ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީ އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓު މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް ރާއްޖެއަށް މަރުހަބާ ވިދާޅުވެފައެވެ. ކޮމިޓީގެ މެންބަރުން ވަނީ ގަރލް ގައިޑްގެ އެކިއެކި އިވެންޓްތަކާއި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހަރާކާތްތެރިވެވަޑައިގަންނަވާކަމާއި ޗީފްގައިޑުގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގަރލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިޔަށްދާ ހަރަކާތެއްކަމާ އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީ އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސްގެ މެންބަރުން ވަނީ ގަރލް ގައިޑް ހަރަކާތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެކަންކަން ރަނގަޅުކޮށް އެ ހަރަކާތުގެ ކުރިއެރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ޒުވާނުންނަށް އެކި ޕްރޮގްރާމްތަކާއި ތަމްރީނުތައް ހިންގުމުގެ ބޭނުންތެރިކަމާއި އަދި އެކަށޭނަ ވަސީލަތްތަކާއި ކޭމްޕް ސައިޓެއްގެ ބޭނުންތެރިކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން މި ކޮމިޓީގެ މެންބަރުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހަނދާނީ ހަދިޔާ ބަދަލުކުރައްވާފައެވެ.