ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ސިސްޓަމް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ޒަމާނީ ޓެކްނޮލޮޖީއާއި، އެއިރެއްގައި ލިބެންހުރި އެންމެ ފަސޭހަ ވަސީލަތްތަކެއް ބޭނުންކޮށްގެން ސަރުކާރުގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، އަދި ޚަރަދު ކުޑަކުރެވެން ހުރި ތަންތަނުން ޚަރަދު ކުޑަކުރުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ނިޒާމުގެ ތެރެއިން ސަރުކާރުގެ ޚަރަދު، ވަރަށްބޮޑުތަން ކުޑަވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދަކީ ސަރުކާރަށް ރާއްޖޭގެ އިދާރީ ހިންގުން މުޅިން އެހެން ހިސާބަކަށް ގެންދެވޭ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މާލޭގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ މެދުގައި ބަދަލުވާ ސިޓީ ބިޓީ ބަދަލުވުން، މިއަދުން ފެށިގެން މިނިޒާމުގެ ތެރެއަށް ބަދަލުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމަކީ، ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ސިޓީއާއި ލިޔެކިއުން ފޮނުވުމަށް ތައްޔާރުކުރެވި، މިހާރު ބޭނުންކުރެވެމުންދާ އެޕްލިކޭޝަނެކެވެ. އަދި މި އެޕްލިކޭޝަންގެ ތެރެއިން އެއް އިދާރާއިން އަނެއް އިދާރާއަށް ލިބޭ ސިޓީއާއި ލިޔެކިޔުންތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅި، އެލިޔެކިޔުންތައް ބެލެހެޓިގެންދާނެއެވެ.
މިއަދުން ފެށިގެން ދެކުނު ޕްރޮވިންސް އޮފީހާއި މާލޭގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާއަކުން އަނެއް އިދާރާއަށް ސިޓީއާއި ލިޔެކިޔުން ފޮނުވޭނީ، ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް މެދުވެރިކޮށެވެ.
ސަރުކާރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރައްވައި، މިހާރަށްވުރެ ލުއިފަސޭހަ، ހަލުވި އަދި ރައްކާތެރި ގޮތެއްގައި ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް، އިދާރާތަކުގެ މެދުގައި ބަދަލުކުރެއްވުމަށްޓަކައި، "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ބޭނުންކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ، 13 އޭޕްރީލް 2010ގައި ބޭއްވެވި އެމަޖިލީހުގެ ބައްދަލުވުމުގައެވެ.