލަދުންމަތީ ދެކުނުބުރިއަށް މި ޒިޔާރަތްކުރީ، އަދި ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ކުޅުދުއްފުށްޓަށް މިއައީ ވަރަށް މުހިންމު ދެ މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި. ޙަޤީޤަތަށް ބުރަވެހުރެ ދަންނަވާނަމަ، ވަރަށް ޚާއްޞަ ދެ އުފަލެއް ޙާޞިލްކުރުމަށްޓަކައި. އާދެ، އޭގެތެރެއިން އެއް އުފަލަކީ، ތިލަދުންމަތީ ދެކުނުބުރީގެ އަތޮޅުވެރިކަން ކުޅުދުއްފުށްޓަށް ބަދަލުކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ހަމަޖެއްސުމާ ގުޅިގެން، މިރަށުގައި އަތޮޅުއޮފީހުގެ ޢިމާރާތުގެ ބިންގާ އަޅައިދިނުން. އަނެއް އުފަލަކީ، ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވައިދިނުން. މި ދެކަމަކީ އަޅުގަނޑަށް ވަރަށްވެސް ޚާއްޞަ އުފަލެއް ލިބިދިން ދެކަމެއް. އެ ދެކަމަކީ، މި އަތޮޅުގެ ތަރައްޤީއާއި އާދެ، އަދި ރާއްޖެތެރޭގެ ތަރައްޤީއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެކަމެއް.
އާދެ، މި ދެކަމުގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ބައެއް ޚިޔާލުތައް ދަންނަވާލުމުގެ ކުރިން، މިއަދު އަޅުގަނޑަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ޝުކުރުގައި ތިލަދުންމަތީ ދެކުނުބުރީގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ސަމީރު އަދި މިއަތޮޅުގެ ރަށްރަށުގެ ވެރިން، މިއަތޮޅުގެ އެންމެހާ ރައްޔިތުން ޝާމިލްކުރަން. ޝައްކެއްނެތް، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގައި، ރާއްޖެތެރޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވާ މަރުޙަބާއަކީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހި ސަރުކާރަށް، ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް، ދިވެހި ސަރުކާރުން ރާއްޖެތެރެ ތަރައްޤީ ކުރުމަށް ދޭ އަހަންމިއްޔަތަށް ރާއްޖެތެރޭގެ ރައްޔިތުން ވިދާޅުވާ މަރުޙަބާއެއް.
އާދެ، ކުރިންވެސް ދެންނެވި ފަދައިން، މިއަދު އަޅުގަނޑު ކުޅުދުއްފުށްޓަށް މިއައީ ވަރަށް ބޮޑު ދެ ބޭނުމެއްގައި. ވަރަށް ބޮޑު ދެ އުފަލެއް ޙާޞިލްކުރަން. ވަރަށް ބޮޑު ދެ ޝަރަފެއް ލިބިގަތުމަށްޓަކައި. އޭގެތެރެއިން ފުރަތަމަ އުފަލަކީ ނުވަތަ ފުރަތަމަ ޝަރަފަކީ، ރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އަތޮޅުއޮފީހުގެ އިމާރާތުގެ ބިންގާ އަޅައިދިނުން. އާދެ، މިއަތޮޅުގެ އަތޮޅުވެރިކަން މިހާރު ހިނގަމުންދާ ނޮޅިވަރަންފަރުން މިރަށަށް ބަދަލުކުރަންޖެހޭ ސަބަބުތައް ނުވަތަ ބަދަލުކުރަންޖެހުނު ސަބަބުތައް ވަރަށް ތަފްޞީލްކޮށް، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް އިލްޔާސް އިބްރާހީމް ވިދާޅުވެދެއްވައިފި. އެހެންވީމާ، އަޅުގަނޑު ކޮންމެހެން އެ ވާހަކަ މާދިގުކޮށް ދައްކާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑު ކުޑަކުޑަ އެއްޗެއް ދަންނަވާލާނަން. އާދެ، އެއީ އަޅުގަނޑު މިހުރި މަޤާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ ކުރި ދަތުރަކީ، ހއ. އަތޮޅަށާއި، ހދ. އަތޮޅަށް ކުރި ދަތުރުކަން، ތިޔަބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ.
އާދެ، އެ ދަތުރުގައި އެންމެ ފުރަތަމަ އެ ތަޢުލީމީ މަރުކަޒެއްގެ އިފްތިތާޙީ ޖަލްސާގައި ބައިވެރިވުމުގެ އުފާ ނުވަތަ އެ ތަޢުލީމީ މަރުކަޒެއް އިފްތިތާޙު ކޮށްދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު ތަޢުލީމީ މަރުކަޒަކީ، އަޅުގަނޑުމެން މިހާރު މިތިބަ ހދ. ކުޅުދުއްފުށީ ތަޢުލީމީ މަރުކަޒު. އެކަމަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ ކަމެއް ދެވިފައިވާ ކަމެއް. ތަޢުލީމަކީ މިއަދުގެ ސަރުކާރުން ރާއްޖެއަށް އެހާބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަމަކަށް ވީހިނދު، މި ދައުރުގައި އެންމެ ފުރަތަމަ ހުޅުވުނު ތަޢުލީމީ މަރުކަޒަކީ، ހދ. ކުޅުދުއްފުށީ ތަޢުލީމީ މަރުކަޒު ކަމުގައިވީކަން އެއީ، އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ކަމެއް.
އާދެ، ހަމަ އެއާއެކުގައި، ރާއްޖެތެރެއަށް ސަރުކާރުން ދިން އަހަންމިއްޔަތުގެ ސަބަބުން ސަރުކާރުން ވިސްނަމުން ގެންދިޔައީ، ރާއްޖެތެރެ އެންމެ ހަލުވިގޮތެއްގައި ތަރައްޤީކުރެވޭނީ ކިހިނެއްތޯ. އެގޮތުން ސަރުކާރުން ކުރި ވަރަށް މުހިންމު ޚިޔާލެކޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ، ތަރައްޤީގެ ވަސީލަތްތައް ރާއްޖެތެރެއަށް ފޯރުވައިދިނުން. ތަރައްޤީގެ ހުރިހާ ކަމެއް، ވަކި ތަނެއްގައި، ވަކި ހިސާބެއްގައި ތޮއްޖެހި ބޮނޑިވެފައި ހުރުމުގެ ބަދަލުގައި، އިޤްތިޞާދީ ކުރިއެރުމުގެ ވަސީލަތްތަކާއި، ވިޔަފާރީގެ މަރުކަޒުތައް މަޑުމަޑުން ނަމަވެސް ރާއްޖެތެރެއަށް ބަދަލުކުރުން.
އާދެ، އެއީ ލާމަރުކަޒީ އުޞޫލުން ކަންތައް ގެންދިޔުމޭ، އަޅުގަނޑުމެން މި ބުނާ ބުނުމަކީ. މިހާތަނާ ޖެހެންދެން އިޤްތިޞާދީ ހުރިހާ ކަމެއްވެސް، ވިޔަފާރިއާބެހޭ ހުރިހާ ކަމެއްވެސް އަދި ތަޢުލީމާއި ޞިއްޙަތު ފަދަ މުހިންމު އިޖުތިމާޢީ ޚިދުމަތްތަކާ ބެހޭ ހުރިހާ ކަމެއްވެސް ގާތްގަނޑަކަށް ހުރީ މާލޭގައި ހަމަޖެހިފައި. އެ ހުރިހާ ކަމެއް ވަނީ މާލެއަށް ތަޙައްމަލް ނުކުރެވޭވަރަށް މާލޭގެ ބިމުގައި ތޮއްޖެހި ބޮނޑިވެފައި. އެކަން އެހެން އޮތުމުގެ ބަދަލުގައި، ޙަޤީޤީ ކުރިއެރުން ރާއްޖެތެރެއަށް ލިބޭނީ އެކަންތައްތަކުގެ ތެރެއިންވެސް އެވަގުތަކަށް ރާއްޖެތެރެއަށް ފޮނުވެންހުރި ކަންތައްތައް ރާއްޖެތެރެއަށް ފޮނުވައިގެންކަމާ ދޭތެރޭގައި ސަރުކާރުން ޝައްކެއްނުކުރޭ. އެސިޔާސަތު އެގޮތަށް ގެންދިޔުމަށްޓަކައި އަޅުގަނޑު ރައީސްކަމާ ޙަވާލުވިތާ ވަރަށް ކުރީކޮޅު، އާދެ، 1979 ވަނަ އަހަރުގެ ތެރޭގައި ރާއްޖެތެރެއަށް ވަފުދެއް ފޮނުވިން. އެއީ، ރާއްޖެތެރޭގައި ހުރި، ކުރިއެރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް އެންމެ އެކަށީގެންވާ ރަށްތައް ހޮވާލުމަށްޓަކައި. އާދެ، އެވަފުދުގެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑަށް ވިސްނުނީ، ހދ. ކުޅުދުއްފުށްޓަކީ އެފަދަ ރަށެއްކަން. ރާއްޖޭގެ އުތުރުގައިވާ ރަށްތަކުގެ ތެރެއިން ތަރައްޤީގެ ގޮތުން އެންމެ އަވަހަށް ކުރިއަށްދާނެ އަދި ތަރައްޤީގެ ވަސީލަތްތައް އެތަނެއްގައި ޤާއިމުކުރުމުގެ ސަބަބުން، މުޅި ސަރަޙައްދު އެންމެ އަވަހަށް ތަރައްޤީ ވެގެންދާނެ ރަށަކީ ކުޅުދުއްފުށިކަން.
އާދެ، އަޅުގަނޑު މި ދަންނަވާ ވާހަކައިގެ ދަލީލު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ކުޅުދުއްފުށީގެ ރައްޔިތުންނަކީ، ވަރަށް ކުރިއްސުރެ ވަރަށް ހީވާގި، މުރާލި، ޙަރަކާތްތެރި ބައެއް ކަމުގައިވަނީ މުޅި ރާއްޖެއަށް މަޝްހޫރުވެފައި. ކުޅުދުއްފުށްޓަކީ ތަރައްޤީއަށް މަސައްކަތްކުރާ، އެ މީހުންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށް މަސައްކަތްކުރާ، ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ވަނީ މުޅި ރާއްޖެއަށް އެނގި، އެކަން މަޝްހޫރުވެފައި. އެކަން އެހެން އޮތުމާއެކުގައި، ކުޅުދުއްފުށީގައި އިތުރަށް، ތަރައްޤީގެ ކަންތައްތަކެއް ރޭވުމަކީ ޝައްކެއްނެތްގޮތުގައި، މުޅި ސަރަޙައްދަށް ނުވަތަ މާލެއިން އުތުރަށް ލިބޭނެ އިތުރު ދިރުމެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.
އާދެ، އެ ޤަބޫލުކުރާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މި ރަށުގައި ވަރަށް ގިނަ ކަންތައްތަކެއް ހަމަޖެހިގެން ހިނގައްޖެ. މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވި ފަދައިން، އެ ކަންތައްތައް މި ރަށަށް ހަމަޖެހިގެން އެދިޔައީ، އޭގެ ނަތީޖާ އެންމެ އަވަސްގޮތެއްގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި ޙާޞިލްވާނީ މި ރަށުގައި އެ ކަންތައްތައް އެހެން ކޮށްގެންކަން ސަރުކާރަށް ޤަބޫލުކުރެވޭތީ. އާދެ، މީގެ މާނައަކީ ސަރުކާރުން އެހެން ރަށްރަށަކާ އަޅައިނުލައެކޭ ނޫން. ހުރިހާ ރަށަކާވެސް ސަރުކާރުން އަޅައިލާ. ސަރުކާރުގެ އަހަންމިއްޔަތު ހުރިހާ ރަށަކަށްވެސް ދޭ. އެހެންނަމަވެސް، އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމެއްގައި އަދި ފަޤީރު ޤައުމެއްގައި ކަންތައް ކުރެވެން އަންނަނީ ވަކި މިންވަރަކަށް. އެ ކުރާ ކަމެއްގެ ފައިދާ ވީހާ ފުޅާ ދާއިރާއަކަށް ރައްދުވެގެން ދިޔުމަކީ، އަޅުގަނޑުމެން ކޮންމެހެން ބަލަންޖެހޭނެ ކަމެއް. އެހެންވީމާ، މީސްކޮޅު މަދު، ކުޑަ ރަށަކަށް ގިނަ ކަންތައްތައް ކޮށްދިނުމުގެ ބަދަލުގައި، މީސް ގިނަ އަދި ތަރައްޤީވަމުންދާ އަދި ތަރައްޤީވަމުން ދިޔުމުގެ ވަސީލަތްތައް ހަމަޖެހެން އޮތް ރަށަކަށް އެ ކަންތައްތައް ކޮށްދިނުމުން، އެކަމުގެ ފައިދާ މާގިނަ ބަޔަކަށް ރައްދުވެގެންދާނެ. އާދެ، އެހެންވީމާ، ކުޅުދުއްފުށްޓަށް ޚާއްޞަ ސަމާލުކަމެއް ދެމުން މިގެންދިޔައީ. އަދި މިހާރުވެސް މިދެނީ. އަދި އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އެގޮތަށް ސަރުކާރުން ޢަމަލުކުރާނީވެސް މިދެންނެވި ސަބަބަށްޓަކައި.
އާދެ، ދެން މިއަދު ހިނގި މުހިންމު އަނެއްކަމަކީ، ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވުން. އާދެ، ބޭންކުގެ ޚިދުމަތުގެ ބޭނުންތެރިކަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަލްފާޟިލް އިސްމާޢީލް ފަތުޙީ ވަރަށް ފުރިހަމަގޮތެއްގައި އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި. އެހެންވީމާ، އެކަމާ ބެހޭގޮތުން މާ އިތުރު ވާހަކަތަކެއް ދެއްކުމަކީވެސް އަޅުގަނޑު މިވަގުތު ކޮންމެހެން ކުރަން ބޭނުންވާ ކަމެއް ނޫން. އަދި އޭނާގެ ވާހަކަފުޅުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރމަންގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީންވެސް ބޭންކުގެ ޚިދުމަތާ ބެހޭގޮތުން އަލިއަޅުއްވާލަދެއްވި. ހަމައެފަދައިން، އެ ބޭންކުގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޝަފާޢަތު އަޙްމަދު ޞިއްދީޤީވެސް ކިތަންމެ ކުރުކުރު ޢިބާރާތްތަކަކުން ނަމަވެސް، ރާއްޖޭގެ އިޤްތިޞާދާއި، ވިޔަފާރީގެ ތަރައްޤީގައި ބޭންކުން އެ އަދާކުރާ މުހިންމު ބަޔާ ދޭތެރޭގައި އެއްޗެއް ވިދާޅުވެދެއްވައިފި. އެ ބޭބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ކުޑަކުޑަ އެއްޗެއް ދަންނަވާލަން ބޭނުންވޭ.
ބޭންކުގެ ޚިދުމަތަށް ބަލާއިރު، ތަފާތު ދެ ވައްތަރެއްގެ ޚިދުމަތް ބޭންކްތަކުން ދެމުންގެންދާކަން ފާހަގަކުރެވޭ. އޭގެތެރެއިން އެއް ވައްތަރަކީ، ވިޔަފާރިއާ ގުޅޭ ބޭންކުގެ ޚިދުމަތްތައް. އަނެއް ޚިދުމަތްތަކަކީ ތަރައްޤީއާ ގުޅޭ ބޭންކުގެ ޚިދުމަތްތައް. އާދެ، ވިޔަފާރިއަކީވެސް ތަރައްޤީގެ ބައެއް. އެހެންނަމަވެސް، މި ދެޚިދުމަތް ބޭންކްތަކުން ދެމުން ގެންދަނީ ތަފާތު ދެގޮތަކަށް. ވިޔަފާރީގެ އުޞޫލުތަކުން ބޭންކުން ދޭ ލޯނުގެ އިންޓްރެސްޓް ބޮޑުވާނެ. ތަރައްޤީގެ ކަންތައްތަކަށް ބޭންކުންދޭ އިންޓްރެސްޓް ކުޑަ. މި ދެންނެވީ އެގޮތަށް ހަމަޖެހިގެން ހިނގަމުންދާ ބޭންކްތަކުގެ ވާހަކަ. އެއީ، ކޮންމެކޮންމެ ބޭންކަކުން ތަރައްޤީގެ ލޯނުތަކެއް ދުލެއްނުކުރޭ. ވަކި ކަހަލަ ބޭންކްތަކަކުން، ވަކިކަހަލަ ނިޒާމެއްގެ ދަށުން ތަރައްޤީގެ ލޯނުތައް، މި ދެންނެވި އުޞޫލުން ދޫކުރަމުން ގެންދަނީ.
އެހެންވީމާ، އަޅުގަނޑުމެން މިހާރު މިއަދު ކުޅުދުއްފުށީގައި މި ހުޅުވި ބޭންކް އޮފް މޯލްޑިވްސްގެ ގޮފީގެ އެންމެ ބޮޑު އެއް ބޭނުމަކީ، މިހިސާބުގަނޑަށް ތަރައްޤީގެ ލޯނު ދޫކުރުން. އެއީ، އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުން، އެ މީހުންގެ އިޤްތިޞާދީ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، ނުވަތަ ވިޔަފާރިއާބެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، އެފަރާތްތަކަށް ބޭނުންވާ ލޯނު ދޫކުރުން. އެގޮތުން، އެންމެ ފުރަތަމަ މި ގޮފިން ދޫކުރާ ލޯނުގެ ލިޔުން، ދެންމެ އަލްފާޟިލް ޢަލީ ޙުސައިނަށް އަޅުގަނޑު މި ރައްދުކުރީ. އޭނާ ޤަޞްދުކުރައްވަނީ، ފާރޮށިގެއެއް އަޅުއްވަންކަންނޭނގެ. އެކަހަލަ ކޮންމެވެސް މުހިންމު ކަމެއް ކުރައްވަން އޭނާ ޤަޞްދުކުރައްވަނީ. އަދި އޭނާ ފިޔަވައި ދެން މި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކުވެސް މިފަދަ ލޯނުތަކަކަށް ބޭނުންވެދާނެ. އަދި މިރަށަށް އެކަންޏެއް ނޫން. މިގޮފި މި ހުޅުވެނީ އެންމެ އުތުރުގެ ތިން އަތޮޅަށް ޚިދުމަތްކޮށްދޭން ކަމަށްވާތީ، ހއ. އަތޮޅާއި، ހދ. އަތޮޅުގެ އެހެން ރަށްރަށާއި، ށ. އަތޮޅުގެ ރައްޔިތުންގެ ތެރެއިންވެސް ތަރައްޤީގެ އެކިއެކި މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް، މި ގޮފިން ލޯނު ދޫކުރެވޭ އުޞޫލު މިހާރުވަނީ ހަމަޖެހިފައި. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ވިދާޅުވިފަދައިން، ލޯނު ދޫކުރަނީވެސް ވަކި އުޞޫލަކުން. އެއީ، ކޮންމެ ކޮންމެ މީހަކަށް، ކޮންމެ ކޮންމެ ބޭނުމަކަށް ލިބޭނެ އެއްޗެއް ނޫން. ވަކި ބޭނުމަކު ދޫކުރާ އެއްޗެއް. ޙަޤީޤަތުގައި ބޭންކުން އެ ދޫކުރާ ލޯނުގެ ފައިސާ އެއީ، އަޅުގަނޑުމެން އާދައިގެ ރައްޔިތުން ބޭންކަށް ޖަމާކުރާ ފައިސާ. އަޅުގަނޑުމެން އަތުގައި ފައިސާ ބެހެއްޓުމުގެ ބަދަލުގައި ބޭންކުގައި އެފައިސާ ޖަމާކުރަނީ. އެއީ، ރައްކާތެރި ގޮތެއްގައި ބެހެއްޓުމަށްޓަކައި. އެއީ އެއް ބޭނުން. އަޅުގަނޑުމެންގެ އަތުގައި ހުރުމުން، ފަހަރެއްގައި އެއަށް ގެއްލުމެއް ލިބިދާނެއޭ. އަޅުގަނޑުމެންނަށް ނޭނގި ތިއްބާވެސް، އެފައިސާ ވަގަށްވެސް ގެންގޮސްފާނެ. ނުވަތަ އެފައިސާ ހުރި ތަނެއްގައި އަލިފާން ރޯވުމުގެ ސަބަބުން ނުވަތަ އެފައިސާ ހިފައިގެން ދަތުރުކުރި ދޯންޏަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެފައިސާކޮޅު ހަލާކުވެ ގެއްލިގެންވެސް ހިނގައިދާނެ. އަދި މިނޫން ކިތަންމެ ކަމެއްވެސް މެދުވެރިވެދާނެ، އަޅުގަނޑުމެންގެ އަތުގައި ގިނަ ޢަދަދަކަށް ފައިސާ ބަހައްޓާ ކަމުގައިވަންޏާ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ އަތުގައި ހުންނަ ފައިސާކޮޅު ބޭންކަށް ޖަމާކޮށްފިއްޔާ، އެ ނުރައްކާތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭ. އެއީވެސް ވަރަށް ބޮޑު ފައިދާއެއް. އަނެއް ފައިދާއަކީ، އަޅުގަނޑުމެންގެ އަތުގައި އެއްވެސް ބޭނުމެއް ނުކޮށް އެ ހުންނަ ފައިސާ، އަޅުގަނޑުމެން މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ، މިވަގުތު އެއްވެސް ބޭނުމެއް ނުކޮށް އެހުރި ފައިސާކޮޅު ބޭންކަށް ދިނީމާ، ބޭންކުން އެ ފައިސާ ބޭނުންކޮށްގެން އެހެން މީހުންނަށް، އަޅުގަނޑުމެން ކަހަލަ އެހެން މީހުންނަށް ލޯނުދެނީ. އެމީހުންގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި.
އެހެންވީމާ، އެމީހުންނަށްވެސް ލިބޭ ފައިދާއެއް. އަނެއްކާ ބޭންކަށްވެސް ލިބޭ ފައިދާއެއް. އަޅުގަނޑުމެންގެ ފައިސާ ބޭންކުގައި ބަހައްޓާ މީހުންނަށްވެސް ލިބޭ ފައިދާއެއް. ހުރިހާ އެންމެންގެ ފައިދާއަކަށް ބޭންކުގެ މި މަސައްކަތް މިހެން ހިނގަމުން މިދަނީ. އެހެންވީމާ، ބޭންކުން ލޯނު ދޫކުރާއިރު ބަލަން އެބަޖެހޭ. އެލޯނަކީ އަނބުރާ ބޭންކަށް ލިބޭނެ އެއްޗެއްކަން. އަދި އެ ލޯނު އަނބުރާ ބޭންކަށް އަދާކުރެވޭނެ ޤާބިލިއްޔަތު، އެ މީހެއްގައި ހުރިކަންވެސް ބޭންކުން ކަށަވަރު ކުރަންޖެހޭ. އެހެންވީމާ، ކޮންމެވެސް އެއްޗެއް ރަހުނަށް ބަހައްޓަން ޖެހެނީ. މިކަހަލަ އުޞޫލަކުން ބޭންކުން ލޯނު ދޫކުރަނީ. ދެން ތަރައްޤީގެ ލޯނު، މި ދެންނެވި އުޞޫލުން ދޫކުރާއިރު، ވިޔަފާރީގެ ލޯނު ދޫކުރާވަރަށްވުރެ އިންޓްރެސްޓް ކުޑަކޮށް ދޫކުރަނީ. އެހެންވީމާ، އެއީ އޭގެ އެއް ބޭނުމަކީ. އެއް ފައިދާއަކީ. ކިތަންމެ ކުޑަ މަސައްކަތަކަށް ނަމަވެސް، ކުޑަ ފައިސާކޮޅެއް ނަމަވެސް ބޭންކުން ދޫކޮށްފާނެ، މިދެންނެވި އުޞޫލުން. ދޫކުރާއިރު ދޫކުރާނީ ތަރައްޤީގެ ލޯނު ކަމަށްވަންޏާ، ވިޔަފާރީގެ ލޯނުދޫކުރާ އުޞޫލަށްވުރެ ތަންކޮޅެއް އިންޓްރެސްޓް ކުޑަގޮތެއްގައި.
އާދެ، ކޮންމެއަކަސް، މިފަދަ ގޮތެއްގައި ބޭންކުގެ ޚިދުމަތްތައް ރާއްޖެތެރެއަށް ފެތުރިގެންދިޔުމަކީ، ރާއްޖެތެރޭގެ ތަރައްޤީއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމެއް. އެއީ، ޙަޤީޤަތުގައި ތަނެއް ދިރެމުންދަނީ ހަމައެކަނި އެތާނގެ ސަރުކާރުން ކުރާ ބޮޑެތި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތަކުންނެއް ނޫން. އޭގެ އިތުރުން، އަޅުގަނޑުމެން އަމިއްލަ މީހުން ކުރާ މަސައްކަތްތަކުގެވެސް ނަތީޖާއެއްގެ ގޮތުން. އަޅުގަނޑުމެން އަމިއްލަ މީހުން ކުރާ ކުދިކުދި މަސައްކަތްތަކުގެ ޖުމްލަ ފައިދާ ޤައުމުގެ އިޤްތިޞާދަށް ލިބިގެންދާނެ. އަދި އޭގެތެރޭގައި، ތަންކޮޅެއް ބޮޑެތިކަހަލަ މަސައްކަތް ހުރިނަމަވެސް، އޭގެ ފައިދާވެސް މުޅި އިޤްތިޞާދަށް ކުރާނެ. އެހެންވީމާ، އިޤްތިޞާދީ ގޮތުން ޤައުމު ކުރިއަށްދާނީ އެންމެންގެ ޙިއްޞާ އެކަމުގައި އޮވެގެން. ސަރުކާރާއި އަމިއްލަ ފަރާތްތަކާ.
އާދެ، ބޭންކުގެ ވާހަކަ ދައްކާއިރު، އިތުރު ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެއީ، ފައިސާ ރައްކާކުރުމުގެ އާދަޔާ ބެހޭގޮތުން. އަޅުގަނޑުމެންގެ ރާއްޖޭގައި މި އާދައަކީ ވަރަށް ނެތް އެއްޗެކޭ ހިތާމަޔާއެކު ދަންނަވަންޖެހެނީ. އެހެންނަމަވެސް، މުސްތަޤްބަލަށްޓަކައި ފައިސާ ރައްކާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ މީހަކަށްވެސް، އެމީހެއްގެ ބޭނުންތައް ފުއްދުމަށްފަހުގައި، ކުޑަކުޑަ އެތިކޮޅެއް ބާކީކުރެވިދާނެ. އެ ބާކީ ކުރާ ކުޑަކުޑަ އެތިކޮޅު، ތިމާގެ އަމިއްލަ އަތުގައި ރައްކާކުރިޔަސް ނުވަތަ ބޭންކުގައި ރައްކާކުރިޔަސް، މުސްތަޤްބަލުގައި އެއިން ކަމެއް ކުރެވޭވަރުގެ ލާރިކޮޅަކަށް އެ ވުމަކީ އެކަށީގެންވާ ކަމެއް.
އެހެންވީމާ، ބޭންކުގައި ފައިސާ ބެހެއްޓުމުގެ އާދަ ނުވަތަ ތިމާގެ އަތުގައި ނަމަވެސް ފައިސާ ރައްކާކުރުމުގެ އާދަ އެއީ، އަޅުގަނޑުމެން ދަސްކުރަންވެއްޖެ އެއްޗެއް. ބޭންކް އޮފް މޯލްޑިވްސްއިން ކުރައްވާ ވަރަށް އަގުހުރި ޚިދުމަތެއް ކަމުގައި އަޅުގަނޑަށް ދަންނަވަން ޖެހެނީ، ސްކޫލް ކުދިންގެ އަތުގައި ހުންނަ ފައިސާ، އެމީހުން ގޮސް ބޭންކަށް ޖަމާކުރީމާ، އެ ރައްކާތެރިކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަވާފައިވާކަން އެއީ. އެއީ، އަޅުގަނޑުމެން ބޭނުން، އެންމެ ކުޑަކުދިންނަށްވެސް މި އާދަ ދަސްކޮށްދޭން. މި އާދަ ދަސްވީމާ، އޭގެ ފައިދާ އެއީ، ވަރަށް ބޮޑު އެއްޗެއް ކަމުގައި އެ މީހުންނަށް ފެންނާނެ މުސްތަޤްބަލުގައި. އަޅުގަނޑުމެންގެ ދިވެހިންގައި، މި އާދައަކީ މާބޮޑަށް އަށަގެންފައިވާ އާދައެއް ނޫނޭ ދަންނަވަން ޖެހެނީ. އެހެންނަމަވެސް، އެއީ ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުމެންނަށް ލިބޭ ފައިސާ، އަޅުގަނޑުމެންނަށް ވާގޮތަކީ ހަމަ ޚަރަދުކޮށްލެވެނީ. ކިތަންމެ ގިނަ ފައިސާއެއް ލިބުނަސް، އެއިން އެއްޗެއް އަޅުގަނޑުމެންނަކަށް ބާކީއެއްނުކުރެވޭ. ބޭކާރު ކަންތައްތަކުގައި ޚަރަދުކޮށްލެވެނީ. މުހިންމު ކަމެއްގައި ޚަރަދުކުރުން އެންމެ ރަނގަޅު. އަޅުގަނޑުމެންގެ ގެދޮރު އެޅުމުގައި ނުވަތަ ކުދިންނަށް ތަޢުލީމު ހޯދައިދިނުމުގައި ނުވަތަ އިޤްތިޞާދީ ފައިދާއެއް ކުރާނެ މަސައްކަތެއް ކުރުމުގައި ފައިސާ ޚަރަދުކުރުން އެންމެ ރަނގަޅު. އެއާ ޚިލާފަށް، ހަމަ އުފާ ޙާޞިލްކޮށްލަންވެގެން، ތަފާތު އުފާތައް ޙާޞިލްކޮށްލަންވެގެން، އަތުގައި ހުންނަ ފައިސާކޮޅު، އެއްވެސް ބެލުމެއްނެތި ޚަރަދުކޮށްލުމަކީ ވަރަށް ނޭދެވޭ ކަމެއް. އާދެ، އަޅުގަނޑުވެސް އެއްބަސް، ކޮންމެ އިންސާނަކުވެސް އުފާކުރަން ބޭނުންވާނެ. އުފާކުރަންވެސް ޖެހޭނެ. އެހެންނަމަވެސް، އެވެސް އޮންނަން ޖެހޭނީ ވަކި ދާއިރާއެއްގެ ތެރޭގައި، ވަކި ޙުދޫދެއްގެ ތެރޭގައި. މަޖާކުރުމުގައި، އުފާކުރުމުގައި ތިމާއަށް ލިބޭ ހުރިހާ ފައިސާއެއް ހޭދަކުރުމަކީ ވަރަށް ދެރަ ކަމެއް. އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކުގެ ރައްޔިތުން ނުވަތަ އެތަންތާނގެ މީހުން ކަންތައް ކުރާގޮތަށް ވިސްނައިފިނަމަވެސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޢިބްރަތެއް ލިބޭނެ.
އަޅުގަނޑުމެންގެ ރާއްޖޭގައި ސްރީލަންކާގެ ވަރަށް ގިނަ މީހުން މިހާރު ދިރިއުޅޭ. ތަފާތު މަސައްކަތްތައް ކުރަމުން ގެންދޭ. ވަރަށް ކުރީއްސުރެ، އާދެ، މީގެ ތިރީހަކަށް އަހަރު ކުރީއްސުރެ އަޅުގަނޑުމެންގެ ރާއްޖެއަށް ސްރީލަންކާގެ ޓީޗަރުން އަންނަން ފަށައިފި. މިހާރުވެސް ވަރަށް ގިނަ ޢަދަދަކަށް އެބަތިބި އެމީހުން. އެމީހުންނަށް ލިބޭ މުސާރަ، އެއިން ވަރަށް ބޮޑު ބައެއް އެމީހުން ރައްކާކުރޭ. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގައި މިހާރު ތިބި ސްރީލަންކާ ޓީޗަރުންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، އެމީހާގެ ކުދިންނަށް ތަޢުލީމު ޙާސިލުކޮށްދެނީ، ސްރީލަންކާއިން ބޭރު ޤައުމެއްގައި. އެއީކީ ވަކި ސްރީލަންކާ ސަރުކާރުން ސްކޮލަރޝިޕެއް ހޯދައިގެނެއް ނޫން. ނުވަތަ އެހެން ފަރާތެއްގެ އެހީއެއްގައެއްވެސް ނޫން. އެ މީހުންގެ މުސާރައިން އެ މީހުން ބާކީކުރި އެއްޗެއް، އެ މީހުން ޖަމާކުރަމުން ޖަމާކުރަމުން ގެންގޮސް، އެތައް އަހަރެއްވީއިރު އެ މީހުންނަށް އެއިން، އެ މީހުންގެ ދަރިންނަށް ބޭރު ތަންތާނގައި ކިޔަވައިދިނުމުގެ ޚަރަދު ހަމަޖެއްސޭވަރުގެ ފައިސާކޮޅެއް އެ މީހުންނަށް އެއްވެފައި އޮތީ. އެކަހަލަ މުހިންމު ބޮޑެތި ބޭނުންތައް އެ މީހުން ކުރަމުން އެގެންދަނީ. އަދި މާލޭގައި ނުވަތަ ރާއްޖޭގައި ތިބޭ ސްރީލަންކާ މީހުން އެކަންޏެއްނޫން އިނގޭތޯ. މިހާރު ތިބޭ މީހުންގެ ތެރެއިންވެސް އަޅުގަނޑަށް ހީވަނީ ހަމަ ގާތްގަނޑަކަށް ސަތޭކައަކުން ނުވަދިހަ، އެ މީހުން ރައްކާކުރަނީ. އެ މީހުންނަށް ލިބޭ މުސާރައިގެ ޚަރަދުކުރަނީ ހަމައެކަނި ސަތޭކައަކުން ދިހައެއް. ދެންހުރި ބައި ރައްކާކުރަނީ. ރައްކާކޮށްފައި، ބޭންކްތެރެއިން ލާފައި، އެ މީހުންގެ ރަށަށް ފޮނުވަނީ. ނުވަތަ ކޮންމެވެސް އެކައުންޓަކަށް ޖަމާކުރަނީ. ދެން އޭގެ ބޭނުން ފައިދާހުރި ގޮތުގައި މުސްތަޤްބަލުގައި ކުރަނީ. އަދި އަޅުގަނޑު މި ދެންނެވީ، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާ މީހުންގެ ވާހަކަ. ސްރީލަންކާގައި ދިރިއުޅޭ މީހުންވެސް، އެ މީހަކު އެ އަދާކުރާ ވަޒީފާއަކީ، ކިތަންމެ އާދައިގެ ކުޑަކުޑަ ވަޒީފާއެއް ކަމުގައިވިޔަސް އަދި އެ ލިބޭ މުސާރައަކީ، ކިތަންމެ މަދު ލާރިކޮޅެއް ކަމުގައިވިޔަސް، އެއިންވެސް އެއްޗެއް ބާކީކުރޭ. ކޮންމެ މީހަކުވެސް، ކޮންމެވެސްވަރެއް ބާކީކޮށްގެން، ކޮންމެ މަހަކުވެސް ފޮށްޓަކަށް ލާފައި ނުވަތަ އަލަމާރީގައި ނަމަވެސް، އެ ދެން ރައްކާކުރާ ތަނެއްގައި ރައްކާކުރާނެ. ފަހުން އައިސް، އެތައް ދުވަހެއް ފަހުން ބަލައިލާއިރު، ފުދޭވަރެއްގެ ލާރިކޮޅެއް އޮންނަނީ ޖަމާވެފައި.
އެހެންވީމާ، އަޅުގަނޑުމެންވެސް ވެއްޖެއޭ، އެ އާދަތައް ދަސްކުރަން. އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ވަރަށްގިނަ ޢަދަދަކަށް ފައިސާ އެބަ ލިބޭ. ޚާއްޞަކޮށް، ޓޫރިޒަމާއި މަސްވެރިކަން ކުރިއަށް ދިއުމުގެ ސަބަބުން ވާގޮތަކީ، އަޅުގަނޑުމެންގެ އަތްމަތީގައި މިހާރު ލާރި ވަރަށް ގިނަ. ގިނަ މީހުންގެ އަތްމަތީގައި. އެކަމަކު އެއިން ކުރެވެނީ ކޮން ބޭނުމެއްތޯ؟ ގިނަފަހަރު އޮންނާނީ ޙަޤީޤީ މުހިންމު ބޭނުމެއް ނުކުރެވިފައި. ހަމަ އެއްވެސް ކަހަލަ ބޭނުމެއް ނެތް ބޭކާރު ކަންތައްތަކަށް ޚަރަދުކޮށްލެވިފައި. ދެން ކަމެއް ދިމާވާ ދުވަހަކު އަތަކު ނޯވޭ ލާރިއެއް. ކޮންމެވެސް މީހެއްގެ ގާތަށް ދާންޖެހެނީ. ނުވަތަ ސަރުކާރުގެ ފަރާތަށް ދާންޖެހެނީ. ކޮންމެވެސް މުހިންމު ބޭނުމެއްގައި ތިމަންނައަށް މިހާ ފައިސާ ބޭނުންވެއްޖެއޭ. ނުވަތަ ބޭންކަށް ގޮސް ލޯނު ހޯދަންޖެހެނީ. ބޭންކަކުންވެސް ލޯނު ދުލެއްނުކުރާނެ، އެކަހަލަ އަމިއްލަ ބޭނުމަކަށް. ބޭންކުން ލޯނު ދޫކުރަނީވެސް، ދެންމެ އެ ބޭފުޅުން އެ ވިދާޅުވި ފަދައިން، ތަރައްޤީގެ ކޮންމެވެސް މަސައްކަތަކަށް. ވިޔަފާރީގެ މަސައްކަތަކަށް ނުވަތަ އިޤްތިޞާދީ މަސައްކަތަކަށް. އެ ފައިސާއިން އެއްޗެއް ލިބޭނެ މަސައްކަތަކަށް ބޭންކުން ލޯނު ދޫކުރާނީ.
އެހެންވީމާ، އަޅުގަނޑުމެން ވެއްޖެ، ފަހަށް ފައިސާ ރައްކާކުރުމުގެ އާދަ ދަސްކުރަން. އަޅުގަނޑުމެންގެ ޅަދަރިންނަށްވެސް އެ އާދަ ދަސްކޮށްދޭން. އެ މީހުންނަށް، އަޅުގަނޑުމެން އެއްވެސް ލާރިއެއް، އެ މީހުންގެ އަތަށް ދޭ ކަމަށްވަންޏާ، އެއިން އެއްޗެއް ބާކީކުރާށޭ، އެ މީހުން ކައިރީ ބުނަންޖެހޭނެ. ކޮންމެ މަހަކުވެސް ކިހާވަރެއްތޯ ބާކީކުރީ އަހާލަންވެސް ޖެހޭނެ. ކޮން ތަނެއްގައިތޯ ބެހެއްޓީ ބަލަންޖެހޭނެ. އެގޮތަށް އެކުދިންނަށް އެ އާދަ އަޅުގަނޑުމެން ދަސްކޮށްދީފިއްޔާ، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެންގެ އަތްމަތީގައި މިހުރި ފައިސާ ވަރަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވިދާނެ. މުޅި ޤައުމަށް ފައިދާހުރި ގޮތުގައި ނުވަތަ އެފައިސާ ގެންގުޅޭ މީހަކަށްވެސް ފައިދާހުރި ގޮތުގައި.
އާދެ، އެއީ، އަޅުގަނޑު މިއަދު ދަންނަވާލަން އެންމެ ބޮޑަށް ބޭނުންވި ވާހަކައަކީ. މިކަހަލަ ޚިދުމަތެއް އަޅުގަނޑުމެންގެ ތެރޭގައި ޤާއިމްވުމާ ގުޅިގެން، އަޅުގަނޑުމެންނަށް އާ އެއްޗެއް ދަސްވޭތޯ ބަލަމާތޯއޭ. އާ ޢިބްރަތެއް ޙާޞިލްވޭތޯ، ފައިދާހުރި މުހިންމު އާ ގޮތެއް އަޅުގަނޑުމެންނަށް ދަސްވޭތޯ ބަލަމާތޯއޭ. އެކަން އެގޮތަށް ކޮށްފިއްޔާ، އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއްގައި ފެންނާނީ. އެނޫން ގޮތެއްގައި މިއިން އެއްވެސް ކަމެއްގެ ނަތީޖާއެއް ނުފެންނާނެ.
އާދެ، މިވަގުތުގެ ގޮތުންނާވެސް އެކުގައި، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަން މަޖުބޫރުވޭ އެބަ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑާ މެދު ވަރަށް އޯގާވެރި ޝުޢޫރުތަކެއް ފާޅުކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރމަން އަދި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަދި ބޭންކް އޮފް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަދި މިތާނގައި ވާހަކަފުޅު ދެއްކެވި އެހެން ބޭފުޅުންވެސް، އެ ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައި ހިމެނިގެން އެދިޔަ އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ޚާއްޞަ ގޮތެއްގައި، ރާއްޖެތެރެ ވަރަށް ހަލުވިގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އެ މަނިކުފާނަށް ޝުކުރު ދަންނަވަން. އާދެ، ރާއްޖެތެރެއަކީ ރާއްޖޭގެ އެންމެ ބޮޑުބައި. ރާއްޖެ ތަރައްޤީވާނީ ރާއްޖެތެރެ ތަރައްޤީވެގެން.
އެހެންވީމާ، މި ދައުރަށް ފެށުނީއްސުރެ ރާއްޖެތެރެއަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް މިދަނީ ދެމުން. މީގެ ކުރިން މި މަޤާމުގައި ތިއްބެވި ދެ ބޭފުޅުންވެސް ވަރަށް އިޚްލާޞްތެރި ބުރަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައި. އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ގާތްގަނޑަކަށް އެގާރަވަރަކަށް އަހަރު އެ މަޤާމުގައި ހުންނެވި. އޭނާވެސް ވަރަށް އެކަށީގެންވާ ޚިދުމަތްތަކެއް ރާއްޖެތެރެއަށް ވަނީ ކޮށްދެއްވާފައި. އޭގެފަހުން، އަލްފާޟިލް ޢަބްދުﷲ ޖަމީލްވެސް، ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ރާއްޖެތެރެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ވަރަށް މަތިވެރި ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައި. މިހާރުގެ މިނިސްޓަރ، އިތުރަށް އެ މަސައްކަތް، ކުރިއަށްވުރެ ބާރަށް ގެންދިޔުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް އެބަ ކުރައްވާ. ވަރަށް ގިނަ ޚިޔާލު ކުރައްވާ. އެހެންވީމާ، މި މުނާސަބަތުގައި އެކަން ފާހަގަކޮށް، އެ މަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ދެން ރާއްޖެތެރޭގެ ތަރައްޤީއަށް ވިސްނާއިރު، ވައިގެ ބަނދަރެއް އޮތުމާއި، ބޭންކުގެ ގޮތްޕެއް ހުޅުވުމާއި، މިކަހަލަ ކަންތައްތައް މިއީ ރާއްޖެތެރޭގެ ތަރައްޤީއަށް، އެތަންތަން އެ ޤާއިމްވެފައިވާ ސަރަޙައްދަށް ޔަޤީނުންވެސް އިތުރު ކުރިއެރުމެއް ލިބިދޭނެ ކަންތައްތަކެއް. އެހެންވީމާ، މި އަތޮޅުގައި ހަނިމާދޫގައި ވައިގެ ބަނދަރެއް އެއޮތީ. މި ރަށުގައި ބޭންކެއް މިހާރު އެ ހުޅުވުނީ. އެހެންވީމާ، އޭގެ ބޭނުންކޮށްގެން، މުސްތަޤްބަލަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އަޅުގަނޑުމެންގެ އިޤްތިޞާދުގެ ތަރައްޤީގައި އިތުރު ކަންތައްތަކެއް ކުރުމުގެ މައްޗަށް ޚިޔާލުކުރަންޖެހޭ. އެގޮތުން، އަޅުގަނޑު ދަންނަވާލަން ބޭނުން، މާފަހީގައި އެކަށީގެންވާ އާމްދަނީއެއް، ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ކަހަލަ ކަމެއް ކުރެވޭތޯ ސަރުކާރުން މިގެންދަނީ ބޭރު ބަޔަކާ ގުޅިގެން މަޝްވަރާ ކުރަމުންނޭ. އާދެ، އެއީ އެކަމުގެ ފެށުން ކަމުގައިވެސް ވެދާނެ. ސީދާ ޓޫރިޒަމް ކަމުގައިނުވިޔަސް، ޓޫރިޒަމާ ގުޅޭ ކަމެއް ކަމުގައިވެސް ވެދާނެ. އަދި ޓޫރިޒަމަކީވެސް މުސްތަޤްބަލުގައި ސަރުކާރުން އެ ހަމަޖައްސާ އުޞޫލެއްގެ މަތިން ރާއްޖެތެރެއަށް އޭގެ ފައިދާ ކުރަމުންދާނެ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ރާއްޖެތެރޭގައި މިކަހަލަ ވަސީލަތްތައް، އިޤްތިޞާދު ކުރިއެރުވުމުގެ ވަސީލަތްތައް އިތުރުވަމުންދިޔަދިޔަހެން ރާއްޖެތެރެއަށް އިތުރު ދިރުމާއި، ކުރިއެރުން ލިބެމުންދާނެ.
އާދެ، އަދި މި ފުރުޞަތުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވާ ޚިދުމަތްވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ވަރަށް މުހިންމު ޚިދުމަތެއް އެފަރާތުން ކޮށްދެއްވަނީ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނާނެ ފަދައިން، ބޭންކް އޮފް މޯލްޑިވްސްއަކީ، ދިވެހި ސަރުކާރާއި ބަނގްލަދޭޝްގެ ކުންފުންޏަކާ އެކުވެގެން އުފައްދާފައިވާ ތަނެއް. ސަރުކާރުގެ ސަތޭކައަކުން ފަސްދޮޅަސް ޙިއްޞާވޭ. ބަނގްލަދޭޝްގެ ސަތޭކައަކުން ސާޅީސް ޙިއްޞާވަނީ. އެ ބޭންކް ހިންގަވަނީ ސަރުކާރުން މެނޭޖްމަންޓް ކޮންޓްރެކްޓެއް ދީފައި އޮތުމުން، އޭގެ ދަށުން އެ ކުންފުނީގެ ފަރާތުން ހިންގަވަނީ. އެހެންނަމަވެސް، ރާއްޖޭގެ ފައިދާއަށްޓަކައި ރާއްޖެއަށް ކުރިއެރުން ލިބޭގޮތަކަށް ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދަވަނީ. އެ ބޭންކަކީވެސް 1982ން ފެށިގެން މިހިސާބަށް، 9 އަހަރު ދުވަހުގެ ތެރޭގައި ވަރަށްބޮޑު ކުރިއެރުމެއް ހޯދާފައިވާ ތަނެއް. 1983 ނިމުނުއިރު، އޭގެ މާނައަކީ، ބޭންކް ފެށިގެން އެއް އަހަރުވީއިރު، ބޭންކުގެ ޖަމާގައި، މީހުން ޖަމާކުރި ފައިސާގެ ޢަދަދަކީ 1.8 މިލިޔަން ރުފިޔާ. 18 ލައްކަ ރުފިޔާ. މިހާރު 1991 ގައި އެ ބޭންކުގައި ޖަމާގައި ހުރިވަރު ދަންނަވާލީމާ، ތިޔަ ހުރިހާ ބޭފުޅުންވެސް ޙައިރާންވެވަޑައިގަންނަވާނެ. 183 މިލިޔަން ރުފިޔާ. 1.8 މިލިޔަން ރުފިޔާއިން 183 މިލިޔަން ރުފިޔާއަށް ބަދަލުވެގެން ހިނގައްޖެ، 9 އަހަރު ދުވަހުގެ ތެރޭގައި. ބޭންކުގައި މީހުން ބަހައްޓާފައި ހުރި ފައިސާގެ ޢަދަދު. އަދި ބޭންކުގެ ފައިދާވެސް، ކުރީކޮޅުގައި ވަރަށް ކުޑަކޮށް އޮވެފައި، މިހާރު އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ. ބޭންކްތަކުން ސަރުކާރަށް ލިބޭ ފައިދާވެސް އޮވޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބޭންކިންގގެ ޕްރޮފިޓް ޓެކްސް ސަރުކާރަށް ނަގާ. އޭގެ ސަބަބުންވެސް ސަރުކާރަށް އާމްދަނީ ލިބޭ.
އެހެންވީމާ، މި ބޭންކްތައް ހުރުމުގެ ސަބަބުން ސަރުކާރަށްވެސް، ރައްޔިތުންނަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދޭ. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަމިއްލަ ބޭންކް. ދިވެހިރާއްޖޭގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް. އެތަނުގެ ފަރާތުން އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް އެކަށީގެންވާ ފައިދާތަކެއް މިދަނީ ލިބެމުން. ހަމައެކަނި މާލެ ހުރި ހިސާބަކަށް ނޫން. އޭގެއިތުރުން، ރާއްޖެތެރެއަށް. ގަމުގައި އެބަހުރި ބްރާންޗެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޅ. އަތޮޅު ނައިފަރުގައިވެސް އެބަހުރި. މިތާނގައިވެސް މިހުރީ. އެހެންވީމާ، މި ކަންތައްތައް ފެތުރިގެން މިދަނީ، ރާއްޖެތެރޭގެ ރައްޔިތުންނަށް މިކަމުގެ ފައިދާ ޙާޞިލްވާނޭ ގޮތެއްގެ މަތިން ކަމުގައި އަޅުގަނޑު ދެކެން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، މި އަތޮޅުގެ އަތޮޅުވެރިންގެ ފަރާތްޕުޅުންނާއި، ރަށްރަށުގެ ވެރިންގެ ފަރާތްޕުޅުންނާއި އަދި މި އަތޮޅުގެ ރައްޔިތުންގެ ފަރާތުންނާއި އަދި ޚާއްޞަކޮށް، ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު ތަރުޙީބަށްޓަކައި އަދިވެސް އެ ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވުން. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ތަރައްޤީގެ މަގުގައި އަވަސް ފިޔަވަޅުތަކެއް ކުރިއަށް އެޅުމުގެ ހެޔޮ ނަޞީބު ދެއްވުން.
والسّلام عليكم ورحمـة اللّـه وَبَرَكَاتُه.