މޫސުމަށް ބަދަލު އަންނަކަން ޤަބޫލުނުކުރާ އެކިފަރާތްތަކުން ކުރާ މަސައްކަތުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޯދިފައިވާ އެއްވެސް ހޯދުމެއް އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ލިބިފައިވާ އެއްވެސް ހެތްކެއް ބަދަލު ނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދެކުނު ކޮރެއާގެ ހެންސޯ ޔުނިވަރސިޓީގައި މިއަދު މެންދުރުފަހު ތަޤްރީރު ކުރައްވަމުންނެވެ.
މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް ބަދަލު އަންނަމުންދާކަމާއި، އެކަމުގެ ސަބަބުން އިންސާނުންނަށާއި، ދުނިޔޭގެ ދިރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޤަބޫލުނުކުރާ ފަރާތްތައް ރާއްޖެއައިސް، މިކަމުގެ ހެކިތައް، ލޮލުން ދެކި، އަމިއްލައަށް ތަޖްރިބާ ކުރުމަށް، އެފަދަ ފަރާތްތަކަށް ގޮވާލެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޯދިފައިވާ ސައެންސްގެ ހޯދުންތަކާމެދު މިފަދަ ފަރާތްތަކުން މީހުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް ކެނޑިނޭޅި ތަފާތު މަސައްކަތްތައް ކުރަމުންދާއިރު، ރާއްޖޭގެ ރައްޔިތުން ދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް، ކޮންމެ ދުވަހަކު ތަޙައްމަލް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތައް ޤަބޫލު ނުކުރާ މަދުބަޔަކުކުރާ މަސައްކަތަށް އިޖާބަނުދީ، މުސްތަޤްބަލުގެ ޖީލުތަކަށްޓަކައި ދުނިޔެ ޙިމާޔަތްކުރުމަށް ކުރަމުންމިދާ މަސައްކަތައިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރެއްވިއެވެ.
ކުރިއަށް އޮތް އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމަށް ތައްޔާރުވަމުންދާއިރު، މޫސުމާބެހޭ ފުރިހަމަ އެއްބަސްވުމަކަށް އައުމަށްޓަކައި، މޫސުމާބެހޭ ބަޙުޘްތަކުގައި ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ނައްތާލުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ޕްލޭނާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ދެކުނު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު މިއަދު ނިންމަވާލައްވާނެއެވެ.