ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް މަރުޙަބާ ދަންނަވާފައެވެ. އަދި މިއަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ދެއްވި ފުރިހަމަ މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ އަރިސްކުރައްވައި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ވަނީ މިހާރު ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމާއި، ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރެވިދާނެ އެކިއެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އިޤްތިޞާދީ ދާއިރާ، ބޯހިޔާވަހިކަން، ދިފާއީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، އުމްރާނީ ތަރައްޤީއާއި އަދި ޤާބިލުކަން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ތަރައްޤީގެ މަގުގައި ދެ ޤައުމުގެ ކުރިމަގަށް ފައިދާވާނެ ކަންކަމުގައި އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ. އަދި ދެ ޤައުމުގެ ގުޅުމަށް ފާގަތިކަމާއި އާރޯކަން ކުރިއަށްއޮތް އަހަރުތަކުގައި ގެނައުމަށް މަސައްކަތް ކުރެއްވުމަށްވެސް ދެބޭފުޅުން ޔަޤީންކަން ދެއްވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.