ޚުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ފޭރާންހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެންކަމުގައެވެ. މަގުތަކުގައި ހިނގާ ޤާނޫނާ ޤަވާޢިދާ ޚިލާފުކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް "މާލެ ފަހި" ޕްރޮގްރާމު މިހާރު ފެށިފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުޙައްމަދު ޖަމާލުއްދީނު ސްކޫލާއި ޙާފިޡު އަޙްމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ސެޓްފިކެޓާ ޓެގް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މިއީ 2014 ވަނަ އަހަރު ފެށި ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމްގެ ދަށުން ބޭއްވި 100 ވަނަ ޕްރޮގްރާމެވެ.