بســم اللّـه الرّحمـن الرّحيــم
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه
މިރޭ އަޅުގަނޑުގެ އެންމެ ފުރަތަމަ އުފަލަކީ، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި، އެކުދިންނާއެކު ވަޑައިގެންނެވި އޮފިޝަލުންނަށާއި އަދި ރާއްޖޭގެ ކުޅިވަރާ ބެހޭ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، އެބޭބޭފުޅުންގެ އަނބިއަނބިކަނބަލުންނަށް އާ އަހަރުގެ ތަހުނިޔާއާއި މުބާރިކްބާދީ ދެންނެވުން. އަޅުގަނޑު އެދެނީ މިއަދު މިފެށުނު އާ އަހަރަކީ، ރާއްޖޭގެ ކުޅިވަރަށް ވަރަށް ފާގަތި، ހުރިހާ ގޮތަކުންވެސް ކާމިޔާބު ލިބޭ އަހަރަކަށްވުން.
އާދެ، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ އަޅުގަނޑުމެންގެ ޤައުމީ ފުޓްބޯޅަ ޓީމު، ފަސްވަނަ ސާފް ގޭމްސްގައި އެ ހޯދި ކާމިޔާބީއަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި، ޓީމުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން. އާދެ، ރާއްޖޭގެ ހުރިހާ ރައްޔިތުން އަޅުގަނޑުމެންގެ ފުޓްބޯޅަ ޓީމަށް މަރުޙަބާ ކިޔަނީ، ވަރަށް ބޮޑު އުފަލަކާއި، ހިތްހަމަޖެހުމަކާ އެކީގައި. އެއީ، އެ ޓީމު ރާއްޖެއަށް މިފަހަރު އެ ހޯދައިދިން މަތިވެރި ކާމިޔާބީއަށްޓަކައި. އެ ހޯދައިދިން ރީތި ނަމަށްޓަކައި. އަޅުގަނޑު ޓީމުގެ ކުޅުންތެރިންނާ ކޮޅުނބުގައި ބައްދަލުކޮށް ވާހަކަ ދެއްކިއިރު، އަޅުގަނޑު ހިތަށްވެސްނާރާފަދަ ފުރިހަމަ ކާމިޔާބީތަކެއް، ޓީމު މިއަދު ވަނީ ހޯދާފައި.
ޝައްކެއްނެތް، ފުޓްބޯޅައަކީ މިއަދު ދުނިޔޭގައި ވަރަށް މުހިންމުކަން ދެވޭ ކުޅިވަރެއް. އެކުޅިވަރުގައި ކުރިއަށްދިޔުމަކީ، ކުރިއަށްދާ ޤައުމަކަށް ވަރަށް ބޮޑު ޝަރަފެއްވެސް ލިބޭ ކަމެއް. އެހެންކަމުން، އަޅުގަނޑުމެންގެ ރާއްޖެ ހުރިހާ ދާއިރާއެއްގައިވެސް ކުރިއަށްދާއިރު، ފުޓްބޯޅައިގެ ދާއިރާގައިވެސް ކުރިއަށްދިޔުމަކީ ޝައްކެއްނެތްގޮތުގައި، ޤައުމަށް ވަރަށް ބޮޑު ފަޚްރެއް ލިބޭނެ ކަމެއް. އާދެ، ކުޅިވަރުގެ ހުރިހާ ދާއިރާއެއްގައިވެސް ކުރިއަށްދިޔުމަކީ ބޭނުންކަމެއް. ހަމައެކަނި ފުޓްބޯޅައެއް ނޫން. ރާއްޖޭގައި ތަފާތު ގިނަ ކުޅިވަރުތައް މިހާރު ދަނީ ކުޅެވެމުން. އެއިން ކޮންމެ ކުޅިވަރެއްގައިވެސް ކުރިއަށްދިޔުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ރީތިނަމެއް ލިބޭނެ ކަމެއް. އެހެންނަމަވެސް، ރާއްޖޭގެ ގިނަމީހުން ތަރުޙީބުދޭ ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވެފައި، އަދި އަޅުގަނޑުމެންނަށް އެދެވޭ ކާމިޔާބީތަކެއް، ފަހަކަށްއައިސް މިހޯދެނީވެސް ފުޓްބޯޅައިގެ މައިދާނުގައި ކަމަށްވާތީ، ފުޓްބޯޅައަށް ޚާއްޞަގޮތެއް ބެހެއްޓެނީ.
އާދެ، މިފަހަރުގެ ސާފް ގޭމްސްގައި އަޅުގަނޑުމެންގެ ޤައުމީ ޓީމު ވަރަށް ރީތި ކުޅުމެއް އަޅުގަނޑުމެންނަށް ދައްކައިދިން. އަޅުގަނޑު ކުރިންވެސް ބުނެފައިވާ ފަދައިން، އަޅުގަނޑުމެން މިއުފާކުރަނީ ހަމައެކަނި އެޓީމަށް ކާމިޔާބީތަކެއް ލިބުނީމަކާ ނޫން. އޭގެ އިތުރުން، އެޓީމު އެދެއްކި ރީތިގޮތް. އަޅުގަނޑުމެންގެ ރާއްޖެ ތަމްސީލުކޮށްދިން ރީތިގޮތް ފެނިފައި، އެންމެންވެސް ވަރަށް ބޮޑަށް އުފާކުރޭ. ފަންނީގޮތުން ބަލާއިރު، ޓީމުގެ ކުޅުން ވަރަށް މޮޅު ކަމަށް އަޅުގަނޑަށް ދެންނެވޭނީ. އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންވެސް އެކަމަށް ހެކިވެވަޑައިގަންނަވާނެ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ކޮށްގެން، ވަރަށް ރަނގަޅު ފެންވަރަކަށް އެމީހުންގެ ހުނަރުވެރިކަން ވަނީ ގެންގޮސްފައި. އެކަން އަޅުގަނޑުމެންނަށް ފެނުނު މެޗްތަކުން ވަރަށް ރަނގަޅަށް އެނގޭ. އޭގެ އިތުރަށް، އަޅުގަނޑުމެންގެ ކުޅުންތެރިން ކުޅުނީ ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން، ވަރަށް ރީތި ކުޅުމެއް.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަޅުގަނޑުމެން ބައްދަލުކުރި އެހެން ޓީމެއްގެ އެއްވެސް ކުޅުންތެރިޔަކަށް، އަޅުގަނޑުމެންގެ ކުޅުންތެރިއެއްގެ ފަރާތުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައެއް ނެތް. އަދި ޚާއްޞަކޮށް، ފައިނަލް މެޗްގައި އަޅުގަނޑުމެންގެ ކުޅުންތެރިންނާ ކުޅެން ދިމާވި ޓީމުގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އަނިޔާވެރި ކުޅުމެއް ކުރިމަތިވި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޓީމުގެ ކުޅުންތެރިން ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ކުޅެމުން ގެންދިޔައީ. އަޅުގަނޑުމެން ކުޅެންޖެހުނު ޓީމުގެ ކުޅުންތެރިންނަކަށް، އަޅުގަނޑުމެންގެ ޓީމުގެ އެއްވެސް ކުއްޖަކު އެއްގޮތަކަށްވެސް ޙަމަލައެއް ނުދޭ. ނޭދެވޭ އެއްވެސް ޙަރަކާތެއް ނުހިނގާ. އެއީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންނަށް ނަތީޖާއެއްގެ ގޮތުން މިހޯދުނު ކާމިޔާބީއަށްވުރެ، ދުނިޔޭގެ ކުރިމަތީގައި މާ މުހިންމު އަދި މާ މަތިވެރި ކާމިޔާބީއެއް.
އަޅުގަނޑު އެދެނީ މުސްތަޤްބަލުގައި، އަޅުގަނޑުމެންގެ ހުރިހާ ކުޅުންތެރިންވެސް، އެ ފެނިގެންދިޔަ ރީތި ރޫޙު ދައްކަމުން ގެންދިޔުން. ހުރިހާ ކުޅިވަރެއްގައިވެސް. ފުޓްބޯޅައިގައިވެސް އަދި އެނޫން ކުޅިވަރުތަކުގައިވެސް އަޅުގަނޑުމެން ކުޅެމުން ގެންދާނީ އަދި ގެންދަންވާނީ، ކުޅިވަރުގެ ރޫޙާއި، ކުޅިވަރުގެ އަޚްލާޤާ އެއްގޮތްވާ ގޮތުގެ މަތިން. ފަހަރެއްގައިވެސް، އަޅުގަނޑުމެން ދެރަވިޔަސް އަދި އަޅުގަނޑުމެން އެއްވެސް ކަހަލަ ބަދުނަޞީބަކާ ކުރިމަތިލާން ޖެހުނަސް، ނޭދެވޭ ޙަރަކާތެއް އަޅުގަނޑުމެންގެ ފަރާތަކުން ފެނިގެނެއް ނުވާނެ.
އާދެ، އަޅުގަނޑު އެންމެ ބޮޑަށް މިފަހަރު އުފާކުރި ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި މިކަމުގައި ޤައުމީ ރޫޙު ވަރަށް މަތިވެރި ދަރަޖައަކަށް އުފެދިގެންދިޔަކަން. އަޅުގަނޑުމެންގެ ޤައުމީ ޓީމުގައި ހިމެނެނީ، ރާއްޖޭގެ މަޝްހޫރު އެކިއެކި ކުލަބުތަކުގެ ކުޅުންތެރިން. ތަފާތު ކުލަބްތަކުގެ ކުޅުންތެރިން. އަދި އަޅުގަނޑުމެންގެ ތެރޭގައި މަދަރުސާއެއްގެ ޠާލިބަކުވެސްވޭ. މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިފައި ވަނީ މާލޭގައި ކުލަބްތަކުގެ މެދުގައި އޮންނަ ވާދަ، އެކަށީގެންވާ ވަރަށްވުރެ މައްޗަށް ގޮސްގެން، އަޅުގަނޑުމެންގެ ކުލަބެއްގެ ޓީމަކު، ބޭރު ޓީމަކާ ބައްދަލުކުރާ ދުވަހެއްގައިވެސް އަޅުގަނޑުމެންގެ އެކުލަބަށް ސަޕޯޓް ކުރާ މީހުން ނޫން ދެން ތިބި މީހުން ބޭރު ޓީމަށް ސަޕޯޓްކުރާ ތަން. ވަރަށް ހިތާމަހުރި ކަމެއް އެއީ. އެހެންނަމަވެސް، އެމަންޒަރުވެސް އަޅުގަނޑުމެންނަށް އޮތީ ފެނިފައި. އެއާ ޚިލާފަށް، މިއަދު އަޅުގަނޑުމެންގެ ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާ ބެހޭގޮތުން ޚިޔާލުކުރާއިރު، އެއްވެސް މީހަކު، މިވެނި ކުޅުންތެރިޔަކީ އެއީ، މިވެނި ކުލަބެއްގެ ކުޅުންތެރިޔެކޭ، އެހެން ކިޔާފައި އެ ވާހަކައެއް ނުދައްކާ. އެންމެންވެސް އެކަތިގަނޑަކަށް ވެގެން، އެއީ ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމެއްގެ ގޮތުގައި ބަލަމުން އައީ. އަދި ކުލަބްތަކުގެ ވާދަ އޮތް ތާނގައި ބާއްވާފައި، ޤައުމީ ރޫޙެއްގައި އަޅުގަނޑުމެންގެ ކުޅުންތެރިންވެސް މަސައްކަތް ކުރަމުން ގެންދިޔައީ. އަދި ދިވެހި ޓީމަށް ތާއީދުކުރާ، ސަޕޯޓް ކުރާ ހުރިހާ ދިވެހިރައްޔިތުންވެސް ހަމަ ޤައުމީ ކަމެއްގެ ގޮތުގައި މިކަން ބަލަމުން ގެންދިޔައީ. މިފެނިގެންދިޔަ އާ ރޫޙު ދެމެހެއްޓުމަކީ، އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރި ކަމެއް.
ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް މިހެން ދިމާވެފައި އެބަހުރި. އަޅުގަނޑު މިސާލެއް ދަންނަވަންޏާ ދަންނަވާނީ، މިޞްރު. މިޞްރުގެ ކަންތައްތައް ތަންކޮޅެއް ބޮޑަށް އަޅުގަނޑަށް އެނގޭތީކަންނޭނގެ. އެއީ، އެތާނގައިވެސް ފުޓްބޯޅައިގެ ވާދަ ވަރަށް ބޮޑު. ވަރަށް މަޝްހޫރު ދެ ކުލަބެއް އަބަދުވެސް ވާދަކުރަމުން ގެންދަނީ. ހަމަ މި ރާއްޖޭގައި ކުރިން ފެނުނުހެން، އެ ދެ ކުލަބުންކުރެ އެއް ކުލަބަކުން ބޭރުގެ ކުލަބަކާ ކުޅޭ ދުވަހެއްގައި، އަނެއް ކުލަބްގެ ސަޕޯޓަރުން ތިބޭނީ ބޭރު ޓީމަށް ތާއީދުކުރާ ގޮތެއްގައި. އެމީހުންގެ އަމިއްލަ ޤައުމުގެ އަނެއް ކުލަބްގެ ކުޅުންތެރިންނަށް މަލާމާތްކުރާ ގޮތެއްގައި. އެހެންނަމަވެސް، ދާދިފަހުން މި ބޭއްވުނު ވާރލްޑްކަޕްގެ ފައިނަލާ ހަމައަށް، މިދެންނެވީ ފައިނަލް ބުރާ ހަމައަށް މިޞްރަށް ދެވުމާ ގުޅިގެން އެކަންތައް މުޅިން ހުއްޓިގެން ދިޔައީ. މިޞްރުގެ އެންމެންވެސް، އެމީހުންގެ ޤައުމީ ޓީމުގެ ފަހަތުގައި ތިބި. އެމީހުންނަށް ވަރަށް ބޮޑަށް ސަޕޯޓްކޮށް، އެމީހުން ކުރިއެރުމަށް އުންމީދު ކުރަމުން ގެންދިޔައީ. އޭގެފަހުން، މިހާރު މިޞްރުގައި ކުޅެވޭ އާދައިގެ މެޗްތަކުގައިވެސް، ޤައުމީ ޓީމު ކުޅޭ މެޗަށް މީހުން އެމެޗް ބަލަންދާ ވަރަށް، އެއްކަލަ ކުރިން ދެންނެވި ޓީމުތަކުގެ މެޗްތައް ބަލާކަށް ނުދޭ. އަޅުގަނޑު ހިތުން އެއީ، ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އެތަނަށް އެއައީ. އެހެންވީމާ، އެބަދަލު އަޅުގަނޑުމެންގެ ރާއްޖެއަށް އައުމަކީވެސް އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަޅުގަނޑު ހިތުން މިއީ އޭގެ ފެށުން.
އާދެ، ޓީމުގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔައި، ތަހުނިޔާ ކިޔުމުގެ އިތުރަށް، އަޅުގަނޑު ބޭނުންވޭ، އަޅުގަނޑުމެންގެ ފުޓްބޯޅަ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. އެ ފަރާތްތަކަށް ވަރަށް މަތިވެރި ޝުކުރެއް ޙައްޤުވޭ. އޭގެތެރެއިން އެންމެ އިސް ފަރާތަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރު. އެމަނިކުފާނު ކުޅިވަރަށް ދެއްވާ އަހަންމިއްޔަތާއި، އަޅުގަނޑުމެންގެ ރާއްޖޭގައި ކުޅިވަރު ކުރިއަށް ގެންދެވުމަށް ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން، ސްޕޯޓްސް ޑިވިޜަންގެ ވެރިންނާއި އަދި ރާއްޖޭގެ އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި މެމްބަރުން ވަރަށް އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދެވުމަށްޓަކައި މަސައްކަތް ކުރައްވާ. ފުޓްބޯޅަވެސް އޭގެތެރޭގައި ހިމެނޭ. ހަމައެއާއެކީގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން، އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރުވެސް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން. އޭނާއަކީ ރާއްޖޭގެ ހުރިހާ ކުޅިވަރެއްވެސް ތަރައްޤީ ކުރެއްވުމަށްޓަކައި އަމިއްލަގޮތުން ރެޔާއި ދުވާލު، ވަރަށް މުރާލިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް. އެކަންވަނީ ދައުލަތުގެ ފަރާތުން މީގެކުރިން ދެފަހަރެއްގެ މަތިން މިހާރު ފާހަގަވެސް ކޮށްފައި. އެހެންވީމާ، އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރު އެކުރައްވާ މަސައްކަތަށް، މިފުރުޞަތުގައިވެސް އޭނާއަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އާދެ، ދެން އަޅުގަނޑުމެންގެ ޤައުމީ ޓީމު ތައްޔާރުކުރުމުގައި އެހީތެރިވެދެއްވި އެހެން ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަން. އޭގެތެރެއިން އެންމެ ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލާނީ އަޅުގަނޑުމެންގެ ކޯޗް، މިސްޓަރ މިކްލަސް ކެމަސްވަރީ. އޭނާއަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އާ ހުނަރުތަކެއް ދަސްކޮށްދެއްވައި، އެކުޅުންތެރިންގެ ފެންވަރު އެކަށީގެންވާ މަތީ ފެންވަރަކަށް ގެންދަވާފައިވާ ބޭކަލެއް. އެހެންވީމާ، ދިވެހި ސަރުކާރުގެ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަޅުގަނޑުމެންގެ ތަޖުރިބާކާރު ކޯޗަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، އަމިއްލަ ފަރާތްތަކުން އަޅުގަނޑުމެންގެ ޤައުމީ ޓީމަށް ވަރަށް މަތިވެރި އެހީތަކެއް ގެންދަވަނީ ވެދެއްވަމުން. އެކިއެކި އިނާމު ހުށަހަޅުއްވައި، ފައިސާގެ އެހީވެސް ވެދެއްވާ. އަދި އެހެން ގޮތްގޮތުންވެސް ވަރަށް ގިނަ ކަންތައްތައް މިހާރު ކޮށްދެއްވާ. އެއީވެސް އަޅުގަނޑުމެންނަށް މިހާރު ފެންނަމުންދާ ވަރަށް އުފާކުރުން އެކަށީގެންވާ މަންޒަރެއް. ދުނިޔޭގެ އެހެން ތަންތާނގައިވެސް އަމިއްލަ ފަރާތްތަކުން ކުޅިވަރު ތަރައްޤީ ކުރުމަށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާކަން އަޅުގަނޑުމެން ދަންނަމު. އެކިއެކި ބޮޑެތި މުބާރާތްތައް، އެކިއެކި ކުންފުނީގެ ނަންތަކުގައިވެސް މިހާރުދަނީ ކުޅެވެމުން. ވަރަށް ގިނަ ޢަދަދަކަށް އެފަރާތްތަކުން ފައިސާ ހޭދަކުރޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އަދި އެފަދަ ބޮޑެތި ކުންފުނިތައް ނެތުމާ އެކީގައި އަދި އެހާ މައްޗަށް ވިޔަފާރި ގެންދެވިފައިވާ ފަރާތްތަކެއްވެސް ނެތުމާ އެކީގައި، އަޅުގަނޑުމެންގެ ރާއްޖެއަށް އަމިއްލަ ފަރާތްތަކުން އެހާ ބޮޑެތި އެހީ އަދި ލިބެމުން ނުދިޔަ ކަމުގައިވިޔަސް، މުސްތަޤްބަލުގައި އަޅުގަނޑު ޔަޤީންކުރަނީ، އެފަރާތްތަކުގެ އެހީ ވަރަށް ބޮޑަށް ލިބެމުންދާނެ ކަމަށް. މިފަހަރުވެސް ވަރަށް ގިނަ ފަރާތްތަކަކުން ހަމަ ފައިސާގެ އެހީވެސް ވެދެއްވައިފި. އާދެ، އަލްފާޟިލް ޢަބްދުއްލަޠީފް ޙުސައިން މަނިކު، އަލްފާޟިލް ޤާސިމް އިބްރާހީމް އަދި އަލްފާޟިލް ކެނެރީ ޢަބްދުއްސައްތާރު. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިބޭބޭފުޅުން ފައިސާގެ ވަރަށް ދީލަތި އެހީތަކެއް ޓީމަށް ވެދެއްވި. އަދި މީގެއިތުރުން، އެކްސެލް އިންޖިނިއަރިންގ ސަރވިސްގެ ފަރާތުން މަސައްކަތް ކުރައްވައިގެން، ވަރަށް ގިނަ ޢަދަދަކަށް ފައިސާ އެއްކުރެއްވި ވާހަކަވެސް އަޅުގަނޑު އޮތީ އަހާފައި.
އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިއަދު ޓީމު މާލެ އައުމާ ގުޅިގެން، ވަރަށް ފުރިހަމަ ގޮތެއްގައި އެ ޓީމަށް އިސްތިޤްބާލުކޮށް، ވަރަށް ހޫނު މަރުޙަބާއެއް ކިޔުމުގެ ހުރިހާ ކަމެއް އިންތިޒާމު ކުރެއްވުމުގައި، އަމިއްލަ ފަރާތްތަކަކުން ވަރަށް ބުރަ މަސައްކަތްތަކެއް، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވި. ސަރުކާރުގެ ކަމާބެހޭ ފަރާތާ ގުޅިގެން. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ދަންނަވަން.
އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަމިއްލަ ފަރާތްތަކުގެ އެހީއަކީ، ކުޅިވަރު ކުރިއަށް ގެންދިޔުމުގައި ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. މިދޭތެރެއިން އަޅުގަނޑު ކޮޅުނބަށް ގޮސް ހުރި ހުރުމުގައި އަދި ސާފް ގޭމްސްގެ ފެށުން، އާދެ، އޭގެ އެންމެ ފުރަތަމަ ދުވަހު އެދަނޑުގައި އެދެއްކި ކުޅިވަރުތައް ބަލައިލުމަށްޓަކައި އެތަނަށް ދިޔުމުގެ އުފާ އަޅުގަނޑަށްވެސް ލިބުނު. އެތާނގައި ޝްރީލަންކާގެ ރައީސް އިންނެވި. އޭނާ އަޅުގަނޑާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި، ޝްރީލަންކާގެ އަމިއްލަ ފަރާތްތަކުން ކުޅިވަރަށް ވެދޭ އެހީގެ ވާހަކަ. "ސުގަތަ ދާތަ ސްޓޭޑިއަމް"، އެ ބޮޑު ސްޓޭޑިއަމްގެ، އޭގެ އިންޑޯބަޔާއި އަދި ބޭރުބަޔާ ދެބައި ހަދަން، އޭނާ ވިދާޅުވި ގޮތުގައި، 180 މިލިއަން ޝްރީލަންކާ ރުފިޔާ ޚަރަދުވި. އޭގެތެރެއިން ވަރަށް ބޮޑު ބައެއް އެއީ އޭނާ ވިދާޅުވި، ހަމަ އަމިއްލަ ފަރާތްތަކުން ވެދިން އެހީއޭ. ސަރުކާރުން އެކަމަށް ކުރި ޚަރަދު ވަރަށްކުޑައޭ. އެހެންވީމާ، އެއީ އެހެން ތަންތާނގައި އަމިއްލަ ފަރާތްތަކުން ޒުވާނުންނަށް އަދި ކުޅިވަރު ތަރައްޤީ ކުރުމަށް ވެދޭ އެހީ. މިއީ އަޅުގަނޑުމެންގެ ޒުވާނުންގެ އަހަރު. މިއަހަރު އަޅުގަނޑު އެދެނީ، ސަރުކާރުންވެސް އަދި އަމިއްލަ ފަރާތްތަކުންވެސް ޒުވާނުންނަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ބެހެއްޓެވުން. އަދި ޒުވާނުންގެ ކަންތައްތައް ތަރައްޤީ ކުރުމުގައި ވަރަށް ހިންމަތާ އެކީގައި، ޤައުމީ ރޫޙަކާ އެކީގައި މަސައްކަތް ކޮށްދެއްވުން. އޭގެތެރޭގައި، އެހީވެދެއްވަން ކެރިކުޅަދާނަވެގެންވާ ފަރާތްތަކުން އެހީވެދެއްވުމަކީ، އަޅުގަނޑު ހިތުން ހަމަ ބޭނުންތެރި ކަމެއް.
އާދެ، މިރެޔަކީ މާދިގު ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ގަސްދުކޮށްފައިވާ ރެއެއް ނޫން. އެހެންނަމަވެސް، މިރޭ އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތަކުގެ ބާވަތުން، ތަންކޮޅެއް ދިގުކޮށް ވާހަކަ ދެއްކުނީ.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެއަށް މިހޯދައިދިން ޝަރަފަށްޓަކައި އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔަމުން، މަރުޙަބާ ކިޔަމުން އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ފާގަތި މުސްތަޤްބަލަކަށް އެދެމުން. އަދި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަށްވެސް ކުޅިވަރުގެ މައިދާނުގައާއި އަދި އެހެނިހެން މައިދާންތަކުގައި މިހާރަށްވުރެ ކުލަގަދަ ކާމިޔާބީތަކެއް މުސްތަޤްބަލުގައި ޙާޞިލްވުން އެދެމުން.
والسّلام عليكم ورحمـة اللّـه و بركاته.