ބޫޓާނުގައި މިއަދު ފެށުނު 16 ވަނަ ސާކު ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސާކަކީ މިހާރަށްވުރެ ހަރުދަނާ، އަދި ނަތީޖާ ޙާޞިލު ކުރެވޭ ޖަމްޢިއްޔާއަކަށް ހެދިދާނެ ގޮތްތަކާމެދު އަލުން ބެލުމަށް ސާކްގެ ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ސާކު ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ސާކަށް އެންމެ މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަންކަން ފާހަގަކޮށް، އެންމެ އިސްކަންދޭންވީ ކަންކަމުގެ ތަރުތީބު ކަނޑައެޅުމުގެ ވަގުތުކަމުގައި ވިދާޅުވިއެވެ. އަދި މިއީ ބަސްތަކާއި ވަޢުދުތަކަށް ޢަމަލީ ފިޔަވަޅު ގެންނަންޖެހިފައިވާ ވަގުތު ކަމަށާއި، ސާކަކީ 21 ވަނަ ޤަރުނުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހިފައިވާ ޖަމާޢަތެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސާކް ޤައުމުތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ މައިގަނޑު 4 ދާއިރާއެއް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފެހި އިންވެސްޓްމަންޓާއި ތަރައްޤީ

"މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ހުއްޓުވުން" މިލަފްޒުގެ ބަދަލުގައި "ފެހި އިންވެސްޓްމަންޓާއި ތަރައްޤީ" މިލަފްޒު ބޭނުންފުޅުކުރައްވަމުން، ޖައްވު ހޫނުވާ ވާހަކަދެއްކުމުން އަޅުގަނޑުމެންނަށް ބޮޑަށް ވިސްނެނީ އޭގައި ހުރި ނުރައްކާތައް އެކަނި ކަމަށާއި، މިކަމުގެ ސަބަބުން ހުޅުވިގެންދާ ފުރުޞަތްތަކާމެދު ގިނަފަހަރު ނުވިސްނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެކުނު އޭޝިޔާ ސަރަޙައްދަކީ ތިމާވެށްޓާ ރައްޓެހި އާ އުފެއްދުންތަކާއި، އިއާދަކުރެވޭ ހަކަތައާއި، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލު ކުރުމުގެ އާ ގޮތްތައް ޓެސްޓް ކުރެވޭ ތަނަކަށް ހެދިދާނެ ކަމުގައި ވިދާޅުވިއެވެ.

އަދި 2020 ވަނަ އަހަރާ ހަމައަށް ދާއިރު މި ސަރަޙައްދަކީ ދުނިޔޭގެ ފެހި އިންޤިލާބު ފެށިގެން އަންނަ ސަރަޙައްދު ކަމުގައި ވެގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަންކަން ޙާޞިލު ކުރުމުގައި އެހީތެރިވެ ދިނުމަށާއި، ފެހި އިންވެސްޓްމަންޓް ކުރިއެރުވުމަށް އެހީތެރިވެދޭ ފަންޑެއް ސާކުން ޤާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި މިހާރު ހުށަހަޅާފައިވާ ސައުތު އޭޝިއަން ޔުނިވަރސިޓީގައި ކާބަން މަދުން ބޭނުންކުރުމާއި ތަރައްޤީއާބެހޭ ދިރާސާކުރާނެ މަރުކަޒެއް ޤާއިމުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ޑިމޮކްރަސީ ކުރިއެރުވުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން

ސާކުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުން މުހިންމު ދެވަނަ ދާއިރާއަކީ ޑިމޮކްރަސީ ކުރިއެރުވުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަމުގައި ވިދާޅުވިއެވެ. މިސަރަޙައްދުގެ ހުރިހާ ޤައުމަކީވެސް މިހާރު ޑިމޮކްރެޓިކް ޤައުމުތަކެއް ކަމަށާއި، އެހެންނަމަވެސް މި ސަރަޙައްދުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މި ސަރަޙައްދުގައި ޑިމޮކްރަސީ ކުރިއަރުވައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން އިތުރު ކުރުމަށް މަގު ފަހިކުރުމަށް، އާސިއާންގައި އޮންނަފަދަ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއެރުވުމުގެ ނިޒާމެއް މިސަރަޙައްދުގައިވެސް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ނިޒާމަކީ، މިސަރަޙައްދުގައި މިނިވަންކަމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަށް ގެންދިއުމަށް ޤައުމުތަކަށް އެހީތެރިވެ ދެވޭނެ ނިޒާމަކަށް ހެދިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކާނާއާއި ހަކަތައިގެ ރައްކާތެރިކަން

ދެކުނު އޭޝިޔާ ސަރަޙައްދަކީ ދުނިޔޭގެ ކާބޯ ތަކެއްޗާއި، ތެލުގެ އަގުތަކަށާއި، ސަޕްލައިއަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރިމަތިވާ ސަރަޙައްދުކަން ފާހަގަ ކުރައްވައި، މިސަރަޙައްދުގެ ޤައުމުތަކުގެ ކާނާއާއި ހަކަތައިގެ މިންވަރާއި ފެންވަރު މަތިކުރުމަށް ރައްކާތެރި ގޮތްތަކެއް ހޯދައި ދިނުމުގައި ސާކުން މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، މި ސަރަޙައްދުގެ ޤައުމުތަކުން އެކުވެގެން ތެޔޮ އެތެރެކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރާއްޖެއިން ތާއީދުކުރައްވާ ކަމަށާއި، މިކަމުގައި ރާއްޖެއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، އަސާސީ ކާބޯތަކެތި ގަތުމުގައިވެސް މިފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރާއްޖެއިން ތާއީދުކުރާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ފަދަ ނިޒާމެއްގެ ސަބަބުން ހެޔޮއަގުގައި ތެލާއި ކާބޯތަކެތި ގަތުމަށް މަގުފަހިވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރަޙައްދުގެ ތަފާތު ޘަޤާފަތްތަކާމެދު ޚާއްޞަ ގޮތެއްގައި ޒުވާނުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުން

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ ފުޅުގައި ދެކުނު އޭޝިޔާ ސަރަޙައްދުގެ މުސްތަޤުބަލަކީ މިސަރަޙައްދުގެ ކުޑަކުދިން ކަމުގައި ވިދާޅުވަމުން، މި ސަރަޙައްދުގެ ތަފާތު ޘަޤާފަތްތަކުގެ މަޢުލޫމާތު ބަދަލުކޮށް، ޚާއްޞަގޮތެއްގައި ޒުވާނުންގެ މެދުގައި މި ސަރަޙައްދުގެ ތަފާތު ޘަޤާފަތްތަކުގެ ދެނެގަތުން އިތުރުކުރުމުގައި ސާކުން މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

16 ވަނަ ސާކް ސަމިޓް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިސަރަޙައްދުގެ ޤައުމުތަކުގެ މެދުގައިވާ ތަފާތުތައް ނައްތާލައި، އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި މިއީ ސާކުގެ ޗާޓަރުން ސާކުގެ ހުރިހާ ޤައުމުތަކުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި، މި ކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ސާކުގެ ހުރިހާ ޤައުމަކުން މަސައްކަތް ކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި އިންޑިޔާއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމުގެ މައްޗަށް ބައްލަވާލައްވަމުން، މިއަދު ސާކުގެ ހުރިހާ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި މެންދުރުގެ ފަރިއްކޮޅުގައި، ޤައުމުތަކުގެ ވެރިންގެ މެދުގައި، ޚާއްޞަ ގޮތެއްގައި ޕާކިސްތާނާއި އިންޑިޔާގެ ވެރިންގެ މެދުގައި ވާހަކަފުޅު ދެކެވުނު ރޫޙުގެ ސަބަބުން، އެ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުން ޙައްލުކުރުމުގެ އުންމީދު އާވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ބޫޓާނުގައި މިފެށުނު ސާކު ސަމިޓަކީ، 1985 ވަނަ އަހަރު ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އުފެދުނު ސާކަށް 25 އަހަރު ފުރުން ފާހަގަކުރާ ސަމިޓެވެ. ސާކު އުފެއްދުމުގެ މައިގަނޑު މަޤްޞަދުތަކަކީ މިސަރަޙައްދުން ފަޤީރުކަން ނައްތާލައި، މިސަރަޙައްދުގައި އުޅޭ 1.5 ބިލިއަނަށް ވުރެ ގިނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ދެކުނު އޭޝިޔާ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.