بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ! މިރޭ އަޅުގަނޑުމެން ޙާޟިރުވެ މިތިބީ ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ 28 ވަނަ މަޢްރަޟުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާއަށް. މި ޖަލްސާއަކީ އަޅުގަނޑުމެންގެ މިނިވަން 25ގެ ތެރޭގައި ބޭއްވޭ ވަރަށް މުހިންމު ޖަލްސާއެއް. އަދި ރާއްޖޭގެ 28 ވަނަ މަސައްކަތްތެރިކަމުގެ މަޢްރަޟަކީ، މިނިވަން 25ގެ ތެރޭގައި ބޭއްވޭ ވަރަށް މުހިންމު ކަމެއް.

ރާއްޖޭގައި އަތްތެރި މަސައްކަތުގެ މަޢްރަޟް ނުވަތަ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މަޢްރަޟް ނުވަތަ މަސައްކަތްތެރިކަމުގެ މަޢްރަޟް، ކޮންމެ ނަމެއްގައި މި މަޢްރަޟް ބޭއްވުނު ކަމުގައިވިޔަސް، މި މަޢްރަޟް ބޭއްވެމުން އަންނަތާ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، 45 އަހަރެއްހާ ދުވަސްވެއްޖެ. އެހެންވީމާ، މި މަޢްރަޟަކީ، އެކަށީގެންވާ ދިގު މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި ބޭއްވެމުން އައިސްފައިވާ މަޢްރަޟެކޭ ދަންނަވަންޖެހޭ.

އާދެ! މިބާވަތުގެ މަޢްރަޟެއް ރާއްޖޭގައި މި ބޭއްވެނީ، ކީއްވެގެންތޯވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ. ޝައްކެއްނެތް، މިހާ ގިނަދުވަސް ވަންދެން އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ކަމެއް ދެމިއޮންނާނީ އެކަމުގެ ބޭނުންތެރިކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭތީ. ބޭނުންނެތް ކަމެއް އެއްވެސް މީހަކު ނުވަތަ އެއްވެސް ބަޔަކު ނުކުރާނެ. އަދި އެކުރާ ކަމުގެ ބޭނުންތެރިކަން ކުޑަވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ އެކަމެއް ހުއްޓާވެސްލާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ހުއްޓާނުލައި މިވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި 28 މަޢްރަޟު ބާއްވައިފީމު. އެހެންވީމާ، އެއިން އެނގޭ އެއްޗަކީ މި މަޢްރަޟަކީ އަޅުގަނޑުމެންނަށް ބޭނުންވާ އެއްޗެއްކަން. މިއިން ކޮންމެވެސްވަރެއްގެ ފައިދާތަކެއް އަޅުގަނޑުމެންނަށް އެބަ ލިބޭކަން. އެހެން ދެންނެވި ކަމުގައިވިޔަސް، ދުނިޔެއަކީ ބަދަލުވަމުންދާ އެއްޗެއް. އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ވަރަށްބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ. އަޅުގަނޑުމެންގެ ދިރިއުޅުމަށް. އަޅުގަނޑުމެންގެ މަސައްކަތަށް. އަޅުގަނޑުމެންގެ އާދަކާދައަށް. އަޅުގަނޑުމެން ވިސްނާގޮތަށް. މި ބަދަލުތައް އަޅުގަނޑުމެންގެ ޙަޔާތަށް އަންނަމުންދާ ކަމުގައިވަނީނަމަ، އަޅުގަނޑުމެން މިހެން ބާއްވާ ކަންތައްތަކަށްވެސް އެ ބަދަލު ޒަމާނާ އެއްގޮތްވާގޮތުގެ މަތިން އަންނަންޖެހޭނެ.

އާދެ، ދެންމެ ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަލްއުސްތާޛު އަޙްމަދު އަސްލަމްވެސް ވިދާޅުވިފަދައިން، އަދި އޭގެފަހުން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް އަޙްމަދު މުޖްތަބާ ވިދާޅުވިފަދައިން، މި މަޢްރަޟްގައި ފާހަގަކުރެވޭ ކަންތައްތަކެއް އެބަހުރި. ބައެއް ކަންތައްތަކުގެ ފެންވަރު ކުރިއަށްވުރެ ދަށްވަމުންދާ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވި. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، އެއީ ހަމަ ޙަޤީޤަތެއް. އެހެންވީމާ، މަޢްރަޟް މިހާރު މި ބާއްވަމުން ގެންދަނީ އެ ބާއްވަންޖެހޭ އެންމެ ރަނގަޅު ގޮތަށްތޯ؟ ނުވަތަ މި ބާއްވާގޮތަށް ބަދަލުތަކެއް ގެންނަންވެއްޖެތޯ؟ އަޅުގަނޑުމެން އަޅުގަނޑު ހިތުން މިހާރު ވިސްނާލަންވެއްޖެ.

އާދެ! މިކަމަކީ އަޅުގަނޑުމެންނަށް ވަގުތުން ނިންމާލެވެން އޮންނާނެ ކަމެއްނޫން. މިފަދަ މަޢްރަޟެއް ބޭއްވުމުގައި ހިމެނޭ ތަފާތު ފަރާތްތަކެއްވޭ. އަދި އެކަމާ ގުޅޭ ވަރަށް ގިނަ ކަންތައްތަކެއްވެސްވޭ. އެހެންވީމާ، އެ ހުރިހާ ކަމަކާ ދޭތެރޭގައި ވިސްނާފައި އެކަށީގެންވާ ގޮތެއް ނިންމޭނީ ކޮންމެސްވަރެއްގެ މުއްދަތެއްގެ ތެރޭގައި ކަމަށް އަޅުގަނޑަށް ފެނޭ. އާދެ، އެކަމަކީ އަޅުގަނޑު ހިތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވާނެ ކަމެއް.

އާދެ، އަޅުގަނޑުވެސް ބޭނުން، ރާއްޖޭގެ މަސައްކަތްތެރިކަމުގެ 28 ވަނަ މަޢްރަޟުން އެކިއެކި އިނާމު ޙާޞިލްކުރެއްވި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އެގޮތުން، އަޅުގަނޑު އެންމެ ފުރަތަމަ ފާހަގަކޮށްލާނީ، މަޢްރަޟުގެ އެއްވަނަ ބައިން ވަރަށް ފުރިހަމަ އެއްވަނައެއް ހޯދި އަތޮޅު ކަމުގައިވާ މާޅޮސްމަޑުލު ދެކުނުބުރި. މާޅޮސްމަޑުލު ދެކުނުބުރީގެ ރައްޔިތުންނަށާއި، އެ އަތޮޅުގެ ރަށްރަށުގެ ވެރިންނަށާއި، އެ އަތޮޅުގެ އަތޮޅުވެރިޔާއަށް އަޅުގަނޑު މި މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. ހަމައެފަދައިން، މި މަޢްރަޟުގެ އެއްވަނަ ބައިން ދެވަނައަށް ހޮވުނު މާޅޮސްމަޑުލު އުތުރުބުރިއަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި މަރްޙަބާއާއި ތަހުނިޔާ ދަންނަވަން. ތިންވަނައަށް ހޮވުނު ފާދިއްޕޮޅަށްވެސް ވަރަށް ހޫނު މަރްޙަބާއެއް އަޅުގަނޑު ކިޔަން.

އަޅުގަނޑު ހަނދާންވާ ގޮތުގައި މި ތިން އަތޮޅަކީ، ވަރަށް ޚާއްޞަ ގޮތެއްގައި މީގެކުރީގެ މަޢްރަޟްތަކުގައިވެސް މަތީ ވަނަތަކެއް ޙާޞިލްކޮށްފައިވާ ތިން އަތޮޅު. މި އަތޮޅުތަކަކީ، ރާއްޖޭގައި އަޅުގަނޑުމެން ކުރަމުންގެންދާ ވަރަށް ޚާއްޞަ ބާވަތެއްގެ މަސައްކަތްތެރިކަމުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވަމުން އައިސްފައިވާ، އަދި މީގެކުރިންވެސް ވަރަށް ރަނގަޅު ފެންވަރަކަށް އެމަސައްކަތްތައް ކޮށްފައިވާ އަތޮޅުތަކެއް. މިކަންވެސް އަޅުގަނޑު އުފަލާއެކު މިރޭ ފާހަގަކޮށްލަން.

އާދެ، މާލޭގެ އަވަށްތަކުގެ ތެރެއިން މިފަހަރުވެސް އެއްވަނައަށް މިއައީ މާފަންނު. މާފަންނަކީ މީގެކުރީގެ ދެ މަޢްރަޟުންވެސް ވަރަށް ކުލަގަދަ އެއްވަނައެއް ހޯދި އަވަށް. އަދި ތިންފަހަރު ވިދިވިދިގެން މި މަޢްރަޟުގެ އެއްވަނަ ބައިން އެއްވަނަ ހޯދުމުގެ ސަބަބުން މިއަހަރު މާފަންނު ވަނީ ތަށި މިލްކުކޮށްފައި. އެހެންކަމާއެކު، މާފަންނުގެ ހިންމަތްތެރި އަދި މަސައްކަތްތެރި ހުރިހާ ރައްޔިތުންނަށް މިރޭގެ މުނާސަބަތުގައި، އެ ބޭފުޅުން އެ ހޯއްދެވި ކާމިޔާބީއަށްޓަކައި ވަރަށް އުފަލާއެކީ، އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. މާލޭގެ އަވަށްތަކުގެ ތެރެއިން ދެވަނައަށް އައީ ހެންވޭރު. ހެންވޭރަށްވެސް އަޅުގަނޑު ދަންނަވާނީ ވަރަށް ހޫނު މަރްޙަބާއެއް. ޝައްކެއްނެތް، ހެންވޭރާއި މާފަންނާ ދެ އަވަށަކީ މިފަދަ މަސައްކަތްތަކުގައި، މިފަދަ މަޢްރަޟްތަކުގައި ވަރަށް ކުރިއްސުރެ ވާދަކުރަމުން އަންނަ ދެ އަވަށް. އެއްބައިފަހަރު ހެންވޭރު ކާމިޔާބު ކުރާނެ. އަނެއްބައިފަހަރު މާފަންނު ކާމިޔާބު ކުރާނެ. ކޮންމެގޮތަކަށް އެކަންވިކަމުގައިވިޔަސް، އެ ދެ އަވަށަކީ މިކަހަލަ ކަންތައްތަކުގައި މާލޭގައި އެންމެ ފާހަގަކުރެވޭ ދެ އަވަށް.

އާދެ! ތިންވަނައަށް އައީ މައްޗަންގޮޅި. އެހެންވީމާ، މައްޗަންގޮޅިއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މަރްޙަބާ ކިޔަން. ޝައްކެއްނެތް، މާލޭގެ އަވަށްތަކުގެ ތެރެއިން މައްޗަންގޮޅިއާއި ގަލޮޅު، އެ ދެ އަވަށުގެ ކުޑަކަމާއެކުގައި، މިކަހަލަ ކަންތައްތަކުގައި އަންނަނީ ތިންވަނައަށާއި ހަތަރުވަނައަށް. އެއީކީ އެއްގޮތަކަށްވެސް އެ ދެ އަވަށުގެ ރައްޔިތުން އެކަމާ ދޭތެރޭގައި އެއްޗެއް ހީކުރައްވާނެ ތަނެއް އޮތް ކަމެއް ނޫން. އެކަން ވާނީވެސް އެހެން. އެހެން ކަމުގައިވިޔަސް، އެ ދެ އަވަށުންވެސް، އެ ދެ އަވަށުގެ ކަންތައް ތަރައްޤީކުރައްވައި ކުރިއަށް ގެންދެވުމަށް ކުރައްވާ މަސައްކަތްތައް އަޅުގަނޑަށް އެނގޭތީ، އެ ދެ އަވަށަށްވެސް އަޅުގަނޑު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން.

މި މަޢްރަޟުން ކްލަބް، ޖަމްޢިއްޔާ، ކުންފުނި މިފަދަ ޖަމާޢަތްތަކުގެ ތެރެއިން، މަޢްރަޟުގެ އެއްވަނަ ބައިން އެއްވަނަ ހޯއްދެވި ޖިންސުއްލަޠީފުންގެ ރޫޙަށްވެސް އަޅުގަނޑު މަރްޙަބާ ދަންނަވަން. އެ ޖަމްޢިއްޔާގެ ފަރާތުން އެ ކުރެއްވި މަސައްކަތަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރާނެ މަސައްކަތެއް. މަޢްރަޟުގެ ދެވަނަބައިން އެއްވަނައަށް އައި ޖަމާޢަތް ކަމުގައިވާ ޑޮނާޑް ގާމެންޓް އިންޑަސްޓްރީޒަށްވެސް ތަހުނިޔާއާއި މުބާރިކްބާދީ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ޝައްކެއްނެތް، ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއަށް ގެންދިޔުމަށް އަމިއްލަ ޖަމާޢަތްތަކުން އެ ކުރާ މަސައްކަތަކީ، އަޅުގަނޑުމެން އެންމެން ފާހަގަކުރަންޖެހޭނެ މަސައްކަތެއް. އާދެ، ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަލްއުސްތާޛު އަޙްމަދު އަސްލަމާއި އަދި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފަރާތުން ވާހަކަފުޅު ދެއްކެވި އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު މުޖްތަބާއާ ދެ ބޭފުޅުންވެސް ވަރަށް ހިތާމަފުޅާއެކު، ބައެއް ނުކުތާތައް ފާހަގަކުރެއްވި.

އެހެންވީމާ، އަޅުގަނޑު އިތުރަކަށް އެ ވާހަކަ ދައްކާކަށް ނެތިން. މި ޖަލްސާއަކީ،މާ ހިތާމަވެރި ޖަލްސާއަކަށް ބަދަލުވެގެން ހިނގައިދާނެތީ. އަޅުގަނޑަށްވެސް ފާހަގަކޮށްލެވޭ ދެ ނުކުތާއެއް ދަންނަވާލަންޖެހޭ. އެއީ، އަޅުގަނޑުމެންގެ ޘަޤާފަތާ ގުޅޭ ވަރަށް ބޮޑު ކަމެއްގައި ފެންވަރު ދަށަށްދާތީ، އެ ވާހަކަ ދަންނަވާލަން ހަމަ ބޭނުންވަނީ. އަޅުގަނޑު މި އިޝާރާތް ކުރަނީ ތާނަލިޔުމަށް. ތާނަލިޔުމުން އެއްވަނަ، ދެވަނަ، ތިންވަނަޔަށް ހޮވޭވަރުގެ އެއްވެސް އެއްޗެއް ނެތް ކަމުގައި ނަތީޖާއިން އަޅުގަނޑުމެންނަށް އިވިގެންދިޔައީ. އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްދެރަ ކަމެއް. ތާނަ ލިޔުމަކީ، ވަރަށް ރީތި ފަންނެއް. އަޅުގަނޑުމެން އެއްގޮތަކަށްވެސް އެ ފަންނު އަޅުގަނޑުމެންގެ ތެރެއިން އުވިގެންދިޔަ ދީގެންނުވާނެ. އަޅުގަނޑަށްވެސް އެނގޭ، މިހާރު އަޅުގަނޑުމެން ތާނަލިޔުމުގައި ޓައިޕްރައިޓަރ ބޭނުން އެބަ ކުރަންކަން. އެހެންނަމަވެސް، ޓައިޕްރައިޓަރުގެ ބޭނުންކުރިޔަކަސް، ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ލިބިފައިވާ ރީތި ފަންނެއް ދޫކޮށްލުމަކީ، އަޅުގަނޑު ހިތުން ހަމަޖެހޭ ކަމަކަށް ނުވާނެ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެންގެ ޒުވާނުން އިތުރު ޝައުޤުވެރިކަން ބެހެއްޓެވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

ދެން އަޅުގަނޑު ހިތަށްއަރަނީ، ތާނަލިޔުމުގެ ފަންނު އަޅުގަނޑުމެންގެ ތެރޭގައި އެހާ ދަށަށްދާއިރު، ޢަރަބި ލިޔުމުގެ ފަންނު ދަށަށްނުގޮސް މި ހިފަހައްޓަނީ ކީއްވެގެންބާއޭ؟ އަޅުގަނޑު ހިތުން އޭގެ ޖަވާބު ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. އަޅުގަނޑަށް ދަންނަވަން ޖެހެނީ، ޢަރަބި ލިޔުމުގެ ފަންނު ދަށަށްނުދަނީ ހަމަ އެންމެ މީހެއްގެ ހިންމަތާއި މިންނަތުންނޭ. ބުރަ މަސައްކަތުންނޭ. އާދެ! އެ މީހަކީ، މި ހުރިހާ މަޢްރަޟްތަކެއްގައި ވިދިވިދިގެން އެތައް އަހަރެއް ވަންދެން، ވަރަށް ފުރިހަމަ އެއްވަނައެއް ހޯއްދެވި އަލްފާޟިލް ޢަލީ ފަހުމީ. ޢުމުރުން ދުވަސްވި ކަމުގައިވިޔަސް، ޢަލީ ފަހުމީއަކީ ހަމަ ޢަލީ ފަހުމީ. އޭނާގެ ލިޔުއްވުންތައް އެއްގޮތަކަށްވެސް އޭގެ ފެންވަރު ދަށަކަށް ނާދޭ. ތިޔަބޭފުޅުން އަޅުގަނޑުމެންގެ އިސްލާމީ މަރްކަޒު ބައްލަވައިލެއްވިޔަސް، ނުވަތަ އެކިއެކި މިސްކިތްތަކުގެ ނަންބޯޑުތައް ބައްލަވައިލެއްވިޔަސް، މާލޭގައިވެސް، އަދި ރާއްޖެތެރޭގައިވެސް، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ، އަލްފާޟިލް ޢަލީ ފަހުމީގެ ހުނަރުވެރި، މޮޅު ރީތި ލިޔުން.

އާދެ! އެހެންވީމާ، އަޅުގަނޑުމެންގެ ޒުވާނުން، އަލްފާޟިލް ޢަލީ ފަހުމީ އެ ކުރައްވާ މަސައްކަތުން އަޅުގަނޑު ހިތުން ޢިބްރަތެއް ޙާޞިލްކުރަން ވެއްޖެ. އެކަހަލަ މަސައްކަތްތެރި، ހުނަރުވެރި، ޤާބިލް މީހަކަށް އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ކޮންމެވެސް ބަޔަކު ވާންޖެހިއްޖެ. އާދެ! އަޅުގަނޑު ވަރަށް އުފާކުރަން، ޢަލީ ފަހުމީ އެ މަތިވެރި ކާމިޔާބީ މެދުކެނޑުމެއްނެތި ހޯއްދަވަމުން ގެންދަވާތީ. ޢަލީ ފަހުމީއަކީ، އަޅުގަނޑުގެވެސް އުސްތާޛެއް. އަދި އަޅުގަނޑު ހިތުން މިތާ ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެވެސް ޢަރަބި ލިޔުމުގެ އުސްތާޛު. އެހެންކަމުން، އަޅުގަނޑުމެންގެ ހިތުގައި ޢަލީ ފަހުމީއާ ދޭތެރޭގައި އުފެދިފައި އޮންނަ ލޯތްބާއި ޙުރްމަތްތެރިކަން އެއީ، އެއްގޮތަކަށްވެސް ފަނޑުވެގެންދާނެ ކަމެއް ނޫން ކަމުގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑު އެދެނީ، އަލްފާޟިލް ޢަލީ ފަހުމީއަށް ދިގު ޢުމުރުފުޅަކާއި، ފުރިހަމަ ޞިއްޙަތަކާއި އަދި އޭނާގެ އެ މޮޅު ފަންނުގައި އިތުރަށް ކުރިއަށް ވަޑައިގަތުމުގެ ހެޔޮ ތައުފީޤު.

އާދެ! މަޢްރަޟްގައި ބައިވެރިކުރެވޭ ތަކެއްޗަށް އަންނަ ބަދަލުތަކުގެ ތެރޭގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފާހަގަކުރެވޭ ބައެއް ކަންތައްތައް އެބަހުރި. އޭގެތެރެއިން ފާހަގަކުރެވޭ އެއްކަމަކީ، ބައެއްކަހަލަ މަސައްކަތްތަކާ ބެހޭގޮތުން، ރާއްޖޭގައި މިހާރު ބޭއްވޭ ކޯސްތަކުގައި ބައިވެރިވާ މީހުންނަށް އެ ލިބޭ ފައިދާ، މި މަޢްރަޟުގެ ބައެއް ތަކެތިން ފެންނަމުންދާކަން. އާދެ، މިސާލެއް ދަންނަވަންޏާ، އިލޮށީގެ ތަފާތު މަސައްކަތްތައް. ފަނުން ނުވަތަ އެހެން ތަކެތިން ވިޔެފައި ހުންނަ ތޮފިކަހަލަ އެއްޗެތި ހަދާފައި ހުރުން. ގޮތްހަދާފޮށިން ފެހުމާއި މާޖެހުމުގެ މަސައްކަތްކޮށްފައި، އަދި އެއިން އުފެދިފައި ހުންނަ ތަކެތި. މިކަހަލަ އެއްޗެތީގެ ފެންވަރު މިހާރު އެއް މަޢްރަޟުން އަނެއް މަޢްރަޟަށް ރަނގަޅުވަމުން އަންނަކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އުފާކުރަން އެންމެ ރަނގަޅު ކަމެއް. ކޮންމެ ކަމަކަށްވެސް ކިތަންމެ ކުޑަ ނަމަވެސް ތަރައްޤީއެއް އަންނަންޏާ، އެކަންވެސް އަޅުގަނޑުމެން ޖެހޭނެ ފާހަގަކުރަން. ހަމައެފަދައިން، ކަމަކަށް އަންނަ އުނިކަން އެއީވެސް އަޅުގަނޑުމެން ދެނެގަތުން ލާޒިމް ކަމެއް. އަދި އެ އުނިކަން ފިލުވައިލުމަށްޓަކައި ކުރެވެން އޮތް މަސައްކަތެއް ކުރުމަކީވެސް އަޅުގަނޑު ހިތުން ހަމަ ކުރަންޖެހޭނެ ކަމެއް.

އާދެ! މިނިވަން 25އާ ގުޅިގެން ބޭއްވޭ މިފަދަ މުހިންމު މަޢްރަޟެއްގެ ފެންވަރު ދަށަށްދިޔަކަން ޝައްކެއްނެތް، އެއީ ހިތާމަހުރި ކަމެއް. އެހެންނަމަވެސް، އޭގެވެސް ސަބަބުތަކެއް ވާނެ ކަމަށް އަޅުގަނޑު ދެކެން. އެއް ސަބަބަކަށް ވެދާނެ، ކުރިންވެސް މިނިސްޓަރ ވިދާޅުވިފަދައިން، މަޢްރަޟް ބޭއްވުނު ދުވަސްވަރު. އެއް ދުވަސްވަރެއްގައި ފުރަތަމަ ބާއްވަވަން ޤަޞްދުކުރައްވާފައި، ފަހުން ދިމާވި ސަބަބުތަކަކާ ހުރެ އެހެން ދުވަސްވަރަކަށް ބަދަލުކޮށްލައްވަން ޖެހުނުކަން. އަނެއް ކަމަކަށް ވެދާނެ، މިނިވަން 25ގެ ކަންތައްތަކުގައި، ވަރަށް ގިނަ މިކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެންގެ ތެރެއިން ބައިވެރިވާ ޒުވާނުންނާއި ހަރުމީހުން، އެހެން ކަންތައްތަކެއްގައި ވަރަށް އަވަދިނެތިކޮށް އުޅެންޖެހުނުކަން. އެހެންވީމާ، އެފަރާތްތަކަށް އެކަށީގެންވާ ފުރްޞަތެއް ނުލިބުނު، މި މަޢްރަޟަށް އެކަށީގެންވާ ފެންވަރުގެ ރަނގަޅު ތަކެތި ތައްޔާރުކުރައްވާކަށް. އެއީވެސް އޭގެ ސަބަބަކަށް ވެދާނެ.

އާދެ! ދެން އަޅުގަނޑަށް ހީވަނީ އެކަމަކު އެންމެބޮޑު ސަބަބަކަށް ވާނީ، މިހާރު އަޅުގަނޑުމެން މި މަޢްރަޟުގައި ބައިވެރިކުރާ ތަކެތި އެއީ، އޭގެ ޒާތުގައި ނުދިރުވޭފަދަ ތަކެތި ކަމަށްވާކަން. އެހެން މި ދެންނެވީ، ކޮންމެ މަސައްކަތެއްވެސް ދިރުވޭނީ، އޭގެ ޒާތުގައި އެއީ ދިރޭކަހަލަ މަސައްކަތަކަށްވަންޏާ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، އެއަށް އަގެއް ލިބޭކަހަލަ އެއްޗަކަށްވަންޏާ. މީހަކު އެތައް ވަގުތެއް ހޭދަކޮށްގެން އެއްޗެއް ހަދާނީ، އެއަށް އަގެއް ލިބޭކަމަށް މީހަކަށް ޔަޤީންކުރެވެންޏާ. އެހެންނޫނީ ވާނެގޮތަކީ އެ ކުރާ މަސައްކަތުގެ ފައިދާއެއް ނުފެންނާނެ.

އެހެންވީމާ، މިހާރު އަޅުގަނޑުމެން މަޢްރަޟްގައި މި ބައިވެރިކުރާ ތަކެތީގެ ތެރެއިންވެސް ވިކޭކަހަލަ އެއްޗެތި، އެއަށް ބާޒާރެއް ލިބޭކަހަލަ އެއްޗެތި ހަދާކަމަށްވަންޏާ، ޝައްކެއްނެތް، އެ މަސައްކަތް ދިރުވޭނެ. އެ ނޫން ގޮތްގޮތުން ހަދާ ތަކެތި، އޭގެ ފެންވަރުގެ ގޮތުން ނުވަތަ އޭގެ ބޭނުންތެރިކަން ކުޑަވެގެންނަމަވެސް، މީހުން ނުގަންނަކަހަލަ އެއްޗެތި، އަޅުގަނޑު ހިތުން ހެދުމުގެ ބޭނުމެއްވެސް ނެތް. އެ މަސައްކަތަކީ އިތުރަށް ތަރައްޤީ ކުރެވޭނެ ކަމަކަށްވެސް ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެން މިހާރު މި މަޢްރަޟްތަކުގައި ބައިވެރިކުރުވާ ނުވަތަ ބައިވެރިކުރާ ތަކެތީގެ ތެރެއިން ދިރުވޭ ކަހަލަ މަސައްކަތްތަކަކީ ކޮބައިތޯ؟ އެއަށް އިޤްތިޞާދީ އަގެއް ކަނޑައެޅޭ ކަހަލަ މަސައްކަތްތަކަކީ ކޮބައިތޯ؟ އެކަހަލަ މަސައްކަތްތައް އަޅުގަނޑުމެން ދިރުވަން މަސައްކަތް ކުރަންވީ. އެނޫން ކަންތައް އަޅުގަނޑަކަށް ހިއެއްނުވޭ، ކިތަންމެ މަސައްކަތެއް ކުރިޔަކަސް ދިރުވޭނެހެންނެއް.

ދެން މިނިސްޓަރ ވިދާޅުވިފަދައިން، މިކަހަލަ މަޢްރަޟެއްގައި ބައިވެރިކުރަން ނުޖެހޭކަހަލަ ބައެއް ތަކެތި މިހާރު އެބަ ބައިވެރިކުރެވޭ. އޭނާ އޭގެ މިސާލުތަކެއްވެސް އަޅުގަނޑުމެންނަށް ދައްކަވައިދެއްވި. އަދި ޖައްސަވައި ދެއްވި. އެހެންވީމާ، އެއީވެސް މުސްތަޤްބަލުގައި މިކަހަލަ މަޢްރަޟްތަކަށް އަޅުގަނޑުމެންނަށް ގެނެވިދާނެ އިޞްލާޙެއް.

އާދެ! މިރޭގެ ޖަލްސާ ވަރަށް ދިގުވަމުން އެބަދޭ. މީގެފަހުން މަޢްރަޟު ހުޅުވުންވެސް އެބައޮތް. އަދި ތިޔަބޭފުޅުން މަޢްރަޟް ބައްލަވައިލެއްވުންވެސް އެބައޮތް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ޤަޞްދެއްނުކުރަން. އަޅުގަނޑުގެ ހަމައެކަނި އެދުމަކީ، އަޅުގަނޑުމެންގެ މަސައްކަތްތެރިކަން ތަރައްޤީ ކުރުމުގައި، އިތުރު ހުނަރުވެރިކަން ޙާޞިލްކުރެވޭތޯ މަސައްކަތް ކުރުން. އެހެން ޤައުމުތަކުގައި ކަންތައްތައް ކޮށް އުޅޭގޮތް ބަލައިގެން، އެއިން އެއްޗެއް ދަސްވޭތޯ ބެލުން. ޝައްކެއްނެތް، އަޅުގަނޑުމެންނަށްވެސް އަޅުގަނޑުމެންގެ މަސައްކަތްތެރިކަން ކުރިއަށް ގެންދެވޭނީ އިތުރު ޚިޔާލު ލިބިގެން.

ދެންމެ ފަނޑިޔާރުންގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު އެ ވިދާޅުވިފަދައިން، އިތުރު ޚިޔާލާއި އިތުރު ނަމޫނާތައް އަޅުގަނޑުމެން ބޭނުންވޭ. ހަމަ އެއާއެކުގައި، އަޅުގަނޑުމެން އަމިއްލައަށްވެސް އިތުރު ޚިޔާލު އުފެއްދޭތޯވެސް މަސައްކަތް ކުރަންޖެހޭނެ. ހަމައެކަނި ބޭރު ބަޔަކު އެ ކުރާ ކަމެއް ކޮޕީ ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އަމިއްލައަށްވެސް އިތުރު އެއްޗެއް އުފެއްދޭތޯ، އަޅުގަނޑުމެންގެ އަމިއްލަ ޚިޔާލެއް އުފެއްދޭތޯވެސް މަސައްކަތް ކުރަންޖެހޭނެ. އިތުރު ނަމޫނާތަކެއް އުފެއްދޭތޯވެސް ބަލަންޖެހޭނެ. އޭގެ އިތުރުން، ބޭރު ޤައުމުތަކުގެ މީހުން މިކަހަލަ ކަންތައްތައް ކުރިއަރުވައި ތަރައްޤީކުރާގޮތްވެސް ބަލައި، އެގޮތްތަކުންވެސް އަޅުގަނޑުމެން އެއްޗެއް ދަސްކުރަންޖެހޭނެ. މިގޮތުން، އަޅުގަނޑުމެންގެ ކަންތައް ކުރިއަށް ގެންދެވޭނީ.

އާދެ! ދެން އަދިވެސް އެއްފަހަރު، މި މަޢްރަޟްގައި ތަކެތި ބައިވެރިކުރެއްވި ހުރިހާ ފަރާތްތަކަށާއި، އަދި ޚާއްޞަކޮށް، މި މަޢްރަޟުގައި ބައިވެރިކުރެވުނު ތަކެތީގެ ތެރެއިން، އެކިއެކި އިނާމު ޙާޞިލްކުރެއްވި ފަރާތްތަކަށް ހިތުގެ އެންމެ އަޑިން އިޚްލާޞްތެރިކަމާއެކު މުބާރިކްބާދީއާއި ތަހުނިޔާ ދަންނަވަން. ހަމަ އެއާއެކުގައި، އަޅުގަނޑުމެންގެ މަސައްކަތްތެރިކަން، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކޮށް ކުރިއެރުމުގެ މަގު ފަހިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ހަމަ އެއާއެކުގައި، އަޅުގަނޑުމެންގެ ޤައުމީ އިޤްތިޞާދު ކުރިއަށް ގެންދާނެ މަގުތައް އެކަލާނގެ ތަނަވަސްކޮށްދެއްވުން އެދި ދުޢާކުރަން. ރާއްޖެއަށް އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި، ބާއްޖަވެރިކަމާއި، ހުރިހާ ގޮތަކުންވެސް އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ދެވޭނެގޮތް މެދުވެރިކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

والسّلام عليكم ورحمـة اللّـه وبركاته.