بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

އާދެ! މިރެޔަކީ، މިނިވަން ފަންސަވީހުގެ ނިމުން ފާހަގަކުރާ ރޭ. އެހެން ޢިބާރާތަކުން ދަންނަވާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ މިނިވަންކަމަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރާ އަހަރުގެ ނިމުން ފާހަގަވެގެންދާ ރޭ. މިނިވަން ފަންސަވީހަކީ، ވަރަށް ކުލަގަދަ ގޮތެއްގައި، ދިވެހި ސަރުކާރާއި ރައްޔިތުން ފާހަގަކުރަމުން އައިސްފައިވާ އަހަރެއް. މިނިވަން ފަންސަވީސް މިހާ އެކަށީގެންވާ ފުރިހަމަގޮތެއްގައި ފާހަގަކުރުމުގެ ބޭނުން ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ މިނިވަންކަމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުން. އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގެ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވަރުގަދަ ޤައުމީ ލޯތްބެއް އުފެއްދުން. އަދި ކުރިޔަށް އޮތް ތާނގައި އަޅުގަނޑުމެންގެ ޤައުމަށް އެއްވެސް ކަހަލަ ނުރައްކަލެއް ދިމާވެއްޖެނަމަ، އެނުރައްކަލަކުން އަޅުގަނޑުމެންގެ ޤައުމު ދިފާޢުކުރުމަށްޓަކައި އަޅުގަނޑުމެންގެ ޖާނާއިމާލުން ޤުރުބާންވުމަށް ތައްޔާރަށް ތިބުމަށްޓަކައި އިތުރު ޢަޒުމުތަކެއް ކަނޑައެޅުން. މިމުހިންމު މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި މިނިވަން ފަންސަވީސް އަޅުގަނޑުމެން މިފާހަގަކުރަނީ. މިނިވަން ފަންސަވީހުގެ އެންމެފަހު ރޭ މިރެއަކީ.

އާދެ، މިހާ ކުލަގަދަގޮތެއްގައި މިނިވަން ފަންސަވީސް ފާހަގަކުރެވިގެން މިދިޔައީ، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި، ދީލަތި އެހީ ލިބިގެން. އެ ފަރާތްތަކުގެ ނަންތައް ތަފްޞީލުކޮށް ނުދެންނެވި ކަމުގައިވިޔަސް، އޭގައި އިސްކޮށް އުޅުއްވި ބައެއް ފަރާތްތަކަށް ޙައްޤުވެގެންވާ ޝުކުރު އަދާކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑު މިރޭ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެންމެ ފުރަތަމަ، މިނިވަން ފަންސަވީހުގެ ކަންތައްތައް ރާއްވަވައި ހިންގެވުމަށް ސަރުކާރުން ޢައްޔަން ކުރި އިސްބޭފުޅުންގެ ކޮމިޓީގެ ބޭފުޅުން. އެކޮމިޓީގައި 8 ބޭފުޅަކު ތިއްބެވި. ސަރުކާރުގެ ވަރަށް މަތީ ފެންވަރުގެ 8 ބޭފުޅަކު. އެބޭފުޅުން މިނިވަން ފަންސަވީހާ ބެހޭ ހުރިހާ ކަމެއް އިންތިޒާމް ކުރައްވަވައި، ރާއްވަވައި، ހިންގަވައި އަދި ހިނގަމުންދާ ގޮތް ބަލަހައްޓަވަމުން ގެންގޮސްދެއްވި.

އާދެ، އޭގެ އިތުރުން، މިނިވަން ފަންސަވީހުގެ ކަންތައްތައް، މިދެންނެވި އިސްބޭފުޅުންގެ ކޮމިޓީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔުމަށްޓަކައި ޚާއްޞަ ޓާސްކްފޯހެއް ސަރުކާރުން އުފެއްދި. އެ ޓާސްކްފޯހުގައި 30 ބޭފުޅުން ހިމެނިވަޑައިގަންނަވާ. އެހެންވީމާ، އިސްބޭފުޅުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 8 ބޭފުޅުންނަށާއި، މި ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ 30 ބޭފުޅުންނަށް، މިއަދުގެ މި ރަސްމިއްޔާތުގައި މިނިވަން ފަންސަވީސް މިހާ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގައި އެބޭފުޅުންގެ ޚިދުމަތާއި، އެއްބާރުލެއްވުމާއި، މިންނެތް މަސައްކަތް ލިބިފައިވާލެއް ބޮޑުކަމުން، އެބޭފުޅުންނަށް ޝުކުރާއި ތަޢުރީފު ރައްދުކުރުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް. ހަމައެއާއެކު، މިނިވަން ފަންސަވީސް ފާހަގަކުރުމުގައި ދިވެހި ރައްޔިތުން ކުރެއްވި ބުރަ މަސައްކަތްވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ.

ޝައްކެއްނެތް، މިނިވަންކަމަކީ ނުވަތަ ޤައުމީ މިނިވަންކަމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއް. އެނިޢުމަތުގެ އަހުލުވެރިންނަކީ، ދިވެހި ރައްޔިތުން. އެންމެން. އެކަން ދިވެހިރައްޔިތުން ދަނޭ. އެކަމަށް ދިވެހިރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްވަނީ ކޮށްފައި. އެހެންވީމާ، މިނިވަން ފަންސަވީސް މިހާ އެކަށީގެންވާ މަތިވެރި ގޮތެއްގައި ފާހަގަވެގެންދިޔުމުގެ އެންމެ ބޮޑު ސަބަބަކީ، ދިވެހި ރައްޔިތުން އެކަމަށް ކުރެއްވި އަގުހުރި މަސައްކަތް ކަމުގައިވާތީ، ދިވެހި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ލޯތްބާ އެކީގައި، މިރޭގެ މުނާސަބަތުގައި ޝުކުރާއި ތަޢުރީފާއި މުބާރިކްބާދީ ރައްދުކުރަން.

އާދެ! ކުރިން ދެންނެވި އިސްބޭފުޅުންގެ ކޮމިޓީއާއި، ޓާސްކްފޯހުގެ ބޭފުޅުންގެ އިތުރަށް، ސަރުކާރުގެ ވަރަށްގިނަ މިނިސްޓްރީތަކާއި އޮފީސްތައް މިކަމުގައި ބައިވެރިވެވަޑައިގެން ދެއްވި. އާދެ، އަޅުގަނޑަށް ދަންނަވަން ޖެހެނީ، މިކަމުގައި ބައިވެރިވެވަޑައިގެން ނުދެއްވާ ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއް، އެއްވެސް އޮފީހެއް ނެތޭ. އެއޮފީހަކީ މާލޭގައި ހުރި އޮފީހެއް ކަމުގައިވިޔަސް، ރާއްޖެތެރޭގައި ހުރި އޮފީހެއް ކަމުގައިވިޔަސް. އެހެންވީމާ، އެއީވެސް ވަރަށް ޚާއްޞަގޮތެއްގައި މިރޭ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް. މާލޭގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ރާއްޖެތެރޭގައި ހުރި ސަރުކާރުގެ އޮފީސްތަކަށް، އާދެ، އަތޮޅުއޮފީސްތަކަށާއި، ރަށްރަށުގެ ރަށު އޮފީސްތަކަށާއި، ރާއްޖެތެރޭގައި ހުރި ތަޢުލީމީ މަރުކަޒުތަކަށާއި، ޞިއްޙީ މަރުކަޒުތަކަށާއި، މިހެންގޮސް ސަރުކާރުގެ ޚިދުމަތުގައި އަދި ރައްޔިތުންގެ ޚިދުމަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިދެންނެވި ފަރާތްތަކުގެ އިތުރުން، އަމިއްލަ ޖަމުޢިއްޔާތަކާއި، ކުލަބުތަކާއި، އަމިއްލަ މަދަރުސާތައްވެސް މިނިވަން ފަންސަވީހުގެ ކަންތައްތަކުގައި ވަރަށް ބޮޑު ބައެއް ޙިއްޞާ ކުރެއްވި. މާލޭގެ އަވަށްތަކުންވެސް އަދި ޢާންމު ރައްޔިތުންވެސް. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށް ޖުމްލަގޮތެއްގައި މިނިވަން ފަންސަވީސް ނިމިގެން ދިޔުމުގެ މުނާސަބަތުގައި، އެހުރިހާ ފަރާތްތަކަކުން އެކުރެއްވި ބުރަ މަސައްކަތާއި، އެކުރެއްވި ހިންމަތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވަން.

އާދެ، މިއަހަރު އަޅުގަނޑުމެން ފާހަގަކުރަމުން މިދިޔައީ، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން. އެހެންވީމާ، ބަރާބަރު 365 ދުވަސް، މިނިވަން ފަންސަވީހުގެ އުފަލުގައި ވޭތުވެގެން ހިނގައްޖެ. މީގެ ތެރޭގައި، ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ވަނީ ކުރެވިފައި. އެކުރެވުނު ކަންތައްތަކުގެ ލިސްޓް އެކީގައި ދަންނަވާލާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން. އެއީ، ވަރަށް ދިގު ލިސްޓެއް. އެހެންނަމަވެސް، އޭގެތެރެއިން ބައެއް ކަންތައްތައް ކުޑަގޮތަކަށް ނަމަވެސް ދަންނަވާލާނަމޭ އަޅުގަނޑު ހިތަށްއަރާ.

އާދެ، މިނިވަން ފަންސަވީސް ފެށުނީ، މީގެ ބަރާބަރު އެއް އަހަރު ކުރިން. 1989 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގެ 8:00 ގައި. އަޅުގަނޑު ޤައުމާ މުޚާތަބުކޮށް މިނިވަން ފަންސަވީހުގެ ވާހަކަ ދެންނެވި ވާހަކައިން ފެށިގެން. އެހިސާބުން މިނިވަން ފަންސަވީހުގެ ކަންތައްތައް ފެށިގެން ދިޔައީ. އޭގެފަހުން، ވަރަށް ގިނަ ކަންތައްތައް ހިންގިއްޖެ. މިނިވަން ފަންސަވީހުގެ މުނާސަބަތުގައި ޚާއްޞަ ސްޓޭމްޕެއް ނެރެވުނު. މިނިވަން ފަންސަވީހުގެ ދުވުން، މާލެއާއި ރާއްޖެތެރޭގައި މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ބޭއްވުނު. މިނިވަންކަމަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބަތުގައި، ސަރުކާރުން ނެރުނު ހަނދާނީ ކޮއިނެއް (ފައިސާ ފޮއްޗެއް) ނެރެވުނު. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، އަތޮޅުދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނު. މިނިވަން ފަންސަވީހާ ގުޅޭގޮތުން ޓީ.ވީ. މޯލްޑިވްސްގެ ފަރާތުން ސްކޫލް ކުދިންގެ ލަވަ މުބާރާތެއް ބޭއްވި. އަދި ސީދާ މިނިވަން ފަންސަވީހާ ނުގުޅުނު ކަމުގައިވިޔަސް، މިއަހަރުގެ ތެރޭގައި ރާއްޖޭގައި ފަސްވަނަ ސާރކް ސަމިޓްވެސް ބޭއްވިގެން ހިނގައްޖެ. އަދި މިނިވަން ފަންސަވީހުގެ ކޮންމެ މަހަކަށް ވަކި ޝިޢާރެއް ކަނޑައަޅައިގެން، އެޝިޢާރުތަކުގެ ވާހަކަ އަދި އެޝިޢާރުތަކުގައި އެބުނާ އެއްޗެއް އަޅުގަނޑުމެންގެ ޅަކުދިންނަށާއި، ޒުވާނުންނަށާއި، ރައްޔިތުންގެ އެންމެންނަށް ވިސްނައިދީ ހެދޭތޯ މަސައްކަތްތަކެއް ކުރެވުނު. އޭގެތެރޭގައި، މާލޭގެ އެތަންމިތާނގައި އަދި ރާއްޖެތެރޭގައިވެސް މިޝިޢާރު ލިޔެފައިވާ ބޯޑުތަކެއް ބެހެއްޓުން ހިމެނޭ. ޝިޢާރާ ބެހޭގޮތުން ސްކޫލްތަކުން ތައްޔާރުކުރި ތަމްސީލު ޝޯތަކެއް ޓީ.ވީ.އިން ފޮނުވުނު. ދިވެހިރާއްޖޭގެ އަޑުންވެސް އެކަމާ ބެހޭ ތަމްސީލުތަކެއް ފޮނުވުނު. އެކިއެކި ޕްރޮގްރާމްތައް ފޮނުވުނު.

މިދެންނެވި ޝިޢާރުތައް އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްތަކަށް ވައްދައިދީ، އޭގައި އެބުނާ އެއްޗެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެނައުމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑަށް ދަންނަވަން ޖެހެނީ، "ރިވެތި އަޚްލާޤު އާލާކުރެވެނީ ރިވެތި މިސާލުން" ކަމުގައި އަޅުގަނޑުމެން ޤަބޫލުކޮށްފީމުއޭ. "އެކުވެރިކަމަކީ ގަދަފަދަ ބާރެއް" ކަމުގައި އަޅުގަނޑުމެން ބަޔާންކޮށްފީމުއޭ. "ޢާއިލާގެ އެއްބައިވަންތަކަމަކީ ޖަމާޢަތުގެ ކުރިއެރުން" ކަމުގައި އަޅުގަނޑުމެން ހާމަކޮށްފީމުއޭ. "އިސްލާމީ ޢަޤީދާއަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބިންގާ" ކަމުގައި އަޅުގަނޑުމެން ދެނެގެންފީމުއޭ. "މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ހަރުދަނާ މައިންބަފައިން" ކަމުން ކުޑަކުދިންނަށް ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެން އިޙްސާސްކޮށްފީމުއޭ. "ތިމާވެށި ރައްކާތެރިކުރުމަކީ އެންމެންގެ މަސްއޫލިއްޔަތު" ކަމުގައި އަޅުގަނޑުމެން އެކަށައަޅައިފީމުއޭ. "މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް" ދެމެހެއްޓުމުގެ ޢަޒުމް އަޅުގަނޑުމެން ކަނޑައަޅައިފީމުއޭ. "ހަށިގަނޑުގެ ކަސްރަތަކީ ފުރިހަމަ ޞިއްޙަތަށް" މަގުފަހިކޮށްދޭ ކަމެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކޮށްފީމުއޭ. "ގަޑިއަށް ފަރުވާ ބަހައްޓައި، ވަގުތުގެ އަގު ވަޒަންކުރާ" ބަޔަކު ކަމުގައި ވުމުގެ ހިތްވަރު އަޅުގަނޑުމެން ލިބިގެންފީމުއޭ. "ޙަޤީޤީ މިނިވަންކަމަކީ ޤައުމީ ފުދުންތެރިކަން" ކަމުގައި އަޅުގަނޑުމެން ކަނޑައަޅައިފީމުއޭ. "އިޙްތިރާމު ކުރުމަކީ އިޙްތިރާމް ލިބިގަތުމުގެ" ވަސީލަތް ކަމުގައި އަޅުގަނޑުމެން އެކަށައަޅައިފީމުއޭ. އަދި "މާދަމާއަށް ރައްކާކުރުމުގެ" މުހިންމުކަން އަޅުގަނޑުމެން ދެނެގެންފީމުއޭ.

ޝައްކެއްނެތް، މި މުހިންމު އުޞޫލުތަކާ ޝިޢާރުތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސް، އެ ޝިޢާރުތަކުގައި އެ ބުނާ އެއްޗެއް، އަޅުގަނޑުމެންނަށް ޤަބޫލުކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ދާނީ ކުރިޔަށް. އަޅުގަނޑުމެން އެންމެން އުންމީދުކުރާ މަތިވެރި ތަރައްޤީ، ދިވެހިރާއްޖެއަށް ލިބެމުންދާނެ.

އާދެ، މި މުހިންމު އަހަރުގެ ނިމުން ފާހަގަވެގެން މިދަނީވެސް ވަރަށް ކުލަގަދަ ގޮތެއްގައި. މިރޭގެ މިޖަލްސާގައި އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ވަރަށް އެކަށީގެންވާ އައިޓަމްތަކެއް. އޭގެތެރޭގައި، 1990 ވަނަ އަހަރުގެ ޢާންމު ޚިދުމަތުގެ އިނާމު ދިނުން ހިމެނޭ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަ ޠާލިބުން އެކުރި ހިންމަތުގެ އަގުވަޒަންކުރުމުގެ މަންޒަރެއްވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އާދެ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން. މި އަހަރުގެ ޢާންމު ޚިދުމަތުގެ އިނާމު ހާސިލުކުރެއްވި ހުރިހާ ފަރާތްތަކަކަށް އިޚްލާސްތެރިކަމާއެކު މުބާރިކްބާދީއާއި ތަހުނިޔާ ދެންނެވުން. ހަމައެފަދައިން، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ނަން، ބޭރު ދުނިޔޭގައި އުފުއްލަވައި ދެއްވި އަޅުގަނޑުމެންގެ ހިންމަތްތެރި ޠާލިބުންނަށްވެސް، އެބޭފުޅުންނަށް ޙައްޤުވާ ޝުކުރާއި މުބާރިކްބާދީ ރައްދުކުރުން.

އަޅުގަނޑުމެންގެ ދިވެހިންނަކީ، އަޅުގަނޑަށް ފަޚުރުވެރިކަމާއެކު ދަންނަވަން ޖެހެނީ ވަރަށް ވިސްނުންތޫނު ޤާބިލް ބައެކޭ. ރާއްޖެއިން ބޭރަށް އެކިއެކި ކޯސްތަކުގައި ދާ ދިވެހިކުދިން އެ ހާމަކޮށްދެނީ އެކަންތައް. ދިވެހިރާއްޖެއިން އެކި ކަންކަމަށް ދާ ކުދިން އެ ހޯދާ މަތިވެރި ކާމިޔާބީ އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަންޖެހޭނެ ކަމެއް. ކޮންމެ ތަނަކަށް ދިޔަ ކަމުގައިވިޔަސް، ކޮންމެ ކަހަލަ ކޯހެއްގައި ބައިވެރިވިޔަސް، އަޅުގަނޑުމެންގެ ތެރެއިން ގަދައަޅައި މަސައްކަތްކުރާ މީހަކުނަމަ، އެކޯހަކުން އައީހީ ހަމަ އެއްވަނައަށް. އައިސްފައި ހުންނަނީވެސް އެއްވަނައަށް. މިއީ، ދިވެހިރާއްޖެއަށް ވަރަށް ބޮޑު ފަޚުރެއް، ބޭރު ދުނިޔޭގައި ލިބެމުންދާ ކަމެއް. އެހެންވީމާ، މިއީ، އަޅުގަނޑު ވަރަށް އުފަލާއެކު އަދި ފަޚުރުވެރިކަމާއެކު ފާހަގަކޮށްލާ ކަމެއް. އަޅުގަނޑު އެދެނީ އެހުރިހާ ޠާލިބުން، އެމީހުން ތަޢުލީމު ހާސިލުކޮށް ނިމިގެން ރާއްޖެއަށް އައިސް، ރާއްޖެއަށް ޚިދުމަތް ކުރުމުގައިވެސް އެހާ މަތިވެރި ނަމޫނާއެއް އަޅުގަނޑުމެންނަށް ދެއްކުން.

އާދެ، ދެން މިރޭގެ އެންމެ ޚާއްޞަ ކަމަކަށް ފެނިގެން މިދިޔައީ، މިނިވަން ފަންސަވީހުގެ ޢާންމު ޚިދުމަތުގެ އިނާމު ދިނުން. މިނިވަން ފަންސަވީހުގެ ޢާންމު ޚިދުމަތުގެ އިނާމު ދެވިފައި މިވަނީ ވޭތުވެދިޔަ ފަންސަވީސް އަހަރަށް ބެލުމަށްފަހުގައި. އެ ފަންސަވީސް އަހަރުގެ ތެރޭގައި ނުވަތަ އެފަންސަވީސް އަހަރުގެ ބޮޑު ބައެއްގައި މުޅި ދިވެހިރާއްޖެއަށް ނުވަތަ ރާއްޖޭގެ ބޮޑު ބަޔަކަށް ފާހަގަކޮށްލެވޭ ކަހަލަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުންނަށް އެ އިނާމު ދިނުމަށް ޚާއްޞަ ކުރެވުނު ނަންބަރެއް އެއީ. އެކަމަށް ހޮވުނު ބޭފުޅުންނަކީ، ދިވެހިރާއްޖެއަށް ދިގު މުއްދަތެއްގެ ތެރޭގައި، އާދެ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ މިވީ ފަންސަވީސް އަހަރު ދުވަހުގެ ތެރޭގައި ނުވަތަ އެއިން ބޮޑު ބައެއްގައި މުޅި ޤައުމަށް ނުވަތަ ޤައުމުގެ ބޮޑުބަޔަކަށް އެކަށީގެންވާ، ފާހަގަކުރެވޭ ކަހަލަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުން.

އާދެ، މިބޭފުޅުން ހޮވުމަކީ، އެއްގޮތަކަށްވެސް ފަސޭހަކަމަކަށްނުވި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު އެ ފަންސަވީސް އަހަރެއް ނުދެކެން. އަޅުގަނޑު ރާއްޖެ އައީ މީގެ އޮނަވިހި އަހަރު ކުރިން، އެހެންވީމާ، ފަންސަވީސް އަހަރު އެކީގައި އަޅުގަނޑަކަށް ފެނިފައެއް ނެތް. އެހެންކަމާއެކު، އަޅުގަނޑު ޤަޞްދުކުރީ، މިބޭފުޅުން ހޮވުމުގައި، އެ ފަންސަވީސް އަހަރު އެކީގައި ދެކެވަޑައިގެން ތިއްބެވި ޤާބިލް ބޭފުޅުންކޮޅެއްގެ މަޝްވަރާ ހޯދަން. އެގޮތުން، އަޅުގަނޑު އެބޭފުޅުންނަށް ދެންނެވީ، އެއިން ކޮންމެ ބޭފުޅަކަށްވެސް ފެނިވަޑައިގަންނަވާ ނަންތަކެއް ހުށަހަޅުއްވައިދެއްވަން.

އާދެ، އެބޭފުޅުން ވަރަށް އިޚްލާޞްތެރިކަމާއެކު އެމަސައްކަތް ކޮށްދެއްވި. ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ނަންތަކެއް އަޅުގަނޑަށް ހުށަހަޅުއްވައިދެއްވި. އެ ލިސްޓް ވަރަށް ދިގު. އެހެންނަމަވެސް، އަޅުގަނޑަށް ފެނުނީ އެބޭފުޅުން ވަކިވަކީން އެފޮނުއްވައި ދެއްވި ލިސްޓަށް ޢަމަލުކުރުމުގެ ބަދަލުގައި، އަނެއްކާވެސް ފަންސަވީސް އަހަރު އެކީގައި ދެކެވަޑައިގެންފައި ތިއްބެވި ބޭފުޅުންގެ ޖަލްސާއެއް ބާއްވައިގެން، އެ ނަންތަކާ ދޭތެރޭގައި އެޖަލްސާގައި މަޝްވަރާ ކޮށްގެން، މިނިވަން ފަންސަވީހުގެ އިނާމު ޙައްޤުވާ ފަރާތްތައް ހޮވަން. އާދެ، އެ މަސައްކަތްވެސް އަޅުގަނޑު މިދެންނެވި ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވި ހުރިހާ ބޭފުޅުން ވަރަށް ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާ އެކީގައި ކޮށްދެއްވި. އެބޭފުޅުން ބެއްލެވި އުޞޫލަކީ، ކުރިންވެސް ދެންނެވި ފަދައިން، މި އިނާމަށް ހޮވޭ ބޭފުޅުންނަކީ، މި ވޭތުވެދިޔަ ފަންސަވީސް އަހަރު ދުވަހުގެ ތެރޭގައި އެކީގައި ނުވަތަ އެ މުއްދަތުގެ ބޮޑު ބައެއްގައި މުޅި ރާއްޖެއަށް ނުވަތަ ރާއްޖޭގެ ބޮޑު ބަޔަކަށް ފާހަގަކޮށްލެވޭ ކަހަލަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުން ކަމުގައިވުން.

އާދެ، މި އުޞޫލުތަކަށް ބައްލަވައިގެން، އެބޭފުޅުން ހޮއްވެވި ލިސްޓްގައިވެސް ހިސާބަކަށް މައްސަލަ ހުރި. އޭގެތެރެއިން އެއް މައްސަލައެއް ދަންނަވާލާނަން. އެއީ، އެ މައްސަލައިގައި އެބޭފުޅުންގެ ޚިޔާލު އަޅުގަނޑުގެ ޚިޔާލާ ވަރަށް ބޮޑަށް ތަފާތުވެފައިވާތީ. އެބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި، މިހާރު ވަޒީރުންގެ މަޤާމު އަދާކުރައްވާ ބޭފުޅުން މި ލިސްޓްގައި ހިމެނިގެނެއް ނުވާނެ. ސަބަބަކީ، މިހާރުގެ ވަޒީރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން މިދެންނެވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާތީ. އެހެންވީމާ، އެބޭފުޅުން ހިތްޕުޅުހަމައެއްނުޖެހުނު، އެބޭފުޅުން ނިންމަވާ ލިސްޓެއްގައި ނުވަތަ އެބޭފުޅުން ނިންމަވާ ލިސްޓެއްގެ މަތިން ސަރުކާރުން ޢަމަލުކުރާ ކުރުމުގައި އެބޭފުޅުންނަށް މީގެތެރެއިން އެއްވެސް އިނާމެއް ލިބުން. އެއީ، އެބޭފުޅުން މާ ހިތްޕުޅުހަމަޖެހޭ ކަމަކަށްނުވި. އެހެންނަމަވެސް، އަޅުގަނޑު ވިސްނާލީ ކަމުގެ ޙަޤީގަތަށް، އަޅުގަނޑު ހިތަށްއެރީ މިނިސްޓަރަކަށްވީތީ، ނުވަތަ ވަޒީރަކަށްވީތީ، އެބޭފުޅަކަށް ޙައްޤުވާ އިނާމު ނުދިނުމަކީ، އެ ބޭފުޅަކަށް ކުރެވޭ ބޭއިންޞާފެކޭ. ހަމައެފަދައިން އެއީ، ތާރީޚަށް އޮޅުވާލެވޭ އޮޅުވާލުމެކޭ. އަޅުގަނޑުމެން ތާރީޚަށް ތެދުވެރިވާން ޖެހޭނެ. ޚިދުމަތް ކޮށްފި މީހެއްގެ އަގު އަޅުގަނޑުމެން ވަޒަން ކުރަންޖެހޭނެ. އެމީހަކު އެ ޚިދުމަތްކުރީ މިނިސްޓަރެއްގެ މަޤާމުގައި ހުރެގެން ކަމުގައިވިޔަސް، ނުވަތަ ކާތިބެއްގެ މަޤާމުގައި ހުރެގެން ކަމުގައިވިޔަސް، ނުވަތަ ޢާންމު ރައްޔިތެއްގެ މަޤާމުގައި ހުރެގެން ކަމުގައިވިޔަސް، އެ ޚިދުމަތަކީ، އަޅުގަނޑުމެން ފާހަގަނުކޮށް ދޫކޮށްލައިގެން ވާނެ އެއްޗެއް ނޫން. އެހެންވީމާ، މިކަން އަޅުގަނޑު މިނިންމީ، އަޅުގަނޑުގެ އަމިއްލަ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން. އެކަމުގެ ޒިންމާ އަޅުގަނޑު އުފުލަން. އެއީ، ކުރިންވެސް މި ދެންނެވި ފަދައިން، މިހާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، މިނިވަން ފަންސަވީހުގެ އިނާމުތައް ހައްޤުވާ ފަރާތްތަކެއް ކަމުގައި ހިމެނިގެންދިޔަ ހިމެނުން.

އާދެ، ކޮންމެއަކަސް އަޅުގަނޑު ދަންނަވަން ޖެހެނީ، ރާއްޖެއަށް އެކަށީގެންވާ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުންގެ ޢަދަދު ވަރަށްގިނައޭ. އޭގެތެރޭގައި، މާލޭގެ ބޭފުޅުންނާއި، ރާއްޖެތެރޭގެ ބޭފުޅުން ވަރަށް ގިނަ ޢަދަދަކަށް ހިމެނޭ. ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅުން ހިމެނޭ. ޒުވާނުންނާއި، ހަރުމީހުންނާއި، މުސްކުޅިން ހިމެނޭ. މިއިން ކޮންމެ ބޭފުޅަކުވެސް އެކޮށްދެއްވީ ވަރަށް ބޮޑު ޚިދުމަތެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އާދެ، އެބޭފުޅުން އަޅުގަނޑުމެންގެ ޤައުމީ ޙަޔާތް މުއްސަނދި ކޮށްދެއްވައިފި. އެކި ރޮނގުރޮނގުން. ތަޢުލީމީ ރޮނގުން، ފިކުރީ ރޮނގުން، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ރޮނގުން، ޤާނޫނީ ރޮނގުން، ވިޔަފާރީގެ ރޮނގުން، މަސައްކަތްތެރި ކަމުގެ ރޮނގުން، ކުޅިވަރުގެ ރޮނގުން، މިޔުޒިކުގެ ރޮނގުން. މިހެން ގޮސް ޤައުމެއްގެ ޤައުމީ ޙަޔާތުގައި ފާހަގަކޮށްލެވޭ ކޮންމެ ރޮނގަކުން އެބޭފުޅުން އަޅުގަނޑުމެންގެ ޤައުމީ ޙަޔާތް މުއްސަނދި ކޮށްދެއްވައިފި. އެހެންވީމާ، އެބޭފުޅުން އެކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަން ކުރުމަކީ، އަޅުގަނޑު ހިތުން މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ނުކޮށް ދޫކޮށްލައިގެން ވާނެ ކަމެއް ނޫން. މިބޭފުޅުންނަށް މި އިނާމުތައް އެރުވުމުން އަޅުގަނޑު ޔަޤީންކުރަނީ، މުސްތަޤްބަލުގައި ދިވެހިރާއްޖެއަށް އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުންނަށް އިތުރު ހިތްވަރެއް ލިބިވަޑައިގަންނަވާނެ ކަމުގައި. އެއްވެސް މުވާޠިނަކު، އެއްވެސް ރައްޔިތަކު ޤައުމަށް ކުރާ ޚިދުމަތަކީ ޤައުމުގެ ރެކޯޑުން ނުވަތަ ޤައުމުގެ ޙަޔާތުން ފޮހެވިގެންދާނެ ޚިދުމަތެއް ކަމުގައި ވުމަކީ، ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫން. އެ ޚިދުމަތް ޖެހޭނެ އަޅުގަނޑުމެން ފާހަގަކުރަން. އެޚިދުމަތް ޖެހޭނެ، އޭގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން. އާދެ، އެމުހިންމު މަޤްޞަދު ޙާޞިލްކުރުމަށްޓަކައި މިދެންނެވި މިނިވަން ފަންސަވީހުގެ އިނާމުތައް މިރޭ މި އެކަމުގެ ޙައްޤުވެރި ބޭފުޅުންނަށް ބަހާލެވުނީ.

މިނިވަން ފަންސަވީހުގެ ޢާންމު ޚިދުމަތުގެ އިނާމު ތަޢާރުފް ކުރެއްވުމުގައި، އަލްފާޟިލް ޢައްބާސް އިބްރާހީމް އެވިދާޅުވި ފަދައިން، މިކަހަލަ ކަންކަމުގައި މީހުންގެ ޚިޔާލު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް. އެއީ، ތަފާތު ރޮނގުރޮނގުން ޚިދުމަތް ކުރާ މީހުންގެ ޚިދުމަތަކީ، އެއް ތިލަފަތަކުން ކިރޭނެ އެއްޗަކަށް ނުވާތީ. އެއީ، އެއްގޮތަކަށްވެސް ހިސާބު ނަންބަރެއް ހަދާހެން ހަދައިގެން ނަތީޖާ ނުކުންނާނެ ކަމެއް ނޫން. އެކަން ބިނާވެފައި އޮންނަނީ އެކަމުގެ އަގު އެ ވަޒަންކުރާ މީހެއްގެ ހިތުގައި އޮންނަ ޝުޢޫރެއްގެ މައްޗަށް. އެހެންވީމާ، އެކި މީހުން ޚިދުމަތް ވަޒަންކުރާނީ އެކިގޮތަށް. އެކަން އެހެން އޮތުމާ އެކުގައި މިކަމުގައިވެސް އަޅުގަނޑުމެންގެ ތެރޭގައިވެސް ހިސާބަކަށް ޚިޔާލު ތަފާތުވުމެއް އުޅުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ސަރުކާރުން މިކަން ވޭތޯ ބަލާފައި ވަނީ ވަރަށް އިޚްލާޞްތެރިކަމާ އެކީގައޭ. ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންނޭ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައޭ. އެހެންވީމާ، މިކަން ކުރެވުނީ މުޅިން ރަނގަޅަށް ކަމުގައިވަންޏާ، އެކަމުގެ ޙައްޤު ތަޢުރީފާއި ޝުކުރު ރައްދުވަނީ، އަޅުގަނޑު އެ މަޝްވަރާ ކުރި ބޭފުޅުންނަށޭ. މިކަން މިގޮތަށް ގެންދިޔުމުގައި އުނިކަމެއް މެދުވެރިވެފައިވާނަމަ އެއީ، އަޅުގަނޑުގެ އަމިއްލަ ޒިންމާއެކޭ.

އާދެ، ކޮންމެއަކަސް، ވަރަށް އުފާވެރިގޮތެއްގައި، މި މިނިވަން ފަންސަވީހުގެ އަހަރު އަޅުގަނޑުމެންނާ އެކުގައި 365 ދުވަސް ހޭދަކުރުމަށްފަހު، މިރޭ އަޅުގަނޑުމެންނާ ވަކިވެގެން އެދަނީ. އެހެންނަމަވެސް، މިނިވަން ފަންސަވީސް އަޅުގަނޑުމެންނާ ވަކިވުމަކުން، އޭގެ މާނައަކީ، މިނިވަންކަން އަޅުގަނޑުމެންނާ ވަކިވީކީ ނޫނޭ. ޝައްކެއްނެތް، މިނިވަންކަމުގެ ނިޢުމަތަކީ އަޅުގަނޑުމެން އަބަދަށްޓަކައި ދަމަހައްޓަން ބޭނުންވާނެ ނިޢުމަތެއް. އެ ނިޢުމަތަކީ އެއާނުލައި އަޅުގަނޑުމެންނަށް މިދުނިޔޭގައި އެއްވެސް ކަހަލަ ތަރައްޤީއަކާ ހަމައަށް ވާސިލުވެވޭނެ ކަމެއްނޫން. އެހެންވީމާ، މިނިވަން ފަންސަވީހުގެ ނިމުން ފާހަގަކުރާއިރު، އަޅުގަނޑުމެން އާ ޢަޒުމުތަކެއް ކަނޑައަޅަން އެބަޖެހޭ. އަޅުގަނޑުމެންގެ މުސްތަޤްބަލް ރައްކާތެރިކުރުމަށްޓަކައި، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ޤައުމުގެ އެއްބައިވަންތަކަން ޙިމާޔަތްކޮށް، ރައްކާތެރިކުރުމަށްޓަކައި، މިހުރިހާ ކަމެއް ކުރުމަށްޓަކައި މިނިވަންކަމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެން ދަސްކުރަންވާނެ.

މިނިވަންކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އެއީ، ޤައުމީ މިނިވަންކަން ކަމުގައިވިޔަސް، އަމިއްލަ އަފްރާދުންގެ މިނިވަންކަން ކަމުގައިވިޔަސް އެއީ، ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އެއްގޮތަކަށްވެސް މިނިވަންކަމުގެ މާނައަކީ ޤައުމެއްގެ ޙައިސިއްޔަތުންވެސް އަޅުގަނޑުމެން ބޭނުންހާ ކަމެއް ކުރުމެއް ނޫން. އެގޮތަކަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ޢަމަލެއް ނުކުރެވޭނެ. މިނިވަންކަމުގެ މާނައަކީ، އަމިއްލަ އަފްރާދުންގެ ގޮތުގައިވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ހިތަށްއެރިހާ ކަމެއް ކުރުމެއް ނޫނޭ. އެއީކީވެސް ކުރެވޭނެ ކަމެއް ނޫން. ބައިނަލްއަޤްވާމީ މަސްރަޙުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަކާއި، ޤަވާއިދުތަކަކާއި، އުޞޫލުތަކެއް ކަނޑައެޅިފައިވޭ. އެ ޤަވާއިދުތަކާއި، ޤާނޫނުތަކާއި، އުޞޫލުތަކަށް ހުރިހާ ޤައުމުތަކަކުން ޙުރުމަތްތެރިކޮށްހިތަންޖެހޭނެ. ހަމައެފަދައިން، އަޅުގަނޑުމެންގެ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ވެރިންނާއި ރައްޔިތުން ޙުރްމަތްތެރިކޮށްހިތަންޖެހޭ ޤާނޫނުތަކަކާއި، ޤަވާއިދުތަކަކާއި، އުޞޫލުތަކެއްވޭ. އެ ޤާނޫނުތަކަށާއި، ޤަވާއިދުތަކަށާއި، އުޞޫލުތަކަށް އަޅުގަނޑުމެން އެންމެން ބޯލަނބަން ޖެހޭނެ. އެކަމުން އިސްތިސްނާވާނެ ހަމަ އެކަކުވެސް ހުރެގެނެއްނުވާނެ. އެކަން އެހެން އޮންނަން ޖެހެނީ މުޅި ޤައުމުގެ ސަލާމަތަށްޓަކައި.

އެހެންވީމާ، މިނިވަންކަމުގެ މާނައަކީ ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު އެމީހަކު ހިތަށްއެރި ކޮންމެ ކަމެއް، ހިތަށްއެރި ވަގުތެއްގައި، ހިތަށްއެރި ގޮތަކަށް ކުރުމެއް ނޫން. އޭގެ މާނައަކީ، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔުން. ޚިޔާލު ތަފާތުވެއްޖެނަމަ، އެ ޚިޔާލު ތަފާތުވާ ތަފާތުވުން އަޅުގަނޑުމެން ހުށަހަޅަންވީ ޤައުމުގެ މަޞްލަޙަތުގެ ތިލަފަތަށް. މީގައި ރަނގަޅު ގޮތަކީ ކޮބައިތޯ، ނުބައި ގޮތަކީ ކޮބައިތޯ ބަލައިގެން، އެ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ޤަބޫލުކުރެވޭ ގޮތަކަށް އެކަމެއް ކުރަމުން ގެންދަންވީ. އަޣްލަބިއްޔަތަށް ތަބަޢަވުމަކީ ކޮންމެ ދިމިޤްރާޠީ ނިޘާމެއްގެ އަޞްލު. ހަމައެކަނި ވަކިމީހަކަށް ފެންނަ ގޮތަކަށް ނޫން. ހަމައެކަނި ވަކިބަޔަކަށް ފެންނަ ގޮތަކަށެއް ނޫން ކަންތައް ކުރަންވީކީ. ރައްޔިތުންގެ އަޣްލަބިއްޔަތު އެދޭގޮތަށް. އަޣްލަބިއްޔަތަށް ފެންނަގޮތަށް. އެއީ، މުޅި ރައްޔިތުންގެ އަޣްލަބިއްޔަތު އެއްވެސް ކަމެއްގައި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންނަމަވެސް، އަޣްލަބިއްޔަތު ހޯދޭނެ ގޮތްތަކެއް، ކޮންމެ ދިމިޤްރާޠީ ނިޒާމެއްގައިވެސް ހަމަޖެހިފައިވޭ. އެކަމަކީ އެތަނެއްގައި އުފެދިފައިވާ ރައްޔިތުންގެ މަޖިލިސް ކަމުގައިވިޔަސް، ނުވަތަ އެތަނެއްގައި އުފެދިފައިވާ ވެރިކަން ހިންގާ ކޮންމެވެސް މަޖިލީހެއް ކަމުގައިވިޔަސް، އެ އަޣްލަބިއްޔަތު ދެނެގަންނާނެ ގޮތް ކޮންމެ ތަނެއްގައިވެސް ޤާއިމުވެފައިވޭ.

އެހެންވީމާ، އެ ހަމަޖެހިފައި އޮންނަ ޤާނޫނީ އުޞޫލުގެ އޮނިގަނޑުގެ ތެރޭގައި، ކަންކަމާ ދޭތެރޭގައި މިނިވަންކަމާއެކު ބަހުޘްކޮށް، އަޣްލަބިއްޔަތަށް ފެންނަ ގޮތަކަށް ކަންތައް ގެންދިޔުން އެއީ، މިނިވަންކަމުގެ މަސްއޫލިއްޔަތު ދެނެގަތުމަކީ. އަދި މިނިވަންކަމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އުފުލުމަކީ. މިދެންނެވި އުޞޫލުން އެއްކިބާވާ ފަރާތްތައް އެތިބެނީ އެމީހުންނަށް އެކަން އޮޅިފައި. އެމީހުން މަގަށް އަޅުވައި، އެމީހުންގެ ކަންތައް އިޞްލާޙު ކުރުމަކީ ދެންތިބި މީހުންގެ މަސްއޫލިއްޔަތެއް ކަމުގައި ވާންޖެހޭނެ.

އާދެ، އެހެންވީމާ، މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަންކަމުގެ މަސްއޫލިއްޔަތު އުފުލާނެ ގޮތްވެސް ދަސްކޮށް، އެގޮތަށް ޢަމަލުކުރަންޖެހޭނެ. ހަމައެފަދައިން، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، ސަލާމަތާއި، ހަމަޖެހުމަށްޓަކައި އަޅުގަނޑުމެންގެ އަފުރާދުންގެ މިނިވަންކަންވެސް، އެ ޤައުމެއްގައި ހަމަޖެހިފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް ގެންދިޔުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް.

އާދެ، މިނިވަން ފަންސަވީސް މިނިމުނީ. މިނިމެނީ. މިނިވަން ފަންސަވީސް ނިމުމަށްފަހުގައި، ދެން އަޅުގަނޑުމެން ކުރިމަތިލާނީ މިނިވަން ސައްބީހަށް. އާދެ، މިނިވަން ސައްބީހޭ ނުކީކަމުގައިވިޔަސް، މިނިވަންކަމަށް ފަންސަވީސް ފުރުމަށްފަހުގައި، ދެން އަންނަ އަހަރަކީ މިނިވަންކަމުގެ ސައްބީސް ވަނަ އަހަރު. ޙަޤީޤަތުގައި މިނިވަން ކަމުގެ ސައްބީސް ވަނަ އަހަރު ފެށިގެން މިހާރު މިދަނީ. އެއީ، މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު އަޅުގަނޑުމެންގެ މިނިވަންކަމަށް ފަންސަވީސް އަހަރު ވަނީ ފުރި ނިމިފައި. އޭގެ ފަހުން މިހިނގާ މުއްދަތަކީ އަޅުގަނޑުމެން މިނިވަންކަމުގެ ސައްބީސް ވަނަ އަހަރުގެ ތެރޭގައި ވޭތުކުރަމުން އަންނަ މުއްދަތެއް.

އާދެ، މިވޭތުވެދިޔަ ފަންސަވީސް އަހަރަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ މިނިވަންކަން ވަރުގަދަކޮށް، ދެމެހެއްޓުމަށްޓަކައި ދިވެހިރައްޔިތުން މަސައްކަތްކުރި ފަންސަވީސް އަހަރު. ކުރިޔަށް އޮތް ފަންސަވީސް އަހަރާ ދޭތެރޭގައިވެސް އަޅުގަނޑުމެން ބަލައިލަންޖެހޭނެ. އަޅުގަނޑު ހިތުން، ކުރިޔަށް އޮތް ފަންސަވީސް އަހަރު ވާންޖެހޭ، އަޅުގަނޑުމެންނަކީ ފުދުންތެރި މުޖުތަމަޢަކަށް ހެދުމުގެ މަސައްކަތް ކުރާ ފަންސަވީސް އަހަރު ކަމުގައިވޭތޯ. އާދެ، ފުދުންތެރި މުޖުތަމަޢަކަށް ވުމަކީ ކުޑަ ކަމެއްނޫން. ފަސޭހަކަމެއް ނޫން. އެއީކީ އެއް އަހަރަކުން، ދެ އަހަރަކުން ނުވަތަ ފަސް އަހަރަކުން ނުވަތަ ދިހަ އަހަރަކުންވެސް ވާނެކަމެއް ނޫން. އެއީ، ވަރަށް ގިނަ ރޭވުންތަކެއް ރާވައިގެން، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ވާނެ ކަމެއް. އެހެންވީމާ، ގާތްގަނޑަކަށް ފަންސަވީސް އަހަރުގެ މުއްދަތު އެއީ، އެކަހަލަ ކަމަކަށް އެކަށީގެންވާ މުއްދަތަކަށްވެސް ވެދާނެ.

އެހެންވީމާ، އަޅުގަނޑު ހިތަށް މިއަރަނީ މިދިޔަ ފަންސަވީސް އަހަރަކީ، އަޅުގަނޑުމެންގެ މިނިވަންކަން ތަރައްޤީކޮށް، މިނިވަންކަން ވަރުގަދަކޮށް، އެމިނިވަންކަން ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތްކުރި ފަންސަވީސް އަހަރު ކަމުގައިވާނަމަ، ކުރިޔަށް އޮތް ފަންސަވީސް އަހަރު ވާންޖެހޭނީ، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަކީ ފުދުންތެރި މުޖުތަމަޢަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތްކުރާ ފަންސަވީސް އަހަރު ކަމުގައޭ. ކޮންމެ ގޮތެއްގައި ނަމަވެސް، މިނިވަންކަމުގެ މަސްއޫލިއްޔަތަކީ ބުރަ މަސްއޫލިއްޔަތެއް. އެމަސްއޫލިއްޔަތު އުފުލުމަށް އަޅުގަނޑުމެން ތިބެންޖެހޭނީ ތައްޔާރަށް. އެމަސްއޫލިއްޔަތު އުފުލުމަށްޓަކައި ވާންޖެހޭ ޤުރުބާނީތައް ވުމަށްވެސް އަޅުގަނޑުމެން ތިބެންޖެހޭނީ ތައްޔާރަށް.

އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، މިނިވަން ފަންސަވީހުގެ ތަޖުރިބާއިން އަޅުގަނޑުމެންގެ ހިތްތަކަށް އާދިރުމެއް އައުން. ދިވެހި މިނިވަންކަމާއި، ދިވެހި އިސްތިޤްލާލާއި، ދިވެހި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މިދިޔަ މިނިވަން ފަންސަވީހުގެ ތަޖުރިބާއިން އާ ޢަޒުމްތަކެއް އަޅުގަނޑުމެންގެ ހިތަށް ވަނުން. އަޅުގަނޑުމެންގެ ޤައުމަކީ އަބަދަށްޓަކައި މިނިވަން މުސްތަޤިއްލު އަމިއްލަ ވެރިކަމެއް ކުރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަން އޮތް ހުރިހާ މަސައްކަތެއް ކުރުމުގެ ހިތްވަރާއި ބާރު، މި މިނިވަން ފަންސަވީހުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް ލިބިގެންދިޔުން. އާދެ، އަޅުން ކުރާނީ މަސައްކަތް. އަޅުން ކުރާ މަސައްކަތް ދެކެވޮޑިގެންވާނީ އަދި އެކަމަށް އެކަށީގެންވާ ހެޔޮ ޖަޒާ ދެއްވާނީ اللّـه سبحـانـه وتعـالى. ﷲ ވަޙީކުރައްވަނީ، "وَقُلِ ٱعْمَلُوا۟ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ وَٱلْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ." "ކަލޭގެފާނު ވިދާޅުވާށޭ ތިޔަބައިމީހުން މަސައްކަތްކުރާށޭ. ފަހެ، ތިޔަބައިމީހުން ކުރާ މަސައްކަތް ދެކެވޮޑިގެންވާނޭ. އެކަލާނގެ ރަސޫލާވެސް އެމަސައްކަތް ދެކެވަޑައިގަންނަވާނޭ. އަދި އެންމެހާ މުއުމިނުތަކުންވެސް އެމަސައްކަތް ދެކޭނޭ. މާނައަކީ، އެބަޔަކު އެކުރާ މަސައްކަތެއްގެ ނަތީޖާ ﷲ ދެކެވޮޑިގެންވާނޭ. އަދި އެނަތީޖާ އެބައިމީހުންވެސް ދެކޭނޭ." އެހެންވީމާ، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ހަމަ މަސައްކަތުގެ މަގު، އިޚްލާޞްތެރި، ހިންމަތްތެރި މަސައްކަތްކުރުމުގެ ރާސްތާ. އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓޭނެ މަގަކީ. އަޅުގަނޑުމެންގެ ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކުރެވޭނެ މަގަކީ. އަދި އަޅުގަނޑުމެން އިތުރު ތަރައްޤީއާ ހަމައަށް ވާޞިލުވެވޭނެ މަގަކީވެސް އެއީ. އަޅުގަނޑުމެންގެ މުޖުތަމަޢު މިއީ ފުދުންތެރި މުޖުތަމަޢަކަށް ހެދޭނީވެސް އެމަގުގައި ސާބިތުކަމާއެކު އަޅުގަނޑުމެން އެކީގައި، އެންމެން އަތުގުޅައިލައިގެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙުގައި ކުރިޔަށް ގޮސްގެން.

އާދެ، މިރޭ މިއީ 1990 ވަނަ އަހަރު ނިމޭ ރޭ. މިރޭގެ މެންދަމު 12 އިން ފެށިގެން އާ އަހަރެއް ފެށެނީ. އެހެންކަމާއެކު، އާ އަހަރުގެ ތަހުނިޔާއާއި މުބާރިކުބާދީ، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ރައްދުކުރަން. އަދި އަޅުގަނޑުގެ މިވާހަކަ އައްސަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށްވެސް މިއުފާވެރި އާ އަހަރުގެ މުބާރިކުބާދީއާއި ތަހުނިޔާތައް އަޅުގަނޑު ރައްދުކުރަން.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރިމަތިލާ އާ އަހަރަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ފައިދާހުރި، ބާއްޖަވެރި، އުފާވެރި، އަމަން އަމާންކަން ލިބިގެންވާ ޞުލްޙަ މަޞްލަޙަތު ދެމެހެއްޓޭ އަދި ރައްޔިތުންނާއި ސަރުކާރުން އަތުގުޅާލައިން ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާނެ އަހަރެއް ކަމުގައި اللّـه سبحـانـه وتعـالى ލެއްވުން. އަޅުގަނޑު ޝައްކެއްނުކުރަން. އަޅުގަނޑުގެ މި ދުޢާގައި ތިޔަ ހުރިހާ ބޭފުޅުން އިޚްލާޞްތެރިކަމާއެކު ބައިވެރިވެވަޑައިގަންނަވާނެކަމާ ދޭތެރޭގައި. އާދެ، އަޅުގަނޑުމެންގެ އެންމެންގެ ދުޢާއަކީވެސް اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދަށްޓަކައި ލެހެއްޓެވުން. ދިވެހިރާއްޖެއަށް އިތުރު ކުރިއެރުމާއި، ފާގަތިކަމާއި، ބާއްޖަވެރިކަން މިންވަރުކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.