بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحـبه أجمـعـين.

އާދެ، އަޅުގަނޑު ހުވަދުއަތޮޅުގެ ދެކުނުބުރީގެ ރަށްރަށަށް މިކުރާ ދަތުރުގައި، މިއަދު މިހާރު އައިސް މިހުރީ ރަތަފަންދޫގައި. ރަތަފަންދުއަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިރަށުގެ ރައްޔިތުން އަޅުގަނޑާ ބައްދަލުވުމުގެ ފުރުޞަތު ލިބިވަޑައިގެންކަން އެއީ، ރައްޔިތުންނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމުގައި ދެންމެ އަތޮޅުވެރިޔާ ވިދާޅުވެއްޖެ.

އަޅުގަނޑު ދަންނަވާނީ މިއަދު ރަތަފަންދުއަށް އައިސް ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުމުން އަޅުގަނޑަށް މި ލިބުނު އުފާ، ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގެން އުފަލަށްވުރެ މާބޮޑޭ.

އަޅުގަނޑު ރާއްޖެތެރެއަށް ޒިޔާރަތްކުރަމުން މިގެންދަނީ އަދި ކުރިންވެސް ޒިޔާރަތްކުރަމުން ގެންދިޔައީ ވަރަށް ބޮޑު ބޭނުމަކު. އެއީ، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބަލައިލުން. ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅެނީ ކިހިނެއްކަމާއި، އެމީހުން ކުރާ މަސައްކަތްތަކަކީ ކޮބައިކަމާއި އަދި އެމީހުންނަށް ބޭނުންވެފައިވާ އެހީތަކަކީ ކޮބައިތޯ ބެލުން އެބޭނުމަކީ. މިގޮތުން އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން ރާއްޖެތެރޭގެ ހުރިހާ އަތޮޅަކަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ވަނީ ޒިޔާރަތްކޮށްފައި. އަދި މީގެތެރޭގައި އެއްފަހަރަށްވުރެ ގިނަފަހަރު އެރަށްރަށަށް ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑަށް ލިބިފައިވާ ކިތަންމެ ރަށެއް ހިމެނޭ.

ކަންދިމާވިގޮތުން، މިމަޤާމުގައި ހުރެގެން އަޅުގަނޑަށް ރަތަފަންދުއަށް އާދެވިފައި ވަނީ މީގެކުރިން އެންމެ ފަހަރަކު. އެއީ، 1980 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު. އާދެ، ގާތްގަނޑަކަށް މީގެ 12 އަހަރު ކުރިން. އޭގެކުރިން 1974 ވަނަ އަހަރުގެ ފަހުކޮޅު އަޅުގަނޑު މިރަށަށް ޒިޔާރަތް ކުރިކަން، އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ހަނދާން ހުންނާނެ. ކޮންމެއަކަސް، އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީއަކީ ވަރަށް ޒުވާން އާބާދީއެއް. މިރަށުގެވެސް 15 އަހަރުން ދަށުގެ މީހުންގެ ޢަދަދު ސަތޭކައަކުން ފަސްދޮޅަސް އެތަކެއްވޭ. އެހެންވީމާ، އޭގެތެރެއިން ގިނަ ކުދިންނަށް އަޅުގަނޑާ ބައްދަލުވުމުގެ ފުރުޞަތު އަދި ލިބިފައެއް ނުވާނެ.

ކުރިންވެސް ދެންނެވި ފަދައިން، މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި މިރަށަށް ނާދެވޭތީއާ އެކީގައި، އަޅުގަނޑު ނުދެކޭ ކިތަންމެ ގިނަ ބަޔަކުވެސް މިރަށުގައި އުޅުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، މިއަދު އަޅުގަނޑު މިހިރީ މިހާރު ތިޔަބޭފުޅުންގެ ރަށަށް، އާދެ، ރަތަފަންދުއަށް އައިސް. ކުރިންވެސް ދެންނެވި ފަދައިން، އެ އައުމުގެ ބޭނުމަކީ މިރަށުގެ ޙާލަތުވެސް އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިލުން. މިރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރައްވާ މަސައްކަތްތަކާއި، ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާ، މިކަންކަން އޮޅުންފިލުވަން.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ހޭދަތައް ކުރަމުން އަންނަކަން. ވަރަށް ގިނަ މަޝްރޫޢުތައް ރާވައިގެން، ވަރަށް ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަކަން. ރާއްޖެތެރެއަށް ވަރަށް ބޮޑު ސަމާލުކަމެއް ސަރުކާރުން ދޭ. އަދި ދެމުން މިގެންދަނީ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައިވެސް ދޭނެ. ސަބަބަކީ ރާއްޖެތެރެ އޮތްގޮތް. ރާއްޖެތެރޭގައި ކަންތައް ކުރެވޭނެ ފުރުޞަތު ނެތްކަން. އަދި ރާއްޖެތެރޭގެ ރައްޔިތުންނަށް ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ދިރިއުޅުމަށްޓަކައި ކުރިމަތިވެފައިވާ ދަތިތަކުގެ ބޮޑެތިކަން. އެހެންކަމުން، އެދަތިތައް ފިލުވާލަދެވޭތޯ އަދި އެމީހުންނަށް އެކަށީގެންވާ ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭތޯ މަސައްކަތް ކުރުމުގެ ގޮތުން ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ސަރުކާރުން ރާވައިގެން ހިންގަމުން މިގެންދަނީ.

އާދެ، އެމަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ރަށްރަށަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެވިފައިވޭ. މިރަށަށްވެސް ބައެއް ކަންތައް މިހާރުވަނީ ކޮށްދެވިފައި. މިރަށަށް ކޮށްދެވިފައިވާ އެއް މަސައްކަތަކީ ނުވަތަ އެއްކަމަކީ، މިރަށުގައި އަލަށް މިސްކިތެއް ޢިމާރާތް ކުރުން. އެކަންވަނީ 1984ވަނަ އަހަރުގެ ތެރޭގައި ނިމިފައި. މިހާރުވެސް ސަރުކާރުގެ އެހީގައި ހިނގަމުންދާ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމެއް، އަޅުގަނޑުމެން މިހާރު މި ޖަލްސާ ކުރަމުންމިދާ މިރަށުގެ މަދަރުސާގެ ޢިމާރާތް ސަރުކާރުން ކޮށްދިނުން. މި ޢިމާރާތްވެސް މިހިރީ ގާތްގަނޑަކަށް މުޅިންހެން ނިމިފައި. ރަސްމީގޮތުން އަދި ނުހުޅުވިވާ ކަމުގައިވިޔަސް މިތާނގެ ބޭނުންވެސް ރަށުގެ ފައިދާއަށްޓަކައި އަޅުގަނޑަށް ހީވަނީ މިހާރު ކުރެވެމުންދާހެން. ހަމަ އެފަދައިން، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި ރަށުއޮފީހެއްވެސް ވަނީ މިހާރު ޢިމާރާތްކޮށް، ނިމުމަކާ ވަރަށް ކައިރިއަށް ގޮސްފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މާލަހެއްނުވެ އެއޮފީހުގެ ޢިމާރާތް ކުރުމުގެ ހުރިހާ ކަމެއް ނިމި އޮފީސް ހުޅުވޭނެ.

އާދެ، މިކަންތައްތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް. ހަމަޖެހޭ އުޞޫލެއްގެ މަތިން އެކަންތައްތައް ނެތުމުގެ ސަބަބުން ރައްޔިތުންގެ ކުރިއެރުމަށް ވަނީ ހުރަސްތަކެއް އެޅިފައި. މިރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިދެންނެވި ފަދަ ކަންތައްތައް ސަރުކާރުން މި ކޮށްދެނީ، ރާއްޖެތެރޭގެ ރައްޔިތުންނަށް ކުރިއަށްދިޔުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން. އެމަގުގައި ހިނގުމަކީ ރައްޔިތުންގެ ކަމެއް. ސަރުކާރުން ކަންތައްތައް ފަހިކޮށްދިނީމަ، އެކަންތައްތައް ކުރިއަށް ގެންދިޔުން އެއީ، ރައްޔިތުންގެ މަސްއޫލިއްޔަތެއް. މިސާލެއް ދަންނަވަންޏާ، މަސްވެރިކަން. މިރަށަކީވެސް މަސްވެރި ރަށެއް. ރަށުގެ ވަރަށް ގިނަ މީހުންނަކީ މަސްވެރިން. މަސްވެރިކަމުން ދިރިއުޅޭ މީހުން. މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަޝްރޫޢުތަކެއް މިހާރުވަނީ ހިންގާފައި. އަދި މިހާރުވެސް އެބަ ހިންގާ. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި އޭގެ އިތުރު މަޝްރޫޢެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައި. މި މަޝްރޫޢޫތަކުގެ ދަށުން މަސްވެރިކަން ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ސަރުކާރުން އެކަމަށް ޝައުޤުވެރިކަން ހުންނަ މީހުންނަށް ހޯދައިދެނީ. މިސާލަކަށް، ދޯނިފަހަރު ބަނދެގެން، އެކަމަށް އެދޭ މީހުންނަށް ލުއިފަސޭހަ ގޮތެއްގައި އެދޯނިފަހަރު މިލްކުވެވޭނެ ގޮތް ސަރުކާރުން ހަދައިދެނީ. އެދޯނިފަހަރާ ޙަވާލުވެ، އެދޯނިފަހަރުގައި މަސްވެރިކަން ކުރުން އެއީ، އެމީހުންގެ ކަމެއް. މަސްވެރިކަން ކުރީމާ އެއިން ލިބޭ ފައިސާ އެއީ، އެމީހުންނަށް ލިބޭ އެއްޗެއް. ސަރުކާރުން ނަގަނީ ހަމައެކަނި ދޯނީގެ އަގު. އެހެން ނަގަންޖެހޭ ސަބަބަކީވެސް އެފަދަ މަޝްރޫޢުތައް އެހިންގެނީ ބޭރުގެ އެހީ ހޯދައިގެން. އަދި ޚާއްޞަކޮށް، ލޯނުގެ އެހީ ހޯދައިގެން ކަމަށްވާތީ، އެފައިސާ އެއީ ސަރުކާރުންވެސް އެލޯނު ދިން ފަރާތްތަކަށް އަނބުރާ ރައްދުކުރަންޖެހޭ އެއްޗަކަށްވާތީ.

ކޮންމެ ގޮތެއްގައިވެސް ރައްޔިތުންނަށް ބޭނުންވަނީ ނުވަތަ މަސްވެރިންނަށް ބޭނުންވަނީ، ބޭނުންވާ އެއްކަމަކީ، ދޯނިފަހަރު ހުރުން. އަދި މީގެ އިތުރުންވެސް، ކިތަންމެ ކަންތައްތަކެއް ސަރުކާރުން ކޮށްދޭ، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި. އެހުރިހާ ވާހަކަ ދައްކާކަށެއްނެތީން، އަޅުގަނޑު މިޖަލްސާގައި. އެހެންނަމަވެސް ތިޔަބޭފުޅުންނަށް އެކަންވެސް ވަޒަންކުރެއްވޭނެ.

މަސްވެރިކަމުގެ އިތުރުން، ދަނޑުވެރިކަމުގެ މަސައްކަތަކީވެސް މިއަތޮޅުގައި އެކަށީގެންވާ ވަރަކަށް ކުރާ މަސައްކަތެއް. އެހެންވީމާ، އެކަން ކުރިއަށް ގެންދިޔުމަށްވެސް ސަރުކާރުން އެޅެންހުރި ބާރެއް އަޅަން. ދަނޑުވެރިކަން ކުރިއަށް ގެންދިޔުމަށް ކޮށްދެވެން ހުންނަ ކަންތައްތައް ސަރުކާރުން ކޮށްދެން. އެކަންތައް އެހެން ކޮށްދިނުމުން، އެ މަސައްކަތްވެސް ކުރިއަށް ގެންދަންޖެހޭ ބަޔަކީ ރައްޔިތުން. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ކުރިންވެސް މިދެންނެވި ކަންތައްތައް ސަރުކާރުން މި ކޮށްދެނީ ރައްޔިތުންގެ ފައިދާއަށޭ. ރައްޔިތުންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށޭ. ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވީމާ، މުޅި ޤައުމުގެ ތަނަވަސްކަންވެސް އިތުރުވެގެންދާނެ.

އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުން، އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތްތައް އިތުރަށް ތަރައްޤީ ކުރުމަކީ ކޮންމެހެން ބޭނުންކަމެއް. ކޮންމެ މީހަކުވެސް ކުރަން ބޭނުންވާ ކަންތައްތަކެއް ހުރޭ. އެކަންތައްތައް ކުރެވޭނީ ފައިސާ ލިބިގެން. ފައިސާ ލިބޭނީ ފައިސާ ލިބޭކަހަލަ މަސައްކަތެއް ކޮށްގެން. އެ މަސައްކަތަކީ މަސްވެރިކަން ކަމުގައިވިޔަސް ނުވަތަ ދަނޑުވެރިކަން ކަމުގައިވިޔަސް ނުވަތަ ކުނާވިޔުން ކަމުގައިވިޔަސް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ އަންހެނުން ކޮށްއުޅޭ މަސައްކަތެއް އެއީ. އެއީވެސް ވަރަށް ރަނގަޅު މަސައްކަތެއް. އެކަން ދިރުވައި، އެއިންވެސް އެއްޗެއް ލިބޭގޮތަށް އެމަސައްކަތް ކޮށްފިނަމަ، އެއިން ފައިދާތަކެއް ވާނެ. އަދި މީގެ އިތުރުން، މިރަށުގެ މީހުން މާލެއަށް ގޮސްގެން ވަޒީފާ އަދާކުރާކަންވެސް އަޅުގަނޑަށް އެނގޭ. އެއީވެސް ހަމަ އެންމެ ރަނގަޅު ކަމެއް. އަދި ރާނާ ބައެއް ގްރޫޕްތަކުގައި މިރަށުގެ މީހުން ހިމެނޭކަންވެސް އަޅުގަނޑަށް އެނގޭ. މިކަހަލަ ކަންތައްތައް ކޮށްގެން ނަމަވެސް، ރަށަށް ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބެލުމަކީ މިއަދު ކުރަން ޖެހިފައިވާ ކަމެއް. ރަށަށް ލިބޭ އާމްދަނީ އިތުރުވެގެން، ރަށް ކުރިއަށް ގެންދެވޭނީ. ސަރުކާރަކުން ހުރިހާ ކަމެއް ކޮށެއްނުދެވޭނެ. މަދަރުސާއެއް އަޅައިދިން ކަމުގައިވިޔަސް ނުވަތަ އޮފީސް ޢިމާރާތެއް ކޮށްދިން ކަމުގައިވިޔަސް، އެހެން ކަންތައްތައް ކުރަންޖެހެނީ ރައްޔިތުން. ރަށުގައި ރައްޔިތުން ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރޭ. އެކަންތައްތަކަށް ބައިވަރު ފައިސާވެސް ބޭނުން. އެފައިސާ ހޯދޭނީ ރައްޔިތުން ކުރާ މަސައްކަތް ތަރައްޤީ ކޮށްގެން. އަދި މީގެއިތުރުން، ކޮންމެ މީހަކުވެސް، އެމީހެއްގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައިވެސް އިތުރު ފައިސާ ހޯދަން އެބަ ބޭނުންވޭ. އެއީ، ކޮންމެ މީހަކުވެސް ބޭނުންވާ ކަންތައްތަކެއް ހުރުމާއި އަދި އުންމީދު ކުރާ ކަންތައްތަކެއްވެސް ހުރީމާ، އެ އުންމީދު ކުރާ ކަންތައްތައް ޙާޞިލްކުރެވޭނީ ފައިސާ ލިބޭނެ ގޮތެއް ހޯދައިގެން ކަމަށްވާތީ. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެމީހަކު ދިރިއުޅުމަށް އެކުރާ މަސައްކަތެއް ކުރިއަށް ގެންދަންޖެހެނީ.

އާދެ، މިއަތޮޅުގައި މިހާރު އެއަރޕޯޓެއް ހެދުމުގެ މަސައްކަތްވެސް ވަނީ ފެށިފައި. ކާޑެއްދޫގައި އެ އެއަރޕޯޓު ނިމުމުން މިހިސާބުގަނޑަށް ވަރަށް ބޮޑު ދިރުމެއް ލިބޭނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އެއީވެސް ވިޔަފާރީގެ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އިތުރު މަސައްކަތްތައް ކުރުމާއި، އެމަސައްކަތްތަކުން ފައިދާ ލިބިގަތުން.

އާދެ، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުން ހިމެނޭ. ކުޑަކުދިންނަކީ މުސްތަޤްބަލުގައި ރަށުގެ ކަންތައްތަކާ ޙަވާލުވެގެން ތިބޭނެ މީހުން. މިހާރު ކުޑަކުދީންގެ ގޮތުގައި ތިއްބަސް މުސްތަޤްބަލުގައި އެމީހުން ވާނީ ރަށުގެ ހުރިހާ ކަންކަމަކާ ޙަވާލުވެގެން ތިބޭ ބަޔަކަށް. އެހެންކަމާއެކު، ކުޑަކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ދިނުމާއި، ހެޔޮގޮތުގައި ކުޑަކުދިން ތަރުބިއްޔަތު ކުރުމަކީ މިވަގުތު ވަރަށް ބޮޑު އިސްކަމެއް އަޅުގަނޑުމެން ދޭން ޖެހިފައިވާ ކަމެއް. އެކަމަށްޓަކައި ކުޑަކުދިންނާބެހޭ ޤާނޫނެއް މިހާރު ވަނީ އެކުލަވައިލެވިފައި. އަދި އެ ޤާނޫނު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްވެފައި. އެ ޤާނޫނަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އޭގައިވާ އެއްޗެއް އެނގެންޖެހޭނެ ޤާނޫނެއް. އެ ޤާނޫނުގައިވޭ، މައިންބަފައިން ދަރިންނާ ދޭތެރޭ ކަންތައް ކުރަންވީ ގޮތާއި، ޢާންމު ރައްޔިތުން ކުޑަކުދިންނާ ދޭތެރޭ ކަންތައް ކުރަންވީ ގޮތާއި، ސަރުކާރުންވެސް ކުޑަކުދީންނާ ދޭތެރޭ ކަންތައް ކުރަންވީ ގޮތް. ބޭނުމަކީ ކުޑަކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދީގެން، އެމީހުންނަށް ކިޔަވައިދީގެން، އެމީހުންނަކީ ހަރުދަނާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާކުރާނެ ބައެއް ކަމުގައި ހެދުން. އެގޮތަށް ކުޑަކުދިންނަށް އެފަދަ ތަރުބިއްޔަތެއް ދެވިއްޖެނަމަ، މުސްތަޤްބަލުގައި އެ ކުޑަކުދިން ޒުވާނުންނަށްވެ އަދި ޒުވާނުންގެ ފަހުން ހަރު މީހުންނަށްވެ، އެމީހުންގެ ފަރާތުން ރަށަށާއި ޤައުމަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ.

ޒުވާނުންނަށް ސަމާލުކަން ދޭންޖެހެނީވެސް އެހެންވެ. މިއަހަރަކީ ދިވެހިރާއްޖޭގައި ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ އަހަރު. ޒުވާނުންގެ ލޭ ބޭނުންވެފައި ވަނީ އެކިއެކި މުހިންމު މައިދާންތަކަށް. މިހާރުވެސް ރާއްޖޭގެ ޒުވާނުން ވަރަށް އެކަށީގެންވާ ގޮތެއްގައި، ވަރަށް ގިނަ މައިދާންތަކުގައި ޙަރަކާތްތެރިވަމުން އެބަދޭ. އެހެންނަމަވެސް، މިހާރަށްވުރެވެސް ބޮޑަށް ޒުވާނުންގެ ބޭނުން ކުރެވޭގޮތެއް ހޯދުމަށްޓަކައި އަދި ޒުވާނުންގައި އެހުންނަ ފޯރިއާއި ޖޯޝާއި، އެމީހުންގައި އެހުންނަ ޤާބިލިއްޔަތު، އެމީހުންގެ ޤައުމަށް އަދި އެމީހުންގެ އަމިއްލަ ޢާއިލާތަކަށްވެސް އަދި އެމީހުންގެ ރަށަށްވެސް މިހާރަށްވުރެ ބޮޑަށް ފައިދާކުރާނެ ގޮތްތަކެއް ވަނީ ހޯދަން ޖެހިފައި. އެބޭނުމުގައި މިއަހަރު ޒުވާނުންގެ އަހަރުގެ ގޮތުގައި ސަރުކާރުން ނުވަތަ ރާއްޖޭގައި ފާހަގަކުރަން ހަމަޖެހިފައި މިވަނީ. މިކަހަލަ ކަންތައްތައް މިއީ ހަމައެކަނި އަޅުގަނޑުމެންގެ ރޭޑިއޯއިން އެކަމުގެ ޚަބަރު އަހާލައިގެން ދެކޮޅުޖެއްސެން އޮންނާނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން އަމިއްލައަށްވެސް މިރޮނގުރޮނގުން ކުރަންޖެހޭ ކިތަންމެ ކަމެއް ހުންނާނެ. އެބަހުރި. އަޅުގަނޑުމެންގެ މިރަށުގައި، އާދެ، ރަތަފަންދޫގައިވެސް ކުރިން ދެންނެވިހެން، ކުޑަކުދިންވެސް ވަރަށް ގިނަ ޢަދަދަކަށް އެބަތިބި. އަދި ޒުވާނުންވެސް ވަރަށް ގިނަ ޢަދަދަކަށް އެބަތިބި. އެމީހުންނަކީ ރަށަށް ފައިދާކުރާނެ ބައެއް ކަމުގައި ހެދުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު އެޅިފައިވާ މަސްއޫލިއްޔަތެއް. އެހެންވީމާ، ހަމައެކަނި ރޭޑިޔޯއިން އެޚަބަރު އެހުމުގެ ބަދަލުގައި ޢަމަލީގޮތުން އަޅުގަނޑުމެން އެކަންކަމުގައި އެބަޖެހޭ ބައިވެރިވާން.

އާދެ، ކުރިއަށް ދިޔުމުގައި، ތަނުގައި އޮންނަ ހަމަޖެހުމަކީވެސް ވަރަށް މުހިންމު ކަމެއް. ކިތަންމެ ކުޑަ ޤައުމެއްގައިވެސް އަދި ކިތަންމެ ބޮޑު ޤައުމެއްގައިވެސް އެޤައުމެއްގެ ރައްޔިތުންގެ މެދުގައި ހަމަޖެހުން އޮވެގެން ނޫނީ އެޤައުމަކަށް ކުރިއަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ މިރަށްތަކުގެ ތެރެއިން ކޮންމެ ރަށެއްގައިވެސް ހަމަޖެހުން އޮތުމަކީ އެސަބަބަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް. ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައި އަދި ރައްޔިތުންގެތެރޭގައި، އެއްބަޔަކާއި އަނެއްބަޔަކާ ދޭތެރޭގައި، އެކަކާއި އަނެކަކާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރުމަކީ ހަމަ ކޮންމެހެން ކުރަންވެއްޖެ ކަމެއް. އެކަން ކުރުން އެއީވެސް ވަކި ފަރާތެއްގެ ކަމެއް އެކަންޏެއް ނޫން. މިދެންނެވީ ހަމައެކަނި ސަރުކާރުން ކުރެވޭނެ ކަމެއް ނޫން އެއީކީ. ސަރުކާރުންވެސް އެކަމަށް ބާރުއަޅާނެ. ވެރިންވެސް ބާރުއަޅުއްވާނެ. ކޮންމެ ރައްޔިތަކުވެސް، އެމީހަކު އަމިއްލައަށްވެސް ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް މަސައްކަތް ކުރަންޖެހޭނެ. ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް ކަމުގައި އެކަން ހަދަންޖެހޭނެ. އޭރުން އެންމެން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތަނުގައި ހަމަޖެހުން ޤާއިމުވާނީ. ތަނުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުވާނީ.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ޤަޞްދެއްނުކުރަން. އަޅުގަނޑުގެ ދަތުރުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، މިއަދު އަދި އެހެން ރަށަކަށް ދާން އެބަޖެހޭ. އެހެންވީމާ، ތަންކޮޅެއް އަވަސްކޮށްލާފައި ފުރަންވެސް ވަނީ ބޭނުންވެފައި. ކޮންމެއަކަސް، ރަތަފަންދުއަށް އައުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދިވެސް އެއްފަހަރު، އެވާހަކަ ދަންނަވާލަން. އަދި އަޅުގަނޑު މިރަށަށް މިއައި އައުމަށްޓަކައި، ރަށުތެރެ މިހާބޮޑަށް ޒީނަތްތެރި ކުރައްވައި، ހުރިހާ ކަމެއްވެސް މިހާ ފުރިހަމަކޮށް ކުރައްވާފައިވާތީ، އެކަމަށްޓަކައިވެސް ރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެފަދައިން، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައިވެސް ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، ރަތަފަންދުއަށް އަދަށްވުރެ ބާއްޖަވެރި، އުފާވެރި މާދަމާއެއް. ދިވެހިރާއްޖެއަށް އަދަށްވުރެ ހުރިހާގޮތަކުންވެސް ފާގަތި އަދި ތަރައްޤީވެފައިވާ މުސްތަޤްބަލެއް.

މާތްﷲ އަޅުގަނޑުމެން އެންމެން ތަރައްޤީގެ މަގުގައި މިކުރާ މަސައްކަތްތަކުގައި ބަރަކާތްލައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.