މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވި ކަމުގައިވީނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އެރުވޭ އިނާމެކެވެ. ހުކުރު ދުވަހުގެ ރޭ އޮންނަ ޖަލްސާގައި 138 ބޭފުޅަކަށް މި އިނާމު އެރުވޭނެއެވެ.