ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށާ އަދި ޖަމާޢަތަށް ފައިދާހުރި އެތަކެއް ޚިދުމަތްތަކެއް ކުރައްވާފައިވާ ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުއްލަޠީފް ޙުސައިން މަނިކު، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި މަރްޙޫމް ޢަބްދުއްލަޠީފް ޙުސައިން މަނިކު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި މަރްޙޫމް ޢަބްދުއްލަޠީފް ޙުސައިން މަނިކަކީ ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ އެތައް ކަމެއް ކޮށްދެއްވައި، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ، ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ މުހިންމު ޙިއްސާދާރެއްކަން އެމަނިކުފާނުގެ މި ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމާއި، ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި އަދި ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލްކުރައްވާފައިވާ ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ވަކިވެދިއުމާއެކު ގެއްލިގެން އެދިޔައީ ޤައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖުރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މި ފޯސްޓު ނިންމަވާލައްވާފައި ވަނީ ޤައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅުގައި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވައި މަރުޙޫމް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.