بســم اللّـه الرّحمـن الرّحيــم
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ
މިރޭ އަޅުގަނޑު ވަރަށް އުފާކުރަން، މިޖަލްސާއަށް އައިސް، ރާއްޖޭގެ ކެރަމް ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ހަތަރު ކުޅުންތެރިޔަކަށް އިނާމު ދިނުމުގެ އުފާ އަޅުގަނޑަށް ލިބުނީތީ. އާދެ، ތިޔަ ހުރިހާ ބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނެ ފަދައިން، ރާއްޖޭގައި އިހަކަށްދުވަހު ނިމިގެން މިދިޔަ ތިން ޤައުމެއްގެ މެދުގައި ބޭއްވުނު ބައިނަލްއަޤްވާމީ ފުރަތަމަ ކެރަމް މުބާރާތުގައި، ރާއްޖެ، ވަރަށް ފަޚުރުވެރި ދެވަނައެއް ވަނީ ހޯދާފައި. 21 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން އަޅުގަނޑުމެންގެ ކުޅުންތެރިޔާ އަޙްމަދު ޝަކީލް ވަނީ ޝްރީލަންކާގެ އެއް ނަންބަރު ކުޅުންތެރިޔާ ލޭންގްލީ މެތާ އާރޒް ބަލިކޮށް، ވަރަށް ތަޢުރީފް ޙައްޤުވާ ދެވަނަ މަޤާމެއް ހޯދާފައި. ހަމައެއާއެކުގައި، އެމުބާރާތުގެ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިންވެސް އަޅުގަނޑުމެންގެ ވަރަށް އުންމީދީ ޒުވާން ކުޅުންތެރިޔަކު ވަނީ ފަޚުރުވެރި ހަތަރުވަނައެއް ހޯދާފައި. އާދެ، އެއީ އިސްމާޢީލް އަނީލް. މީގެ އިތުރުން، ނިއުދިއްލީގައި ބޭއްވުނު ފުރަތަމަ ކެރަމް ވާރލްޑް ކަޕް މުބާރާތުގައި ދުނިޔޭގެ ފަސްވަނަ މަޤާމު ހޯދީ ދިވެހިރާއްޖޭގެ ކުޅުންތެރިއެއް. އާދެ، އިބްރާހީމް ޢާދިލް. އެހެންކަމުން، މިތިން ކުޅުންތެރިން ރާއްޖެއަށް ހޯދައިދީފައިވާ ރީތި ނަމަށްޓަކައި އުފާނުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށް އަޅުގަނޑު ދެކެން.
އާދެ، ދެންމެ އަޅުގަނޑުމެންގެ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަދި މޯލްޑިވްސް ކެރަމް ފެޑެރޭޝަންގެވެސް ޗެއަރމަން އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ކެރަމް މުބާރާތެއް ރާއްޖޭގައި ބެއްވޭ ކޮންމެ ފަހަރަކު، އެކުޅުންތެރިއެއްގެ ނަން އިވިގެންދާ އަދި ވަރަށް މަތީ ކާމިޔާބީއެއް އެކުޅުންތެރިޔަކު ހޯދާ ޢަބްދުﷲ ޒާހިރުގެ ނަންވެސް އަޅުގަނޑުވެސް ފާހަގަކޮށްލަން ބޭނުންވޭ. އޭނާއަށްވެސް ތަހުނިޔާއާއި މުބާރިކްބާދީ އަދާކުރުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އަޅުގަނޑުމެންގެ މިޒުވާން ކުޅުންތެރިން ކެރަމްގެ މައިދާނުގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދީފައިވާތީ، އެހުރިހާ ކުޅުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާއާއި މުބާރިކްބާދީ ރައްދުކުރަން. ދުނިޔޭގެ އެއްވެސް ކުޅިވަރެއްގައި މިހާތަނަކަށް ރާއްޖެ ދެވަނަ މަޤާމް ހޯދާފައިވާ ކަމަކަށް އަޅުގަނޑަކަށް އެނގިފައެއްނުވޭ. ހަމައެކަނި ކެރަމްގައި އަޅުގަނޑުމެންނަށް އެ މަޤާމް މިހާރު މިލިބުނީ. އެ މަޤާމު އަޅުގަނޑުމެންނަށް މިލިބުނީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށްވުރެ މާ ކުރިއަށް ދިޔުން ޙައްޤު ޤައުމުތަކަކާ ދޭތެރޭގައި ބޭއްވި މުބާރާތެއްގައި. އަޅުގަނޑުމެންގެ ކުޅުންތެރިން ކުރި މަތިވެރި ހިތްވަރެއްގެ ސަބަބުން.
އާދެ، ދުނިޔޭގެ 1 ވަނަ ކެރަމް ޤައުމަކީ އިންޑިޔާ. އިންޑިޔާއަކީ މިސަރަޙައްދުގައި އޮތް އެންމެ ބޮޑު ޤައުމު. ގާތްގަނޑަކަށް 900 މިލިޔަން މީހުން ދިރިއުޅޭ ތަނެއް އެއީ. އެތާނގައި ތިބި ކެރަމް ކުޅުންތެރިންގެ އަދަދުވެސް އެތައް މިލިޔަނަކަށް އަރާނެކަން ކަށަވަރު. ދެން މިހާތަނަށް ކެރަމްގެ އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދާފައިވާ ޤައުމަކީ ޝްރީލަންކާ. ޝްރީލަންކާއަކީވެސް އަޅުގަނޑުމެންގެ ޤައުމަށްވުރެ މާބޮޑު ތަނެއް. އަޅުގަނޑުމެންގެ ރައްޔިތުންނަށްވުރެ އެތާނގެ ރައްޔިތުންގެ ޢަދަދު އެތައް ގުނައެއް ގިނަ. އަދި ރާއްޖޭގެ ކެރަމް ކުޅުންތެރިންނަށްވުރެ ޝްރީލަންކާގެ ކެރަމް ކުޅުންތެރިންގެ ޢަދަދުވެސް އެތައް ގުނައެއް ގިނަ. މިކަން މިހެން އޮއްވައި ޝްރީލަންކާގެ އެއްނަންބަރު ކުޅުންތެރިޔާ، އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިޔަކު ބަލިކޮށް، ދެވަނަ މަޤާމް ހޯދިކަމީ ޝައްކެއްނެތްގޮތުގައި، އޭނާ ހޯދި ވަރަށް މަތިވެރި ކާމިޔާބީއެއް. އެހެންވީމާ، އެކަން އެއީ ސަރުކާރުންވެސް ފާހަގަކުރަން ބޭނުންވާ ކަމެއް. އަދި އަޅުގަނޑަށް ޔަޤީންވާ ގޮތުގައި، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކުންވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް ވަރަށް އުފަލާއެކު ފާހަގަކުރައްވާނެ ކަމެއް އެއީ.
އާދެ، ކެރަމްގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި ކެރަމް ތަރައްޤީ ކުރައްވަން މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް ޝުކުރު ދެންނެވުމަކީ، ހަމަ ކޮންމެހެން ލާޒިމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިގޮތުން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާތަނަށް ރާއްޖޭގައި ކެރަމް ކުރިއަރުވައި، ކެރަމްގެ ރޮނގުން ރާއްޖެއަށް ކާމިޔާބީއެއް ހޯއްދަވައި ދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅަކީ، މޯލްޑިވްސް ކެރަމް ފެޑެރޭޝަންގެ ޗެއަރމަން އަލްފާޟިލް ޒާހިރު ނަޞީރު. އެހެންކަމުން، އޭނާއަށް ވަރަށް އިޚްލާޞްތެރި މުބާރިކްބާދީއެއް ރައްދުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އާދެ، އޭނާގެ ހިތްޕުޅުތިރިކަމުން، އޭނާ އެ ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ވާހަކައަކަށް އޭނާގެ ވާހަކަފުޅުގައި އިޝާރާތެއް ނުކުރައްވާ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެންނަށް ވަންހަނާވެގެންވާ ކަމެއްނޫން. 1972 ވަނަ އަހަރުން ފެށިގެން އޭނާ އިސްވެރިޔަކަށް ހުންނަވައިގެން، ރާއްޖޭގައި ކެރަމް މުބާރާތެއް ވަނީ އިންތިޒާމު ކުރައްވާފައި. މެދުކެނޑުމެއްނެތި މިހުރިހާ އަހަރުތަކެއްގައި މިކަމަށް އޭނާ ދެއްވާ ޚާއްޞަ ޝައުޤުވެރިކަމެއްގެ ސަބަބުން. އެހެންވީމާ، ރާއްޖެ ކެރަމްގެ ރޮނގުގައި ކުރިއަށްދާ ދިޔުމުގެ އެންމެ މުހިންމު އެއް ސަބަބަކީ، އަޅުގަނޑު ދެކޭގޮތުގައި، އަލްފާޟިލް ޒާހިރު ނަޞީރު ކުރައްވާ މިންނެތް މަސައްކަތްޕުޅު. އެހެންކަމާއެކު، އަދިވެސް އެއްފަހަރު، އޭނާއަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް، އަދި ވާޖިބެއް ކަމުގައި ދެކެން.
ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށްޓަކައި އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރު ކުރައްވާ އަގުހުރި ޚިދުމަތްތައްވެސް، މިކަހަލަ ކޮންމެ މުނާސަބަތެއްގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އޭނާ އެ މަސައްކަތް ކުރައްވަނީ ވަކި މިވެނި ކުޅިވަރަކުން ރާއްޖެ ކުރިއަށް ގެންދިޔުމަކަށެއް ނޫން. ރާއްޖޭގައި ކުޅެވޭ ހުރިހާ ކުޅިވަރެއްވެސް ތަރައްޤީ ކުރައްވައި އަދި ކުޅުންތެރިންނަށް އެކުޅިވަރުތަކުގައި ބައިވެރިވާނެ ފުރުޞަތު ހޯއްދަވައި ދެއްވައި އަދި ބައިނަލްއަޤްވާމީ ގޮތުންވެސް ނުވަތަ ސަރަޙައްދީ ގޮތުންވެސް އަޅުގަނޑުމެންގެ ރާއްޖެއަށް އެކަށީގެންވާ މަޤާމެއް ހޯއްދަވައި ދެއްވުމަށް އެނާ އެމަސައްކަތް ކުރައްވަނީ. އެހެންކަމުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރަށްވެސް މި ފުރުޞަތުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ރާއްޖޭގެ ކެރަމް ތަރައްޤީ ކުރުމުގައި މޯލްޑިވްސް ކެރަމް ފެޑެރޭޝަންގެ އެހެން ވެރިން ކުރައްވާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. ކެރަމް ފެޑެރޭޝަންގެ ހުރިހާ ވެރިން މިކަމަށް ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓައިގެން، ރާއްޖޭގެ ކުޅުންތެރިންނަށް ކެރަމްގެ ރޮނގުގައި ކުރިއަށްދިޔުމުގެ ފުރުޞަތު ހޯއްދަވައި ދެއްވާތޯ މަސައްކަތް ކުރައްވާ. އެހެންވީމާ، ކެރަމް ފެޑެރޭޝަންގެ ހުރިހާ ވެރިންނަށްވެސް މި ފުރުޞަތުގައި އުފަލާއެކު އަޅުގަނޑު މަރުޙަބާ ކިޔަން.
އާދެ، ކެރަމާ ދޭތެރޭގައި ވިސްނާލާއިރު، އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑު ދެކޭގޮތުގައި އެއީ، ވަރަށް ފަސޭހައިން ރާއްޖެއަށް ކުރިއަށް ދެވިދާނެ ކުޅިވަރެކޭ. އެއީ، ރާއްޖޭގެ ވަރަށް ގިނަ މީހުން ޝައުޤުވެރިވާ ކުޅިވަރެއް. ރާއްޖޭގެ ޒުވާނުން ވަރަށް ގިނައިން ކުޅެމުންދާ ކުޅިވަރެއް. އަދި އެއީ، މާ ޚަރަދު ބޮޑު ކުޅިވަރެއްވެސް ނޫން. ކެރަމް ބޯޑަކާއި، ފޮތިބައެއް ހުރީމާ ވަރަށް ގިނަ ކުޅުންތެރިންނަށް ކުޅެވިދާނެ. އަދި އެއީ، މާބޮޑު މުސާރައެއް ދީގެން، މާ ތަޖުރިބާކާރު ކޯޗެއް ބޭނުންވާ ކުޅިވަރެއްވެސް ނޫން. ރަނގަޅު އުޞޫލުތަކެއް ދަސްކޮށްލައިގެން، އެ އުޞޫލުތަކުގެ މަތިން ޕްރެކްޓިސް ކުރަމުން ގެންދިޔައީމަ އޮންނާނީ ކުރިއަށް ދެވިފައި.
އެހެންވީމާ، މިހާ ފަސޭހަކޮށް ކުރިއަށްދެވެން އޮތް ކުޅިވަރެއްގައި، އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް، ކުރިއަށްދިޔުމަކީ، މާދަތި ކަމަކަށް ނުވާނެ. އެހެންނަމަވެސް، ކޮންމެ ކުޅިވަރެއްގައިވެސް ކުރިއަށް ދެވޭނީ، އެ ކުޅިވަރެއްގެ ބޭސް ނުވަތަ އެ ކުޅިވަރުގައި ބައިވެރިވާ ކުޅުންތެރިންގެ އަދަދު އެކަށީގެންވާ ގޮތަކަށް ގިނަކުރެވިގެން. އަޅުގަނޑަށް ހީވާގޮތުގައި، ކެރަމް ކުޅޭ ގިނަ މީހުން މިތިބެނީ މާލޭގައި. ރާއްޖެތެރޭގައި އަދި ކެރަމް މާކުރިއަށްދިޔަ ކަމަކަށް އަޅުގަނޑަކަށް އެނގިފައެއްނުވޭ. ބައެއް ރަށްރަށުގައި އުޅޭނެކަންނޭނގެ. އެހެންނަމަވެސް، މުޅި ރާއްޖެއަށް އަދި އެހާބޮޑަށް ފެތުރިފައި އޮތް ކުޅިވަރެއްހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ.
އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، މޯލްޑިވްސް ކެރަމް ފެޑެރޭޝަންގެ ފަރާތުން ރާއްޖެތެރެއަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެއީ، ވަރަށް ރަނގަޅު ކަމަކަށް ވާނެއޭ. ރާއްޖެތެރޭގެ ރަށްރަށުގައި ރާއްޖެތެރޭގެ ޒުވާނުން ކެރަމް ކުޅުމަށް މަގުފަހިކޮށްދެއްވުމަކީ، އެފެޑެރޭޝަނަށް ކުރެއްވިދާނެ ކަމެއް. ވަރަށް މަދު އަދަދަކަށް ފައިސާ ޚަރަދު ކުރައްވައިގެންވެސް އެކަން ކުރެވިދާނެކަންނޭނގެ. އެހެންވީމާ، އަޅުގަނޑު އެދެނީ، ރާއްޖޭގެ ކުޅިވަރާބެހޭ ވުޒާރާއިންނާއި އަދި މޯލްޑިވްސް ކެރަމް ފެޑެރޭޝަންގެ ފަރާތުން ރާއްޖެތެރެއަށް މިކުޅިވަރު ގެންދިޔުމުގައި އަދި މިހާރަށްވުރެ ބޮޑަށް ރާއްޖެތެރެއަށް މިކުޅިވަރު ތަޢާރުފް ކުރެއްވުމުގައި އަދި ރާއްޖެތެރޭގެ ކުޅުންތެރިން މިއަށް ޝައުޤުވެރިކުރުވުމުގައި އިތުރު ބާރެއް ލެއްވުން. އާދެ، އަޅުގަނޑުމެންގެ ކުޅުންތެރިންގެ ޢަދަދު ގިނަވެއްޖިއްޔާ، އަޅުގަނޑުމެންގެ ބޭސް ބޮޑުކުރެވިއްޖިއްޔާ، އޭގެތެރެއިން މޮޅު ކުޅުންތެރިން ފެނިގެންދާނެ. އެހެންވީމާ، އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.
ކެރަމަކީ އަޅުގަނޑުވެސް ކުރީއްސުރެ ކޮންމެވެސްވަރަކަށް ކުޅެމުން އައިސްފައިވާ ކުޅިވަރެއް. އެހެންވީމާ، އަޅުގަނޑަށް ފެނިފައި އޮތް، ކުޑަކުޑަ ވާހަކައެއްވެސް ދަންނަވާލަން މި ފުރުޞަތުގައި ބޭނުންވޭ. އެއީ، ރާއްޖޭގެ ކުޅުންތެރިން ކުޅޭގޮތާ ބެހޭގޮތުން. އަޅުގަނޑަށް މިހާތަނަށް ފެނިފައި އޮތްގޮތުގައި، ރާއްޖެތެރޭގެ ހަމަ ހުރިހާ ކުޅުންތެރިންވެސް މިކުޅެނީ މެދު އިނގިލިން. އެކަމަކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އަޅުގަނޑު ހިތުން ކުޅެނީ ޝަހާދަތް އިނގިލިން. ދެން އަޅުގަނޑަކަށް ނޭނގެ އޭގެ ސަބަބެއް. ކީއްވެގެންކަން މިހެން މިދިމާވަނީކީ، މިފަހަރު އަޅުގަނޑުމެން މި ދުށް މުބާރާތުގައިވެސް މުޅި ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާ، އަރިކި އޮރާޖް، އިންޑިޔާ މީހެއް، އޭނާ ކުޅުނު ތަން އަޅުގަނޑު ދުށީ ޝަހާދަތް އިނގިލިން. ވަރަށް މޮޅަށް ކުޅުނު ކުޅުންތެރިއެއް އެއީ. ދެންތިބި އިންޑިޔާ ކުޅުންތެރިންވެސް ކުޅެމުން ގެންދިޔައީ އެގޮތަށްހެން އަޅުގަނޑަށް ހީވަނީ. އެކަމަކު އަޅުގަނޑަށް ފެނުނު ތާނގައި ޝްރީލަންކާ ކުޅުންތެރިން ކުޅެނީ ރާއްޖޭގެ ކުޅުންތެރިން ކުޅޭގޮތަށް. ފަހަރެއްގައި ރާއްޖެއަށް ކެރަމް ތަޢާރުފުވެފައި މިވަނީ ޝްރީލަންކާއިން ކަމަށްވާތީ، އެގޮތަށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެން ދަސްވީކަމަށްވެސް ވެދާނެ. އެކަމަކު އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންގެ ކޮންމެ ކުޅިވަރެއްވެސް ކުޅެންވާނީ އެންމެ މޮޅަކަށް އެކުޅިވަރެއް އެކުޅޭ ބަޔަކު ކުޅޭގޮތަކަށޭ.
އެހެންވީމާ، އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން މިނުކުތާއާ ދޭތެރޭ ވިސްނާލައްވާފައި، އެގޮތަށް ޢަމަލުކުރެއްވުން އެއީ، ދެރަކަމަކަށް ނުވެ ހިނގައިދާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. ޚާއްޞަކޮށް، އަލަށް ދަސްކުރާ ކުދިން. އެހެންވީމާ، އެއީ އަޅުގަނޑަށް ފެނިފައި އޮތް ތަނެއްވީމަ ދަންނަވާލީ. އިންޑިޔާގެ ކުޅުންތެރިންގެ އިތުރަށް، ބައެއް އެހެން ތަންތާނގައިވެސް ކެރަމް ކުޅޭތަން ވަނީ އަޅުގަނޑު ދެކެފައި. އެތަންތާނގައިވެސް ގިނަ ކުޅުންތެރިން ޝަހާދަތް އިނގިލިން ކުޅޭތަން އަޅުގަނޑަށް އޮތީ ފެނިފައި، އެހެންވީމާ، ދެން މިއީވެސް އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ވިސްނާލަންޖެހޭ ނުކުތާއެއްހެން ހީވާތީ ދަންނަވާލީ.
އާދެ، ދެން ކޮންމެއަކަސް މިރޭ އަޅުގަނޑު މިތަނަށް އައިސް، ރާއްޖެއަށް ކެރަމްގެ ރޮނގުން ކާމިޔާބީތައް ހޯދައިދިން ކުޅުންތެރިންނާ ބައްދަލުކޮށް، އެކުދިންނަށް ޚާއްޞަ ޢިނާމުތަކެއް ދިނުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. އަދި ހަމައެއާއެކުގައި، ރާއްޖޭގެ ކެރަމް ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކޮށް އަދި ކެރަމަށް ޝައުޤުވެރިވާ ޒުވާން ކުޅުންތެރިންނާ ބައްދަލުކޮށް، މިވާހަކަ ދައްކާލުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު އެދެނީ، އެހުރިހާ ފަރާތްތަކަކަށްވެސް އިތުރު ކާމިޔާބީއަށް. އާދެ، ކުޅިވަރު ތަރައްޤީ ކުރައްވަން މަސައްކަތް ކުރައްވާ ރަސްމީ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކަށް އިތުރު ކާމިޔާބީއަށް އެދެން. ހަމަ އެފަދައިން، ރާއްޖޭގެ ކުޅުންތެރިންނަށް، އެކުޅުންތެރިން އެކުޅެނީ ކޮންމެ ކުޅިވަރެއް ކަމުގައިވިޔަސް، ފުޓްބޯޅަ ކަމުގައިވިޔަސް، ޓެނިސް ކަމުގައިވިޔަސް، ޓޭބަލްޓެނިސް ކަމުގައިވިޔަސް ނުވަތަ ކެރަމް ކަމުގައިވިޔަސް، ރާއްޖޭގެ ހުރިހާ ކުޅުންތެރިންނަށްވެސް މިފުރުޞަތުގައި އަޅުގަނޑު މަރުޙަބާ ކިޔަން. އަދި އެ ހުރިހާ ކުޅުންތެރިންނަށް މިއަދަށްވުރެ ހުރިހާ ގޮތަކުންވެސް އުފާވެރި އަދި ކާމިޔާބުން ފުރިގެންވާ މާދަމާއަކަށް އެދެން.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ، އަދިވެސް އެއްފަހަރު، މިރޭ އަޅުގަނޑަށް އާދެވުނު ކަމަށްޓަކައި އުފާ ފާޅުކުރަމުން. އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރަށާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަދި މޯލްޑިވްސް ކެރަމް ފެޑެރޭޝަންގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރަށާއި، ކެރަމް ފެޑެރޭޝަންގެ ހުރިހާ އޮފިޝަލުންނަށާއި އަދި ހުރިހާ ކުޅުންތެރިންނަށް އުފަލާއެކު މަރުޙަބާ ކިޔަމުން.
والسّلام عليكم ورحمـة اللّـه.